އެކެފަރަށް ބޯޓު އުރުމާއި، އެންދެރިމާގެ ބަލާފާސްކުރުމުގެ ކޯޓު އަމުރު

ރަސްމީ ލިޔުންތަކުގައި އުފަން ތާރީޚް ލިޔަން މިފެށުނީ ދާދި ފަހަކުންނެވެ. އެ އިންޤިލާބީ ބަދަލަށް އަދި ބައި ގަރުނު ނުވާނެއެވެ. އޭގެ ކުރިން އުފަން ތާރީޚު ބަލަނީ ބޮޑު ހާދިސާއެއް ހިނގައިދިޔަ ދުވަސްވަރާ ގުޅުވާފައެވެ. މިގޮތަށް އެންމެ ޢާންމުކޮށް ކިޔައި އުޅުނީ “އެކަފަރު” ބޯޓާ ގުޅުވައިގެންނެވެ. މިސާލަކަށް، “އަހަރެން އުފަންވީ އެކަފަރު ބޯޓު އުރުނު އަހަރުގެ ކުރީގެ އަހަރު” ފަދަ ގޮތްގޮތަށެވެ.

އެކަފަރު ބޯޓަކީ ހުވަދު އަތޮޅު މާމުޓާ ކައިރީގައި އޮންނަ “އެކަފަރު” ކިޔާ ފަރަށް އުރުނު “އެމް.އެސް.ތާލަތާ” ކިޔާ ބޯޓެކެވެ. ދިވެހިންގެ މެދުގައި އެ ބޯޓު އެކަފަރު ބޯޓުގެ ނަމުން މަޝްހޫރުވީ އެ ބޯޓު އުރުނު ފަރާ ގުޅުވާފައެވެ. އެ ބޯޓު އުރުނީ 4 ޖުލައި 1948 ގައެވެ. އެދުވަސްވަރަކީ ރަސްމީ ލިޔުންތަކުގައި އުފަން ތާރީޚު ޖަހައި އުޅުނު ދުވަސްވަރަކަށް ނުވާތީ އުފަން ދުވަސް ފަދަ މުހިންމު ދުވަސްތައް ބަލަމުން ގެންދިޔައީ އެކަފަރު ބޯޓާ ގުޅުވައިގެންނެވެ. އެގޮތަށް ހިސާބު ޖެހުމުން މީހާގެ އުމުރު އަންދާޒާ ކޮށްލެވެއެވެ. އެގޮތް ކަމު ނުގޮސްގެން 1950 އާ 1960 ގެ ގިނަ މީހުންގެ އުފަން ދުވަހަކީ 1 ޖެނުއަރީ ކަމުގައި ރަސްމީ ލިޔުންތަކުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

27 ޖެނުއަރީ 2018 ދުވަހުގެ ފަތިހުގެ ފުރަތަމަ ހާލާ ވާދަކޮށް ކުރި ހޯއްދެވީ ކުރިމިނަލް ކޯޓަށް އޭގެ އެއް ދުވަސްކުރިން ޢައްޔަނުކުރެވުނު ފަނޑިޔާރު އަލްއުސްތާޛް ޙުސައިން ޝަހީދެވެ. އެދުވަހުގެ އަލިވިލުނުއިރު އެ ފަނޑިޔާރު އޮތީ ބިސްމި ވިދާޅުވެ، އެކޯޓުގެ ކަރުދާހެއްގައި ދެލި ހިންގާލާފައެވެ. ކުރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުވާކޮށް މިޤައުމަށް ކުރެއްވި ފުރަތަމަ ޚިދުމަތަކަށްވީ މ.އެންދެރިމާގެ ބަލާފާސްކުރުމުގެ އަމުރު ނެރުއްވުމެވެ. އެ އަމުރު ހިފައިގެން ހަލުވި ހިނގުމުގައި ފުލުހުން އެންދެރިމާގެއަށް އައިއިރު އެތަނުގައި އަޅުގަނޑުވެސް ހުރީމެވެ. ބަލާފާސްކުރަން އައިސްތިބި ފުލުހުން ކަމަށް ބުނެ، ޚިދުމަތުގެ ކާޑު ދެއްކުމުން ކޯޓު އަމުރު އޮތްތޯ އަޅުގަނޑު ސުވާލުކުރީމެވެ. ފަޚުރުވެރި ހިނިތުންވުމަކާއެކު ފުލުހުންގެ ޓީމުގެ އިސް އޮފިސަރު ޖީބުން ނަގާ އެދިއްކޮށްލީ ކޯޓުގެ އަމުރެކެވެ.

މި މައުޟޫޢުގައި އިތުރަށް ކުރިއަށް ދިއުމުގެ ކުރިން ސާފުވެފައި އޮންނަންޖެހޭ ދެތިން ނުކުތާއެއް އެބައޮތެވެ. ފުރަތަމަ ނުކުތާއަކީ މީހުންގެ ގޮވަތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަންކަމާއި، އެތަނުގައި ދިރިއުޅޭ ބައެއްގެ ރުހުންނެތި، ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަ ލިބިގެންމެނުވީ ހަމަ އެއްވެސް މީހަކު އެއިން ތަނަކަށް ވަދެގެން ނުވާނޭކަމަށް ޤާނޫނުއަސާސީގައި އޮންނަކަމެވެ. ދެވަނަ ނުކުތާއަކީ ޖިނާއީ މައްސަލައެއްގައި ކޯޓު އަމުރު ނެރުމާ ގުޅޭގޮތުން ޢަމަލުކުރާނޭ އުޞޫލުތައް ބަޔާންކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިކަމާއި، ބަލާ ފާސްކުރަން ހުއްދަދޭ ތަނަކީ ނުވަތަ ތަންތަނަކީ ކޮބައިކަން ކޯޓުން ނެރޭ އަމުރުގައި ބަޔާންކޮށްފައި އޮންނަންވާނޭކަމަށް އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރު ލާޒިމުކުރާކަމެވެ. މި ދެނުކުތާގެ އަލީގައި ކުރިއަށް ހިންގަވާށެވެ.

މ.އެންދެރިމާގެ ބަލާފާސްކުރުމުގެ އަމުރުގައި، ބަލާފާސްކުރަން ހުއްދަދޭ ތަނެއްގެ ގޮތުގައި އޮތީ “މ.އެންދެރިމާގޭގައި ފާރިސް މައުމޫން އާއި ގުޅުންހުރި ތަންތަން” މިހެންނެވެ. އަޅުގަނޑު ހިތަށް ވަގުތުން ވަނީ އެކަފަރު ބޯޓުގެ ވާހަކައެވެ. ބަލާފާސްކުރަންޖެހޭ ތަނަކީ ކޮބައިކަން ކޯޓު އަމުރުގައި ބަޔާންކޮށްފައި އޮންނަންވާނޭކަމަށް ޤާނޫނުގައި ބަޔާންކުރާއިރު “ފާރިސް މައުމޫންއާ ގުޅުންހުރި ތަންތަން” ކަމަށް ބަޔާންކުރުމުން އެއީ އެކަފަރު ބޯޓު އުރުނު އަހަރުގެ ކުރީ އަހަރު އުފަންވުން ކަހަލަ ކަމެކެވެ. އެއީ ކޮން ތާރީޚެއްކަމެއް އެނގޭނޭ ގޮތެއް ނޯންނާނެއެވެ. ހަމަ އެ ބީދައިން، އެންދެރިމާގޭގައި ފާރިސް މައުމޫނާ ގުޅުންހުރީ ކޮންތަނެއްކަމެއްވެސް އެނގޭނޭ އިންސާނަކު ނުހުންނާނެއެވެ.

މ.އެންދެރިމާގޭގެ ވެރިފަރާތަކީ ނަސްރީނާ އިބްރާހީމްއެވެ. އެގޭގައި ދިރިއުޅުއްވަނީ ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްއާއި، އެމަނިކުފާނުގެ ޢާއިލާއެވެ. އެކި ފަންގިފިލާތަކުގައި އެ ޢާއިލާގެ އެކި ބޭފުޅުން ދިރިއުޅުއްވާއިރު، ފާރިސް މައުމޫން ދިރިއުޅުއްވަނީ މާ ދުރުގައި ހުންނަ އެހެން ގެއެއްގައެވެ. މ.އެންދެރިމާގޭގައި ފާރިސް މައުމޫނާ ގުޅުންހުރި ތަނެއް ނުހުންނާނޭކަމަށް އެގޭގައި ދިރިއުޅުއްވާ ބޭފުޅުން ފުލުހުންނަށް ސާފުކޮށްދެއްވިއެވެ. އެހެންނަމަވެސް، ފުލުހުންގެ ޓީމުގެ ވެރިޔާ ވަރަށް ސާބިތުކަމާއެކު އެންގެވީ ރައީސް މައުމޫނު ދިރިއުޅުއްވާ ކޮޓަރިކޮޅާ ފާރިސް މައުމޫނުއާ ގުޅުން އެބަހުރި ކަމަށާއި، އެ ކޮޓަރިކޮޅު ބަލާފާސްކުރަން ބޭނުންވާ ކަމަށެވެ. އެއީ ކިހިނެއް ޖެއްސެވި ހިސާބަކުން ކޮން ގޮތަކަށް ހޯއްދެވި ހޯއްދެވުމެއްތޯ ތަކުރާރުކޮށް ސުވާލުކުރުމުން ޖަވާބަކަށްވީ “އަޅުގަނޑު ދެން އެހެން މި ނިންމީ” ކަމުގައެވެ.

ޖިނާއީ މައްސަލައަކާ ގުޅިގެން ކޯޓުން ބަލާފާސްކުރުމުގެ އަމުރު ދޭއިރު، ބަލާފާސްކުރުމުގެ ހުއްދަދޭ ތަންތަން ކަނޑައެޅިގެން އަމުރުގައި ބަޔާންކޮށްފައި އޮންނަންޖެހެއެވެ. އެހެން ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައެވެ. ޤާނޫނު އެހެން ކަނޑައެޅުމުން އެނޫން ގޮތަކަށް ކަނޑައެޅުމުގެ ބާރެއް ފަނޑިޔާރަކަށްވެސް ލިބިގެނެއް ނުވެއެވެ. ބަލާފާސްކުރަން ހުއްދަދޭ ތަންތަން ސާފުކޮށް އަމުރުގައި ބަޔާންކޮށްފައި ނެތި، ކޯޓު އަމުރު ހިފައިގެންދާ އޮފިސަރުގެ ހިތުލަފައަށް އެނިންމުން ނިންމަން ވެއްޖެނަމަ މައްސަލައާ ނުބެހޭ ބައެއްގެ ޒާތީ ދިރިއުޅުމަށް ހުރަސްއެޅި، ގޮވަތި ގެދޮރުގެ ޙުރުމަތް ކަނޑާލެވުމުގެ ފުރުޞަތު އޮންނާނެއެވެ. ޤާނޫނު ހިންގާފަރާތަށް އޮޅިގެން ކުށްވެރިޔަކު ދޫކޮށްލެވުނަސް، ކުށް ނުކުރާ މީހަކަށް އަދަބު ނުދީވޭތޯ ބެލުމަކީ ނަބަވީ އިރުޝާދެކެވެ. އަޅުގަނޑުމެން މާލޯބިކުރާ ހުޅަނގުގެ ޤާނޫނީ ނިޒާމުގެވެސް އަސާސީ ފަލްސަފާއެކެވެ. އެހެން އެކަން އޮތްއިރު، ކުރިމިނަލް ކޯޓުން އެ އަމުރު ނެރުއްވި ފަނޑިޔާރު އެއޮތީ އެ ހުރިހާ ފަލްސަފާއެއް މުގުރާލައި އަމިއްލަ ގޮތެއް ކުރިއަށް ނެރުއްވާފައެވެ. ކުރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އޮތް ކަށަވަރުނުވާ ޢިބާރާތެއްގެ ސަބަބުން މ.އެންދެރިމާގޭގައި ދިރިއުޅޭފަރާތްތަކުގެ ދަންވަރުގެ އަރާމު ނަގާލުމަކީ ކޮށްގެންވާނޭކަމެއް ނޫންކަން ބަލާފާސްކުރަން އައި ފުލުހުންވެސް ޤަބޫލުކުރާނެއެވެ.

ޝައްކެއްވެސް ނެތެވެ. ކުރިމިނަލް ކޯޓުން އިއްޔެ ކޯޓު އަމުރު ނެރުނު ފަނޑިޔާރު އެކަމަށް އަދި ނިކަން އައު ވާނެއެވެ. އާކޮޅުމަތީގައި ހުންނާނީ މުޅިން އެހެން ކަހަލަ ފޯރިއެކެވެ. ނިކަން ތަދުކޮށްލެވޭ ފަހަރުވެސް ދާނެއެވެ. ފަރިތަވީމާ ރަނގަޅުވާނެއެވެ. އެއީ އެކަހަލަ ކަމެކެވެ. ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނު ފަނޑިޔާރަށް ކިތަންމެ ބަޔަކު ފާޑު ކިޔަސް އަޅުގަނޑު އެ ފަނޑިޔާރަށް ފާޑެއް ނުކިޔާނަމެވެ. އެއީ ޢިލްމީ ބޭފުޅެކެވެ. އެކެފަރަށް ބޯޓު އުރުނު ތާރީޚުގެ މިސާލުން ކިރޭނޭ އިތުރު ކޯޓު އަމުރުތައް އެ ފަނޑިޔާރު ނުނެރުއްވާނޭކަމަށް އަޅުގަނޑު މިހުރީ ޔަޤީންކޮށްގެންނެވެ.

މި އާޓިކަލް ބައްލަވާ

ސިޔާސީ ގޮތުން ގޮތް ހުސްވުން – މުޖުތަމަޢުއަށް ނުރައްކަލެއް!

ޤަބޫލުކުރިޔަސް ނުކުރިޔަސް، ދިވެހިރާއްޖޭގެ މި އަނިޔާވެރި ސަރުކާރު ބަލިކުރުމުގައި އިދިކޮޅުފަރާތްތައް ގޮތް ހުސްވެފައިވާ މަންޒަރު އޮތީ ހާމައަށް ފެންނާށެވެ. އިސްލާޙަށް …