ޕްރޮސެކިއުޝަންއާ އެއްކޮޅަށް ނިމޭ މައްސަލަތައް ޕްރޮސެކިއުޝަންގެ އިސްނެގުމުގައި އިސްތިއުނާފްކުރުން

ކޯޓުތަކުންކުރާ ޙުކުމްތަކާއި، ކޯޓު އަމުރުތައް އިސްތިއުނާފްކުރުމުގެ ޙައްޤުގެ ދަށުން، ޢާންމު އުޞޫލެއްގެ ގޮތުން މައްސަލައެއް އިސްތިއުނާފްކުރާނީ އެ ޙުކުމަކާ މެދު ހިތްހަމަނުޖެހޭފަރާތުންނެވެ. އެއީ ޖިނާއީ ދަޢުވާއެއްގައި ދަޢުވާލިބޭފަރާތް ކުށްވެރިވާކަމަށް ނިންމަވައިފިނަމަ، ދަޢުވާލިބޭފަރާތުންނެވެ. އަދި ކުށް ސާބިތުނުވާކަމަށް ކަނޑައެޅިއްޖެނަމަ ޕްރޮސިކިއުޝަންއިންނެވެ. މިލިޔުމުގައި އަލިއަޅުވާލަން މިއުޅެނީ ދައުލަތާ އެއްކޮޅަށް މައްސަލަ ނިމުމުން ދައުލަތުން އެމައްސަލައެއް އިސްތިއުނާފްކުރުމުގެ މައްޗަށެވެ.

7 އޮކްޓޯބަރު 2011 ތާރީޚުގައި، ވ.ފެލިދޫ ޖަނބުރޯލުމާގެ، އިބްރާހީމް ޝިފާޙް ރާއްޖެ އައިއިރު، އޭނާގެ ވޮލެޓުން ބަރުދަނުގައި 0.2086 ގްރާމްހުރި 16 ކެނަބިސް އޮށް ފެނިފައިވާތީ، އަދި އޭނާގެ ބެކްޕެކް ތެރެއިން ބަރުދަނުގައި 0.2584 ގްރާމްހުރި 27 ކެނަބިސްއޮށް ފެނިފައިވާތީ، ދައުލަތުން ދަޢުވާކުރުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 1509/Cr-C/2013 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކުރެއްވީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުން އިބްރާހީމް ޝިފާޙް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، އެކުށުގެ ޢުޤޫބާތެއްގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން ވ.ފެލިދޫ / ޖަނބުރޯލުމާގެ، އިބްރާހީމް ޝިފާޙް އުމުރަށް ޖަލަށްލުމަށެވެ.

ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެމާއްދާގައި ބަޔާންކޮށްފައި އޮންނަނީ “މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ބޭރުކުރުމުގެ ނުވަތަ ގަތުމުގެ ނުވަތަ ދިނުމުގެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާތަކެއްޗަކީ އޭގެ އެއްގްރާމް ނުވަތަ އެއްގްރާމަަށްވުރެ މަދު މިންވަރެއް ކަމުގައިވާނަމަ އެކުށެއް ކުރި ނުވަތަ ކުރަންއުޅުނު ނުވަތަ އެކުށުގައި ބައިވެރިވީ މީހެއްގެ އަދަބަކީ 5 އަހަރާ 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.” މިހެންނެވެ.

މައްސަލައިގެ ޙުކުމަށް ބަލާއިރު، އިބްރާހީމް ޝިފާޙްގެ އަތުން ފެނުނުކަމަށްބުނާ ތަކެތީގެ ޖުމުލަ ބަރުދަނަކީ 0.467 ގްރާމްއެވެ. މިއީ އެއްގްރާމް އަށްވުރެ މަދު މިންވަރެއްކަމަށްވާއިރު، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާތަކެއްޗަކީ އޭގެ އެއްގްރާމް ނުވަތަ އެއްގްރާމަަށްވުރެ މަދު މިންވަރެއް ކަމުގައިވާނަމަ އެކުށެއް ކުރި ނުވަތަ ކުރަންއުޅުނު ނުވަތަ އެކުށުގައި ބައިވެރިވީ މީހެއްގެ އަދަބަކީ 5 އަހަރާ 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުންކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) އަށް ބެލުމުން އެނގެއެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ އުމުރު ދުވަހަށް ޖަލަށްލުމަށެވެ.

އިބްރާހީމް ޝިފާޙްގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރަމުން އޭނާގެ ޤާނޫނީ ވަކީލު، އަލްއުސްތާޛް ޢަބްދުﷲ ޝާޢިރު އެނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރުމުން، ދައުލަތުން ވަނީ، އެޙުކުމް ސައްޙަ ނޫންކަން އެނގޭކަމަށް ހައިކޯޓުގެ ޝަރީޢަތުގައި ބުނެފައެވެ. ދައުލަތުގެ އެ ޖަވާބާ ގުޅިގެން ފަނޑިޔާރުން ވަނީ، އެޙުކުމް ރަނގަޅުނޫންކަން އެނގޭއިރު، ދައުލަތުން އިސްނަގައިގެން އެމައްސަލަ އިސްތިއުނާފް ނުކުރީ ކީއްވެތޯ ޝަރީޢަތުގައި ދައުލަތާ ސުވާލުކޮށްފައެވެ. އެހެންނަމަވެސް، މައްސަލަ ނިމުނު ގޮތުގެ ޚުލާސާގައި މިކަން ފާހަގަކޮށްފައެއް ނުވެއެވެ. އިސްތިއުނާފަށް ހުށަހެޅުނު 3 ނުކުތާގެ ތެރެއިން، ހައިކޯޓުން ޚުލާސާ ރިޕޯޓުގައި ގޮތެއްް ނިންމާފައިވަނީ 2 ނުކުތާއާމެދުގައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބައްލަވާފައިވަނީ އެކޯޓުގެ ނަންބަރު 2014/HC-A/323 ޤަޟިއްޔާއިންނެވެ.

މިޤަޟިއްޔާ ބެއްލެވި ފަނޑިޔާރުން މިފަދައިން ސުވާލުކުރެއްވުމުން، ޕްރޮސެކިއުޝަންއާ އެއްކޮޅަށް ޙުކުމް އައިނަމަވެސް، އެއީ ރަނގަޅުނޫން ޙުކުމެއްކަން އެނގޭނަމަ، އެޙުކުމް ޕްރޮސެކިއުޝަންގެ އިސްނެގުމުގައި އިސްތިއުނާފްކުރަންޖެހޭނޭކަމީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ވިސްނެވުންކަން ހާމަވެއެވެ.

ޤާނޫނުއަސާސީއިން ކަނޑައަޅާފައިވާ ހަމަތަކަށްބަލާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ހަމައެކަނި ޒިންމާއަކީ، ތަޙްޤީޤަށް ލިބުނު ހެކިތަކުގެ އަލީގައި، ކުށެއްގެ ތުޙުމަތު ކުރެވޭ މީހާއާމެދު ދަޢުވާކޮށް، ކުށް ސާބިތުކުރުމަށް މަސައްކަތް ކުރުމެއް ނޫނެވެ. އަދި މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާ ނިމުނީކީވެސް ނޫނެވެ. ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) އަށް ބެލުމުން އެނގެއެވެ. އެހެންކަމުން، ޝަރީޢަތެއްގައި ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ތުޙުމަތުކުރެވޭ މީހާއަށް ލިބެންވާ ޙައްޤުތައް ލިބިދިނުމާއި، އިންސާފުން ޝަރީޢަތް ކުރެވޭކަން ކަށަވަރުކުރުން ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްކުރާ ދަޢުވާއަކާ ގުޅިގެން މައްސަލަ ބެލުމުގައި އިޖުރާއީ ގޯސްތަކެއް ހިނގާފައިވާނަމަ، ކުށް ސާބިތުވާކަމަށް ކަނޑައެޅުނު ނަމަވެސް، ތުޙުމަތު ކުރެވޭ މީހާގެ ޙައްޤުތައް ގެއްލިފައިވާނަމަ، އެކަމެއް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ރަނގަޅުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް މަސައްކަތް ކުރަން ޖެހެއެވެ.

ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ނ) ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރާންވާނީ، އަދި ބާރުތައް ބޭނުންކުރާންވާނީ، ބަންޑާރަ ނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮަތަށް ކަމަށް ބަޔާންކޮށްފައިވެއެވެ. މިގޮތުން ބަނޑާރަނައިބު ކަނޑައަޅުއްވައި، 9 ސެޕްޓެމްބަރު 2008 ގައި ޢާންމު ކުރެއްވި ސިޔާސަތުގައި، ޖިނާއީ ޢަދުލުގެ ނިޒާމަށް ވަންނަ މީހުންގެ ޢަދަދު މަދުކުރުމަކީ މައިގަނޑު ވިސްނުމެއް ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، ޝަރީޢަތުން ކުރާ ނުރަނގަޅު ޙުކުމަކުން މީހަކު ޖަލަށްލުމަށް ނިންމެވުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާތަކަށްބާލައިރު ކާމިޔާބެއްކަމުގައި ބަލައި ދޫކޮށްލާކަަށް ޖާގައެއް ނުދެއެވެ.

ޕްރޮސިކިއުޝަންއާ އެއްކޮޅަށް ކުރާ ޙުކުމްތައް، އިޖުރާޢަތާއި، އުޞޫލަށްޓަކައި ޕްރޮސެކިއުޝަންގެ އިސްނެގުމުގައި އިސްތިއުނާފްކުރުމަށް ދުނިޔޭގެ ތަޙްޒީބް ދިމިޤްރާޠީ މުޖުތަމަޢުތަކުގެ އުޞޫލުތައް ޖާގަދެއެވެ. ހަމައެކަނި މަނާކުރަނީ، މުއްތަޙަމާ އެއްކޮޅަށް ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް އިސްތިއުނާފްކުރުމެވެ.   ABA Criminal Justice Standards ގެ ދަށުން، އެމެރިކާގައި، މުއްތަޙަމާ ދެކޮޅަށްކުރާ ޙުކުމްތައް އިސްތިއުނާފްކުރުމުގެ ޙައްްޤު މުއްތަޙަމަށް އޮތްނަމަވެސް, މުއްތަޙަމުގެ މަސްލަޙަތުގައި ކުރާ ޙުކުމްތައް އިސްތިއުނާފްކުރުމުގެ ޙައްޤު، އިސްތިސްނާ ޙާލަތެއްގައި މެނުވީ ޕްރޮސެކިއުޝަންއަށް ލިބިގެންނުވެއެވެ.

ގަވާއިދު ނަންބަރު 2014/R-33 (ގަސްތުގައި މީހަކު މެރުމުގެ ކުށް ތަޙްޤީޤް ކުރުމުގައިއާއި، އެކުށުގެ އަދަބު ތަންފީޒްކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ގަވާއިދު) ގެ 8 ވަނަ މާއްދާގެ ދަށުން، މަރުގެ ޙުކުމް ތަންފީޒްކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެމައްސަލައެއް ބަލައި ނިމޭ ހިސާބުންކަމަށް އެގަވާއިދުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން، މެރުމަށް ޙުކުމް ކުރެވޭ މައްސަލައެއްގެ ދަޢުވާލިބޭފަރާތުން އެމައްސަލައެއް އިސްތިއުނާފްނުކުރުމަށް ނިންމި ނަމަވެސް، އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ސުޕްރީމް ކޯޓުގައި މުރާޖައާ ކުރެވެންޖެހެއެވެ. މި ޤަވާއިދުގެ ދަށުން ބަލާއިރު، ކުށެއް ސާބިތުކުރުމަށްވުރެ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އިސްކަންދެނީ ކުރެވުނު ޙުކުމްގެ ސައްޙަކަން ކަށަވަރުކުރުމަށްކަން ހާމަވެއެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއްކަމަށް ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ފ) ގައި ކަނޑައަޅާފައި އޮންނަ އޮތުމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/323 ޤަޟިއްޔާ ބެއްލެވި ފަނޑިޔާރުންގެ ވިސްނުންފުޅާއި، ދުނިޔޭތެ ތަޙުޒީބު ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލުތަކަށް ބަލާއިރު، ޕްރޮސެކިއުޝަންއާ އެއްކޮޅު ނިންމުންތައްވެސް މުރާޖަޢާކުރުމަށްޓަކައި މަތީ މަރުޙަލާއަށް ހުށަހެޅުމަކީ ޕްރޮސެކިއުޝަންއަށް ލިބިގެންވާ ބާރެއްކަމަށް ފެނެއެވެ.

މިއުޞޫލު ދިވެހިރާއްޖޭގައި އަދި ތަޖުރިބާކުރެވިފައި ނުވިނަމަވެސް، މިފަދައިން ޢަމަލުކުރަންޖެހޭ މައްސަލަތައް އަޅުގަނޑުމެންގެ ޝަރުއީ ނިޒާމުގެ ތެރޭގައި ވަރަށް ގިނައެވެ.

މި އާޓިކަލް ބައްލަވާ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ރަނގަޅު؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަބްދުﷲ ދީދީ ގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައެއް އެ ސަރވިސްއިން …