ތިޔަ ވިދާޅުވެވުނީ ކަން އޮތްގޮތުގެ ދިމާ އިދިކޮޅެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށް ކަމަށެވެ. އެކަން ތަފްޞީލުކޮށްދީފައިވަނީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައެވެ. އެ މާއްދާގެ (ށ) ގައި އޮންނަނީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމުގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަނުކުރެވޭ ފަރާތްތަކަކީވެސް ޢާންމު އިންސާނުންކަމާއި، އެ ފަނޑިޔާރުންނަށްވެސް ރަނގަޅު ނޫންކަމެއް ކުރެވިދާނޭކަން ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުން އޮތީ ޤަބޫލުކޮށްފައެވެ. އެކަން އެނގެނީ ފަނޑިޔާރަކު ކުރާ ކަމަކީ ފަނޑިޔާރަކު ކުރުން މަނާކަމެއް ކަމުގައިވާނަމަ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަމުގައި ޤާނޫނުއަސާސީގައި ކޮމިޝަންއެއް އުފައްދާފައި އޮތުމުންނެވެ. އެ ކޮމިޝަންއަށް ފެނިއްޖެނަމަ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ހުށަހަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހަށެވެ. ފަނޑިޔާރު މަޤާމުން ވަކިކުރަންވެއްޖެތޯ ނުވަތަ ނޫންތޯ ނިންމާނީ އެ މަޖިލީހުންނެވެ. އެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް މުޅި ޤާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ނެތެވެ.

1998 ގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތެވެ. އެކަން އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމުން އޭރު ފަނޑިޔާރުން ޢައްޔަނުކުރުމާ ވަކިކުރުންވެސް ކުރިއަށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުންނެވެ. އެހެންނަމަވެސް އައު ޤާނޫނުއަސާސީ އެކުލަވާލިއިރު، ފަނޑިޔާރުންނާ ގުޅޭ އެއްވެސް ކަމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ބާރު ނުހިންގޭ ގޮތަށް ޤާނޫނުއަސާސީ ފަރުމާކޮށްފައި އެއޮތީ ހަމަ އެގޮތަށް އެކަން ބާއްވަން ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުން ބޭނުންވެގެންނެވެ. ކުރިން އޮތް ގޮތް ކަމުނުދާތީއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ވެރިކަން ހިންގުމުގެ އެންމެ އިސްފަރާތެވެ. އެ މަޤާމަށް މިހާރު މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި ކަހަލަ މީހަކުވެސް އިންތިޚާބު ވެދާނޭކަމަށް ޤާނޫނުއަސާސީ ހެދި މަޖިލީހުން އޮތީ ވިސްނާފައެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) ލިޔެފައި އެއޮތީ ހަމަ އެމަނިކުފާނަށް ޚާއްސަކޮށްގެންނޭވެސް ހީވެއެވެ. އެމާއްދާގައި އޮންނަނީ “އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނެ” ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޙަޤީޤަތް ދަންނާށެވެ. އަދި ޤަބޫލުވެސް ކުރައްވާށެވެ. ސުޕްރީމް ކޯޓު މަގުން ކައްސާލައިފިކަން ކަނޑައެޅުމާއި، އެކޯޓު ހަމަމަގަށް އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރެއް ނޫނެވެ. އަމުދުން ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް ދަނޑިވަޅެއްގައި އެވާހަކަ އެހެން ވިދާޅުވުމަކީ ސުޕްރީމް ކޯޓަށް ދެއްވި އިންޒާރެކެވެ. އެއީ ފަނޑިޔާރުންނަށް ގޮންޖެއްސެވުމުގެ ޢަމަލެކެވެ.

ސުޕްރީމް ކޯޓަކީ ރައީސުލްޖުމްހޫރިއްޔާއަކަށް އެވަގުތު ހުންނަ މީހަކަށް ޚިދުމަތްކުރަން އޮންނަ ވުޒާރާއެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވުމުން “ހަމަ މަގަށް” އެޅުވޭނީ ސަރުކާރުގެ ވަޒީރުންނާއި ވުޒާރާތަކެވެ. ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަކީ ޤާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތް ބުނެދޭ ޤާނޫނީ މާއްދާގެ ޙުދޫދުން ބޭރުގައި ހިމެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މިފަހަރު އެ ވިދާޅުވެވުނީ ޤާނޫނުއަސާސީއާއި، ޤާނޫނުގައި ކަން އޮތްގޮތުގެ ދިމާ އިދިކޮޅަށެވެ. ސަރުކާރުގެ ޢަމަލެއް، ނުވަތަ ނިންމުމެއް ބަދަލުކުރުމަށް އެންގުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ޤާނޫނުއަސާސީއާ ޚިލާފްވާނަމަ އެ ޚިލާފްވާ މިންވަރު ބާޠިލުކުރުމުގެ ބާރުވެސް އޮތީ ސުޕްރީމް ކޯޓަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ސީދާ އަމުރުކުރެވޭ ގޮތަށް އޮންނަ ސަލާމަތީ ބާރުތަކުންވެސް ކުރާ ކަމެއްގެ ޝަރުޢިއްޔަތު ބަލައި، ނިންމުންތައް ބަދަލުކުރުމަށް އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް އެބައޮތެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާ ހަމަމަގުން ކައްސާލައިފިނަމަ، ޤާނޫނުގެ އިމަށް ރުޖޫޢަވުމަށް އަމުރުކުރުމާއި، އެއާ ގުޅިގެން ކުރަންޖެހޭ އަމުރުތައް ކުރުމުގެ ބާރުވެސް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. އަދި ޤާނޫނުއަސާސީގެ އާޚިރު ބަލަދުވެރިޔަކީ ސުޕްރީމް ކޯޓުކަމަށް އެކޯޓުން ނިންމި ކިތަންމެ ޤަޟިއްޔާއެއްގައި ވަނީ ކަނޑައަޅާފައެވެ.

މިއީ އަޅުގަނޑު ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނޫނެވެ. ޤާނޫނުއަސާސީގައިއާއި، ކޯޓުތަކުގެ އެތައް ނިންމުމެއްގައި ލިޔެފައިވާ ވާހަކަތަކެކެވެ. މިކަން އެނގިވަޑައިގެން ހުންނަވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހަމަ މަގަށް އަޅުވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ އޮހެމުންދާ ކޯރުގެ މިސްރާބު ބަދަލުކުރަން އުޅުންފަދަ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ އެ ދެއްވި އިންޒާރު ތަންފީޛްކުރަން މަސައްކަތްކުރެއްވުމުގެ ކުރިން، ޤާނޫނުގައި ކަން އޮތްގޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަނދާންކޮށްދިނުމަކީ ސުޕްރީމް ކޯޓުން އަދާކުރަންޖެހޭނޭ ޒިންމާއެކެވެ.

މި އާޓިކަލް ބައްލަވާ

އެ އުސޫލުގެ ބޭނުމަކީ ކޮބާ؟

ދައުލަތުން އެކި ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ސަބަބާމެދު ސުވާލުކޮށްލަންވެސް ނުކެރުނު ދުވަސްތަކެއް ވެއަތުވެއްޖެއެވެ. ދިއުޅި އެއްނުވާ ލައްކަ އުސޫލުތަކެއް ދައުލަތުގެ …