ޙަސީނާ މުޙައްމަދުއާއި، މުޙައްމަދު ނިމާލުގެ ވާހަކަ

ޙަސީނާ މުޙައްމަދުއަކީ ސވިލް ސަރވިސްކޮމިޝަންގައި މަސައްކަތު މީހެއްގެ ވަޒީފާގައި އުޅުނު މީހެކެވެ. އޭނާގެ މަސައްކަތަކީ ވެރިންނަށް ސައިފޮދު ތައްޔާރުކޮށްދިނުމާއި، އޮފީސްތެރެއާ ފާހާނާ ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުމެވެ. ޙަސީނާ މުޙައްމަދު އޮފީހުގެ މަސައްކަތްތައް ކުރުމުގެ ތެރޭގައި އޮފީހުގެ މުދަލަށް ޚިޔާނާތްތެރިވެފައިވާކަމަށްބުނެ އެމައްސަލަ ސިވިލްސަރވިސް ކޮމިޝަންގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިއެވެ. ކޮންކަހަލަ ޚިޔާނާތެއް ކަމަށްތޯއެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ބަދިގެ ތެރޭގައި ހުރި ކޮފީ ފުޅިއަކުން ކުޑަދަޅަކަށް ކޮފީ އަޅައިގެން ގެއަށް ގެންދިޔަކަމާއި، ފާހާނާ ސާފުކުރުމަށް ގެންގުޅޭ ކްލީން ކްލީން އާއި މޮޕްއަޅަން ގެންގުޅޭ ސޯކުލިން ފުޅިތަކުން އެހެން ފުޅިތަކަށް އަޅައިގެން ގެއަށް ގެންދިޔަކަމުގެ ތުޙުމަތެވެ. ޙަސީނާ މުޙައްމަދު އެތަކެތި ގެންދިޔަކަމަށް ހެކިބަސްދެނީ އޭނާއާއެކު މަސައްކަތު މީހުންގެ ވަޒީފާގައި އުޅޭ އިތުރު ދެ މީހެކެވެ. މިއީ ބޮޑު ޚިޔާނާތަކަށްވެގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޙަސީނާ މުޙައްމަދުގެ މައްޗަށް ދަޢުވާ އުފުލިއެވެ. ކުރިމިނަލް ކޯޓުން އެ މައްސަލަ ބައްލަވައި ޙުކުމް ކުރެއްވީ ކުށް ސާބިތުވާތީ ޙަސީނާ މުޙައްމަދު 6 މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށެވެ.

އެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ވިސްނުންފުޅަކީ ކިތަންމެ ކުޑަ ޢަދަދަކުން ނަމަވެސް ދައުލަތުގެ މުދަލަކަށް ޚިޔާނާތްތެރިވެއްޖެނަމަ އެ މައްސަލައެއްގައި ދަޢުވާ އުފުލުމެވެ. ކުޑަ މައްސަލައެއްކަމަށް ބަލައި ދޫކޮށްފިނަމަ އެއީ އެއަށްވުރެ ބޮޑެތި ޢަދަދުތަކުން ޚިޔާނާތްތެރިވުމަށް ދެވޭ ހިތްވަރެއްކަމަށް އެދުވަސްވަރު ކިޔައި އުޅުނެވެ.

އެއީ އެދުވަހެވެ. ކޮފީ ސަމްސަލެއްގެ ޚިޔާނާތްވެސް ބަރުދާސްތުކުރަން ދިވެހި ދައުލަތް އިޢުތިރާޟް ކުރި ދުވަހެވެ. މިއަދުގެ ޙާލަތު ތަފާތެވެ. .

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވައި، ކުންފުންޏަށް ޑޮލަރު ގަތުމުގެ ނަމުގައި ސަތާރަ މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދޫކުރީއެވެ. ޑޮލަރެއްވެސް ރުފިޔާއެއްވެސް އަނބުރާ ނުލިބުނުއިރު އެފައިސާ ހޯދަން މަސައްކަތެއްވެސް ނުކުރެއްވިއެވެ. ފައިސާ ދޫކުރެއްވީ އެންމެ ފަހަރަކުއެއްވެސް ނޫނެވެ. ފުރަތަމަ ދޫކުރި ފައިސާގެ ޢަދަދަށްވާ ޑޮލަރު އެއްބަސްވެވުނު މުއްދަތުގެ ތެރޭގައި ޙަވާލުކޮށްފައިނުވާއިރު، ދެވަނަ ފަހަރަށްވެސް ހަމަ އެކުންފުންޏަށް ފައިސާ ދޫކުރެއްވީއެވެ. އެ ޙިކުމަތްތެރި ޢަމަލުގެ ސަބަބު އެނގިވަޑައިގަންނަވާނީ މުޙައްމަދު ނިމާލަށާއި އެފައިސާ ލިބުނު ކުންފުންޏަށެވެ. އަޅުގަނޑުމެންނަށް ފެނުނީ ސަތާރަ މިލިއަން ރުފިޔާ ދިވެހި ދައުލަތުން ގެއްލިގެން ދިޔަތަނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއިން އެ މައްސަލަ ތަޙްޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ރިޕޯޓުން ހާމަވާގޮތުން، ދައުލަތުގެ މާލިއްޔަތާ ގުޅޭ ޤާނޫނުތަކާ ގަވާއިދުތަކާ ޚިލާފަށް ޑޮލަރު ގަންނަންކަމަށްބުނެ ފައިސާ ދޫކުރީ މުޙައްމަދު ނިމާލު ހުއްދަ ދެއްވައިގެންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އެ ނިންމެވީ އެ މައްސަލައިގައި ދަޢުވާ ނުކުރުމަށެވެ. އެއް ސަމްސާ ކޮފީގެ ގެއްލުން ބަރުދާސްތު ނުކުރެވުނު ދައުލަތުން ސަތާރަ މިލިއަން ރުފިޔާގެ ޚިޔާނާތް ކަމަކަށް ނުހަދައި ދޫކޮށްލީއެވެ.

މުޙައްމަދު ނިމާލުއަކީ ސަރުކާރަށް ޚާއްސަ ބޭފުޅެކެވެ. ޖޫން 2012 ގައި ފެނަކަ ކޯޕަރޭޝަން އުފެއްދުމަށް ފަހު އެ ތަނުގެ އެމްޑީގެ މަގާމަށް އޭރުގެ ރައީސް މުހައްމަދު ވަހީދު ފުރަތަމަ ވެސް އައްޔަންކުރެއްވީ ނިމާލެވެ. އެކަމަކު، މަގާމުގެ ނުފޫޒު ބޭނުންކުރައްވާ ކަމަށް ބުނެ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޭނާ ވަނީ ޖުލައި 2013 ގައި އެ މަގާމުން ވަކިކޮށްފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނިމާލް ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް އަނެއްކާ ވެސް އައްޔަން ކުރެއްވީއެވެ. ސެޕްޓެމްބަރު 2016 ގައި ނިމާލު އެ މަޤާމުން ވަކިކުރެވުނުއިރު އޭނާގެ މައްޗަށް އެތައް މައްސަލައެއްގެ ތުހުމަތުކުރެވި އެންޓި ކޮރަޕްޝަން ކޮމިޝަންއިން ގެންދިޔައީ ބައެއް މައްސަލަތައް ތަޙްޤީޤުކުރަމުންނެވެ.

މުޙައްމަދު ނިމާލު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވައި ދިވެހި ދައުލަތަށް ކޮށްދެއްވި ‘އަގުހުރި ޚިދުމަތް’ ތަކުގެ ބަދަލުގައި ސަރުކާރުން އޭނާއަށް ދެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބުކަމުގެ މަޤާމެވެ. އޭގެ ފަހުން އަދި އެއަށްވުރެ ރަނގަޅު ގޮތެއް ހަދާލުމުގެ ގޮތުން މާރޗް 2017 ގަ އެމް.އާރު.ޑީ.ސީ ގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢައްޔަނުކުރެވުނެވެ. ސަތާރަ މިލިއަން ރުފިޔާގެ ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ ތުހުމަތުގެ އިތުރުންވެސް ކުރެވިފައިވާ އެތައް ތުހުމަތެއް ހަމަ އޮތްގޮތަށް އޮތީއެވެ.

ޤާނޫނުގެ ދާގަނޑުގައި ޙަސީނާ މުޙައްމަދު ތާށިވީ އެއީ ކުޑަ މީހަކަށްވީމައެވެ. ކުރިކަމަށް ތުޙުމަތުކުރެވުނު ކަމުގެ ބުރަދަންވެސް ކުޑައީއެވެ. ކަންޏާ ކުޑަ ކާއްޓެއް ނުކާށޭ ބުނެ އުޅެނީ ހަމަ ހެޔޮކޮށެވެ. ދާގަނޑު ފޫއަޅުވާލާފައި ދެވޭނީ އެވަރުގެ ފުޅާ އަދި ވަރުހުރި ޢަމަލެއް ކޮށްގެންނެވެ. މުޙައްމަދު ނިމާލުއަށް އަޅުގަނޑު އެދެނީ އަދިވެސް އިތުރު ތަރައްޤީއާ ކާމިޔާބެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …