ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއި އޭގެ ބޭނުން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ މާނައަކީ ސަރުކާރަކަށް ޢާންމު ގޮތެއްގައި ކުރުން ހުއްދަވެގެން ނުވާ ކަންތައްތަކެއް، ކަނޑައެޅޭ ވަކި މުއްދަތަކަށް ކުރުމުގެ ޤާނޫނީ ހުއްދަ ލިބޭ ފަދަ ޙާލަތެއް އުފެއްދުމެވެ. ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކުރުމުގައިއާއި، އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރަމުން ގެންދާނޭ ގޮތް ވަރަށް ގިނަ ޤައުމުތަކުގައި ވަނީ ޤާނޫނުގައި ތަފްޞީލުކޮށްފައެވެ. އެފަދަ ތަފްސީލު ޤާނޫނެއް ދިވެހިރާއްޖެއަކު ނެތެވެ. އޮތީ ޤާނޫނުއަސާސީގެ 11 ވަނަ ބާބުގައި އޮތް 8 މާއްދާއެކެވެ. އިޚްލާސްތެރި ސަރުކާރެއްނަމަ އެ މިންވަރު ފުދެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވޭނޭ ސަބަބުތައް

ދިވެހިރާއްޖޭގޭ ޤާނޫނުއަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާއަށް ހަމަ ފެނިވަޑައިގަތުމުން ނިންމޭނޭ ނިންމުމެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވޭނީ ކޮން ސަބަބުތަކެއްގެ މައްޗަށް ބިނާކޮށްކަން ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެވޭނޭކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތަކަކީ؛ (1) ޤުދުރަތީ ކާރިޘާއެއް ކުރިމަތިވުމާއި (2) ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވުމާއި، (3) ހަނގުރާމައެއް ކުރިމަތިވުމާއި (4) ޤައުމީ ސަލާމަތަށް ނުރައްކާތެރިވެދާނޭ ފަދަ ކަމެއް ކުރިމަތިވުމާއި، (5) ބޭރުގެ ޙަމަލާއެއް ކުރިމަތިވެދާނޭކަމުގެ ބިރު ހީވުމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަކީ ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިފެހެއްޓިގެންދާ ސަބަބަކަށްވާއިރު، އެ ޙާލަތު އިޢުލާނުކުރަންވާނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތައް އޮތްކަން ހާމަކަން ބޮޑުކޮށް ފެންނަން އޮވެގެންނެވެ.

ބައިނަލްޢަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމުކުރުން

ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގެ (ރ) ނިޔާކުރާ ގޮތުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގައި ދިވެހިރާއްޖެއިން ޢަމަލުކުރުން ލާޒިމު، ބައިނަލްޢަޤުވާމީ ޤާނޫނުތަކަށް ރާއްޖެއިން ތަބާވާންޖެހެއެވެ. ICCPR ނުވަތަ ސިޔާސީ އަދި މަދަނީ ޙައްޤުތަކާބެހޭ ބައިނަލްޢަޤުވާމީ މުއާޙަދާގެ އާޓިކަލް 4 ގައި ބުނެފައިވަނީ ކުއްލި ޙާލަތުގައި، ހިފެހެއްޓޭ ޙައްޤުތަކާއި، ޤާނޫނުތަކަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ސަބަބާއި ބައްދަލު، އަދި އެކަށީގެންވާ ކަންތައްތަކެއްކަން ސަރުކާރުން ކަށަވަރުކުރަންވާނޭ ކަމަށެވެ. ކޯޓުތަކުގެ ނިންމުންތަކުގެ އަލީގައި އެ މާއްދާގެ ތަފްސީލުކޮށް، “ޖެނީވާ ސެންޓަރ ފޮރ ޑިމޮކްރެޓިކް ކޮންޓްރޯލް އޮފް އާރމްޑް ފޯސް” އިން ވަނީ ކަރުދާހެއް އެކުލަވާފައެވެ. ބައިނަލްޢަޤުވާމީ ހަމަތަކަށް ބަލައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގައި ކަށަވަރުކުރަންޖެހޭނޭ ކަންތައްތަކަކީ؛ (1) ކުއްލި ނުރައްކަލުގެ ޙާލަތަކީ ވަގުތީ ކަމެއްކަން. (2) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށް މެދުވެރިވި ސަބަބުތަކަކީ ޙަޤީޤީ ސަބަބުތަކެއްކަން. (3) ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤައުމު އޮތްކަން ޢާންމުކޮށް އިޢުލާނުކުރެވޭކަން. (4) ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅޭ ގޮތުން އަޅަމުންދާ ފިޔަވަޅުތައް ބައިނަލްޢަޤުވާމީ ފަރާތްތަކަށް ހާމަކުރަމުން ގެންދިއުން (5) ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފެހެއްޓޭ ޙައްޤުތަކާއި، ޢަމަލުކުރުން ހުއްޓާލެވޭ ޤާނޫނުތައް، ކުއެްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން މެދުވެރިވި ސަބަބާ ބައްދަލުކަން. (6) ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނީ އެ ޤައުމެއްގެ ޤާނޫނުތަކާ އެއްގޮތަށްކަން. މިއެވެ.

ދިވެހިރާއްޖެއަކީ ICCPR ގެ ބައިވެރިއަކަށްވާތީ، ރާއްޖޭގައި އިޢުލާނުކުރެވޭ ކުއްލި ނުރައްކަލުގެ ޙާލަތު، މަތީގައި ބަޔާންކޮށްފައިވާ ހަމަތަކަށް ފެތެންޖެހެއެވެ. އެހެންނޫންކަމުގައިވާނަމަ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަކީ އެކަމަށް ސަރުކާރުގެ ވެރިން ޖަވާބުދާރީވާންޖެހޭނޭ ކަމެކެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފެހެއްޓޭނީ ކޮން ޙައްޤުތަކެއް؟

ދެން އޮތީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރަކުން ހިފެހެއްޓޭނޭ ޤާނޫނުތަކެވެ. އެ ވާހަކަވެސް ޤާނޫނުއަސާސީގައި އޮތީ ބުނެދީފައެވެ. އެއްވެސް ގޮތަކަށް ނުހިފެހެއްޓޭނޭ ޙައްޤުތަކެއްވެސް ޤާނޫނުއަސާސީގައި ކަނޑައަޅައި ބުނެދީފައިވެއެވެ. ޤަރާރުގެ ޙުދޫދު ބަޔާންކުރަނީ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގައެވެ. ޤާނޫނުއަސާސީގެ 254 ވަނަ މާއްދާގެ ޢިބާރާތުގައި، އެ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމުގެ ޤަރާރެއްގެ ދަށުން މަޙްދޫދުކުރެވޭނީ ހަމައެކަނި “ބައެއް ޙައްޤުތަކާއި ޤާނޫނުތައް” ކަމަށް ބުނެފައިވުމުން، އަސާސީ ޙައްޤުތަކާ ގުޅުމެއްނެތް، ޢަދުލުގެ ނިޒާމުގައި ހިމެނޭ އެހެނިހެން ޤާނޫނުތަކާއި، ޤާނޫނުއަސާސީއިން ދައުލަތުގެ ބާރުތައް އިންތިޒާމުކުރެވިފައިވާ އުޞޫލުތަކާއި ހަމަތައް ބަޔާންކުރާ ޤާނޫނުއަސާސީގެ މާއްދާތައް ހިމެނިގެން ނުވާނޭކަމަށް ދުސްތޫރީ އުޞޫލުތަކުގެ މަތީން ބަލަންޖެހެއެވެ. އެހެނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހިފެހެއްޓޭ ޙައްޤުތަކަކީ އެ ޙާލަތު އިޢުލާނުކުރުމުގެ ސަބަބު ރައްކާތެރިކުރާ ޙައްޤުތަކަށް ވާންވާނެއެވެ. މިސާލަކަށް؛ ޢާންމު ބަލިމަޑުކަމެއް ކުރިމަތިވެފައިވާތީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި ވަނިކޮށް، އެެއްވެ އުޅުމުގެ ޙައްޤުގެ ބޭނުންކުރުމަކީ އެ ބަލިމަޑުކަން އިތުރަށް ފެތުރިދާނޭ ސަބަބެކެވެ. އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު އެ ޙާލަތުގައި ހިފަހައްޓަންޖެހެއެވެ. އެހެންނަމަވެސް އެ ޙާލަތުގައި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ލިބޭ، ޢަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤު ހިފެހެއްޓުމަކީ ޟަރޫރަތެއް އޮތްކަމެއް ނޫނެވެ. އެ ޙައްޤު ހިފަހައްޓައިގެން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން މެދުވެރިވި ސަބަބު ޙިމާޔަތެއް ނުކުރެވެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްގެން ޢަމަލުކުރުން ހުއްޓާލެވެނީ ހަމައެކަނި އަސާސީ ޙައްޤުތަކާއި، ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކަށް އެކަންޏެވެ. އެއީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެކަން އޮތްގޮތެވެ. ޢާންމު އިދާރީ ޤާނޫނުތަކާއި، މަޤާމުތަކަށް ލިބިގެންވާ އިމްތިޔާޒުތަކާއި، ދުސްތޫރީ ބައެއް އުސޫލުތައް ހިފެހެއްޓުމަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައި ހިމެނުން ހުއްދަވެގެންވާނޭ ކަންތައްތަކެއް ނޫނެވެ.

ރާއްޖޭގައި އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަންޖެހޭފަދަ ސަބަބެއް ނެތްކަން ހަމަ ވިސްނުމުން ވިސްނާ ކޮންމެ މީހަކަށް އެނގޭނެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ބައިނަލްޢަޤުވާމީ ހަމަތަކަށްވެސް ކުރި މަލާމާތެކެވެ. އެ ޤަރާރު މަތީގައި ބުނެވުނު ޤާނޫނީ ހަމަތަކުގެ މީޒާނުން ކިރުއްވާށެވެ. އެ ޤަރާރުގައި ޤާނޫނީ އެއްވެސް ސައްޙަކަމެއް ނެތެވެ. ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ ބާޠިލުކުރި ކުރުމަށް އެކަނި ބައްލަވާށެވެ. މުޅި ޤަރާރުގެ މަޤުސަދަކީ ޤާނޫނާ ޚިލާފަށް ފަނޑިޔާރުން ހައްޔަރުކުރުންކަން ސާފުވެއެވެ.

ކުރިންވެސް ބަޔާންކުރެވުނު ފަދައިން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައި ހިމެނޭނީ ހަމައެކަނި އަސާސީ ޙައްޤުތަކާއި، ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކުގެ ވާހަކަ އެކަންޏެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގައި ހިމެނިގެން ނުވާ ކަންކަން ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 99، 100، 101، 113، 145 (ނ)، އަދި 228 ވަނަ މާއްދާވެސް އެ ޤަރާރުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި، 14 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުވެސް ވަނީ ހިމަނާފައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ކުށުގެ ތުހުމަތުކުރެވޭ، އަދި ދަޢުވާ އުފުލޭ މީހުންނަށް ޤާނޫނުއަސާސީގެ ދަށުން ލިބިގެންވާ އަސާސީ ޙައްޤުތައް ތަފްޞީލުކޮށް، އެ ޙައްޤުތައް ލިބިދިނުމުގެ އިޖުރާއަތުތައް ބަޔާންކުރާ ޤާނޫނުކަމަށްވާއިރު، އެ ޤާނޫނަށް ޢަމަލުނުކުރުމުގެ އާޚިރު ނަތީޖާއަކީ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ލިބިދޭ، ހަނިނުކުރެވޭނޭކަމަށް ޤާނޫނުއަސާސީގެ 255 ވަނަ މާއްދާގައި ބަޔާންކުރާ ޙައްޤުތައްވެސް ނިގުޅައިގަތުމެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ބައެއް ޤައުމުތަކާއި، ސަބަބުތައް

އަލަބާމާ، އެމެރިކާ – ސެޕްޓެމްބަރު 9، 2017 ގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނީ “ތޫފާން އިރްމާ” އަށް ތައްޔާރުވުމުގެ ގޮތުންނެވެ.

ފިލިޕިންސް – ވެރިރަށުގައި 2 ބޮމެއް ގޮއްވާލައި، 14 މީހަކު މަރުވުމާ ގުޅިގެން 4 ސެޕްޓެމްބަރު 2016 ގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނު.

ޕެރިސް – ނޮވެމްބަރު 2015 ގެ ޕެރިސް އެޓޭކްއާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނު.

ބަންގްލަދޭޝް – 2007 ވަނަ އަހަރުގެ ޢާންމު އިންތިޚާބާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެ، ޤައުމުގެ އަމަންޢާންމަށް ނުރައްކާވުމުން 11 ޖެނުއަރީ 2007 ގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނު.

ސްރީލަންކާ، އިންޑޮނޭޝިއާމ އަދި ދިވެހިރާއްޖެ؛ 2004 ވަނަ އަހަރު ސުނާމީ ކާރިސާއާ ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނު.

މަތީގައި ބަޔާންކުރެވުނު ޤައުމުތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެވުނީ އެކަށީގެންވާ، އަދި ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެގެންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ސަބަބު ގިނަފަހަރު ހޯދައިގަނެވޭނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު އެ ސަރުކާރަކުން ދެން ޢަމަލުކުރަމުން ގެންދާ ގޮތަކުންނެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތައް ނިގުޅައިގަނެ، ފަނޑިޔާރުންނަށް ލިބޭ އިމްތިޔާޒުތަކަށް އަރައިގަނެ، ފަނޑިޔާރުން ހައްޔަރުކޮށްފައިވާތީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރުގެ ހަމައެކަނި ސަބަބަކީ މިހާރުގެ ސަރުކާރަށް ސިޔާސީ ކޮންޓްރޯލް ނެގުންކަން ސާފުވެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައިވާ ކޮންމެ އަކުރަކަށް ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ ދުވަހު މިކަން މާ ބޮޑަށް ހާމަވާނެއެވެ.

މި އާޓިކަލް ބައްލަވާ

ވެރިކަމުގެ ނިޒާމާމެދު ސިޔާސީންގެ ވިސްނުމަށް އައި ބަދަލު

ވެރިކަމުގެ ނިޒާމެއް އެކަށައެޅުމުގެ ބަހުސް ފެށި، އެއީ ޢާންމު ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއްކަމުގައި ކަނޑައެޅުނީ 7 މެއި 2006 …