މަނީ ލޯންޑްެރިންގ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ވަކީލުންގެ ޒިންމާ!

ރާއްޖޭގައި ޤާނޫނީ ވަކީލުންނަކީ ސަނަދު ލިބޭ ތާރީޚުން ފެށިގެން ޤާނޫނުގެ ހުރިހާ ދާއިރާއެއްގެ މާހިރުންނެވެ. ވަކި ދާއިރާއަކަށް ޚާއްސަވެގެން މަސައްކަތްކުރަނީ ވަރަށް މަދު ވަކީލެކެވެ. “ޖިނާއީ، މަދަނީ މައްސަލަތަކުގައި ވަކާލާތުކުރުމާއި، ވަރި ކައިވެނީގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެގްރީމެންޓް ހަދައިދިނުމުގެ މަސައްކަތް” ކޮށްދޭކަމަށް އެކި ވެބްސައިޓުތަކުގައި އިޝްތިހާރުކޮށްފައި ހުރެއެވެ. ބައެއް ވަކީލުންގެ ޚިދުމަތް “ރިލޯޑް އަދި ރާސްޓަސް” ކޮށްދިނުމާ ހަމައަށްވެސް ފުޅާކުރެވިފައިވާތީ ފެނެއެވެ.

ޤާނޫނީ ވަކީލުކަމުގެ މަސައްކަތަކީ މުޖުތަމަޢުގެ ޢާންމު ގިންތިއަށްވުރެ އުހުގައި ބޭއްވޭ، ޝަރަފުވެރި މަސައްކަތެއްކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ. ވަކީލެއްގެ އަގު ވެއްޓޭއިރު އެހާ ބާރަށް ވެއްޓި ޖެހޭ ގޮތް އެވަނީވެސް އެ މަސައްކަތުގެ ޝަރަފުގެ އުސްކަމުންނެވެ. ވަކީލުންގެ ޒިންމާ އަދާކުރުމުގައި ޚާއްސަކޮށް ސަމާލުވާންޖެހެނީ މި ސަބަބަށްޓަކައެވެ. އަޅުގަނޑު ދަންނަ ވަރަށް ގިނަ ވަކީލުންގެ މަސައްކަތުގެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަ ގޮތަށް ބަލާއިރު ސުރުޚީގައި ބުނެވުނު ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އޮތްކަމާއި، އެ ޒިންމާ އަދާނުކުރުމަކީ ކުށެއްކަން ބައެއް ވަކީލުންނަށް އެނގޭކަމާމެދުވެސް ޝައްކެވެ.

ކުންފުނި ޕާޓްނަރޝިޕް ފަދަ ޤާނޫނީ ޝަޚުސުތައް ރަޖިސްޓްރީކޮށްދިނުމާއި، ބިމާއި، މުދާ ވިއްކުމުގެ މުޢާމަލާތުތަކުގެ ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްދިނުމަކީ ޤާނޫނީ ވަކީލުން ޢާންމުކޮށް ފޯރުކޮށްދޭ ޚިދުމަތެކެވެ. މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގިނަ ފަހަރަށް މުޢާމަލާތް ފުރިހަމަވުމުން ވަކީލުންގެ ދައުރު ނިމުނީއެވެ. އެހެންނަމަވެސް، ޤާނޫނު ނަންބަރު 10/2014، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެފަދަ މުޢާމަލާތްތަކުގެ ތާރީޚުން ފެށިގެން 5 އަަހަރު ދުވަހުގެ މުއްދަތަށް އެ މުޢާމަލާތްތަކުގެ ރެކޯޑު ބެލެހެއްޓުމަކީވެސް ޤާނޫނީ ވަކީލުން އަދާކުރަންޖެހޭ ޒިންމާއެކެވެ. މިގޮތުން ބަލަހައްޓަންޖެހޭ ލިޔުންތަކުގެ ތެރޭގައި، މުޢާމަލާތުގައި ހިމެނޭ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތާއި، މުޢާމަލާތް ހިންގި ގޮތް ދެނެގަތުމަށްޓަކައި ބޭނުންވާނޭ ލިޔުންތައް ހިމެނެއެވެ. އެފަދަ ލިޔެކިޔުންތަކަކީ އެ ޤާނޫނުގެ ދަށުން އުފައްދާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އެދިއްޖެނަމަ އެ ޔުނިޓަށް ފޯރުކޮށްދިނުން ލާޒިމު ލިޔުންތަކެކެވެ. ޤާނޫނުގައި ލާޒިމުކޮށްފައިވާ މި ރެކޯޑުތައް ނުބެލެހެއްޓުމަކީ 500,000.00ރ. (ފަސްލައްކަ ރުފިޔާ) އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރެވިދާނޭ ސަބަބެކެވެ.

އެ ޤާނޫނު އެކުލަވާލާފައިވާ ގޮތަށް ބަލާނަމަ، ޤާނޫނުގައި ރެކޯޑު ކުރަން ޖެހޭކަމަށް ކަނޑައަޅާފައިހުރި ޚިދުމަތްތައް ދެވޭނީ އޮފީހެެއް ހުރެގެން، އަދި ރެކޯޑު ބެލެހެއްޓޭނޭފަދަ ގޮތަކަށް މަސައްކަތްކުރާ ވަކީލުންނަށެވެ. އެހެންނަމަވެސް އެކަން މޮނިޓަރ ކުރާނޭ އިދާރާއެއް ނެތެވެ.

ރާއްޖޭގައި ޤާނޫނީ ވަކީލުންގެ ޚިދުމަތްދޭ ގޮތަށް ބަދަލު އަންނަންޖެހެއެވެ. ޚިދުމަތުގެ އަގު އަދި ފަންވަރު ކޮންޓްރޯލްކުރެވޭނީ މޮނިޓަރ ކުރެވޭނޭ ނިޒާމެއް އޮވެގެންނެވެ. އެކަހަލަ ކަންކަމުގައި ޤާނޫނީ ވަކީލުންގެ ބެލެނެވެރިފަރާތެއް ނެތެވެ. މަނީ ލޯންޑްެރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ފަދަ ޤާނޫނުތަކުގެ ދަށުން މަތިކުރާ ޒިންމާތައް އަދާކުރެވޭނީ އެފަދަ މާޙައުލެއް ޤާއިމުކުރެވި، ޚިދުމަތުގެ ވައްޓަފާޅިއާއި ޘަޤާފަތުވެސް ބަދަލުކުރެވިގެންނެވެ. “އުޞޫލެއް ނެތުމަކީވެސް އުޞޫލެއް” ކަމުގައި ޤަބޫލުކުރުން ނިމުމަކަށް ގެނެސް، އުޞޫލަކަށް އެއްބަސްވެ ތަންފީޛްކުރަން އެބަޖެހެއެވެ.

މި އާޓިކަލް ބައްލަވާ

ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ހަދިޔާ

ރައީސް ޔާމީން ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް އެހީތެރިވެދޭ ހެޔޮ ރަނގަޅު ރަޙުމަތްތެރިން ތިބި …