އިންސާފުވެރި ޝަރީޢަތަކަށް ޢުއްމީދުކުރުން

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް އިޢުލާނުކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން، ސަރުކާރުން ފަތުރާލި ދަލުގައި ޖެހުނު ކުދި މަސްތައް ދޫކޮށް، ބޮޑެތި މަސްތައް ލާނޭ ޖަގަހަތައް ކަނޑައެޅުމުގެ އިޖުރާއަތުތައް މާރޗް މަހުގެ 20، 21، 22 މި ތިން ދުވަހު ކުރިމިނަލް ކޯޓުގައި ހިންގުނެވެ. މީގެ ތެރެއިން 3 މަޖިލީހެއްގައި ޖުމުލަ 9 ގަޑިއިރު، ކުރިމިނަލް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި އަޅުގަނޑުވެސް ހޭދަކުރީމެވެ. ލައްކަ މަންޒަރެއް ފެނުނެވެ. ޤާނޫނުއަސާސީގެ ހަމަތައް ވީދައި ކުދިކޮށް ކޮށާލަމުން ދިޔައީ އަޅުގަނޑުމެން ކުރިމަތީގައި ބަލަން ތިއްބައެވެ. ތަލިން ކުޅި ހިކެންދެން ދެއްކި ވާހަކަތައް ދުމަށްވެގެން ދިޔައީއެވެ.

މާޗް މަހުގެ 20 ވަނަ ދުވަހު ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމާ މަޖިލީހަށް ކުރިމިނަލް ކޯޓަށް ހާޟިރުވުމަށް އަޅުގަނޑަށް އެންގީ ފުލުހުންނެވެ. ފަނޑިޔާރުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލިފައި އޮތްކަން އަޅުގަނޑަށް އެނގުނީ އެ މަޖިލީހަށް ވަނުމުންނެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫނު ސަސްޕެންޑް ކުރެވިފައި އޮތްނަމަވެސް އެ އިޖުރާއަތުގެ ދަށުން މަޖިލިސް ކުރިއަށް ގެންދިއުމަށް ދައުލަތުން ހުށަހެޅިއެވެ. ފަނޑިޔާރުވެސް އެކަން އެގޮތަށް ނިންމަވައި އިޢުލާނުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަށް ބަދަލެއް ގެނައުމުގެ ހައިސިއްޔަތު، ކުރިމިނަލް ކޯޓުގައި ޝަރީޢަތް ހިންގާ ފަނޑިޔާރަކަށް ލިބޭނޭ ޤާނޫނީ ހަމައެއް ނެތްކަން އެ ނިންމުން ނިންމެވި ފަނޑިޔާރަށް އެނގިވަޑައިނުގެންނެވީ #ފޮތްވިދާޅުނުވާތީ ކަމަށް އަޅުގަނޑުގެ އަޚު ޙުސެއިން ޝަމީމް ވިދާޅުވާނެއެވެ. އަޅުގަނޑު އެވާހަކަ ދަންނަވައި، އެކަން އޮންނަ ގޮތް ފަނޑިޔާރަށް ސާފުކޮށްދީ، އެ އިޖުރޢަތުން ހިންގުމަށް ތަކުރާރުކޮށް އިޢުތިރާޟު ކުރުމުންވެސް ކުރިންވެސް ކަނޑައެޅިފައިވާ ގޮތުގެ މަތީން ޝަރީޢަތުން ތާޢީދުކުރީ ދައުލަތުގެ ވާހަކައަށެވެ. ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވުނެވެ.

އެއީ އެ ސިލްސިލާގެ ފުރަތަމަ އަޑުއެހުމެވެ. އެހާހިސާބުން ދެން ތިއްބެވި ބޭފުޅުންނާމެދުވެސް ޢަމަލުކުރެވޭނީ އެ އުޞޫލުންކަން އަޅުގަނޑުމެންނަށް ކަށަވަރުވިއެވެ. އެހެންނަމަވެސް ކުރިމިނަލް ކޯޓުގެ ބޭރުގައި، ޢަދުލުއިންސާފު ޤާއިމުކުރެވޭ މަންޒަރު ބަލަން ތިއްބެވި ޢާންމު ރައްޔިތުން ތިބީ ޙަޤީޤަތުގައިވެސް ޢުއްމީދެއްގައެވެ. ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ ބަންދާމެދު ކޮންމެ ގޮތަކަށް ނިންމުނު ކަމުގައިވިޔަސް ދެންތިއްބެވި ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމުގައި ތަފާތު ނަތީޖާއެއް ނުކުމެދާނޭކަމަށް ޢާންމު ރައްޔިތުންތިބީ ޢުއްމީދުކޮށްގެންނެވެ. ބަލަން ތިއްބާ، ރައީސް މައުމޫން، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ކުރީގެ ކަމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކުރީއެވެ. އެ ސިލްސިލާގެ އެންމެ ފަހަށް އޮތީ، ރައީސް މަޢުމޫންގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމްގެ ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުމެވެ. އެ އަޑުއެހުމަށްފަހު އަޅުގަނޑަށް ބޭރަށް ނުކުމެވުނުއިރު ދަންވަރު 2 ޖަހަނީއެވެ. އޭރުވެސް ކުރިމިނަލް ކޯޓުގެ ބޭރުގައި ފުދޭވަރަކަށް ގިނަ ޢާންމު ރައްޔިތުން ތިއްބެވެ. އަޅުގަނޑު ފެނުމާއެކު ނަދީމްގެ ބަންދާމެދު ނިންމެވީ ކޮން ގޮތެއްތޯ އެ ހުރިހާ ބޭފުޅުން އެއްފަހަރާ ސުވާލުކުރެއްވިއެވެ. ވާނޭ ވަކި ތަފާތު ގޮތެއް އޮވެދާނޭކަމަށް ޢުއްމީދުކުރި ރައްޔިތުންނާމެދު އަޅުގަނޑަށް ހަމަ ޙަޤީޤަތުގައިވެސް ހަމްދަރުދީވެވުނެވެ. ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި ވާހަކަ އަޅުގަނޑު ދެންނެވުމުން ހައިރާންވި ބޭފުޅުންނާމެދު އަދި މާބޮޑަށް ހަމްދަރުދީ ވެވުނެވެ.

ސިޔާސީ ގިނަ މައްސަލަތަކުގައި ވަކާލާތުކުރުމުގެ ފުރުޞަތު ލިބިފައިވާތީ އަޅުގަނޑުގެ ތަޖުރިބާއަކީ، ސިޔާސީ މައްސަލަތައް ކޯޓުން ނިންމުމުގައި ޤާނޫނުގެ ނުފޫޒަށްވުރެ ބޮޑު އެހެން ނުފޫޒެއް ހިނގަމުންދާކަމެވެ. ކޯޓުތަކުން ޝަރީޢަތް ހިންގަމުން ގެންދަނީ ބަޔަކު މީހުންގެ ލޮލަށް އޮޅުވާލުމުގެ ނިޔަތުގައެވެ. ސިޔާސީ ޝަރީޢަތްތަކުގެ ނިންމުން އޮންނަނީ ކުރިން ކަނޑައެޅިފައެވެ. މަތިން ކަނޑައަޅައި އަންގާފައިވާ އެ ގޮތާ ޚިލާފަށް ޢަމަލުކުރާ ފަނޑިޔާރުން ވަގުތުން މަޤާމުން ދުރު ކުރެވުނުތަން މީގެ ކުރިން ވަނީ ފެނިފައެވެ. ވަކި ފަނޑިޔާރަކާ ސިޔާސީ އެއްވެސް މައްސަލައެއް ޙަވާލުނުކުރާތަންވެސް އެއޮތީ ފެންނާށެވެ.

ޝަރީޢަތްކުރާ ކޮޓަރީގައި މަޖިލިސް ބަލަހައްޓަން ބޮޑު ކޯޓެއް ތުރުކުރައްވައިގެން، ހައިބަތުހުރި ފަނޑިޔާރަކު އިންނެވިކަމުގައިވީނަމަވެސް ޝަރީޢަތް ހިންގަވައި، ނިޔާ ކަނޑައަޅުއްވަނީ ފަނޑިޔާރެއް ނޫނެވެ. ފަނޑިޔާރު ކުރައްވާކަމަކީ ކަނޑައެޅިފައި އޮތް ނިޔާ އިޢުލާނުކުރެއްވުމެވެ. އެކަން ހިނގަނީ އެހެންކަން ބުއްދީގެ އަހުލުވެރިންނަށް ޤަބޫލުކުރެވޭނޭ ސާބިތު ކިތަންމެ ކަމެއް ފާޅުވެގެން ގޮސްފިއެވެ. މިކަންކަމާމެދު ރައްޔިތުން އިތުރަށް ވިސްނައި، ޢަދުލުއިންސާފާމެދު ކުރާ ޢުއްމީދު ޙަޤީޤަތަކަށް ހެދުމަށް އެހެން ގޮތަކަށް މަސައްކަތްކުރުމަށް މިއަދު ވިސްނަންޖެހިއްޖެއެވެ. ދިވެހިރާއްޖެއަށް ހަމަޖެހުމެއް އަންނާނީ ޢަދުލުއިންސާފުގެ ދާއިރާ މުސްތަޤިއްލު ކުރެވިގެންނެވެ. އެފަދަ ދުވަހެއް އައުމާ ހަމައަށް ޝަރީޢަތްތައް އިންސާފުވެރިވެދާނޭކަމަށް ކުރެވޭނޭ ހަމަ އެއްވެސް ޢުއްމީދެއް ނެތެވެ.

މި އާޓިކަލް ބައްލަވާ

ސިޔާސީ ގޮތުން ގޮތް ހުސްވުން – މުޖުތަމަޢުއަށް ނުރައްކަލެއް!

ޤަބޫލުކުރިޔަސް ނުކުރިޔަސް، ދިވެހިރާއްޖޭގެ މި އަނިޔާވެރި ސަރުކާރު ބަލިކުރުމުގައި އިދިކޮޅުފަރާތްތައް ގޮތް ހުސްވެފައިވާ މަންޒަރު އޮތީ ހާމައަށް ފެންނާށެވެ. އިސްލާޙަށް …