ސެކިއުރިޓީއާއި ޒާތީ ދިރިއުޅުމުގެ ޙައްޤު

ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. މީހަކު އުޅޭ ނޫޅޭ ގޮތް ބަލައި، ފާރަލުމަކީ އެމީހެއްގެ ރުހުން ނުދޭހާ ހިނދަކު ޤާނޫނު ހުއްދަކުރާ ގޮތުގެ މަތީން މެނުވީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަމުދުން މީހެއްގެ ސަލާމަތަށްޓަކައި ކަމަށްބުނެ ސެކިއުރިޓީދޭއިރު، އެ ސެކިއުރިޓީގެ ސަބަބުން ސަލާމަތްތެރިކަމުގެ އިޙްސާސް ކުރެވެންޖެހޭނެއެވެ. އެހެން ނުވާނަމަ، އެ ސެކިއުރިޓީގެ ބޭނުމެއް ނެތެވެ.

މި ލިޔުމުގައި މިވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއަށް ސެކިއުރިޓީ ދިނުމަށް ދައުލަތުން ނިންމި ނިންމުމާ ގުޅޭ ގޮތުން ފާހަގަކުރެވުނު ބައެއް ކަންކަމެވެ.

ރައީސް މައުމޫނަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމުހޫރިއްޔާއެވެ. ރައީސުލްޖުމުހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތައް ބަޔާންކުރާ ޤާނޫނެއް ހަދަންޖެހޭނޭކަމަށް ބުނެފައި އޮތީ ޤާނޫނުއަސާސީގައެވެ. އެ ޤާނޫނުވެސް އެއޮތީ ހަދާފައެވެ. އެހެންނަމަވެސް އެ ޤާނޫނުގެ ދަށުން ކުރީގެ ރައީސުންނަށް ދޭންޖެހޭ ޢިނާޔަތްތަކާއި ރައްކާތެރިކަން ދެނީ ސަރުކާރަށް ފެނިވަޑައިގެންނެވި ބޭފުޅަކަށެވެ.

ރައީސް މައުމޫނަށް ދައުލަތުން ހަމަޖައްސަވާފައިވާ ސަލާމަތީ އިންތިޒާމުތައް ހުއްޓާލީ 8 މާރޗް 2017 ތާރީޚުގައެވެ. އެއްވެސް ސަބަބެއް އެންގެވުމެއްނެތިއެވެ. ރައީސް މައުމޫން ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އެއަރޕޯޓަށް ވަޑައިގެން ހުންނަވަނިކޮށް ސެކިއުރިޓީންނަށް އެންގެވީ އަނބުރާ ރިޕޯޓުކުރުމަށެވެ. ރައީސް މައުމޫނަށް ޖެހިވަޑައިގެންވެނީ ގިނިކަންޏާ ފުރާވަޑައިގަންނަވާށެވެ. އެހާހިސާބުން އެ އުފެދުނީ ސަރުކާރުން ފޯރުކޮށްދޭ ސެކިއުރިޓީއާމެދު ފުރަތަމަ ސުވާލެވެ. ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ކުއްލި ގޮތަކަށް ސެކިއުރިޓީ ހުއްޓާލުމުން ސަރުކާރުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ.

ރައީސް މައުމޫނު ދިރިއުޅުއްވާ ގެކޮޅުގައި އެމަނިކުފާނުގެ އަމިއްލަފުޅު ސެކިއުރިޓީން އަބަދުވެސް ތިބެއެވެ. އެ އިންތިޒާމުތައް އެހެން ހަމަޖެހިފައި އޮންނައިރުވެސް ރައީސް މައުމޫނާ ބައްދަލުކުރުމަށާއި، އެ ނޫން ބޭނުންތަކަށް އެންދެރިމާގެއަށް އަންނަފަރާތްތަކުގެ ނަން ނޯޓުކުރުމަކީ ރައީސް މައުމޫނުގެ އިތުރުން އެންދެރިމާގެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުގެ ޒާތީ ދިރިއުޅުމުގެ ޙައްޤަށް އަރައިގަތުމެވެ. އެއީ މައްސަލައެކެވެ.

ރައީސް މައުމޫނަށް ސެކިއުރިޓީ ދޭންފެށިކަމަށް ސަރުކާރުން އިޢުލާނުކުރީ ރައީސް މައުމޫނަށް ހަމަލައެއް ދޭން ބަޔަކު ރާވާކަމުގެ މައުލޫމާތު ލިބިފައި އޮތުމުން ކަމަށްބުނެއެވެ. އެހެންކަމަށްވާނަމަ އެ މައުލޫމާތު ރައީސް މައުމޫނާ ޙިއްސާ ކުރެވެންޖެހޭކަމަށް އަޅުގަނޑު ދެކެމެވެ. އެ މައުލޫމާތު ޙިއްސާ ކުރުމެއްނެތި ސެކިއުރިޓީގެ ނަމުގައި ވަރުދަގަ އޮޕަރޭޝަންތައް ހިންގުމަކީ ރައީސް މައުމޫނަށް ނަފްސާނީގޮތުން އުދަނގޫކުރުމަށް ހިންގާ ކަމެއްކަމަށް ތުހުމަތުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެކަމުގެ ސަބަބުން ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައިވެސް ނުތަނަވަސްކަން ބޮޑުވުން ނޫންކަމެއް ނުވާނެއެވެ.

ސިފައިންގެ ފަރާތުން ރައީސް މައުމޫނަށް ސެކިއުރިޓީ ދޭނަމަ ޢަމަލުކުރަމުން ގެންދާނޭ ގޮތް ރައީސް މައުމޫނާ ޙިއްސާ ކުރައްވަންޖެހެއެވެ. ރައީސް މައުމޫނުގެ ދުވަހު ތާވަލުވެސް ބަލަންޖެހެއެވެ. މިއީ ސެކިއުރިޓީ ޕްރޮޓޮކޯލްތަކުގެ ވަރަށް އަސާސީ މިންވަރެކެވެ. މިނޫނަސް ފުރިހަމަކުރާންޖެހޭނޭ ކިތަންމެ އިޖުރާއަތެއް ހުރެއެވެ. އެންދެރިމާގޭގެ ބޭރުގައި ރުކުރުވާލާފައި އޮތް ފައުޖަށް އެކަން މާރަނގަޅަށް އެނގޭނެއެވެ. ސެކިއުރިޓީ ޓްރެއިނިންގ ހަދާފައިތިބި ފަންނީ ބަޔަކު ފޮނުވައި ރައީސް މައުމޫނަށް ޖާސޫސް ކުރުމުގެ މަސައްކަތް ޙަވާލުކުރުމަކީ ދަށު ދަރަޖައިގެ ޢަމަލެކެވެ.

ސެކިއުރިޓީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ސަރުކާރުގެ ޢަމަލުތައް ހުރީ އިތުބާރުކުރަން ހެޔޮވާ ދަރަޖައިގައެއް ނޫނެވެ. ބޭނުންވެގެން އެދޭ މީހާއަށް ސެކިއުރިޓީގެ އެއްވެސް އިންތިޒާމެއް ހަމަނުޖެހެއެވެ. ބްލޮގަރ ޔާމީން ރަޝީދު މަރާލީ ސެކިއުރިޓީ ދިނުމަށް ތަކުރާރުކޮށް އެދިފައި ވަނިކޮށެވެ. ފުރާނައަށް ގެއްލުންދޭނޭކަމުގެ އިންޒާރު ދީފައި އޮތްކަން ފުލުހުންނަށާއި، މުޅި ސަރުކާރަށްވެސް އެނގެއެވެ. ޔާމީން ރަޝީދަށް އިންޒާރުލިބި، ފުލުހުންގެ ސެކިއުރިޓީއަށް އެދުމުންވެސް އެ އިންތިޒާމު ހަމަޖައްސައެއް ނުދިނެވެ. ރައީސް މައުމޫނުއަށް ދޭންޖެހޭ ސެކިއުރިޓީ ހުއްޓާލީ އެއްވެސް ސަބަބެއް އެންގުމެއްނެތިއެވެ. އަލުން ސެކިއުރިޓީ ދޭންފެށީވެސް އެއްވެސް މައުލޫމާތެއް ދިނުމެއްނެތިއެވެ. ސެކިއުރިޓީގެ ނަމުގައި ރައީސް މައުމޫނުގެ ޒާތީ ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަތުމާއި، ރައީސް މައުމޫންގެ ހަރަކާތްތައް ސަރުކާރަށް ރިޕޯޓުކުރުން ސަލާމަތީ ބާރުތަކުން ވަގުތުން ހުއްޓާލަންޖެހެއެވެ.

މި އާޓިކަލް ބައްލަވާ

އެކެފަރަށް ބޯޓު އުރުމާއި، އެންދެރިމާގެ ބަލާފާސްކުރުމުގެ ކޯޓު އަމުރު

ރަސްމީ ލިޔުންތަކުގައި އުފަން ތާރީޚް ލިޔަން މިފެށުނީ ދާދި ފަހަކުންނެވެ. އެ އިންޤިލާބީ ބަދަލަށް އަދި ބައި ގަރުނު ނުވާނެއެވެ. …