ލަފާކުރުންތަކެއް!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގައި މިދިޔައީ ކުރިން ތަސައްވުރުވެސް ކޮށްފައިނުވާ ކަންކަމެވެ. ސުޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ދުވަހު ނެރުނު އަމުރު ތަންފީޛުނުކުރުމަށްޓަކައި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފާނޭކަމަށް އޮތީ ލަފާކުރެވިފައެވެ. އެހެންނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ ހިމަނައި، ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލައި ފަނޑިޔާރުން ހައްޔަރުކުރުންފަދަ ޣައިރު ޤާނޫނީ ކަންތައްތަކެއް ކޮށްފާނޭކަމަށް އިދިކޮޅު ފަރާތްތަކުން ލަފާކޮށްފައި އޮތް ހެނެއް ހިޔެއް ނުވެއެވެ. އެކަން އެހެން ހިނގައިދިއުމުން ‘ނުހިނގާނޭ ކަމެއް ނޯންނާނެ’ ކަމަށް ދެކިގެން ކުރިއަށް ލަފާކުރަންޖެހެއެވެ. ތިރީގައި މިވަނީ ދެން ސަރުކާރުން ކޮށްފާނޭކަމަށް އަޅުގަނޑަށް ފެންނަ ބައެއް ކަންކަމެވެ. މިއީ އެއްގޮތަކަށްވެސް ޤާނޫނީ ގޮތުން ކުރެވިދާނޭ ކަމެއް ކަމަށް ދަންނަވަނީކީއެއް ނޫނެވެ. މިކަންކަމަށް ޤާނޫނު ޖާގައެއް ނުދެއެވެ. އެހެންނަމަވެސް ޤާނޫނުއަސާސީ ކަމުނުދާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވީ ނޫންތޯއެވެ.

މިހާރު ސަރުކާރަށް އެންމެ ބޮޑުވެފައި އޮތް މައްސަލައަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މަޤާމުން ވަކި ކުރުމުގެ މައްސަލައެވެ. ފަނޑިޔާރުންގެ ޤާނޫނު އޮތްގޮތުން އެ ދެ ފަނޑިޔާރުން ޖުޑީޝަލް ސަރވިސް ކޮމިޝަން މެދުވެރިކޮށް އެހެން ކޯޓަކަށް ބަދަލުކުރެވޭކަށްވެސް ނެތެވެ. ޤާނޫނުގެ 21 ވަނަ މާއްދާ ނިޔާކުރާ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް އެހެން ކޯޓަކަށް ބަދަލުކުރެވޭނީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުންނެވެ. ދެން އޮތީ ފަނޑިޔާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފަނޑިޔާރުން މަޤާމުން ވަކިކުރުމެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސް ޔާމީން ގެންގުޅުއްވި ސުޕަރ މެޖޯރިޓީ މިހާރު ގެެއްލިފައިވާތީ މި ނިކަމެތި ސަރުކާރަށް އެކަންވެސް ކުރެވޭކަަށް ނެތެވެ.

ދެން އޮތް ގޮތަކީތޯއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ގައި ނެރުނު އަމުރު ވަނީ އެއް ފަހަރު އިސްލާޙްކޮށް އައު ކޮށްފައެވެ. ދެވަނަ ފަހަރަށްވެސް އެކަން ކުރުވަންވީއެވެ. އެމަގަށް މަސައްކަތް ކުރެވެމުންދާކަމުގެ ލިސާންތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. “ތިޔައީ އަދި މެންބަރުންތޯ ކަށަވަރުވަންދެން މަޖިލީހަށް ނުވަދެ މަޑުކޮށްލަން” ރައީސް ޔާމީންއަށް ވަފާތެރިކަމަށްބުނާ މަޖިލިސް މެންބަރުން ވަނީ އިންޒާރުކޮށްފައެވެ. އެއީ އާދައިގެ ވާހަކައެއްކަމަށް އަޅުގަނޑެއް ނުބަލަމެވެ. އެ އިޝާރާތްކުރައްވަނީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ލައްވައި، އެ އަމުރު މުރާޖަޢާކުރުމަށް ކަމަށް ލަފާކުރެވެއެވެ.

ފަނޑިޔާރުންގެމި ސަރުކާރުން ހިފާފާނޭ އިތުރު މަގެއްވެސް އެބަ އޮތެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރު އިސްލާޙްކޮށް، އެ ޤަރާރުގައި ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ހިމަނައި ޤަރާރަށް އިސްލާޙް ގެންނާނީއެވެ. އޭރުން ފަނޑިޔާރުން ވަކިކުރުމުގައި ޢަމަލުކުރުމަށްވެސް ބަލާނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) އަށެވެ. އެ މާއްދާގައި ބުނަނީ މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ރައްޔިތުންގެ މަޖިލީހުން ކަމެއް ނިންމޭނީ އެ ޖަލްސާއަކަށް ހާޟިރުވެ، ވޯޓުގައި ބައިވެރިވެވޭ މެންބަރުންގެ އަޣުލަބިއްޔަތުންކަމަށެވެ. އެހެންކަމުން، ވަކި ޢަދަދަކަށް ވޯޓު ހަމަވުން ލާޒިމުކުރާ ހުރިހާ މާއްދާއެއްވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައި ހިމަނާލީމާ ބަންޑާރަ ހަސަނަށް މޫދު ހިތަކަށް ލިބުނުހެން ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސް ޔާމީނަށް ޤައުމު ހިތަކަށް ލިބުނީއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤައުމު އޮއްވައި ޤާނޫނުއަސާސީއަށް އެއްވެސް އިސްލާޙެއް ގެނެސްގެން ނުވާނޭކަމަށް ޤާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބަޔާންކުރެއެވެ. ވަކި ގޮތަކަށް ޢަމަލުކުރުން ލާޒިމުކޮށްފައި އޮތް މާއްދާއަކަށް ޢަމަލުކުރުން ހުއްޓާލައި އެ ނޫން ގޮތަކަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީގެ ހަމަތަކަށް ބަދަލު ގެނައުން ކަމަށްވީނަމަވެސް، އެ މާއްދާ އޮތް ޞަފްޙާ އާޒިމާ ޝަކޫރާއި ބަންޑާރަނައިބު އަނިލް ބައްލަވާނޭ ކަމެއް ނެތެވެ. މިއީ ހަމަ އެކަނި ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ޢަމަލުކުރުން ހުއްޓާލުން ކަމާއި، އިސްލާޙްކުރުން ނޫންކަމަށް ޤާނޫނީ ފަތުވާ ދެއްވީމާ ރަނގަޅުވާނެއެވެ. ޤައުމުގައި ތިބި އެތައްހާސް ވަކީލުންގެ ޢިލްމު އެކުވީމާވެސް އެ ދެ ބޭފުޅުންގެ ޢިލްމާ ނުބައްދަލުކަމަށް ސަރުކާރުން ހިންގާކަމަށްބުނާ ޕާޓީގެ ޕާލަމަންޓަރީ ގުރޫޕުން އެއޮތީ ޢާންމުކޮށް އިޢުލާނުކޮށްފައެވެ.

މަތީގައި މި ބަޔާންކުރެވުނީ ސަރުކާރުން ޢަމަލުކުރަމުން ގެންދާ ގޮތަށް ބަލައި ޖަހާފައިވާ އަވަސް ހިސާބުތަކެކެވެ. އެ ޢަމަލުތަކުގައި ޤާނޫނީ ސައްޙަކަމެއް ނެތްކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި، ބައިނަލްޢަޤުވާމީ މުޖުތަމަޢުއަށްވެސް ހަމަ ރަނގަޅަށް އެނގެއެވެ. އެހެން ކަންކުރާތަން ބަލަން ދިވެހި ރައްޔިތުންވެސް އަދި ބައިނަލްޢަޤުވާމީ މުޖުތަމައުވެސް އޮވެދާނޭކަމަށް ބަލައިގެންނުވާނެއެވެ.

މި އާޓިކަލް ބައްލަވާ

އެ އުސޫލުގެ ބޭނުމަކީ ކޮބާ؟

ދައުލަތުން އެކި ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ސަބަބާމެދު ސުވާލުކޮށްލަންވެސް ނުކެރުނު ދުވަސްތަކެއް ވެއަތުވެއްޖެއެވެ. ދިއުޅި އެއްނުވާ ލައްކަ އުސޫލުތަކެއް ދައުލަތުގެ …