އަޅުގަނޑުވެސް ވަކާލާތުކުރުމުގެ ހުއްދަ ބޭނުމެވެ.

އަޅުގަނޑާއި، އިތުރު 53 ވަކީލަކު ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތްކުރުން މަނާކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ޓުވީޓެއް ކުރިތާ މިއަދަށް ދެމަސް ފުރުނީއެވެ. އަޅުގަނޑާއެކު ސަސްޕެންޑްކުރެވުނު ވަކީލުންގެ ތެރެއިން އަދިވެސް 17 ވަކީލުންނަށް އޮތީ ވަކާލާތުކުރުން މަނާކުރެވިފައެވެ.

ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ފާޅުކަން ބޮޑު ގޮތެއްގައި ދައްކަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. މި ބްލޮގަށްވެސް 3 އަހަރު ވެގެން ދިޔައީއެވެ. އަޅުގަނޑުގެ މި ބްލޮގުގައި ލިޔާ ވާހަކަތައް ކިޔާ އުޅެނީ ނިސްބަތުން މަދު ބަޔެކެވެ. އެހެންނަމަވެސް ލިޔުން އަޅުގަނޑު ހުއްޓައެއް ނުލަމެވެ. ކިތަންމެ މަދު ބަޔަކާއެކު ނަމަވެސް އަޅުގަނޑުގެ ޝުޢޫރުތަކާ ޚިޔާލުތައް ޙިއްސާކުރެވުމަކީ އަޅުގަނޑަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. އެކަމުން ހެޔޮ ނަތީޖާއެއް ނުކުންނާނޭ ދުވަސް އަދި އަންނާނެއެވެ.

އަޅުގަނޑު މި ބްލޮގްގެ ޒަރީޢާއިންނާއި، އެހެނިހެން ގޮތްގޮތުން ޖުޑީޝަރީއާމެދު ދައްކާ ވާހަކަތައް އަޑުއަހާ މީހުންގެ ތެރެއިން ވަަރަށް ގިނަ މީހުން ބުނާ ގޮތުންނަމަ އަޅުގަނޑު އުޅުނީ ހުއްދަ ބާޠިލު ނުކޮށްގެންނެވެ. އަދި ހުއްދަ ބާޠިލު ކުރުމުންވެސް އަޅުގަނޑު ދައްކާ ވާހަކަތަކާއި، ކުރާ ކަންތައްތައް ހުއްޓާނުލަނީ އަޅުގަނޑު ވަކާލާތުކުރުމުގެ ހުއްދަ ބޭނުންނުވާތީ ކަމަށްވެސް އެއް ބަޔަކު ބުނެއެވެ. އެއީ ޙަޤީޤަތެއް ނޫނެވެ.

އަޅުގަނޑު ޤާނޫނީ ދާއިރާގައި މަސައްކަތް ކުރަންފެށީ ރާއްޖޭގައި ނަންހިނގާ ބޮޑެތި ވަކީލުންގެ ފިޔަވަޅުތަކުގެ މަތީންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މަސައްކަތްކުރިއިރުވެސް އަޅުގަނޑު ވާނީ ޕެރަލީގަލްއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފުންނާބު އުސް ވަކީލުންނާއެކު މަސައްކަތްކޮށްފައެެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަޅުގަނޑު ޢާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ހަމައެެކަނި ޤާނޫނީ މަސައްކަތެވެ. އަޅުގަނޑަށް ޢާމްދަނީ ލިބޭ އިތުރު ވަޞީލަތެއް އަދި މިހާތަނަކަށް ނެތެވެ.

ސުޕްރީމް ކޯޓުން ބޭއިންސާފުން އަޅުގަނޑު ސަސްޕެންޑްކުރުމުން ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅުގަނޑު އެޅީމެވެ. ކުރިން މޫނު މަތީގައި ހުންނަ އޮފުދާރުކަމާއި ޖޯޝު ކެނޑޭވަރަށް އަތްމަތި ދަތިވެއްޖެއެވެ. މިހާރު އަޅުގަނޑު ހޯދާ މަދު ޢާމްދަނީ އަދިވެސް މި ހޯދަނީ ޤާނޫނީ މަސައްކަތްތަކުންނެވެ. އެކި މައްސަލަތައް ނަގައި، ބައެއް ފަހަރު ނަގާ މައްސަލައިގެ ފީގެ 4 ބައިކުޅަ 3 ބައި ވަކީލަކަށް ދީގެން އެ ވަކީލުން ކޯޓަށް ފޮނުވަމެވެ. ވަކީލުން ކޯޓަށް ދާން ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި، މައްސަލަ ދިރާސާކޮށް، ކޯޓުގައި ވަކީލު ދައްކަންވީ ވާހަކަ ލިޔުމަށް ތިރިކުރުމާއި، ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރުކުރަންޖެހޭ ފޯމުތައް ޑްރާފްޓްކުރުމާއި، ކޯޓުގައި ކަންހިނގިގޮތް މުވައްކިލުގެ ޢާއިލާއާ ޙިއްސާކުރުމަކީ އަޅުގަނޑު އަދާކުރާ ޒިންމާއެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި އިރު ލިބެމުންދިޔަ ޢާމްދަނީ 4 ގުނަ ދަށް ވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ކަންތައްތައް ޤުރުބާންވެސް ކުރަން ޖެހިއްޖެއެވެ.

މި ޙާލަތުން އަރައިގަތުމަށް އަޅުގަނޑު ކުރަންވީ ކަމަކީ އުއްތަމަ ފަނޑިޔާރު އަރިހުން މަޢާފަށް އެދުން ކަމުގައިވާނަމަ އެކަން ކުރާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ސަބަބުތައް ގިނައެވެ. އަަޅުގަނޑު ސަސްޕެންޑު ކުރީ އަޅުގަނޑާ ސުވާލުކުރެވިގެން ހިންގުނު ތަޙްޤީޤަކަށްފަހުއެއް ނޫނެވެ. އަދި ޤާނޫނެއް ގަވާއިދެއްގައި ކަނޑައަޅާފައިވާ އަދަބެއްގެ ގޮތުންވެސް ނޫނެވެ. އުއްތަމަ ފަނޑިޔާރަށް ފެނިވަޑައިގަތުމުން ބާރާއި ނުފޫޒުގެ ބޭނުންކުރެއްވީއެވެ. އެ މަނިކުފާނު ހިތްޕުޅާ ނުވާ މީހަކަށްވީތީ އޭގެ އަދަބު ދެއްވަނީއެވެ. އެއީ ގަދަ ބާރުން އަނެކާގެ މައްޗަށް ނުފޫޒު ހިންގުމުގެ ޢަމަލެކެވެ.

މި ޙާލާތުގައި އަޅުގަނޑަށް 2 އިޚްތިޔާރެއް އެބައޮތެވެ. އެއްގޮތަކީ، ނުކުރާ ކުށަކަށް، އަންގާފައި ނެތް އެނގުމަކަށް، އުއްތަމަ ފަނޑިޔާރު އަރިހުގައި މަޢާފަށް އެދި، ޖުޑީޝަރީގައި ހުރިކަމަށް އަޅުގަނޑުމެން މިބުނާ މައްސަލަތަކުގެ ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލުމެވެ. ޤާނޫނާ ޚިލާފަށް ޖުޑީޝަރީއިން ކުރާ ކަންތައްތަކުގެ ސަބަބުން އެކި ފަރާތްތަކަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ދެއްކުން ވެސް ހުއްޓާލުމެވެ. އަދި ސިސްޓަމަށް އެއްބާރުލުން ދިނުމެވެ. މިހެން ކަންތައް ކޮށްފިނަމަ އަޅުގަނޑު މިވަގުތު ތަޙައްމަލު ކުރަމުން މިގެންދާ ހުރިހާ މައްސަލަތަކެއް އެއްފަހަރާ ޙައްލުވީއެވެ.

ދެވަނަ ގޮތަކީ ހަރުކަށި ކަމެއް ނެތް، ސުލްޙަވެރި އިޙުތިޖާޖު ކުރުމުގައި ދެމި ހުރުމެވެ. އޭގެ ތެރޭގައި ހިމެނޭނީ ޖުޑީޝަރީއިން ޤާނޫނާ ޚިލާފްވާ ކޮންމެ ފަހަރަކު އެކަމުގެ ޙަޤީޤަތް ކޮންމެވެސް ބަޔަކަށް އޮޅުންފިލުވައިދީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، ޖުޑީޝަރީއިން ޢަމަލުކުރަމުންދާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އެކި ވަޞީލަތްތައް ބޭނުންކޮށްގެން ޝުޢޫރު ފާޅުކުރަމުން ގެންދިއުމެވެ. މި ގޮތް ޚިޔާރުކުރުމުން އަޅުގަނޑަށް ލިބޭނޭ މާއްދީ މަންފާއެއް ނެތެވެ. އެހެންނަމަވެސް އަނިޔާއަކާ ދެކޮޅަށް ކެރިގެން ޙައްޤު ބަސް ބުނެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބޭނޭކަން ގައިމެވެ.

މި ދެގޮތުންކުރެ ގޮތެއް ޚިޔާރުކުރަން ބަލާއިރު، ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޙައްޤުން ކަމަކާނުލާ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރެވުނީ އަޅުގަނޑުގެ އެކަންޏެއް ނޫނެވެ. އަޅުގަނޑުގެ އަޚުން، އަލްއުސްތާޛް ޢަބްދުﷲ ޙަސީންއާއި، އަލްއުސްތާޛް މަސްތޫރު ޙުސްނީ 6 މަސް ދުވަހުގެ ދިގު މުއްދަތަކަށް ސަސްޕެންޑްކުރެވުނީ ހަމަ އެއްވެސް ސަބަބެއް އެންގުމެއް ނެތި ބޭއިންސާފުންނެވެ. އަޅުގަނޑުގެ އުމުރުން ފުރޭ ކޮންމެ އަހަރަކާއެކު އަޅުގަނޑުގެ އަޚު އަލްއުސްތާޛް ޙުސައިން ޝަމީމްގެ ސަސްޕެންޝަންވެސް އަހަރެއް ފުރެމުންދެއެވެ. ޙުސެއިން ޝަމީމްގެ ސަސްޕެންޝަންއަށް މިދިޔަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހަށް ދެ އަހަރު ފުރުނީއެވެ. އަލްއުސްތާޛް ޢަލީ ޙުސައިންގެ ސަސްޕެންޝަންއަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދަނީއެވެ. އަލްއުސްތާޛް ޙުސްނުއްސުޢޫދު ސަސްޕެންޑްކުރެވުނު ޢަދަދެއްވެސް ނޭނގެއެވެ. އަލްއުސްތާޛް ނާޒިމް ޢަބްދުއްސައްތާރު ކޯޓަށް ވަނުން މަނާކުރެވުނީވެސް މަދެއްކޮށެއް ނޫނެވެ.

މިއިން އެއްވެސް ބޭފުޅަކު ސަސްޕެންޑްކުރެވުނުއިރު ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއް ފުރިހަމަކޮށްފައެއް ނެތެވެ. ހަމައެކަނި ނުފޫޒާއި ބާރު ދެއްކުން ފިޔަވައި އެ ޢަމަލަށް އެއްވެސް ޙުއްޖަތެއް ފެންނާކަށް ނެތެވެ.

އިންސާނެއްގެ މައްޗަށް ބާރާ ނުފޫޒު ހިންގައި އޮބަހައްޓައިގެން ގެންގުޅެން މަސައްކަތްކުރާ މީހާއަށް އެ ފުރުޞަތު ދިނުމަކީ އަޅުގަނޑު ޤަބޫލު ގޮތެއް ނޫނެވެ. އަދި އޭނާގެ ރުހުން ލިބިދާނޭކަމަށް ދެކިގެން ހަނު ހުރުމަކީވެސް އަޅުގަނޑު އިޚްތިޔާރުކުރާނޭ މަގެއް ނޫނެވެ. އެކަމުން އޭނާގެ ހިތްވަރު އާވެ، އިތުރު ބަޔަކަށް ގެއްލުން ދިނުން ފިޔަވައި ވާނޭ ކަމެއް އަޅުގަނޑަކަށް ހަމަނުފެނެއެވެ. 56 ވަކީލަކު ނުކުމެ، ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަ ކެރިގެން ބުނުމުން، އެމީހުންގެ އަޑު ކަނޑުވާލުމަކީ އުއްތަމަ ފަނޑިޔާރުގެ ނިޔަތެވެ. އިތުރު ވަކީލުންތައް އެހަރަކާތާ ގުޅެން ހުރަސް އެޅުމަކީ އެމަނިކުފާނު ޤަސްތުކުރެއްވި ގޮތެވެ. ދިރިއުޅުމުގެ ޟަރޫރަތްތައް ފުރިހަމަކުރުމަށް އުނދަގޫވާނޭ ގޮތް ބަލައިގެން ދަތިކުރުމުގެ ފިޔަވަޅު އެޅީ އަޅުގަނޑުމެން އޮބަހެއްޓުމަށެވެ. އޭގެ ނަތީޖާވެސް ކޮންމެވެސް ވަރަކަށް ފެނިއްޖެއެވެ.

ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އަޅުގަނޑު ވަރަށް ބޭނުމެވެ. އެ ހުއްދަ އަޅުގަނޑަށް ލިބެންޖެހެނީ އެ ހުއްދަ ބާޠިލުކުރީ ޤާނޫނީ ޙުއްޖަތެއްނެތި، ހަމައެކަނި އުއްތަމަ ފަނޑިޔާރުގެ ނުފޫޒު ދެއްކުމަށް ކަމަށްވާތީއެވެ. އެ ހުއްދަ ހޯދުމަށްޓަކައި އަޅުގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކިބައިންވެސް އަދި އުއްތަމަ ފަނޑިޔާރުގެ ކިބައިންވެސް އެދޭނޭ އަދި އެދެންޖެހޭނޭ މަޢާފެއް ވެސް ނޯންނާނެއެވެ. ނުވެސް އެދޭނަމެވެ. އަޅުގަނޑު ކުށެއް ކޮށްފައިވާނަމަ، ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ އެއގޮތްވާ ގޮތުގެ މަތީން މައްސަލަ ބެލެވި އަޅުގަނޑަށް އަދަބު ދޭންވީއެވެ. އެކަމާ ފަރުވާލެއް ނެތެވެ. ސަސްޕެންޝަންގައި 3 ވަނަ މަސް މިފަށަނީ އަޅުގަނޑުގެ ފެންވަރުން އަޅުގަނޑު ކުރާނޭ އިޙްތިޖާޖުތަކުގެ އައު ވިސްނުންތަކެއް ނެރެމުންނެވެ. އުއްތަމަ ފަނޑިޔާރުގެ ކަންފަތާ ހަމައަށް އަޅުގަނޑުގެ އަޑު ބާރަށް ފޯރުވާފައި މެނުވީ އަޅުގަނޑު ހުއްޓައެއް ނުލާނަމެވެ. ޖެހޭނީ އަޑުއަހާށެވެ.

 

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …