ރޭޕް ކުރެވުނު ކުއްޖާއަށް 100 އެތިފަހަރުން ޒިނޭގެ ޙައްދު

ދުވަސްވަރަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އުފެދުމުގެ ކުރިން، ސުމުއްވުލްޢަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތެއް އެކަށައަޅުއްވައި ތަންފީޛްކުރައްވަމުން ގެންދެވި ދުވަސްވަރެވެ. މުޙައްމަދު ޢަމީން ގެންދެވީ ރާއްޖޭގެ އެކި ރަށްތަކުން އަންހެން ކުދިން މާލެ ގެންނަވައި،  އެކުދިންނަށް ތަޢުލީމު އުނގަންނަވައި ދެއްވަމުންނެވެ. އެމަނިކުފާނު މިކަން ކުރެއްވުމުގެ ނިޔަތާމެދު ތާރީޚީ ބައެއް ލިޔުންތެރިން ސުވާލު އުފައްދަވާފައި އެބަހުއްޓެވެ. މުޙައްމަދު ޢަމީންއަކީ އަންހެން ކުދިންގެ ތަޢުލީމުގެ ބާނީކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމާމެދުވެސް ސުވާލު އުފައްދާފައި އެބަހުއްޓެވެ. ޢަބްދުލް ޙަކީމް ޙުސައިން މަނިކު “އިއްޔެ” މަޖައްލާގައި ލިޔުއްވާފައިވާ ގޮތުން “އަންހެން ކުދިންގެ ތައުލީމުގެ ބާނީއަކީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެނގެފާނެވެ. މަދަރުސަތުއްޞަނިއްޔާގެ އަންހެން ގޮތްޕަށް އަމީނިއްޔާގެ ނަން ދެއްވީވެސް ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެނގެފާނެވެ.” ޢަބްދުލް ޙަކީމް ޙުސައިން މަނިކުގެ ބަހުންނަމަ، އަންހެނުން ކުރިއެރުވުމުގެ ނަމުގައި މުހައްމަދު ޢަމީން ކުރެއްވީ އެެހެން ކަމެކެވެ. އެއީ އެހެން ވާހަކައެކެވެ.

ސަރުކާރުގެ ފަރާތުން ފެއްޓެވި ޕްރޮގްރާމެއްގެ ދަށުން، އެކި ރަށްރަށުން ހޮވާލެވުނު ކުދިން މާލެއަށް ގެންނަވައި، އެކުދިން މާލޭގެ ބައެއް ގޭގޭގައި ބައިތިއްބަވައިގެން، މާލޭގައި އެއިރު ހުރި މަދަރުސާތަކަށް ފޮނުއްވަމުން ގެންދެވިއެވެ. ރޭވިފައި އޮތީ އެ ކުދިންނަށް ލިބޭ ތަޢުލީމު ރަށްތަކުގައި ފެތުރުމެވެ. މާލޭގައި މިގޮތަށް ކިޔަވަން އަންނަ ފިރހެން ކުދިން ބައިތިއްބެވުމަށްޓަކައި އުފެއްދެވި ދާރުލްއިޤާމާ އަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބައެކެވެ.

މި ލިޔުމުގައި އަލި އަޅުވާލަން މިއުޅޭ ޝަރީޢަތް ބޭއްވުނީ 28 ޖުލައި 1952 ގައި ނާދީ ތަމައްދުންގައެވެ. ރާއްޖޭގައި ޢާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވުނު ފުރަތަމަ ޝަރީޢަތެވެ. ޝަރީޢަތުގައި ދަޢުވާ އުފުލިފައިވަނީ ރާއްޖޭގެ ރަށަކުން މާލެ ގެނެވުނު ކުއްޖެއްކަމަށްވާ ހަރީރާ މޫސާގެ މައްޗަށެވެ. ދަޢުވާއަކީ ޒިނޭ ކުރުމެވެ.

މި ޝަރީޢަތް ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ސަބަބެއް ކަމަށްވެފައި އޮތީ މާލެއަށް ކިޔަވަން އައިސްތިބި ހަރީރާ ފަދަ އަންހެން ކުދިންނަށް މި ޝަރީޢަތުން ޢިބްރަތެއް ލިބުމެވެ. ޝަރީޢަތުގެ އަޑުއަހަން ތިބި މީހުންގެ ތެރޭގައި، އެންމެ ގިނައިން ތިބީ، ރަށްރަށުން އައިސް ތިބި ޚާއްޞަ ޠާލިބާއިންނެވެ. އެކުދިންގެ ތެރެއިން އެއް ކުއްޖަކަށް ކުރެވުނު ވަރަށް ނުރަނގަޅު ކަމަކުން، އެކުދިންނަށް ޢިބްރަތެއް ޙާޞިލް ކޮށްދެއްވުމަށްޓަކައި، ވަޒީރުއްދާޚިލިއްޔާ އިން އެކުދިން އެއްކުރެއްވީ އެވެ. މި ޝަރީޢަތުގެ އެންމެ ޚާއްސަ ކަމަކަށްވީ ހަރީރާގެ ފަރާތުން ވަކާލާތުކުރެއްވި ދެ ވަކީލުންނެވެ. އެއީ ސުމުއްވުލްޢަމީރު މުޙައްމަދު ޢަމީން ދޮށިމޭނާ ކިލެގެފާނާއި، އޮނަރަބްލް އަލްއުސްތާޛް އިބްރާހީމް ޝިހާބެވެ. މި ދެބޭފުޅުން ހަރީރާގެ ފަރާތުން ވަކާލާތުކުރެއްވީ އަމިއްލަ ޙައިސިއްޔަތުންނެވެ.

އާދައިގެ ގޮތުގެ މަތިން ޝަރީޢަތުގެ މަޖިލިސް ފެށުމަށް ފަހު، އެންމެ ފުރަތަމަ ތެދުވެވަޑައިގަތީ ދައުލަތުގެ ބަންޑާރާނާއިބެވެ. ދައުލަތުން ކުރައްވާ ދަޢުވާ އިއްވެވިއެވެ. ހަރީރާ ޒިނޭކުރިކަމަށް ކުރެވުނު ތުހުމަތަށް އޭނާ އިޢުތިރާފްވެ ތަޙްޤީޤަށް ބަޔާންދީފައިވާކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

ދެން ތެދުވެވަޑައިގަތީ މުޙައްމަދު އަމީން އެވެ. އެންމެ ފުރަތަމަ އޭނާ ތަޢާރަފުކޮށްދެއްވީ ޚުދް އޭނާ އެވެ. އޭނާ ތެދުވެވަޑައިގެން ހުންނެވީ ހަމަ މުޅިން އަމިއްލަފުޅު ޙައިސިއްޔަތަކުންނެވެ. ވަކީލެއްގެ ގޮތުގަ އެވެ.

“ވަކީލު ދެން އެނބުރިވަޑައިގަތީ އެ މަނިކުފާނުގެ ޙަޤީޤީ މައުޟޫޢާ ދިމާއަށެވެ. އޭނާ ވަކާލާތުކުރައްވަމުން ގެންދެވީ ނުހަނު އަސަރާ އެކީގަ އެވެ.”

“ހަރީރާއަކީ ވަޒީރުއްދާޚިލިއްޔާގެ ޚާއްޞަ ބެލުމުގެ ދަށުގައި ހުރި ދިވެހި ޠާލިބާއެކެވެ. ދިވެހިރާއްޖޭގެ މުސްތަޤްބަލްގެ ސަލާމަތެއް ކަމުގައިވާނޭ ކުދީންގެ ތެރެއިން އެކެކެވެ. މިއަދު އޭނާ މިވަނީ ނިހާޔަތުގެ ދަރަޖަ އަށް ކުށްވެރިވެފަ އެވެ. ޒިނޭކުރިކަމަށް އިޢުތިރާފުވެފަ އެވެ. އަސަރުކުރުމުގެ ޙިއްސުން ދިވެހި ހިތްތައް މަޙުރޫމްވެފައި ނުވަނީ ނަމަ، ކޮންމެ ދިވެހި ލޮލަކުން، އެދުވަހު އޮހޮރި އޮހޮރި ހުންނާނީ ލޭކަރުނަ އެވެ. ޙަސީނާ ވަރަށް މަތިވެރި ދަރަޖައަކަށް ކުށްވެރިވެފައިވާ ކަމުގައި އެންމެ ފުރަތަމަ އިޢުތިރާފު ވާނީ އަޅުގަނޑެވެ. އެހެންނަމަވެސް ދަންނަވަންޖެހޭ ވާހަކަތަކެއް އެބަ ހުއްޓެވެ.”

އެ ދުވަހުގެ މަޖިލީހަށް ހެކިވެރީން ޙާޟިރުކުރެއްވުނެވެ. އެންމެ ފުރަތަމައިން ހެކިންގެ ގޮތުގައި ޙާޒިރުކުރެއްވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހަރީރާ މާލޭގައި އިން، ދެ ގޭގެ ވެރިންނެވެ. އެ ދެ މީހުން ހެކިދިނީ ހަރީރާގެ އަޚުލާޤު ރަނގަޅު ކަމުގެ މައްޗަށެވެ. ދެން ވަކީލު ހާމަކުރައްވަމުން ގެންދެވީ އޭނާއަށް ޔަޤީން ވެވަޑައިގަންނަވާ ގޮތުގައި، ހަރީރާއާ މެދު ކަން ހިނގަމުންދިޔަ ގޮތެވެ. ޢަލީ ނަމަކަށް ކިޔުނު މީހަކު ހަރީރާގެ މައްޗަށް އަވަލައިގެން އެތައް ދުވަހެއް ވަންދެން އޭނާ އަތުލައިގަންނަން އުޅުނު ގޮތެވެ. އެ ދެ މީހުން “ތަތްކުރެވޭތޯ” އޭނާ އަށް އެހީވެދިން ދެ އަންހެނުން ކުރި މަސައްކަތެވެ. ވަކީލު ފަހުން ހާޒިރުކުރެއްވި ބައެއް ހެކިންގެ ޢިބާރާތުގައި، ޢަލީ ފެނުނީމައި، ހަރީރާ “ބުޅަލު ބުޑުގައި އުނބުން ޖެހީމާ” ދާހެން، ނުވަތަ “ބުއްރާސް ޖަހާފައި” ދުވުނު ދުވުންތަކެވެ. އަސަރުގަދަ ޢިބާރާތުން އޭނާ ބަޔާންކުރައްވަމުން ގެންދެވީ، އެންމެ ފުރަތަމަ އަލީ އެ ހަރީރާ އަތުލައިގަތް ރޭ، ދެ އެހީތެރިންގެ އެހީއާ އެކު، ހަރީރާ ދަލުގައި ޖެއްސުމަށް ފަހު، އަންހެންކުއްޖާގެ އެދުމާ ދިމާއިދިކޮޅަށް އެކުއްޖާ ނަގައިގަނެގެން ގެންގޮސް، އެނދެއްގެ މައްޗަށް ވައްޓާލައިގެން އެ ފަކީރުގެ ޢިއްފަތްތެރިކަން ގަދަކަމުން ނަގާލި ގޮތެވެ. މިކަމުގެ ސަބަބުން، އޭނާގެ ހަށިގަނޑަށް ލިބުނު ގެއްލުމެވެ. ދެ ފަހަރު މަތިން އޭނާ އަށް ޢަލީގެ ފަރާތުން މި ބިރުވެރިކަމާ ނުރައްކާތެރިކަން ދިމާވި އެވެ. އޭގެ ފަހުން ހަރީރާ އަށް ވެސް “ދީލާލެވުނީ އެވެ.” ހަރީރާ އޭނާގެ ކުށަށް އިޢުތިރާފުވި އެވެ. ކުށަށް އިޢުތިރާފު ވެވަޑައިގަންނަވަމުން، ވަކީލު އަމީން އޭނާއަށް ތަޢުރީފުގެ ޖިޒީއެއް އަދާކުރެއްވި އެވެ. އޭނާގެ ތެދުވެރިކަމުގެ މައްޗަށެވެ. ތެދުތެދަށް ދަންނަވަނީ ނަމަ، އާޚިރުގައި، އޭނާއަށް ހައްދަކާ ކުރިމަތިލާން ޖެހެނީ ވެސް، އޭނާގެ އަމިއްލަ އިޢުތިރާފުން، އެކަން ޤަބޫލުކުރީތީ އެވެ.

މުޙައްމަދު އަމީންގެ ވާހަކަފުޅުގެ ދިފާޢުގައި، އޭނާ އެންމެ ފުރަތަމައިން ފަނޑިޔާރު މަނިކުފާނުގެ އަތްޕުޅަށް ދެއްވީ ޑަކްޓަރުގެ ރިޕޯޓެވެ. އެރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ހަރީރާގެ ރަޙިމުން ކަށަވަރުވަނީ ގަދަބަދަވިކަމުން މީހަކު އޭނާ ރޭޕްކޮށްފައިވާ ކަމެވެ. ޑަކްޓަރަށް އޭނާ ބަލިވެއިން ކަމެއް އަދި ސާބިތެއް ނުވެ އެވެ. އޭނާ ޙައިޟުނުވެ ތިން މަސްދުވަސް ވެފައިވަނީ އޭނާ އަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެ އެވެ. މުޙައްމަދު އަމީން ދެއްކެވި ވާހަކަފުޅުގެ ހެއްކެއް ކަމުގައި، އޭނާ ދެން ހާޒިރުކުރެއްވީ “ހާޖަރާ” ކިޔުނު އަންހެނެކެވެ. އެ ދުވަހުގެ ޖަލްސާ ނިމުނީ ޢަލީ ވެސް އިޢުތިރާފުވުމަށް ފަހުގަ އެވެ. ހަރީރާގެ ނުރުހުމުގައި އޭނާ ރޭޕްކުރި ކަމަށް ބުނެ އެވެ. މުޙައްމަދު އަމީން ވަކަލާތުކުރައްވަމުން ގެންދެވިއިރު، އިބްރާހީމް ޝިހާބު ވެސް އެމަނިކުފާނާ އެހީވެވަޑައިގެންދެއްވި އެވެ. ޝަރީޢަތް ނިމިފައިވަނީ، ކުށްކުރި މީހުން، އެމީހުން ކުރި ކުށަށް އިޢުތިރާފު ވެގެންނެވެ.

ޝަރީޢަތުގެ ނިންމަވާލެއްވުމުގެ ކުރީގައި މުޙައްމަދު އަމީނާއި ފަނޑިޔާރު މަނިކުފާނު އަސަރުގަދަ ޢިބާރާތުން އެއްވެ ތިބި ޠާލިބާއިންނަށް ނަސޭހަތް ދެއްވި އެވެ. މި ޝަރީޢަތުގައި ދިމާވި ފަދަ ނުލަފާ މީހުންގެ ކިބައިން ސަލާމަތް ވުމަށެވެ.

“ދިވެހި އަންހެންކުދިން ދިފާޢު ކުރެއްވުމަށްޓަކައި، ވަރުގަދަ ޢުޤޫބާތެއް ކުށްވެރިންނަށް ދެއްވުން އެދިވަޑައިގެން، ޤާނޫނުލް ޢުޤޫބާތު ކޮމިޓީގެ ރައީސްކަމުގައި ހުންނެވި ފަނޑިޔާރުމަނިކުފާނަށް މުޙައްމަދު އަމީން އިލްތިމާސްކުރެއްވި އެވެ. ކުށްވެރިވީ މީހުންގެ ޢުޤޫބާތު ކަނޑައެޅުނީ، އަނެއް ދުވަހު ފަނޑިޔާރު ގޭގަ އެވެ. މިކަމުގައި ކުށްވެރިވީ އެންމެންނަށް ވެސް އެމީހެއްގެ ކުށާ އެކަށީގެންވާ އަދަބު ދެއްވި އެވެ.”

“އަދި ޒިނޭކުރިކަން ސާބިތުވެފައިވާތީ ހަރީރާ ގައިގައި 100 އެތިފަހަރުން ޒިނޭގެ ހައްދު ޖެހި އެވެ.”

ހަރީރާ ރޭޕްކުރެވުކަން ރޭޕްކުރި މީހާގެ އިޢުތިރާފުން ސާބިތުވެފައިވާއިރު، ހަރީރާ ގައިގައި 100 އެތިފަހަރުން ހައްދު ޖަހަން ޙުކުމްކޮށް ތަންފީޛްކޮށްފައިވަނީ މާލެ ގެނެވުނު ހުރިހާ ދަރިވަރުންގެ ކުރިމަތީގައެވެ. އެ ދަރިވަރުން “ބޮޑަށް ރައްކާތެރިވެގެން ތިބުމަށް” ވަޞިއްޔަތް ކުރައްވަމުން، “ޢިބްރަތްތެރި ފިލާވަޅެއް” ގެ ގޮތުގައެވެ.

މަޢުލޫމާތު

“ކަންކަންހިނގާ 3” 357 – 360 ޞަފްޙާ

“އިއްޔެ” މަޖައްލާ – ޢަބްދުލްޙަކީމް ޙުސައިން މަނިކު

ނަސީމާ މުޙައްމަދު ކަލޭފާނު، ހަވީރު ނޫސް، 28 ޖެނުއަރީ 2012

މި އާޓިކަލް ބައްލަވާ

އެކެފަރަށް ބޯޓު އުރުމާއި، އެންދެރިމާގެ ބަލާފާސްކުރުމުގެ ކޯޓު އަމުރު

ރަސްމީ ލިޔުންތަކުގައި އުފަން ތާރީޚް ލިޔަން މިފެށުނީ ދާދި ފަހަކުންނެވެ. އެ އިންޤިލާބީ ބަދަލަށް އަދި ބައި ގަރުނު ނުވާނެއެވެ. …