އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

އެންމެ މަތީ ކޯޓުން ކަތި ފިޔަވަޅެއް އެޅުމަކީ ޤައުމުގެ އެންމެހައި އިންތިޒާމުތަކަށް ލޮޅުންއަރާނޭ ކަމެކެވެ. އަޅުގަނޑުމެން ބަލަން ތިއްބާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކިތަންމެ ފަހަރަކު ކައްޗާ ދުއްވައިފިއެވެ. ޝަރުއީ ޙުކުމްތަކުން ސިޔާސީ މީހުންގެ މުހުތާދުތައް ފުއްދައިދެމުން ދިޔައީ ހާމަކަން ބޮޑުކޮށެވެ. އަޅުގަނޑު ހިތުން، ސިޔާސީ ރުނބާގެ ވިޔަގޮއްވަށް ވެގެން އޮންނަންޖެހޭ ވަރަށްވުރެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މާ ޢިލްމީއެވެ. ދުނިޔޭގެ އާޖުފާޖާއި ކަންކުރަންޖެހޭ ގޮތް އޮޅިފައިތިބޭނޭ ހަމައެކަކުވެސް އެތާކު ނެތެވެ. ގޯހަކީ ގޯސްކަން އެ ބޭފުޅުންނަށް މާ ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ. ފަނޑިޔާރެއްގެ ނުފޫޒުގައި ގޯހެއް ހަދާއިރު އެކަމާ އެންމެ ކުޑަމިނުން އިޢުތިރާޟުނުކޮށް ހުރުމަކީ ތައުލީމުޔާފުތާޔަކު ހިފައިގެންވާނޭ މަގެއް ނޫންކަން އެބޭފުޅުން ޤަބޫލުކުރައްވާނެއެވެ.

އިންޑިޔާގެ ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުން އެ ޤައުމުގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ތެދުވިއިރު، އިންޑިޔާގެ ސުޕްރީމް ކޯޓުން ސިޔާސީ މީހުންގެ އައްޑަނައަކަށް ވެފައި އޮތްކަމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައި އޮތީއެއް ނޫނެވެ. އުއްތަމަ ފަނޑިޔާރު ރިޝްވަތު ނަގާކަމުގެ ތުހުމަތެއްވެސް ނެތެވެ. ހަމައެކަނި އޮތީ ބައެއް މައްސަލަތަކުގައި އުއްތަމަ ފަނޑިޔާރު ބޭނުންފުޅުވާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލުމަށް ބާރު އަޅާ ކަމުގެ ތުހުމަތެވެ. ޤާނޫނާ ޚިލާފް އެ ފަދަ ފިޔަވަޅުތައް ތަކުރާރުވެ، ފުނިޖެހުނީއެވެ. ސުޕްރީމް ކޯޓުގެ 4 ފަނޑިޔާރުން ނިންމެވީ ނުޙައްޤު މަގެއްގައި ހިނގާލިކަމުގެ މަދު ތުހުމަތުތަކެއްވެސް ބަރުދާސްތުނުކޮށް، ފާޅުގައި ބަސް ވިދާޅުވުމަށެވެ. ކަން ހިނގަމުންދާ ގޮތް ތެދުވެރިކަމާއެކު ރައްޔިތުންނަށް ހާމަކޮށްދެއްވީއެވެ. އެހެން އެވަނީ ކޯޓުތަކުގެ އިންސާފުވެރިކަން ކަށަވަރުކުރުމާއި، ކަރާމާތްތެރިކަން ރައްކާތެރިކުރުމުގެ ރޫހު ހުރި މިންވަރުންކަމުގައި ފެނެއެވެ. ޢަދުލުއިންސާފުގެ މުޅި ދާއިރާ ބިނާވަނީ އެ ދާއިރާއަށް ޢާންމުންކުރާ އިތުބާރެއްގެ މައްޗަށްކަން އެ ފަނޑިޔާރުން ދަނެއެވެ. އަދުލުއިންސާފު ޤާއިމުކޮށްދިނުމުގެ މަސައްކަތަކީވެސް ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތެކެވެ. އެކަމުގައި ހުރަސްތަކެއް ހުރިނަމަ، އަދި އެކަށައެޅިފައިވާ އިންތިޒާމުތަކުގެ ތެރެއިން އެކަންކަން ޙައްލުނުކުރެވޭނަމަ ރައްޔިތުންނަށް އެކަމުގެ މަޢުލޫމާތު ލިބެންޖެހެއެވެ. އެ ބޭފުޅުން އެ ކުރެއްވީ އެ މަސައްކަތެވެ.

މިރާއްޖޭގައި އެހެންތޯއެވެ. އުއްތަމަ ފަނޑިޔާރުގެ އަމިއްލަފުޅު ރަޢުޔަށް ކަންތައްތައް ނިންމަވާފައި ހުރިކަމަށް ތުހުމަތުކުރެވުނީ މަދު ފަހަރަކުއެއް ނޫނެވެ. ކޮންމެ ނިންމުމަކަށް ފަހުގައި ‘އެ ނިންމުމުން އަޅުގަނޑު ބަރީޢަވަން’ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮތީ ކޮންމެވެސް ބައެއްގެ ގާތުގައި ވިދާޅުވެވިފައެވެ. އެއީ ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއެއްގެ ސައްޙަކަމާމެދު ނިންމުމެއް ނިންމުން ކަމުގައިވީނަމަވެސް، ނުވަތަ ޤާނޫނީ ވަކީލުން ސަސްޕެންޑްކުރުން ކަމުގައި ވީނަމަވެސް، އެފަދަ ހުރިހާ ވިޔާނުދާކަމެއްގެ ފޫޅުކެނޑެނީ ހަމައެކަނި އުއްތަމަފަނޑިޔާރަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިތްވަރު ލިބިގަންނަންވީއެވެ. އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުގެ މައްޗަށް، ނުވަތަ އެހެން ކޯޓެއްގެ ފަނޑިޔާރެއްގެ މައްޗަށް ވިޔަސް ޚާއްސަ ބާރެއް ލިބިފައިވާ ފަރާތެއް ނޫނެވެ. ޤާނޫނާ ޚިލާފް، އަދި އެތައް ތުހުމަތުތަކެއް ބޮލުގައިއެޅޭ ގޮތަށް ނިންމާ ނިންމުންތަކުގެ ބައިވެރިންނަށްވެގެން ތިބުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަނާވެގަންނަންޖެހޭ ވަގުތަކީ މިއީއެވެ.

ފަނޑިޔާރަކު މިނިވަން މުއައްސަސާތަކަށް ފޮނުވާ ސިޓީތައް، އެ މުއައްސަސާތަކުން ބޭރުވެ، އުއްތަމަފަނޑިޔާރުގެ އަތްޕުޅަށް އަރާކަން ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެ ސިޓީތަކާމެދު މުއްސަސާތަކުން ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި ޝަކުވާ ރައްދުވާފަރާތާ މަޢުލޫމާތު ޙިއްސާކުރުމަކީ ކޮށްގެންވާނޭކަމެއް ނޫނެވެ. އުއްތަމަ ފަނޑިޔާރުގެ ޝަކުވާ ޖޭ.އެސް.ސީ އަށް ހުށަހަޅަން މަސައްކަތްކުރި ފަނޑިޔާރުން އޮބިއެޅުވުމަށް އުއްތަމަ ފަނޑިޔާރު ކުރެއްވީ ކީއްކަން ފަނޑިޔާރުންގެ ހަނދުމަފުޅުގައި ހުންނާނެއެވެ. އެ ޝަކުވާ ހުށަހެޅުމުގެ މަގު ބަންދުކުރެއްވީ އުއްތަމަ ފަނޑިޔާރެވެ. އެފަދަ ކަންކަމަށް ދެން ޙައްލު ހޯދައިދޭނީ ރައްޔިތުންނެވެ.

ސުޕްރީމް ކޯޓާއި، ޝަރުޢީ ދާއިރާގެ އަގު ހިފެހެއްޓުމަކީ އުއްތަމަ ފަނޑިޔާރު ދަންވަރުގެ ވަގުތުގައި ނެރުއްވާ ކޯޓު އަމުރަކުން ކުރެއްވޭނޭ ކަމެއް ނޫނެވެ. ޝަކުވާ ހުށަހަޅަން މަސައްކަތްކުރާ ފަނޑިޔާރުންނަށް ބިރު ދައްކައިގެންވެސް  ޙުރުމަތުގެ ހާސަރެއް ދެން ވިކޭކަށް ނެތެވެ. ސުޕްރީމް ކޯޓުން ޤާނޫނާ ޚިލާފްވުން ހުއްޓާލައި، ޤާނޫނުއަސާސީއަށާއި، ރައްޔިތުންނަށް އިޚްލާސްތެރިވާންފަށާ ދުވަހު ސުޕްރީމް ކޯޓަށްވެސް ރައްޔިތުން އިޙްތިރާމް ކުރާނެއެވެ.

ސުޕްރީމް ކޯޓުގެ ނިވާފަތްގަނޑުގައި އުއްތަމަފަނޑިޔާރު ނިންމާ ނިންމުންތަކުގެ ބައިވެރިންނަށް ވެގެން ތިއްބެވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިފުން ރީތި މަގެއް ނޫނެވެ. ރައްޔިތުން ތިބޭނީ އިންސާފު ޤާއިމުކުރަން މަސައްކަތްކުރާ ބަޔަކާއެކުގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިތްވަރު ލިބިގަނެ، މި ދަނޑިވަޅުގައި ނިންމުމެއް ނިންމަންޖެހެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮތީ އެންމެ ސުވާލެކެވެ. ތަބާވާނީ އުއްތަމަ ފަނޑިޔާރަށްތޯ ނުވަތަ ޤާނޫނުއަސާސީއަށްތޯއެވެ.

މި އާޓިކަލް ބައްލަވާ

ލަފާކުރުންތަކެއް!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައި މިދިޔައީ ކުރިން ތަސައްވުރުވެސް ކޮށްފައިނުވާ ކަންކަމެވެ. ސުޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ދުވަހު …