ޤާނޫނުގެ މާއްދާތައް ތަރުތީބުކުރުން – ކާކުގެ ޒިންމާއެއް؟

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި އޮންނަނީ ކީކޭތޯ ސުވާލުކޮށްފިނަމަ އެއްބަޔަކު ޖަވާބުދޭނީ އެ މާއްދާގައި އޮންނަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދޭންޖެހޭ ވާހަކަ ކަމަށެވެ. އެއީ ޤާނޫނު ނަންބަރު 4/2013، ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބައްލަވާ ބޭފުޅުން ދެއްވާނޭ ޖަވާބެވެ. އެހެންނަމަވެސް ޤާނޫނު ނަންބަރު 28/2016، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި އޮންނަނީ ޕްރައިމަރީއެއްގައި ވާދަކޮށްފި ކެނޑިޑޭޓަކަށް އެނޫން ހައިސިއްޔަތަކުން އިންތިޚާބެއްގައި ވާދަ ނުކުރެވޭނޭ ވާހަކައެވެ. ދެ ޤާނޫނަކީވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނެވެ. ޤާނޫނު ނަންބަރު 28/2016 ގައި 10 ވަނަ މާއްދާގެ ގޮތުގައި އައު މާއްދާއެއް ހިމަނައި، އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައި އޮންނަނީ މިޤާނޫނުން، ޤާނޫނު ނަންބަރު 4/2013، ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިތުރުކުރި މާއްދާއާ ގުޅިގެން މާއްދާތައް ތަރުތީބުކުރަންވާނޭ ކަމަށެވެ. އެއީ ކޮންފަރާތަކުން އަދާކުރަންޖެހޭ ޒިންމާއެއް ކަމެއް ޤާނޫނު ނުބުނެއެވެ. ޤާނޫނަށް އިސްލާޙް ގެންނައިރު، އެ އޮންނަ މާއްދާއާ ގުޅިގެން ޤާނޫނުތައް ތަރުތީބުކޮށްފައި ހުންނަނީވެސް މަދު ފަހަރެއްގައެވެ.

ޤާނޫނުތައް ޢާންމުކޮށް ފެންނަން ހުންނަނީ ބަންޑާރަނައިބުގެ އޮފީހުން ބަލަހައްޓަވާ ޤާނޫނުތަކުގެ ވެބްސައިޓްގައެވެ. އެ ވެބްސައިޓުގައިވާ ޤާނޫނުތަކަށް ބަލާއިރު، އިސްލާޙަކާ ގުޅިގެން ތަރުތީބުކޮށް ޝާއިޢުކޮށްފައިވާކަމަށް ފެންނަން އޮތީ އެންމެ ޤާނޫނެކެވެ. އެއީ ޤާނޫނު ނަންބަރު 3/2010 ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުއެވެ. އެ ޤާނޫނަށް ޤާނޫނު ނަންބަރު 14/2011، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ފުރަތަމަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ ދަށުން ގެނައި ހުރިހައި އިޞްލާޙްތައް ހިމަނައި، ބަންޑާރަނައިބުގެ އޮފީހުން ވަނީ ވަނީ ޢާންމުކޮށްފައެވެ. އިޞްލާޙްތައް ހިމަނައިގެން ޢާންމުކުރި ޤާނޫނަަށް ދީފައިވާ ޤާނޫނު ނަންބަރަކީވެސް  3/2010 އެވެ. އެއީ އެންމެ ފުރަތަމަ ޢާންމުކުރި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ޤާނޫނު ނަންބަރެވެ. އަލަށް ޢާންމުކުރި “ފުރިހަމަކުރެވިފައިވާ” ޤާނޫނަށް ބެލުމުން ޤާނޫނު ނަންބަރު 14/2011 އިން އެ ޤާނޫނަށް ގެނައި އިޞްލާޙްތަކަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ އިޞްލާޙްތައް ކުރީގެ ޤާނޫނަށް އެއްކޮށް، “ފުރިހަމަކުރެވިފައިވާ” ޤާނޫނެއް ބަންޑާރަނައިބު ނެރުމުން، އިޞްލާޙްކުރާ ޤާނޫނުތަކުގައި އެ އޮންނަ، “އިތުރުކުރި މާއްދާއާ ގުޅިގެން މާއްދާތައް ތަރުތީބުކުރުމުގެ” ޒިންމާ ބަންޑާރަނައިބު ނަންގަވާފައިވާކަމަށް ފެނެއެވެ. އެހެންނަމަވެސް، އެކަން ކުރައްވާފައި އޮތީ އެންމެ ފަހަރަކުއެވެ. ރަސްމީ އެއްވެސް މުއައްސަސާއަކުން އެ މަސައްކަތްކުރަމުން ނުގެންދާތީ ޝަރީޢަތްތަކުގައި އެ މާއްދާތަކުގެ ބޭނުންކުރަންޖެހޭ ފަހަރުތަކުގައި ދެފަރާތުގެ ވަކީލުންނާއި ފަނޑިޔާރު ބައިވެރިވެގެން މާއްދާތަކުގެ ތަރުތީބުގެ ހިސާބު ހަދަންޖެހިފައި އެބަހުއްޓެވެ.

ޤާނޫނު އެކުލަވާލުމުގައިވެސް، ގެންނަ އިސްލާޙްތަކުގެ ސަބަބުން މާއްދާތަކުގެ ތަރުތީބަށް އަރާފާނޭ އޮޅުމަކަށް ރިޢާޔަތްކުރަންޖެހެއެވެ. ޤާނޫނުލްޢުޤޫބާތަކީ ރަނގަޅު މިސާލެކެވެ. އިސްލާޙް ގެންނަންވެއްޖެނަމަ މާއްދާތަކުގެ ތަރުތީބު ނުގެއްލޭނޭ ގޮތަށް އެ ޤާނޫނުގައި ޖާގަދީފައިވެއެވެ.

ޤާނޫނުތަކަށް އިސްލާޙް ގެނައުމުގެ ޤާނޫނުތަކުގައި ޤާނޫނުގެ މާއްދާތައް ތަރުތީބުކުރަންވާނޭކަމަށް ކުރާ އަމުރަކީވެސް ޤާނޫނަކުން ކުރާ އަމުރެކެވެ. ތަރުތީބުކުރުމުގައި އިސްލާޙް ގެނެވުނީ ކޮން ޤާނޫނަކުންކަން އެނގޭ ގޮތަށް ޤާނޫނުތައް ލިޔެވި ޢާންމުކުރެވުމަކީ ޙަވާލާ ދިނުމަށް ފަސޭހަވެގެންދާނޭ ކަމެެކެވެ. އަދި ތާރީޚަށްޓަކައިވެސް ކުރުން މުހިންމު މަސައްކަތެކެވެ.

މި އާޓިކަލް ބައްލަވާ

ހެކި ލިބިދާނޭ ކަމުގެ އުއްމީދުގައި ދަޢުވާކުރުން

ކުރިމިނަލް ކޯޓުގައި ހިންގާ އެ ކޯޓުގެ ނަންބަރު 253/Cr-C/2018 ޤަޟިއްޔާއާ ގުޅިގެން ދައުލަތުން މިއަދު ކުރީ ޔަޤީނުންވެސް ވިހަ ނުވެ …