ރައްޔިތުންގެ މަޖިލިސް ތެރެއިން އިދިކޮޅަށް ބޮޑު ބާރެއް

ޑިމޮކްރެސީއެއްގައި ޤައުމުގެ އެންމެ މުހިންމު މުއްސަސާއަކަށް ވާނީ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުން ތަމްސީލުކުރަނީ ރައްޔިތުންގެ ބާރެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެކުލަވާލެވިފައިވަނީ ޤާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގެ އާބާދީގެ ފުރަތަމަ ފަސްހާހަށް ނުވަތަ ފަސްހާސް ހަމަނުވާ ދާއިރާތަކަށް 2 މެންބަރުން، އަދި އިތުރުވާ ކޮންމެ ފަސްހާސް ރައްޔިތަކަށް އެއް މެންބަރުންގެ މަގުން އެކުލަވާލުމުން 2014 ވަނަ އަހަރު އިންތިޚާބު ކުރަންޖެހުނު މެންބަރުންގެ ޢަދަދަކީ 85 އެވެ.

ރައްޔިތުންގެ މަޖިލީހުން ޤާނޫނު ފާސްކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކަކާއި އުޞޫލުތަކެއް ޤާނޫނުއަސާސީގައި ވަނީ ކަނޑައަޅާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ 25 އިންސައްތަ ކަމަށް ޤާނޫނުއަސާސީގެ 86 ވަނަ މާއްދާގައި އޮވެއެވެ. އެއީ 22 މެންބަރުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންއުޅޭ ކަމަކީ ރައްޔިތުން އެ މައްޗަށް ޢަމަލުކުރުން ލާޒިމު ކަމެެއް ނަމަ އެ ކަމަކަށް ވޯޓަން އަހަންވާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ދެބައިކުޅަ އެއްބައި ހާޟިރުވެ ތިބޭ ވަގުތެއްގައި ކަމަށް ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮވެއެވެ. އެއީ މަޖިލީހުގެ ރައީސްވެސް ހިމެނޭ ގޮތަށް 43 މެންބަރުންނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ޙުކުމެއް ކަހަލަ ލިޔުމެއްގެ ސަބަބުން 12 މެންބަރުން މެންބަރުކަމުން ވަކިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަންއިން ނިންމައި، ރައްޔިތުންގެ މަޖިލީހުން ވަނީ މެންބަރުންގެ ލިސްޓުން އެ މެންބަރުންގެ ނަންތައް އުނިކޮށްފައެވެ.

މެންބަރުކަމުން ވަކިވެފައިވާކަމަށް މިހާތަނަށް ނިންމާފައިވާ މެންބަރުންގެ ލިސްޓު ތިރީގައި މިވަނީއެވެ.

 1. ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން
 2. ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް
 3. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
 4. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް
 5. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާން
 6. ދަގެނތީ ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު
 7. ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ
 8. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީ
 9.  ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު
 10. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހު
 11. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ)
 12. ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ޝަހުދީ

މި މެންބަރުން މެންބަރުކަމުން ވަކިވުމުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ 73 މެންބަރުންނެވެ. އެއީ ޕީ.ޕީ.އެމް އަށް ނިސްބަތްވާ 37 މެންބަރުންނާއި، އެމް.ޑީ.ޕީ ގެ 21 މެންބަރުންނާއި، ޖޭ.ޕީ ގެ 7 މެންބަރަކާއި، އެމް.ޑީ.އޭ ގެ 5 މެންބަރުންނާއި، އަދާލަތު ޕާޓީގެ މެންބަރަކާއި، މިނިވަން 2 މެންބަރުންނެވެ. (ތަފްޞީލު ބެއްލެވުމަށް)

ރައްޔިތުންގެ މަލިޖިސް މިވަގުތަށް ހުއްޓިފައި އޮތްއިރު، ބަންޑާރަނައިބު ދާދިފަހުން ވިދާޅުވެފައިވަނީ މި އަހަރު ޖުމުލަ 45 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނޭ ކަމަށެވެ. އޭގެ ތެރޭގައި ޤާނޫނުލްޢުޤޫބާތަށް އިސްލާޙް ގެނައުމާއި، އިންތިޚާބާބެހޭ ޤާނޫނުތަކަށް އިސްލާޙް ގެނައުމުގެ ބިލްތައް ހިމެނޭނޭކަމަށް ބަންޑާނައިބު ވަނީ ވިދާޅުވެފައެވެ.

އިސްލާޙް ގެންނަވާނޭކަމަށް ބަންޑާރަނައިބު ވިދާޅުވި ޤާނޫނުތަކަކީ ރައްޔިތުން އެމައްޗަށް ޢަމަލުކުރަންޖެހޭނޭ ގޮތަށް މެނުވީ ފާސްކުރެވޭނޭ ޤާނޫނުތަކެއް ކަމުގައިނުވާތީ، އެފަދަ ކޮންމެ ޤާނޫނެއް ފާސްކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް 43 މެންބަރުން ހާޟިރުވެ ތިބެގެންނެވެ. އެހެންނަމަވެސް، ޕީ.ޕީ.އެމް އާއި، އެ ޕާޓީއާ ގުޅިފައި އޮތް އެމް.ޑީ.އޭ ގެ ހުރިހާ މެންބަރުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެންވެސް ހަމަވަނީ 42 މެންބަރުންނެވެ. އެހުރިހާ މެންބަރުން ސަރުކާރުގެ އެޖެންޑާއާ އެއްގޮތަށް ކުރިއަށް ދާނޭ ކަމަށް ޖަހާ ހިސާބަކީ ސައްތައިންސައްތަ ރަނގަޅު ހިސާބަކަށް ވެދާނޭކަމާމެދުވެސް ޝައްކެވެ. އެހެންކަމުން، އިދިކޮޅު މެންބަރުންގެ އެއްބާރުލުން ނެތި މިއަހަރު ރައްޔިތުންގެ މައްޗަށް އެއްވެސް ކަމެއް ލާޒިމުކޮށް، އެއްވެސް ނިންމުމެއް ރައްޔިތުންގެ މަޖިލީހަށް ނިންމޭކަށް ނޯންނާނެއެެވެ.

މިހާތަނަށް ފެނިފައި އޮތީ ސަރުކާރުން ކަމެއް ކުރަން ބޭނުންވެއްޖެނަމަ، ޤާނޫނުގެ އަރިމަތިން ކުރިއަށް އަރައިގެންގޮސް އެކަމެއް ހަމަޖައްސާލާ ތަނެވެ. ރައްޔިތުންގެ މަޖިލިސް ތެރެއިން ކުރިމަތިވެފައި އެވާ ހުރަހަށް ސަރުކާރުން ހޯދާނޭކަމަށް ބެލެވެނީ ޝަރުޢީ ފަރުވާއެކެވެ. އެހެންނަމަވެސް ސަރުކާރުން ހުށަހަޅާ ކޮންމެ ހުށަހެޅުމަކަށް ސުޕްރީމް ކޯޓުން މިއަހަރު އިޖާބަ ދިނުން ވާނީ އެ ކޯޓުގެ ފަނޑިޔާރުންނަށް ނެގޭ ވަރަށް ބޮޑު ހިރާހަކަށެވެ. ބަދަލެއްގެ އަލާމާތް މިއޮތީ ބޯމަތިވެފައެވެ. މިވަގުތު ކައްޗާ ދުއްވުމަކީ ބުއްދިވެރިކަމަކަށް ނުވާނެއެވެ.

މި އާޓިކަލް ބައްލަވާ

ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން

ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު …