ސުޕްރީމް ކޯޓުގެ މިހާރު ތިބި ފަނޑިޔާރުން ހައްޔަރުކުރެވިދާނެބާ؟

ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށްވާތީ، އެކޯޓުގެ ފަނޑިޔާރުންނަށް ޤާނޫނުތަކުން ވަނީ ޚާއްސަ ޙިމާޔަތާއި، ރައްކާތެރިކަން ލިބިދީފައެވެ. އޭގެ ބޭނުމަކީ ޢަދުލުއިންސާފު ޤާއިމުކުރުމަށް ކުރާ މަސައްކަތަށް އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވިޔަ ނުދިނުމެވެ. ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ހައްޔަރުކުރުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮތް ޤާނޫނީ ޙިމާޔަތު ގެއްލިއްޖެކަމަށް ޢާންމުންގެ ތެރޭގައި ވާހަކަ ދެކެވެން ފެށިއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގައި ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ ހިމަނައި، ފަނޑިޔާރުންގެ ޤާނޫނުން ލިބިދޭ ޙިމާޔަތު ގެއްލުވާލައިގެން އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު ހައްޔަރުކުރެވުނު ނަމަވެސް މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ހައްޔަރުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެެވެ.

ފަނޑިޔާރުން ހައްޔަރުކުރެވޭ ގޮތް

ފަނޑިޔާރުން ހައްޔަރުކުރެވޭނޭ ގޮތް ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ވަނީ ކަނޑައަޅާފައެވެ. އެ މާއްދަގައި ބަޔާންކުރަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ޙާލަތެއްގައި މެނުވީ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަށްވުރެ މަތީ ކޯޓެއްގެ އަަމުރަކަށްކަމަށެވެ. އެފަދަ އަމުރަކަށް އެކޯޓެއްގައި އެދެންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްއެވެ. ހައްޔަރުކުރަންޖެހެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްނަމަ އެކަމުގެ އިޖުރާއަތު ތަފާތެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެކޯޓުގެ ބާކީތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނެރޭ އަމުރަކުންނެވެ.

މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކުރުމަށް ޤާނޫނުގައި ބުނެދީފައި އޮތް ހަމައެކަނި މަގެވެ. ދެން އޮންނާނޭ ގޮތަކީ ޖިނާއީ ކުށެއް އެވަގުތު ކުރަމުން ގެންދާކަމުގެ މަންޒަރު ދައްކައިގެން ހައްޔަރުކުރުމެވެ. މިއީ ފަސޭހަކަމަކަށް ވެދާނެޔޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އަމުދުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަސައްކަތުގެ ދާއިރާގެ ތެރޭގައި ނެރޭ އަމުރަކާ ގުޅިގެން މިފަދަ ޙާލަތެއް އުފައްދައިގެން ހައްޔަރުކުރުން ވާނީ މުސްތަޙީލު ކަމަކަށެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު

އަސްލެއްގެ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާ ޤަރާރުގައި ފަނޑިޔާރުންގެ ޤާނޫނުގެ މާއްދާއެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ހައްޔަރުކުރުމަށްޓަކައި އެ މާއްދާ ޤަރާރުގައި ހިމެނުމުން ތަންފީޛްކުރަންތިބި ފުލުހުންނާ ސިފައިންނަށް ކޮންމެވެސް ވަރެއްގެ ޤާނޫނީ ޙުއްޖަތެއް އެކަމުން ފެނުނީއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަކީ ސަރުކާރުން ދެވަނަ ފަހަރަށް ކޮށްފާނޭކަމެއްކަމަކަށް ނުފެނެއެވެ. އެއީ ކުރަން ފަސޭހަ ކަމަކަށްވެސް ނުވާނެއެވެ.

ބުނާ ބަޔަކު ބުނެފާނެއެވެ. މި ސަރުކާރުން ކޮށްފައި ނުކުރާނޭ ކަމެއް ނޯންނާނެއެވެ. ހަމަ އަނެއްކާވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފާނެއެވެ. އަދި އެ ޤަރާރުގައި ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާ ހިމަނައި ފަނޑިޔާރުންނަށް ލިބިގެންވާ އިމްތިޔާޒު ގެއްލުވާލަފާނެއެވެ. އެންމެ ރަނގަޅެވެ. އެބަހާ އަޅުގަނޑު އެއްބަހެވެ. އެހެންނަމަވެސް ޤާނޫނުއަސާސީގެ 258 ވަނަ މާއްދާ އޭރުވެސް އޮންނާނީ ސަލާމަތުންނެވެ. އެ މާއްދާ ނިޔާކުރާ ގޮތުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ޤަރާރުގެ ސައްޙަކަމާމެދު ފަހުބަސް ބުނެވޭނީ ސުޕްރީމް ކޯޓަށެވެ. ޤަރާރު އިޢުލާނުކުރާ މިނެޓާ ވިދިގެން އަންނަ މިނެޓުގައިވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭނުންވެއްޖެނަމަ އެ ޤަރާރު ބާޠިލުކޮށްލެވޭނެއެވެ.

ދެން ފަނޑިޔާރުންގެ ގައިގައި އަތްލަންޖެހޭނީ ކަނޑައެޅިގެން ސާފުކޮށް، ޤާނޫނީ އިމުން ބޭރުންނެވެ. އެކަން ކުރަން ސަރުކާރުން ޢަމަލުކުރީމާ ތަންފީޛުކުރަން ދުއްވައިގަންނާނީ މަދު ފުލުހެކެވެ. އެކަން ސަރުކާރަށްވެސް އެނގޭނެއެވެ. ޤާނޫނާ ޚިލާފް އަމުރު ތަންފީޛް ކޮށްކޮށް ފުލުހުން ވަރުބަލި ވެއްޖެއެވެ. އެކަހަލަ އެންމެ އަމުރަކުންވެސް ދެންދާނީ އެތެރެ ކޮއިލު ފަޅައިގެންނެވެ. އެހެންކަމުން ސަރުކާރުން ހިންގާ ބާރުން އެ ރިސްކު ނަގާފާނޭކަމަށް ޤަބޫލުކުރެވޭނޭ ހަމައެއް ނެތެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ހައްޔަރު ނުކުރާނޭ އަނެއް ސަބަބަކީ، އެ ފަނޑިޔާރުން ހައްޔަރުކޮށްފިނަމަ ސުޕްރީމް ކޯޓު ހުއްޓުމަކަށް އައުމެވެ. 1 ފެބުރުއަރީގެ އަމުރުގެ ނެރުމުން 2 ފަނޑިޔާރުން ހައްޔަރުކޮށް، އަނެއް 3 ފަނޑިޔާރުން ސަލާމަތުން ބޭތިއްބީ އެ އަމުރު ބާތިލުކުރުމަށްކަން ސާފުވެއެވެ. އެފަދަ އަމުރަކާ ގުޅިގެން ސުޕްރީމް ކޯޓުގެ މި 3 ފަނޑިޔާރުން ހައްޔަރުކުރާނަމަ އެ އަމުރެއް ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކޮށްދޭނޭ ސުޕްރީމް ކޯޓެއް ވުޖޫދުގައި ނޯންނާނެއެވެ.

އިސްވެ މިބަޔާންކުރެވުނު ހުރިހާ ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުވުމަކީ އޮތް ބިރެއް ނޫންކަން ސާފުވެއެވެ. އެކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. މިހާރު ސުޕްރީމް ކޯޓަށް ހުށަހެޅިފައިހުރި އެއްވެސް މައްސަލައެއްގެ ނިންމުމަކީ ފަނޑިޔާރުން ހައްޔަރުކޮށްފާނޭ ކަމުގެ ބިރު އެ މައްޗަށް ހިނގާނޭ ނިންމުމަކަށް ނުވާނެއެވެ. ހައްޔަރުވެ، އަޚުންނާއެކު ގޮޅީގައި ދުވަސްތަކެއް ވެއަތުކުރަންޖެހިދާނޭ ކަމުގެ ބިރު މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި 3 ފަނޑިޔާރުންނަކަށް ނެތެވެ. ސުޕްރީމް ކޯޓު އޮންނަންވާނީ ނުފޫޒާއި ބިރުން އެއްކިބާވެ، ސާފުކަންމަތީގައެވެ. އެކަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުންތަކުން ހާމަވެގެން މެނުވީ، ރާއްޖެ ހަމަ މަގަށް އެޅުވުމުގެ ޙަޤީޤީ މަސައްކަތް ނުފެށޭނެއެވެ.

މި އާޓިކަލް ބައްލަވާ

ސިޔާސީ ގޮތުން ގޮތް ހުސްވުން – މުޖުތަމަޢުއަށް ނުރައްކަލެއް!

ޤަބޫލުކުރިޔަސް ނުކުރިޔަސް، ދިވެހިރާއްޖޭގެ މި އަނިޔާވެރި ސަރުކާރު ބަލިކުރުމުގައި އިދިކޮޅުފަރާތްތައް ގޮތް ހުސްވެފައިވާ މަންޒަރު އޮތީ ހާމައަށް ފެންނާށެވެ. އިސްލާޙަށް …