ޢަދުލުއިންސާފުގެ ދާއިރާ އިސްލާޙުކުރުމަށް ރައްޔިތުން ބާރު އަޅުއްވައިދެއްވާ

އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ. މިވާހަކަ މި ދައްކަނީ ނުވަތަ ދެއްކެނީ މިކަމާމެދު ކަންބޮޑުވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސާމެދުގައިއާއި، މުޅި ޤައުމާމެދުގައެވެ. ކޮންމެ ދެބަސްވުމަކާއި، ނުތަނަވަސްކަމަކަށް ޙައްލު ހޯދައިދޭނޭ އާޚިރު މަންޒިލަކީ ކޯޓުތައް ކަމަށްވާއިރު، އެ ކޯޓުތައް ޤާނޫނަށް ބޯލަނބަނީ ކިހާ ވަރަކަށްތޯ އަޅުގަނޑުމެން އަމިއްލައަށް ވަޒަންކުރަންޖެހެއެވެ. ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރާފައިއޮތުމަކީ ބިރުވެރިކަމެކެވެ. ފަނޑިޔާރުންނަކީ ޤާނޫނަށްވުރެ ސިޔާސީ މީހުންނަށް ބޯލަނބާ ބަޔަކަށްވުމަކީ ކޮންމެ ރައްޔިތަކަށްވެސް އޮތް ނުރައްކަލެކެވެ. އަޅުގަނޑުމެންގެ ޙައްޤުތަކާމެދު ގޮތް ނިންމަން ތިބި މީހުންނަކީ އިންސާފުވެރި ބައެއްކަން އަޅުގަނޑުމެން އަމިއްލައަށް ކަށަވަރުކުރަންޖެހެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތައް ހުރީ ސަރުކާރުގެ ސިޔާސީ އެޖެންޑާއަށް ޝަރުއީ ޙުކުމެއްގެ ބާރު ދިނުމުގެ މިސްރާބުގައެވެ. މި މަންޒަރު ބޮޑަށް ފެނިގެންދަނީ ސިޔާސީ މައްސަލަތަކުގައި ކަމަށް ވީނަމަވެސް، ދޭދޭ ފަރުދުންގެ މައްސަލަތަކަށްވެސް އެ ނުފޫޒު ފޯރާތަން މިހާރު އެދަނީ ފެންނަމުންނެވެ. ރައްޔިތުން ކިޔަމަންތެރިކަމާއެކު ޖުޑީޝަރީގެ އެންގުންތަކަށް ބޯލެނބުމުގެ ނާޖާއިޒް ފައިދާ ބަޔަކު މީހުން ނަގަމުންދާއިރު އެކަމާމެދު ހިމޭނުންތިބުމަކީ ރައްޔިތުންނަށް އޮތް އިޚްތިޔާރެއް ނޫނެވެ.

ޖުޑީޝަރީގައި ހުރި މައްސަލަތަކާމެދު އަޅުގަނޑު ދައްކާފައިހުރި އެއްވެސް ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކައެއް ނޫނެވެ. އެއީ ޖުޑީޝަރީގެ ތެރޭގައި ކަން އޮތްގޮތެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ބަސް ބުނަންޖެހެނީ ހަމައެކަނި ވަކީލުންނެއް ނޫނެވެ. އެކަމުން އެންމެ އަސަރުކުރާނީ ޢާންމު ރައްޔިތުންނަށް ކަމަށްވާއިރު އެކަމުގައި ޢާންމު ރައްޔިތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަންޖެހެއެވެ.

56 ވަކީލުން އެވަނީ ޖުޑީޝަރީގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށްދީފައެވެ. އޭގެ ފަހުން 35 ވަކީލަކު ވަނީ އެ މައްސަލަތައް ހުރިކަމަށް ބުނުމަކީ ގޯހެއް ނޫންކަމަށްވެސް ބުނެފައެވެ. ޖުޑީޝަރީ އޮތީ އިސްލާޙްކުރަންޖެހިފައިކަން ސާބިތުކުރުމަށް އިތުރަށް ބޭނުންވާނޭ ހެއްކެއް ދަލީލެއް ނެތެވެ. ދެން އޮތީ އެއް އަޑަކުން ރައްޔިތުން ބަސްބުނުމެވެ. އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ.

ބިރު ނުގަންނާށެވެ. ސުޕްރީމް ކޯޓަށް ކުރެވޭނޭކަމަކީ މަދު ބަޔަކާމެދު ފިޔަވަޅު އެޅުމެވެ. އިޙްތިރާމްކުރުމަށް އާދޭސްކޮށް، އަދި މަޖުބޫރުކޮށް އަމުރުތައް ނެރުމެވެ. ކިތަންމެ އަމުރެއް ކުރިނަމަވެސް، އެ އިޙްތިރާމް ސުޕްރީމް ކޯޓަށް ޙައްޤުތޯ ނިންމާނީ ޢާންމު ރައްޔިތުންނެވެ. ރައްޔިތުންނަށް އިންސާފު ލިބެނީ ކިހާ މިންވަރަކަށްތޯއާއި، ކޯޓުތަކަށް ސިޔާސީ ނުފޫޒު ވަދެފައިވަނީ ކިހާވަރަކަށްކަން ކޯޓުތަކުގެ ނިންމުންތަކުން ރައްޔިތުން ވަޒަން ކުރާނެއެވެ. ޢަދުލު އިންސާފު ޤާއިމުރުކުރުމުގައި ކޯޓުތައް ފެއިލްވެއްޖެކަން ދެނެގަތުމަކީ ޙިއްސު ސަލާމަތުންހުރި މީހަކަށް އުނދަނގޫކަމެއް ނޫނެވެ. ޙަޤީޤަތް ސާފުވެއްޖެއެވެ. ދެން އޮތީ ބަސްބުނުމެވެ. ޖުޑީޝަރީގެ ކަންކަމާ ޙަވާލުވެ ތިބި މީހުންނަށް އަޑުއިވޭވަރަށް ބާރަށް ބަސް ބުނާށެވެ. ޢަދުލުއިންސާފަކީ ފަނޑިޔާރަށް ފެނިވަޑައިގެންނެވީމާ ފެނިވަޑައިގެންނެވި މީހަކަށް ދޭން އޮތް އެއްޗެއް ނޫންކަމަށް ބުނަންވީ ޢާންމު ރައްޔިތުންނެވެ. އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ.

ޖުޑީޝަރީ އިސްލާޙްކުރުމުގެ ވާހަކަ ދެއްކުމުގައި ރާގު ހަރުކަށިކުރާށެވެ. ރައްޔިތުން އެކަށައަޅާފައިވާ ޤާނޫނީ އިންތިޒާމުތަކުގެ އިމުން ބޭރަށް ފިޔަވަޅެއްވެސް އެޅުމަކީ ފަނޑިޔާރަކަށް ކުރެވޭނޭކަމެއް ނޫންކަން ހަނދާންކޮށްދޭށެވެ. ފަނޑިޔާރުންނަށާއި، ފަނޑިޔާރުގެއަށް އިޙުތިރާމު ކުރުމަކީ އެއީއެވެ. ހެއްދެވިހާ ގޮތަކަށް ރުހިގެން ތިބުމަކީ އަމިއްލަ ނަފްސަށް ޤަދަރުކުރާ ރައްޔިތަކު ޢަމަލު ކުރާނޭ ގޮތެއް ނޫނެވެ. ލިބޭންޖެހޭ ޙައްޤުތައް ލިބިދިނުމަށް ގަދައަޑުން އަމުރުކުރާށެވެ. ޢާންމު މަސްލަޙަތާއި، ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމު ކުރުމާއި، އެ ޙައްޤުތައް ނެގެހެއްޓުމަކީ ފަނޑިޔާރުންގެ މައިގަނޑު ވާޖިބުކަން ފަޑިޔާރުންނަށް ހަނދާންކޮށްދޭށެވެ. ސޯޝަލް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރާށެވެ. ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ މަސައްކަތަށް ފާރަވެރިވާންތިބި މީހުންގެ ކަންފަތަށް އަޑުއިވޭވަރަށް މި އަޑު ގުގުމާލިޔަދޭށެވެ. މިވާހަކަ މިތަނުގައި ދެންނެވިޔަސް، އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ.

މި އާޓިކަލް ބައްލަވާ

ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން

ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު …