ވަގުތަކީ ބަދަލުވާނޭ އެއްޗެކެވެ.

         ކިތަންމެ ތިމާގެ މަތިވެރިނަން، އަރާ ހުއްޓަސް ދުވަސްކޮޅަކުން،

      …. ކިތަންމެ ނިވާ ތަނެއްގައިވެސް ނަސީބުގެ ބައްތި ނިވިދާނޭ

މި މައުޟޫޢުގައި ހުރި ޅެންތައް ގިނައެވެ. އަޅުގަނޑު މި ނަކަލުކޮށްލީ އެންމެ ބައިތެކެވެ. ވިސްނާންތިބި ބަޔަކަށް މި މިންވަރުން ފުދޭނޭކަމަށް ދެކެމެވެ. ޙާލަތާއި ވަގުތު ބަދަލުވަމުން ދިއުމަކީ އިންސާނިއްޔަތު އެ މައްޗަށް ޢިއްތިފާޤު މައްސަލައެކެވެ. އެއްކަމެއް އަަބަދު އެއްގޮތުގައި ދެމި ނުއޮތުން އެއީ ދުނިޔޭގެ ޤާނޫނެވެ. އޮޅެމުން ނިއުޅެމުން ދިއުމަކީ ދުނިޔޭގެ ހަމައެވެ. ބުއްދިވެރި ބަހެއްގައި އޮވެއެވެ. ދަތި އުނދަގޫ ވަގުތާއި، ކާމިޔާބީއާއި ތަނަވަސްކަމުގެ ވަގުތުގައިވެސް އެނގެންވީ ޙަޤީޤަތަކީ “މިވަގުތަކީވެސް ފާއިތުވެގެންދާނޭ ވަގުތެއްކަމެވެ.”

ދުނިޔެވީ ފަލްސަފާގެ އަގުހުރި މި ދަރެސް ގިނަ ދިވެހިންގެ ހިތްތަކުން ފުހެވިއްޖެއެވެ. ބާރުވެރިކަމުގައި، އަތުނުވާނޭފަދަ ޙިމާޔަތުގައިހުރެ އެހެން މީހުންގެ މައްޗަށް އަނިޔާވެރިވުމާއި، އަނިޔާވެރިވުމަށް ވާގިވެރިވުން އިތުރުވެއްޖެއެވެ. އަދާކުރަމުން ގެންދާ ވަޒީފާގެ ގޮތުން ކުރަންޖެހުނު ކޮންމެ ކަމެއް ޙަލާލު ވެއްޖެއެވެ. ވަޒީފާއަކީ އަނިޔާވެރިކަމަށް ވާގިވެރިވުމުގެ ޙުއްޖަތަކަށްވެސް ވެއްޖެއެވެ.

ކުޑަކުޑަ މިސާލެއް ބައްލަވާށެވެ. ޓެރަރިޒަމް މިލަފުޒު ދިވެހިންގެ ދުލަށް ފަރިތަވީތާ މިވަނީ އަދި ދެތިން އަހަރެވެ. އޭގެ ޙަޤީޤީ މާނަވެސް ވިސްނައިގަނެވުނީ އަދި ކިރިޔާއެވެ. ތަޙުޤީޤުކުރާ ފުލުހުންނާއި، ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާ އުފުލާ ޕްރޮސިކިއުޓަރ ޖެނެރަލްެއާއި، ނިޔާ ކަނޑައަޅާ ކޯޓުތަކުން ވަނީ ޓެރަރިޒަމްގެ މާނަ، ކުރިން ވިސްނިފައި އޮތް ވަރަށްވުރެވެސް މާބޮޑަށްް ތިލަކޮށްދީފައެވެ. އެ ބޭފުޅުންގެ އިސްތިލާޙުގައި ޓެރަރިޒަމްއަކީ މއ.ކާމިނީހުޅަނގުގޭ ޢަބްދުﷲ ޔާމީންއާ، އޭނާގެ ވެރިކަމަށް ނުރުހުމާއި، އެފަދަ ޚިޔާލު ފާޅުކުރުމެވެ. ސާދާ ސާފު މާނަކުރުމެކެވެ. އިތުރު އޮޅުމެއް، ނުވަތަ ރިޢާޔަތްކުރެވެންޖެހޭ އިތުރު ކަމެއްވެސް ނެތެވެ.

މި އިސްތިލާޙުގެ ދަށުން ރައީސް މައުމޫން، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ޙަމީދު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދު، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްޙާމް އަޙްމަދު، މެންބަރު ސިނާން، މެންބަރު ފާރިސް މައުމޫން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުޙުތާޒު މުޙުސިން، ރައީސް ނަޝީދު، ކާނަލް ނާޒިމް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް، މެންބަރު ޢަބްދުﷲ ރިޔާޒް، ރައީސް މައުމޫންގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް، ސިޔާދު ޤާސިމް، މެންބަރު އަޙްމަދު މަޙްލޫފް ފަދަ ބޭފުޅުންނަކީވެސް ޓެރަރިސްޓުންނެވެ. ބުއްދި އޮޅި، ހައިރާންވެގެން ގޮސް އަންތަރީސްވާ ވަރުގެ ވާހަކަތަކެވެ. މި ވާހަކަތައް ދައްކަން ކޯޓަށް ދަނީ، ޝަރީޢަތާ ޤާނޫނުގެ ރޮނގުން، ދަށްވެގެން ފުރަތަމަ ޑިގްރީ ނަންގަވައިގެން، މާތްﷲ ގަންދީ ހުވައެއްކޮށްގެން ތިބ ވަކީލުންނެވެ. ތައުލީމުޔާފުތާއިންނެވެ. ހިތާމަހުއްޓެވެ.!

މީހުންގެ މައްޗަށް ނުޙައްޤު ތުހުމަތުކޮށް ތަޙުޤީޤުތައް ހިންގާ ފުލުހުންނާއި، ޤާނޫނުގައި ކަން އޮތްގޮތް އެނގިތިބެ ނުޙައްޤު ދަޢުވާ އުފުލުމުގައި އެހީތެރިވެ ވާގިވެރިވާ ވަކީލުންނާއި، ނުޙައްޤު ޙުކުމް ކުރާ ޤާޟީން ދަންނާށެވެ. ވަގުތަކީ ބަދަލުވާ އެއްޗެކެވެ. އިއްޔެ ތަޙުޤީޤު ކުރި މީހާގެ މައްޗަށް ތަޙުޤީޤު ކުރެވޭ ތަނާއި، އިއްޔެ ދަޢުވާ އުފުލި މީހާގެ މައްޗަށް ދަޢުވާ އުފުލޭތަނާއި، އިއްޔެ ޙުކުމް ކުރި މީހާގެ މައްޗަށް ޙުކުމް ކުރެވޭތަންވެސް ފެނިއްޖެއެވެ. މިކަމުން އެމީހުންނަށް ޢިބްރަތް ޙާސިލު ނުކުރެވެނީ އެއީ މަންމަނު، ބީރު، ކަނު ބަޔަކަށް ވީމެވެ. އިތުރުކޮށްލާނަމެވެ. ޖާހިލު ބަޔަކަށްވެސް ވީމެވެ.

މއ.ކާމިނީހުޅަނގުގޭ ޢަބްދުﷲ ޔާމީންގެ ވެރިކަމާ ނުހުރޭ ކޮންމެ މީހަކީ ޓެރަރިސްޓެއްކަމަށް ބުނަމުން ފުލުހުންގެ މުއައްސަސާ ދުއްވައިގަންނައިރު ކޮށްފައިވާ ހުވާގެ މަތިން ހަނދާންކުރާށެވެ. ދައުލަތުގެ ނަމުގައި ދަޢުވާއެއް ކޮށްގެން ކޯޓަށް ގޮސް ތުރުތުރުލާ އަޑަކުން، ނުފަރިތަކަމާއެކު އެ ދަޢުވާގެ ދިފާޢުގައި ވާހަކަ ދައްކާ ދައުލަތުގެ ވަކީލުންވެސް ޖެހިލުންވާށެވެ. މިތާކު ޤާނޫނުއަސާސީއާ، ޤާނޫނުގެ ހަމަތަކުން ހިނގާ ކަމެއް ނެތްކަން ސާފުކޮށް އެބަ އެނގެއެވެ. މީހަކާމެދު އަނިޔާވެރިވުމަށް ހިންގޭ އިޖުރާއަތެއްގެ ބައިވެރިޔަކަށްވެ، ބައެއްގެ ބަދުދުޢާއަށް ހުށަހެޅިގަތުމުގެ ބޭނުމެއް ނެތެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބައެއް ވަކީލުންގެ ހުރީ މަތީ މަޤާމުގެ ދަހިވެތިކަމެވެ. ދެން އޮތީ ވަޒީފާގެ ބިރެވެ. ވަޒީފާގެ ބިރަކީ ޙައްލެއް ހޯދިދާނޭ މައްސަލައެކެވެ. ވަޒީފާގަނޑެއް ލިބިދާނެއެވެ. މަޤާމުގެ ދަހިވެތިކަމާއި، އަނިޔާވެރިކަމަށް ވާގިވެރިވުމުގެ ވިސްނުން ގެންގުޅޭ ވަކީލުން އެކަނިކޮށް ބާކީކޮށްފައި، އަނިޔާވެރިކަމުގައި ބައިވެރިނުވުމަށް ކެރިގެން ފިޔަވަޅެއް އަޅާށެވެ. އެހީތެރިވާނޭ އަތްތައް ގިނަގުނައެވެ. އަނިޔާވެރިކަމުގައި ބައިވެރިވެގެން ލިބޭ މަލާމާތާއި، ފުރައްސާރައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރޭ އިންޒާރުގެ ނޫސް ބަޔާނަކުން ހުއްޓުވޭނޭ ކަމެއް ނޫނެވެ. ދަންނަންވީ ޙަޤީޤަތަކީ ވަގުތު ބަދަލުވެގެންދާއިރު، ބައެއްގެ ހިތުގައި ނަފްރަތުގެ ހުޅު ރޯކުރެވިފައި އޮތްނަމަ އެކަމުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނޭކަމެވެ. އެ ހިތްވަރާއި، އެ ފެންވަރު ހުރި މީހަކުވެސް ތިޔަތާކު ނެތެވެ. ވަގުތު އޮއްވާ ޙައްޤުގެ މަގަށް ރުޖޫޢަވުމަށް މި ދެވޭ ދަޢުވަތު ޤަބޫލުކުރައްވާށެވެ. ވަގުތަކީ ބަދަލުވާނެ އެއްޗެކެވެ.!

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …