ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަލައި ނުގަތުން

ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ޢިބާރާތުގައި އޮންނަނީ “…..މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އަދި އެ ގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ބަލައިގަނެގެނެއް ނުވާނެއެވެ.” މި މާއްދާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން އެތައް ޤަޟިއްޔާއެއްގައި ތަފްސީރުކޮށްދީފައިވާ މާއްދާއެކެވެ. މީގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/47 ގައި ބަޔާންކޮށްފައި އޮންނަނީ މިއުސޫލު ގެ ދަށުން ޝަރީޢަތަށް ބަލައިގަތުން މަނާކުރާ ހެއްކަކީ، އެހެއްކެއް ހޯދާފައިވަނީ، ނުވަތަ އެހެއްކެއް ހޯދުމުގައި ކަމާބެހޭ ފަރާތަކުން ޢަމަލުކޮށްފައިވަނީ ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތަކާ ޚިލާފަށްކަމަށް ޝަރީޢަތަށް ސާބިތުވާ ހެކި އެކަނިކަމަށެވެ.

ދެ މީހެއްގެ ދެމެދުގައި ދެކެވެމުންދާ ވާހަކަތަކެއް ތިން ވަނަ މީހަކު ސިއްރުން އަޑުއެހުމަކީ ޤާނޫނުލްޢުޤޫބާތުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ ޢަމަލެވެ. އެ ގޮތަށް ސިއްރުން ވާހަކަ ރެކޯޑު ކުރުން ހުއްދަވުމަށް ދެވިފައި އޮންނަ އިސްތިސްނާ ބަޔާންކުރަނީ އެ މާއްދާގެ (ނ) ގައެވެ. އެ އަކުރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަނީ؛ ޝަރުޢީ ކޯޓެއްގެ އަމުރަކުން ހުއްދަ ލިބިގެން އެ ހުއްދައިގައިވާ ގޮތުގެ މަތީން ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކު އެކިއެކި ވާހަކަތައް އަޑުއެހުމާއި ރެކޯޑު ކުރުމެވެ. މިއީ ސިއްރުން ވާހަކަ އަޑުއެހުމާއި ރެކޯޑުކުރުމަކީ ޖިނާއީ ކުށުގެ ޢަމަލުތައް ސާބިތުކުރުމުގައި މުހިންމު ވަޞީލަތަކަށް ވެދާނޭތީ ދީފައި އޮންނަ ހުއްދައެކެވެ. އެހެންނަމަވެސް މި ހުއްދަވެސް އޮންނަނީ ކޯޓުން އެކަމަށް ދޭ އަމުރެއްގެ ދަށުން މެނުވީ ބޭނުން ނުކުރެވޭ ގޮތަށް ޤައިދުކުރެވިފައެވެ. މި ނޫން ގޮތަކަށް މަޢުލޫމާތު ހޯދާނަމަ، އެ ކުރެވެނީ ސިއްރުން ވާހަކަ އަޑުއެހުމާއި، ހުއްދަ ނޫން ގޮތުގަިއ މަޢުލޫމާތު ހޯދުމުގެ ކުށެވެ. އަދި އެހެންފަރާތަކާ މަޢުލޫމާތު ޙިއްސާކޮށްފިނަމަ، އެއީ ހުއްދަ ނޫން ގޮތުގައި މަޢުލޫމާތު ހޯދައި ހާމަކުރުމުގެ ކުށެވެ.

ޤާނޫނާ ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައި ނުގަތުމުގެ އުޞޫލަކީ ދެބަސްވާން ޖާގައެއް އޮތް އުޞޫލެއް ނޫނެވެ. ޤާނޫނާ ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރި ބަޔަކު ގެންނަ ހެއްކަކަށް ޝަރީޢަތުން އިތުބާރު ކުރަންވީ ސަބަބެއް ނޯންނާނެއެވެ.

ފޯނު ކޯލު ރެކޯޑިންގ އަކީ އޭގެ އެނަލަސިސް ރިޕޯޓާއެކު ހުށަހެޅުމުން، ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކާ ދެކޮޅަށް ބޭނުންކުރެވިދާނޭ ހެއްކެކެވެ. ޝަރުޠަކީ، އެ ހެކި ހޯދާފައި އޮތީ ޤާނޫނާ އެއްގޮތަށް ކަމަށްވުމެވެ. މީހަކު އަނެކާއާ ދައްކާ ވާހަކަތަކާއި ކުރާ މުޢާމަލާތުތަކަކީ އޭނާގެ ޒާތީ ދިރިއުޅުމެވެ. ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. މި ޒަމާނުގެ ޓެކްނޮލޮޖީއާއެކު އެކަކު އަނެކަކާ ފޯނުން ދެކެވޭ ވާހަކަ އަޑުއަހާލުމަކީ އެ ވަޞީލަތްތައް ހުރި ބަޔަކަށް ވަރަށް ފަސޭހަ ކަމެކެވެ. ހީނސަމާސަ ކޮށް، މުނި ފޫހި ފިލުވަން އެ ވަސީލަތްތައް ހުރި ބަޔަކު އެ ވާހަކަތައް އަޑުއަހަމުން ގެންދަންވީއެވެ. ޖިނާއީ ކުށެއް ސާބިތުކުރުމަށް ކޯޓަށް ހުށަހަޅަން ޤަސްތުކުރާނަމަ، ފޯނު ކޯލު ސިއްރުން އަޑުއެހުމަށް ކޯޓުން ދޭ ހުއްދައެއް އޮންނަންވާނެއެވެ. އެ ހުއްދަ ނެތި ކޯލު އަޑުއަހާނަމަ އެ އަރައިގަނެވެނީ މީހެއްގެ ޒާތިދިރުޅުމާއި، އަނެކުންނާ ކުރާ މުޢާމަލާތުތައް ރައްކާތެރިވެގެން ވުމުގެ ޙައްޤަށެވެ.

ފޯނު ކޯލު ރެކޯޑިންގ ތަކެއް ހެކީގެ ގޮތުގައި ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އެ ހެކިތައް ބަލައިގަނެފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/49 ޤަޟިއްޔާގައެވެ. އެ ޤަޟިއްޔާގައި ފޯނު ކޯލު ރެކޯޑިންގ ހެކީގެ ގޮތުގައި ބަލައިގެންފައިވާ ހަމައެކަނި ސަބަބަކީ އެ ކޯލުތައް ރެކޯޑުކޮށްފައިވަނީ ކުރިމިނަލް ކޯޓުގެ ނަންބަރު 145-J(SMF)/2011/001 ކޯޓު އަމުރުގެ ދަށުން، 6 ޖޫން 2011 ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ކޯލުތައް ރެކޯޑު ކުރަމުން ގެންދިއުމަށް ހުއްދަ ދީފައިވާތީއެވެ. މައްސަލަ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކީގެ ތެރެއިން ފޯނު ކޯލު ރެކޯޑިންގއަށް ކޯޓު އަމުރެއް ހޯދާފައިވާއިރު، މައްސަލައިގެ ދަޢުވާލިބޭ މީހާ ވެސްޓަރން ޔޫނިއަން މެދުވެރިކޮށް ކުރިކަމަށް ބުނާ ފައިސާގެ މުޢާމަލާތުތަކުގެ ތަފްޞީލު ފުލުހުން ބަލާފައިވަނީ ކޯޓު އަމުރެއް ނެތިއެވެ. މި ނުކުތާއާމެދު ގޮތް ނިންމުމުން ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ؛

އެއްވެސް ބައެއްގެ މެދުގައި ހިނގާފައިވާ ޒާތީ މުޢާސަލާތެއް ނުވަތަ މުޢާމަލާތެއް ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނީ އެކަމެއް ހޯދައިގަނެވިފައިވަނީ ކަމާބެހޭ ޝަރުޢީ ކޯޓެއްގެ ހުއްދަ އޮވެގެން ކަމަށްވާއިރު، އެފަދަ ހުއްދައެއް ހޯދާފައިވާކަން ސާބިތުވާފަދަ ދަލީލެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާތީ އެ ލިޔުންތަކަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ދަށުން ހޯދާފައިވާ ޤާނޫނީ ހެކި/ޤަރީނާގެ ގޮތުގައި ބަލައިގަނެވެން ނެތްކަމަށެވެ.

މަތީގައިވާ ޢިބާރާތެއް ދެކަމެއް ކަށަވަރުވެއެވެ. ފުރަތަމަ ކަމަކީ؛ ދޭދޭ މީހުންގެ މެދުގައި ފޯނުން ކުރެވޭ މުޢާމަލާތްތައް އަޑުއެހޭނީ ކަމާބެހޭ ޝަރުޢީ ކޯޓެއްގެ އަމުރެއް އޮވެގެންނެވެ. ދެވަނަ ކަމަކީ، އެފަދަ އަމުރެއް ހޯދާފައިވާކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަމެވެ.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި އޮންނަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބަޢަ ވާންޖެހޭނޭ ކަމުގައެވެ. އެހެންކަމުން، ކޯޓުގެ އަމުރެއްނެތި ހޯދާފައިވާ ފޯނު ކޯލު ރެކޯޑިންގތަކެއް ދަޢުވާލިބޭފަރާތަކާ ދެކޮޅަށް ބޭނުން ނުކުރެވޭނޭކަމީ ކަނޑައެޅި އިސްތިޤްރާރުވެފައިވާ ޚިލާފެއްނެތް ނިންމުމެކެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …