އެމް.ޑީ.ޕީ. ގެ ރިޔާސީ ޕްރައިމަރީއާމެދު އަޅުގަނޑުގެ ވިސްނުން!

އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ށ) އިން ކޮންމެ ދިވެހިރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. އެއީ ރަށު ކައުންސިލްގެ އިންތިޚާބު ކަމުގައިވީނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކަމުވީނަމަވެސް، އަދި ރިޔާސީ އިންތިޚާބު ކަމުގައިވީނަމަވެސް އެކަން އޮތީ އެހެންނެވެ. އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ ޙައްޤެއް ނިގުޅައި ގަނެވޭނޭ ހަމަވެސް ޤާނޫނުއަސާސީގައި އޮތީ ބުނެދީފައެވެ. ކޮންމެ އިންތިޚާބީ މަޤާމަކަށްމެ ކުރިމަތިލުމުގެ ވަކި ޝަރުޠުތަކެއް ޤާނޫނުއަސާސީ ކަނޑައަޅާފައިވާއިރު، އެ ޝަރުޠު ހަމަނުވާކަމަށް ބަލަންވާނީ އިންސާފުގެ ހަމަތަކުންނެވެ.

ފޯރިއެއް ޖޯޝެއް ނެތި ވަނދު ގޮތަކަށް، “އޮންނާނެތޯ ނޯންނާނެތޯ” ކަށަވަރުނުވާ ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކަށް ރާއްޖެ މިވަނީ މިސްރާބުޖަހާފައެވެ. ބައެއް ޕާޓީތަކުން ޕްރައިމަރީ ބާއްވަނީއެވެ. ބައެއް ޕާޓީތަކުގެ އަސާސީ ޤަވައިދުގައި ނަން ލިޔެފައިވާ ފަރާތްތަކަށް ޓިކެޓު ޔަޤީންވިކަން އިޢުލާނުވެސް ކުރަނީއެވެ. ޖަޒީރާ ރައީސްގެ ނަމުގައި ރިޔާސީ އިންތިޚާބަށް އެމް.ޑީ.ޕީ އިން ފައްކާކުރާ ކެނޑިޑޭޓަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ކޮޅުނބުގައި ހުންނަވައިގެން ސުކައިޕް މެދުވެރިކޮށް އެމަނިކުފާނު  ދޮރުން ދޮރަށް ހިންގަވާއިރު ކޮންމެ ގެއެއްގެ ދޮރުއޮޅި ހުރަސްކޮށް ވަންނަވަނީ ސުވާލުތަކެއްގެ ކުރިމައްޗަށެވެ. މަނިކުފާނަށް ކުރިމަތިލެވޭނެތޯއެވެ.

މި ލިޔުން މި ޚާއްސަކުރަނީ އެމް.ޑީ.ޕީ އިން ބާއްވަންއުޅޭ ރިޔާސީ ޕްރައިމަރީއާމެދު އަޅުގަނޑުގެ ވިސްނުން ޙިއްސާކުރުމަށެވެ. ރައީސް މުޙައްމަދު ނަޝީދު އެ ވިދާޅުވާ ލަވައިގެ ރާގަށް ފައިހަމަ ކުރާނޭތޯ ނޫންތޯ އަޅުގަނޑު ނިންމި ސަބަބުތައް މި ލިޔުމުގައި މިވަނީއެވެ.

ކުރިންވެސް ދެންނެވިފަދައިން، އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެކެވެ. ރިޔާސީ އިންތިޚާބުގައި ކުރިމަތިލުމަށް ބޭނުންވާ ޝަރުޠުތަކުގެ ތެރެއިން ޢުމުރުގެ ޝަރުޠާއި، ސުންނަތް ޖަމާޢަތުގެ މުސްލިމަކަށްވުމުގެ ޝަރުޠާއި، ބުއްދި ސަލާމަތުން ހުރުމުގެ ޝަރުޠު ރައީސް ނަޝީދުގެ ކިބައިގައި ފުރިހަމަވާކަމަށް ފެންނަ ފެނުމަށް ހީވެއެވެ. ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތަކުގެ ތެރެއިން އެމަނިކުފާނުގެ ކިބައިގައި ފުރިހަމަނުވާ ޝަރުޠަކަށް އޮތީ އެ މާއްދާގެ (ޅ) ގައި ބުނާ ޝަރުޠެވެ. އެއީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ޙުކުމެއް ތަންފީޛްކުރަމުން ގެންދާ ފަރާތަކަށްވުމެވެ.

ޤާނޫނުއަސާސީގައި އޮތީ 109 ވަނަ މާއްދާގެ (ޅ) އެއް އެކަންޏެއް ނޫނެވެ. އެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާއި، 42 ވަނަ މާއްދާއަށްވެސް ރިޢާޔަތްކުރެވެންޖެހެއެވެ. ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކުރަނީ ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައެވެ. އަދި 69 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަންލިބޭގޮތަށް ޤާނޫނުއަސާސީ މާނަކޮށްގެން ނުވާނޭކަމަށެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގެ ދަށުން ޤާނޫނުއަސާސީއާ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢަމަލުކުރުމުގެ ޒިންމާ ފަނޑިޔާރުންނަށް މަތިކުރެވިފައި އޮތްއިރު، ޤާނޫނުއަސާސީއާ އެއްގޮތަށް ކަންކުރުމުގައި ވަކިފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި އިންސާފުވެރިވުމަށްވެސް ޤާނޫނުއަސާސީ ވަނީ އަމުރުކޮށްފައެވެ. އަދި އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.

މަތީގައި މި ނަކަލު ކުރެވުނު ދުސްތޫރީ މާއްދާތަކުގެ ޚުލާސާއަކީ، އެއްވެސް މީހެއްގެ އިންތިޚާބީ ޙައްޤު ގެއްލިއްޖެކަމަށް ކަނޑައަޅަންވާނީ އިންސާފުގެ ހަމަތަކުގެ މަތީންކަމެވެ. ރައީސް ނަޝީދުގެ މައްސަލައަށް ބަލާއިރު، ރައީސް ނަޝީދުގެ މައްޗަށް ކުޅަ ޙުކުމަކީ އާދަމުގެ ދަރިން ފަކުރު ގަންނަފަދަ މުޑުދާރު އިޖުރާއަތެއްގެ ތެރެއިން ކުރެވުނު މުޑުދާރު ޙުކުމެކެވެ. ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ޝަރުޠު އުނިވެއްޖެކަމަށް ކަނޑައަޅަންވާނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އިންސާފުވެރި ޝަރީޢަތުގެ ޙައްޤު ލިބިދެވިގެން ކުރާ އިންސާފުވެރި ޙުކުމަކުންނެވެ. އެ ޙުކުމަކީ ވާދަވެރިޔަކަށް ވެދާނޭ މީހަކަށް ލަނޑެއް ދިނުމުގެ މަޤުސަދުގައި ކުރުވާ ޙުކުމަކަށް ވެގެން ނުވާނެއެވެ.

މި ޙާލަތުގައި ރައީސް މުޙައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭނޭކަމަށް ބުނުމަކީ ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ އެ ޙުކުމް ޤަބޫލުކުރާކަމަށް ބުނުމެވެ. 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ޙުކުމެއް އައުމުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތި ނުލެވޭނޭތީ، ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ވާދަކުރަންތިބި އެންމެންގެ މައްޗަށް ޙުކުމް ކުރަމުން ގެންދަނީއެވެ. އެ ޙުކުމް ބަލައި ނުގަންނަކަމަށް އަޅުގަނޑުމެން އެއް އަޑުން ބުނާއިރު، އެ ޙުކުމުގެ ފަހަށް ތަރުތީބުވާ ނަތީޖާއެއްގެ ގޮތުން، އިންތިޚާބުތަކުގައި ވާދަނުކުރެވޭނޭކަމަށް ޤަބޫލުކުރުމަކީ ހަމަޖެހޭ ކަމެއްވެސް ނޫނެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އެމް.ޑީ.ޕީ. އިން ބާއްވާ ރިޔާސީ ޕްރައިމަރީ އަކީ މަދަނީ ބަސްނޭހުމުގެ ޢަމަލެކެވެ. ސަރުކާރުގެ ޢަމަލަކާމެދު ހިތްހަމަ ނުޖެހިއްޖެކަން ފާޅުކުރުމުގެ ގޮތުން، ސަރުކާރުން އަންގާ އެންގުންތަކާ ދިމާ އިދިކޮޅަށް ކަންކުރުމަކީ ތަހުޒީބު މުޖުތަމަޢުތަކުގައި އިޙުތިޖާޖުކުރުމުގައި ބޭނުންކުރާ އުކުޅެކެވެ. އެ ޢަމަލު ވާނީ އޭގެ ޒާތުގައި ކުށަކަށްނުވާ، އެހެނަސް ސަރުކާރަށާއި، ސަރުކާރުގެ ބޭއިންސާފު ނިންމުމަށް ކުރެވޭ ފުރައްސާރައަކަށެވެ.

ރައީސް މުޙައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނޭކަމަށް ސަރުކާރުންނާއި، އިލެކްޝަންސް ކޮމިޝަންއިން ބުނަމުން ގެންދަނިކޮށް އެތައް ހާސް ބަޔަކު ނުކުމެ ތިމަންނާމެންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު ހޮވައިފީމޭ ބުނުމަކީ ސަރުކާރުގެ އެ ބަހަށް ގޮންޖެހުމުގެ ޢަމަލެކެވެ. އެމް.ޑީ.ޕީ ގެ ޕްރައިމަރީގައި، އެ ޕާޓީގެ މެންބަރުން ދޭ ވޯޓު ވެގެންދާނީ، ސަރުކާރުގެ ނުފޫޒުން ކުރާ ޙުކުމްތައް ޤަބޫލުނުކުރާކަމަށް ފާޅުގައި ކުރެވޭ އިޢުލާނަކަށެވެ.

އެމް.ޑީ.ޕީ. ގެ މެންބަރުން ދަޢުވާ ކުރާ ގޮތުން އެ ޕާޓީ އުފެދުނީ، އަދި ދެމި އޮންނަނީވެސް އިންސާފުގެ ހަމަތަކަށް ވަކާލާތުކުރުމަށެވެ. ޕާޓީގެ އެންމެ މަތީ ގުނަވަންތަކުން ފެށިގެން ރަށްރަށުގެ ހޮޅުއަށިތަކާ ހަމައަށްވެސް ފެތުރިފައި އޮތީ އިންސާފުވެރި ރާއްޖެއެއް ހޯދުމަށް މަސައްކަތްކުރާ ކަމުގެ ދަޢުވާއެވެ. އެހެންކަމަށްވާއިރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއެއް ބާއްވާ އެ ޕާޓީގެ އެއް މޭސްތިރި، ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ބޭއިންސާފުން ނިގުޅައިގެންފައިވާ، އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު އަނބުރާ ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ޕާޓީ އުފެދުނު އަސާސް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ ހަރުދަނާ ފިޔަވަޅެއްކަމަށް އަޅުގަނޑަށް ފެނެއެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …