ސަންދޯކަށް ޖަހާ ފަހު މޮހޮރު!

ހަނދާނަށް އަންނަނީ ކުރީގެ ރައީސް، އަލްމަރުޙޫމް އިބްރާހީމް ނާސިރު، ވެރިކަމުގެ ޒިންމާތަކުން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވާކަން އަންގަވައި، 16 ޖުލައި 1971 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީފުޅު ނިންމަމުން ވިދާޅުވެފައިވާ އިބާރާތެކެވެ. އިބްރާހީމް ނާސިރު އެ ސިޓީފުޅުގައި ވިދާޅުވެފައި އޮވެއެވެ. “ޝައްކެއް ނެތެވެ. އެއްވެސް މީހަކީ ދުނިޔޭގައި އަބަދު ހުންނާނޭ މީހެއް ނޫނެވެ. އަދި އެއްވެސް މަޤާމަކީ އަބަދު އެކަކަށްޓަކައި ކަނޑައެޅިފައި އޮންނާނޭ މަޤާމެއްވެސް ނޫނެވެ.” މި ބަސްފުޅުގެ ތެދުކަމާމެދު ދެބަސްވެވޭނޭ ޙުއްޖަތެއް ނެތެވެ. އެ ޙަޤީޤަތާ ޚިލާފް އެއްވެސް ކަމެއް، އެތައް މިލިޔަން އަހަރެއްވީ މި ބިންމަތީގައި ހިނގާފައެއްވެސް ނެތެވެ. އެކަންކަމުން ޢިބްރަތް ޙާސިލުކުރުމުގެ ހެޔޮ ބުއްދި ހެއްދެވިފަރާތުން ދެއްވާފައިވާއިރުވެސް “ހިތާމަޔަކީ މިދޭހުން ފެންނަ ޢިބްރަތްތައް ނުވިސްނޭކަމެވެ.”

ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މަޤާމުން ނަގައި އެއްލައި ނުލެވޭނޭ ވަރަށް ޙިމާޔަތްދީފައިތިބި ކިތަންމެ މަޤާމެއް މި ދިވެހިރާއްޖޭގެ މަތީފަޑިން ފެންނާނެއެވެ. އެ މަޤާމުތަކަށް ރައްޔިތުން ދީފައިވާ ޙިމާޔަތުގެ ބޭނުމަކީ ޢަދުލުވެރިކަމާއެކު ޢަމަލުކުރުމުގައި ހުރަހެއް ކުރިމަތިކުރުވާ އަތްތައް ބަނުމެވެ. މަޤާމުގެ ޒިންމާ އަދާކުރުމުގައި މީހަކު ދައްކާ ވާހަކައަކަށް ބޯލަނބައި ކިޔަމަންވާން ނުޖެހުމެވެ. އެފަދަ ބަޔަކު މަޤާމުން ވަކިކުރެވޭނޭ ދަންތުރައެއް ތައްޔާރުކުރާއިރު އެކަން ހުއްޓުވޭނޭ ބާރުވެސް ރައްޔިތުން އޮތީ އެ މަޤާމުތަކަށް ދީފައެެވެ. އެ ޙިމާޔަތުގެ ބޭނުން ރަނގަޅު ވަގުތުގައި ނުކުރެވިއްޖެނަމަ، ނުވަތަ ކުރަން ނޭނގުނުނަމަ އެއީ ހިތާމަހުރި ކަމެކެވެ. އެފަދަ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޢިލްމާއި، ޙިކުމަތްތެރިކަމަށްވެސް އޮތް ހުތުރެކެވެ.

“ފުންސައެއް ދުންއަމެއް” ކިޔާކަށް ނެތީމެވެ. ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ސަރުކާރުން ތައްޔާރުކޮށްފައިވާ ދަންމަޅީގެ ވާހަކައެވެ.

ފުރަތަމަ މަޅިއަކީ އެންޓި-ޑިފެކްޝަން ޤާނޫނެވެ. މޮޅު ނަމެއް ކިޔަސް މިއީ ކީއްކުރަންހެދި ޤާނޫނެއްކަން އަޅުގަނޑަށްވުރެ މާބޮޑަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެނގިވަޑައިގަންނަވާނެއެވެ. އެ ޤާނޫނަށް ޢަމަލުކުރަންޖެހޭކަމަށް ކަނޑައެޅުމުން ކަންވެގެންދާނޭ ގޮތަކީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު މަޤާމުން ވަކިވެ، މަޖިލީހުގެ ޖުމުލަ ޢަދަދު ދަށްވުމެވެ. ނަތީޖާއަކީ ޖުމުލަ މެންބަރުންގެ ނިސްބަތުން ފާސްކުރަންޖެހޭ ވޯޓުތައް ފާސްކުރުމަށް ސަރުކާރަށް ފަހިވުމެވެ. އޭގެ ފަހުން 1 ފެބުރުއަރީ 2018 ގައި ނެރުނު ކޯޓު އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުން އެ މަޤާމުގައި ތިބުމަށް ސަރުކާރުން ފުރުޞަތެއް ނުދޭނެއެވެ. ނުދޭނޭކަން ގައިމެވެ. މިހާތަނަށް ކަންހިނގާފައި އޮތްގޮތް ރަނގަޅަށް ދިރާސާކުރި މީހަކަށް މިބަސް ދޮގެއް ނުކުރެވޭނެއެވެ.

ދެވަނަ މަޅިއަކީ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ޤާނޫނެވެ. ދަށު ކޯޓަކުން ކުރާ ޙުކުމަކުން ފަނޑިޔާރަކު އޭނާގެ މަޤާމުން ވަކިކުރެވެއެވެ. ޤާނޫނުއަސާސީގެ މާއްދާއަކަށް ޢަމަލުނުކުރެވޭނޭކަމަށްވެސް ކަނޑައަޅާފައިވާ މި ޤާނޫނަކީވެސް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު މަޤާމުން ވަކި ނުކުރެވިގެން ހުށަހެޅި އިސްލާޙެއްކަމަށް ސަރުކާރުން އޮތީ އިޢުތިރާފްވެފައެވެ. މި ޤާނޫނުގެ ޝިކާރައަކަށްވާނީ އެ ދެ ފަނޑިޔާރުން އެކަނިކަމަށް ހީކުރާވަރަށްވުރެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުށިޔާރުވާނޭކަމަށް އަޅުގަނޑު ދެކެމެވެ.

އެންޓި ޑިފެކްޝަން ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ޤާނޫނަކީވެސް ޤާނޫނުއަސާސީއާ ޚިލާފް ޤާނޫނެވެ. ޤާނޫނުއަސާސީގައި ވަކި ގޮތްތަކެއް ކަނޑައަޅާފައިހުރި ކަންތައްތަކެއް ޤާނޫނަކުން ބަދަލެއް ނުކުރެވޭނެއެވެ. ވެރިކަން ކުރާ ފަރާތުން ބޭނުންވެއްޖެ ކޮންމެ ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުން ކޮޅެއް ބޭނުންކޮށްގެން ފާސްކުރާ ޤާނޫނަކުން ޤާނޫނުއަސާސީގެ ހަމަތައް ބަދަލުކުރަން ފުރުޞަތު އޮވެގެން ނުވާނެއެވެ.

މި ޤާނޫނުތަކަށް ރައްކާތެރިކަން ދިނުމާއި ނުދިނުން މިހާރު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަތްޕުޅުގައެވެ. ދަށު ކޯޓަކަށް އިއްޔެ ޢައްޔަނުކުރެވުނު ކުއްޖަކު ކުރާ ޙުކުމަކުން، ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރުން އަންގާހާ ގޮތެއް ހަދާނޭ މެންބަރުންގެ ވޯޓަކުން މަޤާމުން ވަކިވާނީތޯ، ނުވަތަ ރައްޔިތުން ދީފައި އޮތް ހިމާޔަތާއި ރައްކާތެރިކަން އެގޮތުގައި ބާއްވާނީތޯ ނިންމާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނެވެ. ޔަޤީންވަނީ އެންމެ ކަމެކެވެ. އެ ދެ ޤާނޫނު ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ނިންމަވައިފިނަމަ އެއީ މަޤާމުގެ ސަންދޯކަށް އަމިއްލަ އަތުން ޖަހާ ފަހު މޮހޮރަށް މެނުވީ ނުވާނެއެވެ. މަޤާމު ގެއްލިގެން ދިއުމަށްފަހު ދެން ކަންހިނގާ ގޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮތީ އޮޅުމެެއް ނާރާނޭހާ ކައިރިން ތަޖުރިބާ ކުރެވިފައެވެ. މިހާތަނަށް ފެނިފައި އޮތީ ދިރިހުއްޓާ ޖަނާޒާ ބާއްވައި ނިންމާލަން މަސައްކަތްކުރާ ތަނެވެ. ވަޅުލާނޭތޯ ކަނޑައަޅާނީވެސް އަދި މާ ފަހުންނެވެ.

—————————————————

“ފުންސައެއް ދުންއަމެއް” (މިހެން ބުނެ އުޅެނީ އަސްލު މައުޟޫޢުއަށް ނުވަދެ، ދުރުދުރުން ވާހަކަ ދައްކައި އުޅުމަށެވެ. ފުންސައަކީ “ސަފުން” އެވެ. “ދުންއަމު” އެއީ “އަމުދުން” އެވެ. މިހެން ބުނެއުޅެނީ ހިތާވާ އަންހެނަކު ކައިރީގައި އެވާހަކަ ބުނަން ނުކެރިގެން ދުރުދުރުން ވާހަކަ ދައްކައި އުޅޭ ވަގުތު ސީދާ މައުޟޫޢުއަށް ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އަޅުގަނޑަށް އެނގިފައިވެއެވެ.  “ފުންސައެއް ދުންއަމެއް ނުކިޔާ ރީތިކޮށް ކުރިމައްޗަށް އަރާ ބުނީމާ ވީނޫންހޭ” ބުނެ އުޅޭނެއެވެ.)

މި އާޓިކަލް ބައްލަވާ

އެ އުސޫލުގެ ބޭނުމަކީ ކޮބާ؟

ދައުލަތުން އެކި ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ސަބަބާމެދު ސުވާލުކޮށްލަންވެސް ނުކެރުނު ދުވަސްތަކެއް ވެއަތުވެއްޖެއެވެ. ދިއުޅި އެއްނުވާ ލައްކަ އުސޫލުތަކެއް ދައުލަތުގެ …