ލަދުހަޔާތް ނެތިދިއުން

އިންސާނީ ޠަބީޢަތުގެ އެންމެ އަސާސީ އެއް ސިފައަކީ ލަދުގަތުމެވެ. އެއީ އިމެއް، ޙުދޫދެއްގެ ތެރޭގައި އިންސާނާގެ އުޅުމާ ގުޅުން ބަހައްޓަން މަޖުބޫރުކުރުވާ ޠަބީޢީ ސިފައެކެވެ. މުޖުތަމަޢުއެއްގެ އަފްރާދުންގެ މެދުގައި އެކަކު އަނެކަކާމެދު ގެންގުޅެންޖެހޭ އަސާސީ ސިފަތަކާއި، ޙުރުމަތާއި، އިޙްތިރާމް ހިފަހައްޓައިދޭ ރުކުނަކީވެސް ލަދެވެ. އިންސާނުން އެއްބަސްވެފައިވެފައިވާ އަޚްލާޤީ އިން ފަހަނައަޅައި ގޮސްފިނަމަ އަނެއް އިންސާނާ ތިމާއާ މެދު ދައްކާނޭ ވާހަކަތަކާއި، ދެކެފާނޭ ގޮތަކާމެދު ވާ ކަންބޮޑުވުމަށް އަހަރުމެން ލަދޭ ކިޔަމެވެ. ގޯސްކޮށް ކަމެއް ކުރެވޭހިނދު، މީހުން އެކަމަށް ހަޖޫޖަހައި، މަލާމާތްކޮށް، ފާޑު ކިޔަން ފެށުމުން ލަދު ގަތުމުގެ ޤާބިލުކަން ހުންނަ މީހާ އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތްކުރާނެއެވެ. ލަދު ގަތުމަކީ ޠަބީއީ އިޙްސާސަކަށްވާތީ، އެ އިޙްސާސް ނެތި ދިއުމަކީ ފަރުވާކުރަންޖެހޭ ބައްޔެކެވެ. ލަދު ހަޔާތް ކެނޑުމުގެ ބަލި ޢާންމުވުމަކީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ މައްސަލަތަކުގެ ވަރަށް އަސާސީ ސަބަބެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 211 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ހަދަންޖެހޭ ގަވާއިދު ހެދުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފުލަންޖެހޭ މަސްޢޫލިއްޔަތެކެވެ. އެ ވާޖިބު އަދާކޮށް ނިންމަންވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށުނީ ޤާނޫނު ހެދިތާ ދޮޅު އަހަރު ފަހުންނެވެ. އޭރުވެސް ޤާނޫނުގައި އެ މާއްދާ އޮތެވެ. ޤާނޫނަށް ޢަމަލުކުރަން ފަށަންޖެހޭތީ އެ މާއްދާގައި ބުނާ މުއްދަތުގެ ތެރޭގައި ގަވާއިދު ހަދައި ނިންމަންޖެހޭނޭކަންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަދިވެސް ގަވާއިދު ނުހަދައެވެ. ގަވާއިދު ނުހަދައިގެން އެވާހަކަ ނުދައްކާ މީހަކު ނެތެވެ. އެ އަޑު އެބޭފުޅުންނަށް އިވޭކަމަކަށްވެސް ނުވެއެވެ. އެހެން އެވަނީ ލަދު ހަޔާތް ކެޑިފައި ތިބީމައެވެ. ލަދު ގަތުމުގެ ޙިއްސު ސަލާމަތުން ހުރިނަމަ މިހާރު އެ ގަވާއިދު ހަދައި ނިންމާނެއެވެ. އެ ޤާބިލުކަން މިހާރު އެބޭފުޅުންގެ ކިބައިގައި ހުރިކަމަކަށް ނުފެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވެއްޖެއެވެ. ފައިސާއަކީ ދައުލަތުގެ އިދާރާއަކުން ވަގަށް ނަގާފައިވާ ފައިސާކަން އެބަ ސާފުވެއެވެ. މައްސަލަ ތަޙުޤީޤުކުރުމުން، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާކަންވެސް ސާބިތުވެއެވެ. އެ ފައިސާއަށް ދެންވީ ގޮތެއް ބެލުން މުހިންމު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންއަކަށް ނުފެނުނެވެ. އެ ފައިސާ ހޯދުމަށް މަސައްކަތް ކުރުމަށް ދައުލަތުގެ އިދާރާއެއްގެ މައްޗަށް އަމުރުކޮށްފައެއްވެސް ނެތެވެ. އެކަމާ މަލާމާތް ނުކުރާ މީހަކު ނެތެވެ. ކަމާ ނުބެހޭ މީހުންވެސް ލަދުން އުޅުނުއިރު، ލަދު ނުގަތީ ރައީސް ޔާމީންއާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނެވެ. ލަދު ހަޔާތް ކުޑައެއް ނޫންހެއްޔެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނާ ރައީސް ޔާމީންގެ ލަދު ގަތުމުގެ ޤާބިލުކަމުގެ ޙިއްސަށް އަސަރުކޮށްފައިވާ ބައެއްކަމަށް މިހާހިސާބުން ނިންމަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސޮއިކޮށް މަޖިލީހަށް ހުށަހެޅި ލިޔުމުގައި ބުނަނީ އެ މަޖިލީހުގެ ރައީސަކަށް ޢައްޔަނުކުރެވުނު މީހާގެ މައްޗަށް އެ މެންބަރުންގެ އިތުބާރެއް ނެތްކަމަށެވެ. މަޖިލީހުގެ ރައީސްކަމުގައި އިންނެވި ޢަބްދުﷲ މަސީޙުވެސް އެ ލިޔުން ވިދާޅުވިކަމަށްވެއެވެ. އެ އޮޑީގައި ބަސް ނުވިކޭނޭކަން އެނގުމުންވެސް ދިރުނބާކޮޅުން ފައިބާކަށް ހިތަކަށްވެސް ނޭރިއެވެ. އެއީ އެމަނިކުފާނު ޤަސްތުގައި ކުރައްވާކަމެއް ނޫނެވެ. ލަދުގަތުމުގެ ޙިއްސު މަރުވެފައިވާތީ ދިމާވާ ކަމެކެވެ. މީހުން ކިޔާ އެއްޗިއްސާ ކުރާ މަލާމާތް ފަހުމުވުމުގެ ޤާބިލުކަން އެމަނިކުފާނުގެ ކިބައިގައި ނެތީއެވެ.

ލަދު ގަތުމާއި، އެ އިޙުސާސް ދެނެގަންނަން އެނގުމަކީ މުޖުމަތަޢުއެއްގެ ކޮންމެ އަފްރާދަކަށްމެ ބޭނުންތެރިކަމެކެވެ. ދުނިޔެއަށް ލަދެއް، އާޚިރަތަށް ބިރެއް ނެތް ބަޔަކާ މަސްޢޫލިއްޔަތުތައް ޙަވާލުކޮށް، އެ ފަދަ މީހުންގެ ލަދު ޙަޔާތްކުޑަ ކަމުގެ ޢަމަލުތަކުގެ ސަބަބުން ލަދުގަތުމުގެ ޙިއްސު ސަލާމަތުން ހުރި މީހުން އުފުލަންޖެހޭ ތަކުލީފާއި ވޭން މާބޮޑެވެ.

ލަދު ހަޔާތް ނެތި ދިއުމަކީ ނުރައްކާ ބައްޔެކެވެ. މުޅި ޤައުމުގެ އިސްތިޤްލާލަށް އޭގެ ނޭދެވޭ އަސަރު އެބަކުރެއެވެ. އަވަސް ފަރުވާއެއްގެ ގޮތުގައ، ލަދު ހަޔާތް ކެނޑިފައިވާ މީހުން މަސްޢޫލިއްޔަތުތަކުން ދުރު ކުރެވެންޖެހެއެވެ. އެ މީހުންނަށް ދުނިޔެއަށް ލަދުވެތިވާ ބަޔަކަށް ވަންދެން އެމީހުންނާ ހުރިހާ ގުޅުމެއް ކަނޑައި، މުޖުތަމަޢުއިން އެފަދަ މީހުން އެކަހެރި ކުރެވެން ޖެހެއެވެ.

މި އާޓިކަލް ބައްލަވާ

ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން

ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު …