ސިޔާސީ ގޮތުން ގޮތް ހުސްވުން – މުޖުތަމަޢުއަށް ނުރައްކަލެއް!

ޤަބޫލުކުރިޔަސް ނުކުރިޔަސް، ދިވެހިރާއްޖޭގެ މި އަނިޔާވެރި ސަރުކާރު ބަލިކުރުމުގައި އިދިކޮޅުފަރާތްތައް ގޮތް ހުސްވެފައިވާ މަންޒަރު އޮތީ ހާމައަށް ފެންނާށެވެ. އިސްލާޙަށް މަސައްކަތެއް ކުރުމަށް ވިސްނި ގިނަ މީހުންނާއި، އެމީހުންނަށް ފަހުން ވާގިވެރިވީ އެންމެންވެސް ތިބީ ޖަލުގައި، ނުވަތަ ރާއްޖޭގެ މާޙައުލާ ދުރުގައެވެ. ރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާތައް އޮތީ ވެރިކަމުގެ ބާރުގެ އުނގަށްވެއްޓި، ރިޝްވަތާ ފަސާދައިގައި، ނުވަތަ ޒާތީ މިނިވަންކަމުގެ ބިރުވެރިކަމުގެ ކަސްތޮޅުގައި ބަނދެވިފައެވެ. އަނިޔާވެރިކަން ހާމައަށް ފެންނައިރުވެސް އެކަމާ އިޢުތިރާޟުކުރުމެއްނެތީ ބިރުވެރިކަން އިންތިހާއަށް އޮތީމައެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިސް ކަމަރު ބަނދެލިއިރަށް އެކަން ހުއްޓުވާލީ ސަލާމަތީ ބާރުތައް ބޭނުންކޮށްގެން މެންބަރުން ހިފައި ހައްޔަރުކޮށްގެން، އަދި މަޖިލިސް ތަޅުއަޅުވައިގެންނެވެ. ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ޣައިރު ދުސްތޫރީ ޢަމަލުތަކަށް ސުޕްރީމް ކޯޓުން އިޢުތިރާޟުކުރުމުން، އެ ކޯޓުގެ ކޮންޓްރޯލް އަލުން ހޯދީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ހިފައި ހައްޔަރުކޮށްގެންނެވެ. އޭގެ ތެރޭގައި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރުގެ ވެރިޔާ ކަމުގައިވާ އުއްތަމަ ފަނޑިޔާރު ހިމެނެއެވެ.

އެ ބޭފުޅުންގެ މައްޗަށް އެ ވަނީ ދައުވާ އުފުލިފައެވެ. ޙުކުމް ކުރާ އިރަށް މަޤާމުން ވަކިވާނެއެވެ. ޤާނޫނީ ގޮތުން ބާއްވަންޖެހޭ އިންތިޚާބު ބޯމަތިވާއިރު ވާދަވެރި ކެންޑިޑޭޓެއްގެ ހިލަމެއްވެސް ނެތެވެ. ރިޔާސީ އިންތިޚާބެއްގެ ފޯރީގެ ބަދަލުގައި ފެންނަނީ މާޔޫސްކަމެވެ. ޖަލަށް ލާ މީހުންގެ ޢަދަދު ކޮންމެ ދުވަހަކު ވަނީ އިތުރެވެ. އަނިޔާވެރިކަން ތަޙައްމަލުކުރާ އާޢިލާތަކުގެ ރުޅިވެރިކަމާއި މާޔޫސްކަންވެސް ދަނީ އިތުރުވަމުންނެވެ. ސަރުކާރުން އެ ކުރާ ކަމަކީ މުއައްސަސާތައް މުށުތެރެއަށްލައިގެން، ހަމަޖެހުމަށް ލޯބިކުރާ ބަޔަކަށް ގޮތް ހުސްކޮށް، ރައްޔިތުން މާޔޫސްކޮށްލުމެވެ. ބިރުވެރިކަން އުފެދެނީ މިހާ ހިސާބުންނެވެ. މިހާރު ސަރުކާރަށް ތާއީދުނުކުރާ ފަރާތްތަކުން ފެންނަ ހަމަހިމޭންކަމާއި، މަޑުމައިތިރިކަމަކީ، މު މުޖުތަމަޢުއަށް އަންނަން އޮތް ތޫފާނެއްގެ ލިސާނަކަށް ވެދާނޭކަމުގެ ބިރުވެރިކަމެވެ.

މުއައްސަސާތައް މެދުވެރިކޮށް އިންސާފު ނުލިބޭ މުޖުތަމަޢުތަކުގައި މީހުން އިންސާފު ހޯދަން މަސައްކަތްކޮށްފައި ހުރިތަން ފެންނަނީ އަމިއްލައަށެވެ. މި ސަރުކާރުން އަނިޔާވެރި ގޮތުގައި ޖަލުގައި ބަންދުކޮށްފައިހުރީ އެކަކު ދެ މީހެއް ނޫނެވެ. ޖަލުގައި ބަންދުކުރުމުގެ އިތުރުން އެހެނިހެން އަނިޔާވެރިކަން ތަޙައްމަލުކޮށް އިންސާފު ނުލިބޭ އާޢިލާތަކާއި، ފަރުދުން ގިނަގުނައެވެ. އެ ފަރާތްތަކުގެ އާޢިލާތަކާއި، އެފަރާތްތަކަށް ތާޢީދުކުރާ މީހުންވެސް ގިނައެވެ. އެފަރާތްތަކުގެ މައްޗަށް ނުޙައްޤުން ދަޢުވާކުރުމުގައި ބައިވެރިވި ފުލުހުންނަކީ ކޮބައިކަމާއި، ޕްރޮސިކިއުޓަރުންނަކީ ކޮބައިކަމާއި، އަދި ޙުކުމް ކުރަންއުޅޭ ފަނޑިޔާރުންނަކީ ކޮބައިކަންވެސް ހުރިހާ ރައްޔިތުންނަށް އެނގެއެވެ. ގޮތްހުސްވެއްޖެކަމަށް ބަލައި އެފަރާތްތަކުގެ އާޢިލާތަކާއި، ތާއީދުކުރާ މީހުން އެ މީހުން ޤަބޫލުކުރާ އިންސާފު ހޯދަން ހިފައިފިނަމަ އަނެއްކާވެސް އިތުރު އާޢިލާތަކެއް ނިކަމެތިވެގެންދާނީއެވެ.

ދިވެހިރާއްޖޭގެ ވެރިކަން މި ހިންގާ މާލެއަކީ ކުޑަކުޑަ ތަނެކެވެ. މިތަނުގެ ޚާއްސަ ކަމަކީ އެންމެނަށްވެސް އެންމެން އެނގުމެވެ. ފައިސާ ކޮޅަކަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަންވެސް ޖެހިލުން ނުވާ އެތައް ބަޔަކު މި މާލޭގައި އެބަ އުޅެއެވެ. ޖަލުގައި އަނިޔާ ލިބެމުންދާ ފަރާތްތަކުގެ އާޢިލާތަކާއި، ތާއީދުކުރާފަރާތްތަކާއި، އަނިޔާވެރިވާ މީހުންވެސް ތިބީ އެފަދަ މީހުންނާއެކީ، މި މުޖުތަމަޢުގައި، މި ކުޑަކުޑަ މާލޭގައެވެ. ނަފުރަތުގެ އަލިފާނުގައި އަނދަމުންދާ ހިތްތަކަށް ބިރުވެރި ޢަމަލެއްގެ ވަސްވާސް ވަންނާނީ ކޮންއިރަކު ކަމެއް ހަމަ އެކަކަށްވެސް ނޭނގޭނެއެވެ. ފެންނާނީ އަނިޔާވެރިކަމުގެ ބަދަލުގައި އަނިޔާވެރިވާތަނެވެ. މިފަދަ ކަމެއް މިހާތަނަށް ހިނގާފައި ނެތުމަކީ އެފަދަ ކަމެއް ނުހިނގާނޭކަމުގެ ދަލީލެއް ނޫނެވެ. އެތައް ޤައުމެއްގެ ތާރީޚުން އޮތީ އެ މަންޒަރު ފެނިފައެވެ. އެފަދަ އަލިފާނެއް މައިތިރިކުރެވޭއިރު، ޤައުމު އަލުން އާރާސްތުނުކުރެެވޭ މިންވަރަށް ހަލާކުވެ، ވެގެންނުވާނޭ އެތައް ކަމެއް އޮންނަނީ ވެފައެވެ. އަނިޔާވެރިކަމަށް އިންސާފު ހޯދުމުގެ ނަމުގައި އަނިޔާވެރިކަމާއި، ބިރުވެރިކަން އޮންނާނީ އާންމުވެފައެވެ. މި ޤައުމުގައި އެ މަންޒަރު ކުރެހިގެން ދިއުމުގެ ކުރިން އިންސާފުވެރި، ސުލްޙަވެރި، އަދި އަވަސް ޙައްލެއް ހޯދުން މަޖުބޫރެވެ.

މި އާޓިކަލް ބައްލަވާ

ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ހަދިޔާ

ރައީސް ޔާމީން ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް އެހީތެރިވެދޭ ހެޔޮ ރަނގަޅު ރަޙުމަތްތެރިން ތިބި …