ގެއްލިގެންދިޔަ އަހަރުތަކަށް ބަދަލު ދިނުން

އަސްލެއްގެ ގޮތުގައި ބަލާނީ ޝަރުޢީ ކޯޓަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުދޭނެ ކަމަށެވެ. ދޭނީ ޙައްޤު އަދަބެވެ. ކޯޓުން މައްސަލައެއްގެ ނިޔާ ކަނޑައަޅާނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ހެކި ޤަރީނާ ވަޒަންކުރުމަށްފަހު ފަނޑިޔާރަށް ބުރަވެވޭ ގޮތަކަށެވެ. ފުލުހުން މައްސަލައެއް ތަޙުޤީޤުކުރާނީވެސް، އަދި ޕްރޮސިކިއުޓަރ ޖެނެރަލް މީހެއްގެ މައްޗަށް ދަޢުވާ އުފުލާނީވެސް، އަދި ކޯޓުން ކުށް ސާބިތުވާކަމަށް ކަނޑައަޅާނީވެސް ހެޔޮނިޔަތުގައެވެ. މުޅި މުޖުތަމަޢުގެ ޢާންމު މަސްލަޙަތަށް ރިޢާޔަތްކޮށްގެންނެވެ.

ކޮށްފައިވާ ނުވާ ކުށެއް ސާބިތުވާކަމަށް ކަނޑައެޅުމުން ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހޭ ފަރާތްތައް މިރާއްޖޭގައިވެސް މަދެއް ނޫނެވެ. މަތީ މަރުޙަލާއިން މައްސަލަ ބެލުމުގައި، މައްސަލައިގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫންކަމަށް ކަނޑައަޅައި އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފަހުން މިނިވަންވެއެވެ. އެހެންނަމަވެސް އެފަރާތްތައް ޖަލުގައި ހޭދަކުރި މުއްދަތަކީ ހަމައެކަނި ޙަޔާތުން ގެއްލިގެން ދިޔަ ޞަފްޙާތަކެކެވެ. އެ މުއްދަތަށް ދެވޭ ބަދަލެއް ޤާނޫނީ ނިޒާމުގެ ތެރޭގައި އޮވޭބާއެވެ.

ޝަރުޢީ ކޯޓަކުން މައްސަލައެއް ސާބިތުވާކަމަށް ނިންމުމުން ދެން އޮންނަ ގޮތަކީ މައްސަލަ އިސްތިއުނާފްކުރުމެވެ. މަތީ މަރުޙަލާގެ ކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާއި ޤަރީނާތައް އަސާސްކަމުގައި ބަލައިގެންނެވެ. މިގޮތަށް މައްސަލަ ބެލުމުގައި، ދަށު ކޯޓުން ކުރި ކަމަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުރެވިފައިވާ ޙުކުމެއް ބާޠިލުކުރަންޖެހޭ ޙާލަތުތައް އަންނާނެއެވެ. އެހެންނަމަވެސް އިސްތިއުނާފީ ކޯޓުން ޙުކުމް ބާޠިލުކުރުމަކީ އޭނާގެ މައްޗަށް ކުރެވުނު ޙުކުމާ ގުޅިގެން ޖަލުގައި ބަންދުކޮށްފައި ހުރި މުއްދަތަށް ފަރުވާއެއް ނުވަތަ ބަދަލެއް ލިބިދެވޭނޭ ކަމެއް ނޫނެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ޢާންމު ފަލްސަފާއެވެ. އަދި ޢަމަލުކުރަމުންވެސް ގެންދާ ގޮތެވެ.

މިއީ ހުރިހާ ޙާލަތެއްގައި އެންމެ އެކަށޭނޭ ގޮތެއްކަމަކަށް އެއްބަހެއް ނުވެއެވެ. ޖަލުގައި ބަންދުކުރުމުގެ ސަބަބުން ގެއްލިގެން އެދިޔައީ ވަޒީފާއެވެ. ޢާއިލާއެވެ. އަދި ލިބެންހުރި ފުރުޞަތުތަކެވެ. ކުރުކޮށް ދަންނަވާނަމަ ދިރިއުޅުން އާރާސްތުކުރުމަށް ކުރަމުންއައި ހުރިހާ މަސައްކަތެއް ހުއްޓި މީހާގެ ދިރިއުޅުން ހުއްޓުނީއެވެ. ޖަލަށްލުމަށްފަހު ދިރިއުޅޭނީއެއް ނޫނެވެ. ދިރި ހުންނަނީއެވެ.

މިކަން މިހެން އޮތްނަމަވެސް، ތަހުޒީބު މުޖުތަމަޢުތަކުގައިވެސް ދާދި ފަހަކާ ޖެހެންދެން ޢަމަލުކުރަމުން ގެންދިޔައީ ކުރިން ބުނެވުނު ފަލްސަފާއަށެވެ. ކުށް ސާބިތުނުވާކަމަށް ނިންމުމުން ނިމުނީއެވެ. ފަހަކުން ލިބޭނޭ ބަދަލެއް ނޯންނާނެއެވެ. އެހެންނަމަވެސް މި އުޞޫލު މިހާރު އަންނަނީ މަޑުމަޑުން ބަދަލުވަމުންނެވެ.

1988 ގެ ސެޕްޓެމްބަރު 6 ވަނަ ދުވަހު، މީހަކު މެރިކަމުގެ ތުހުމަތުގައި އެމެރިކާގެ ރައްޔިތެއްކަމަށްވާ މާރޓީ ޓޭންކްލެފް ހައްޔަރުކުރެވުނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައި އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެވުނެވެ. އޭނާ މިނިވަންކުރެވުނީ އޭގެ 19 އަހަރުފަހުން 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު މަތީ ކޯޓުން އަލުން މައްްސަލަ ބަލައި ދަށު ކޯޓުގެ ޙުކުމް ބާޠިލުކުރުމުންނެވެ. ޢުމުރުން ގެއްލިގެންދިޔަ 19 އަހަރުގެ ބަދަލު ހޯދުމަށް މާރޓީ ނިއުޔޯކް ސްޓޭޓްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ސަރުކާރުން ވަނީ USD3,375,000.00 (ތިން މިލިއަން ތިންލައްކަ ހަތްދިހަ ފަސްހާސް އެމެރިކާ ޑޮލަރު) ގެ ބަދަލެއް ދިނުމަށް ނިންމާފައެވެ.

މިގޮތަށް ބަދަލު ދިނުމަށް ނިންމާފައިވަނީ compensation statues for the wrongfully convicted ގެ ދަށުންނެވެ. އެ ޤާނޫނުގެ ދަށުން ބަދަލު ލިބޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވެގެންނެވެ. އެއީ؛

  • ޖިނާޔާތުގެ ކުށެއް ސާބިތުވެފައިވުމާއި، ޙުކުމުން ބައެއް ތަންފީޛްކޮށްފައިވުން.
  • ޙަޤީޤަތުގައިވެސް ކުށް ނުކުރާކަން މަދަނީ މިންގަނޑުން ސާބިތުވެ މަޢާފް ލިބުން، ނުވަތަ މަތީ މަރުޙަލާއިން އެގޮތަށް ކަނޑައެޅުން ނުވަތަ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް އަމުރުކޮށްގެން، އަލުން މައްސަލަ ބަލާއިރު ކުށް ސާބިތުނުވާކަމަށް ކަނޑައެޅުން.
  • ޙުކުމްކޮށްފައިވަނީ؛

3.1- ކަމުގެ އިޚްތިޞާޞް ލިބިގެންނުވާ ކޯޓަކުން ކަމުގައިވުން، ނުވަތަ،

3.2- ޙުކުމާ ހަމައަށް ވާޞިލުވެފައިވަނީ ކޯޓުގެ ނުވަތަ ޕްރޮސެކިއުޝަންގެ ނުވަތަ ފުލުހުންގެ ނުބައި ނިޔަތެއް އޮވެގެން ކަމުގައިވުން ނުވަތަ،

3.3- މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ މުހިންމު ހެކިތަކަކީ ދޮގު ހެކިތަކަށް ވުމާއި، އެ ޙަޤީޤަތް ޙުކުމް ކުރުމުގެ ކުރިން ކޯޓަށް ނުވަތަ ޕްރޮސެކިއުޝަންއަށް އެނގި، އެކަން ހާމަނުކޮށް އޮތުން، ނުވަތަ،

3.4- ކުށް ސާބިތުވި މީހަކީ އޭނާގެ މައްޗަށް ހިންގެމުންދާ އިޖުރާއަތުތައް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންވާ މީހަކު ކަމުގައި ނުވުން، ނުވަތަ،

3.5- އަލަށް ހޯދޭ ހެކިތަކަކުން، ކުށް ސާބިތުވެފައިވާ މީހާގެ ކުށެއް ނެތްކަން ސާބިތުވުން ނުވަތަ ކުށެއް ނެތްކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހާމަވުން.

  • ދަޢުވާ އުފުލާފައިވާ ކުށުގެ ޢަމަލު ޙަޤީޤަތުގައިވެސް ކޮށްފައިނުވުން. އަދި؛
  • ޙުކުމަކާ ހަމައަށް ވާޞިލުވުމުގައި ކުށް ސާބިތުވީ މީހާގެ އިޙުމާލު ނެތުން.

މަތީގައި ބަޔާންކުރެވުނު ޝަރުޠުތައް ފުރިހަމަވަ މީހެއްނަމަ އެމީހަކަށް ލިބިދެވޭނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެކެވެ. ކުށް ނުކުރާކަން މަދަނީ މިންގަނޑުން ސާބިތުވެ މަޢާފް ލިބުން، ނުވަތަ މަތީ މަރުޙަލާއިން އެގޮތަށް ކަނޑައެޅުން ނުވަތަ މައްސަލަ ދަށު ކޯޓުން އަލުން ބެލުމަށް އަމުރުކޮށްގެން، އަލުން މައްސަލަ ބަލާއިރު ކުށް ސާބިތުނުވާކަމަށް ކަނޑައަޅާތާ ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހަޅަންޖެހެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ލާޒިމުކުރަނީ ޤާނޫނާ ޚިލާފަށް މީހަކު ބަންދުކުރެވިއްޖެނަމަ އެމީހަކަށް ބަދަލު ލިބިދިނުމަށެވެ. އެހެންނަމަވެސް ކޯޓުން ކުރާ ޙުކުމެއް ތަންފީޛްކުރުމުގެ ގޮތުން މީހަކު ބަންދުކުރެވުމަކީ، ފަހުން ކުށް ސާބިތުނުވާކަމަށް ކަނޑައެޅުނުނަމަވެސް ބަދަލު ލިބޭންޖެހޭ ޙާލަތެއްކަމަށް ތަރުޖަމާކުރެވެމުން ނުދެއެވެ. އަޅުގަނޑުގެ ވިސްނުން ތަފާތެވެ.

އެއްވެސް މީހަކު ބަންދުކުރެވުނީ ޤާނޫނުގެ ހަމަތަކާ ޚިލާފް ޙުކުމެއްގެ ތެރެއިންކަން ސާބިތުވާނަމަ އެމީހަކު ބަންދުކުރެވިފައި އެހުރީ ޤާނޫނާ ޚިލާފަށްކަމަށް ބަލަންޖެހެއެވެ. ރާއްޖޭގައި މިވަގުތު އެފަދަ ޤާނޫނެއް ހަދާފައި ނެތްނަމަވެސް އިންސާފުވެރި ޝަރީޢަތެއްގެ ޙައްޤުން މަހުރޫމު ވުމަކީ ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން “އިންސާފުވެރި ޙައްލެއް ހޯދުމަށްޓަކައި” ކޯޓަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. ޤާނޫނުއަސާސީގެ އެ މާއްދާގެ ޢިބާރާތަށް ބަލާއިރު، “އިންސާފުވެރި ޙައްލެއް ހޯދުމަށްޓަކައި” ކަމަށް ބުނެފައި އޮތުމުން ކޯޓަށް ބޮޑެތި އިޚްތިޔާރުތަކެއް އެ މާއްދާގެ ދަށުން ލިބޭކަމަށް ބަލަންޖެހެއެވެ. ދެން ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ ބައްލަވާށެވެ. ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނެގެހެއްޓުމަށް ކޯޓުން އިސްކަން ދޭންޖެހެއެވެ. އެހެންކަމުން އެހެން ޤައުމުތަކުގައި ޢަމަލުކުރާ ގޮތަށް ބަލައި، ބޭއިންސާފު ޙުކުމަކުން ގެއްލުންލިބޭ މީހަކަށް ބަދަލު ދިނުމަށް ރާއްޖޭގެ ޤާނޫނީ ނިޒާމުގައިވެސް ހުރަހެއް އޮތްކަމަށް ނުފެނެއެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …