ހެކި ލިބިދާނޭ ކަމުގެ އުއްމީދުގައި ދަޢުވާކުރުން

ކުރިމިނަލް ކޯޓުގައި ހިންގާ އެ ކޯޓުގެ ނަންބަރު 253/Cr-C/2018 ޤަޟިއްޔާއާ ގުޅިގެން ދައުލަތުން މިއަދު ކުރީ ޔަޤީނުންވެސް ވިހަ ނުވެ ނުދާނޭ ސަމާސައެކެވެ. މީހަކު ބަންދުގައި ހުންނަތާ 100 ދުވަސް ވީއިރު، އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާ ބިނާކޮށްފައިވާ މައި ހެކި ދައުލަތަށް އަދި ލިބިފައިނުވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާނީ ސަމާސައަކަށެވެ. އެހެނީ މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމަކީ ޚައްޞާޞް ކަމެއްކަމާއި، އޭގެ ފަހަށް ތަރުތީބުވެގެން ދާނޭ ނަތީޖާތަކަކީ ކޮބައިކަން، ދައުލަތުގެ ނަމުގައި ދަޢުވާކުރާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް މާރަނގަޅަށް އެނގޭނެއެވެ.

މިއީ ދައުލަތުން ޝަރުޢީ ކޯޓެެއްގައި މިކަހަލަ ސަމާސައެއް ކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެކޯޓުގެ 2018 ވަނަ އަހަރުގެ 258 ނަންބަރު ޤަޟިއްޔާގައިވެސް ދައުލަތުން ވަނީ މިކަހަލަ ސަމާސަ ވާހަކައެއް ދައްކާފައެވެ. 6 ބޭފުޅެއްގެ މައްޗަށް ދަޢުވާކުރެވިފައި އޮތް ޓެރަރިޒަމްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅިފައިވަނީ ތަޙުޤީޤު ފުރިހަމަކުރުމެއްނެތި ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެ އެ ދުވަހުވެސް ދައުލަތުން ވަނީ ޖިނާއީ ޢަދުލުގެ ނިޒާމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް ޖޯކުޖަހާފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ “ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ” މިހެންނެވެ. މި މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން މުޅި ޤާނޫނުގެ އެކި މާއްދާތަކުގައި ތަފްސީލުކޮށްދީފައިވެއެވެ. ޤާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަނީ ޖިނާއީ މައްސަލައެއްގެ ދަޢުވާ އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ އެ ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ އެންމެހައި ހެއްކަކާ އެކުގައިކަމުގައެވެ. ޤާނޫނުގެ ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލާއިރު، 77 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ، ޤާނޫނު ތަންފީޛްކުރާ އިދާރާއަކުން ތަޙްޤީޤުކުރާ ޖިނާއީ ކުށެއްގެ ތަޙްޤީޤު ފުރިހަމަކޮށް ނިމުމާއެކު، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ފޮނުވާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކަމުގައެވެ. އެހެންކަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވޭއިރުވެސް، މައްސަލައިގެ ތަޙްޤީޤް އޮންނަންވާނީ ފުރިހަމަވެފައިކަން އެނގެއެވެ.

ދައުލަތުން މިއަދު ކޯޓުގައި ކުރި ސަމާސައިން އެނގުނީ، ދަޢުވާ ރައްދުވާ ފަރާތުގެ މައްޗަށް ދަޢުވާ ބިނާކޮށްފައިވާ މައިގަނޑު ހެކި ދައުލަތަށްވެސް އަދި ފެނިފައިނުވާކަމެވެ. އެއީ ލިޔުމެއްކަން ކޮންމެވެސް ގޮތަކުން ދައުލަތަށް އޮތީ އެނގިފައެވެ. އެހެންނަމަވެސް އެ ލިޔުން އޮތް ތަނަކާއި، އެ ލިޔުން ލިބޭނޭ ދުވަހެއް، ނުވަތަ ލިބޭނޭ ކަމެއްވެސް ދައުލަތަށް ނޭނގެއެވެ. ކުރެވެނީ ޢުއްމީދެކެވެ. މައްސަލައިގެ ކޮންމެވެސް ހިސާބަކުން އެ ބުނާ ހެއްކެއް ލިބިދާނޭ ތޯއްޗެކެވެ.

މިއީ ދައުލަތުން ހުށަހަޅާ ސިއްރު ލިޔުންތަކާމެދު އިތުބާރު ގެއްލިގެންދާނޭ ކަމެކެވެ. ޝަރީޢަތެއްގެ ހުރިހާ ވާޤިއާއެއް ސިއްރު ލިޔުންތަކާއި، ސިއްރު ހެކިތަކުގެ މައްޗަށް ބިނާކުރާއިރު، އެ ހެކިތައް ޙަޤީޤަތުގައި ލިބިފައިނެތްކަންވެސް މި އެނގެނީ މިކަހަލަ މަދު މައްސަލައެއްގައެވެ. މިއީ ކޯޓުގައި ސިއްރު ހެކިތަކާއި ސިއްރު ލިޔުންތަކުގެ މައްޗަށް ބިނާކޮށް ހިންގަމުން ގެންދާ ޤަޟިއްޔާތަކުގެ ޢަދުލުވެރިކަމާމެދު އުފެދޭ ސުވާލެކެވެ.

ކުރިމިނަލް ކޯޓުގެ ނަންބަރު 253/Cr-C/2018 ޤަޟިއްޔާގެ ދަޢުވާލިބޭފަރާތާ ދެކޮޅަށް ހެކި ލިބިފައިނުވާކަމަށް ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ އިޢުތިރާފަކީ، އެ މައްސަލައިގެ ދަޢުވާލިބޭފަރާތް ބަންދުގައި ހުންނަ ހުރުމަށް ވަގުތުން ނިމުން ގެންނަންޖެހޭނޭ ކަމެކެވެ. ބަންދުގައި ބަހައްޓާފައި ހުންނަ އެއް ސަބަބަކީ ހެކި ނައްތާލަފާނޭކަމަށް ބެލެވުން ކަމަށްވާއިރު، އެ ހެކި އަދި ހޯދިފައިވެސް ނުވާކަމަށް ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވުމުން، ބަންދުގައި ބެހެއްޓި ސަބަބު ރަނގަޅު ނޫންކަން ހާމަވީއެވެ. ނުފޫޒު ފޯރާފައި ނެތް ފަނޑިޔާރު ގެއަކުންނަމަ ޢަމަލުކުރަންޖެހޭނޭ ގޮތަކީ މައްސަލައާ ގުޅިގެން ބަންދުގައިހުރިފަރާތް މިނިވަންކޮށް، މައްސަލަ ކުރިއަށް ގެންދާނޭ ތަނެއް ނެތްކަމަށް ކަނޑައެޅުމެވެ. ދައުލަތަށް ކޮންމެވެސް ދުވަހަކުން ހެއްކެއް ލިބިދާނޭކަމުގެ އުއްމީދުގައި މީހަކު ބަންދުގައި ބެހެއްޓުމަކީ އިންސާފުވެރި ފަނޑިޔާރުގެއަކުން ފުރުޞަތު ދީގެންވާނޭކަމެއް ނޫނެވެ. މީހުންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުން ދައުލަތަށް ސަމާސަކަމަކަށް ވިޔަސް، ދަޢުވާލިބޭ މީހާގެ ޙައްޤުތަކަށް ޝަރީޢަތުން ރައްކާތެރިވާންޖެހެއެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …