އިންސާފުވެރި އިންތިޚާބަކަށް މަސައްކަތްކުރުން

އަނިޔާވެރިކަމުން ސަލާމަތްވުމަށް ތާރީޚަކަށްފަހު ތާރީޚެއް ދެމުންގޮސް، މިހާރު ހުރިހާ އުއްމީދެއް ހުއްޓިފައި މިއޮތީ އިންތިޚާބަށެވެ. ދިރިއުޅުމަށް އުއްމީދު މިކުރާ ފަސޭހަކަމާއި، ހަމަޖެހުން އަންނަންއޮތީ އިންތިޚާބުގެ ފަހުން ކަމުގައި އަޅުގަނޑުމެން މިތިބީ ކިޔައިގެންނެވެ. ދިވެހިރާއްޖޭގައި އުފެދިފައި މި އޮތް އަނިޔާވެރިކަމާއި، ބޭއިންސާފަށް ނޫނެކޭ ބުނެ، އެކަން ހަމަ މަގަށް އަޅުވާނީ ވޯޓުން ކަމުގައި އަޅުގަނޑުމެން އުފާކޮށްގެން ތިބިއިރު، އެ ވޯޓުގެ އިންސާފުވެރިކަން ކަށަވަރުކުރަން ކުރެވެނީ ކޮން މަސައްކަތެއްތޯ ސުވާލުކުރަންޖެހެއެވެ.

އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އަމިއްލަ ޕާޓީގެ، ވިދާޅުވީމާ ވިދާޅުވާހާ ގޮތަކަށް ހަދާނޭ ބޭފުޅަކު ޢައްޔަނުކުރެވިއްޖެއެވެ. އިއްޔެ މެންދުރު “ޔާމީން 2018” ޓީޝާޓު ތުރުކުރައްވައި ދޮރުން ދޮރަށް ވަޑައިގެންނެވި ބޭފުޅާ، ހެނދުނު އެރި އިރާއެކު، ވަކި އަތަކަށް ނުޖެހޭ، ނަޒާހަތްތެރިކަމުގެ ނަމޫނާ ބޭފުޅަކަށް ވީއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިއްބެވި ބަސްނާހާ ފަނޑިޔާރުން ބޭރުކޮށް، އެ ކޯޓު އަލުން އެކުލަވާލީ ހައިކޯޓުގައި ތިބި އެންމެ ބަސްއަހާ ފަނޑިޔާރުން ހިމަނައިގެންނެވެ. ފުލުހުން އެ ގެންދަވަނީ އިދިކޮޅު ޕާޓީގެ ކެމްޕެއިންނަށް ބޭނުންކުރާ ޕޯސްޓަރުތައް “ކުދިކުދި ކަރުދާސް” ކިޔަމުން ވީދާ މަގު މައްޗަށް އަޅަމުންނެވެ. ފަހުން “ހޮވާ ނަގާ” ތަނެއްވެސް ނުފެނެއެވެ.

އިންތިޚާބަކަށް ތައްޔާރުވާއިރު، މުހިންމު ތިން މުއައްސަސާއެއްގެ ޙާލަތު މި ދަންނަވާލެވުނީއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކޮށްފާނޭކަމަށް ފެންނަ އެތައް ބަޔަކަށް ނުޙައްޤު ޙުކުމްތައް ކުރެވިއްޖެއެވެ. ކެމްޕެއިންގަ ހަރަކާތްތެރިވާނޭ، އަޑުގަދަ ވަރަށް ގިނަ ބޭފުޅުން ތިބީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. މިނިވަން، އިންސާފުވެރި އިންތިޚާބެއް ބާއްވާނޭކަމަށް ވަޢުދުވަމުން އަންނަ މި ދިވެހިރާއްޖެ އޮތް ޙާލަތަކީ މިއެވެ.

އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ. މިވާހަކަ މި ދައްކަނީ ނުވަތަ ދެއްކެނީ މިކަމާމެދު ކަންބޮޑުވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސާމެދުގައިއާއި، މުޅި ޤައުމާމެދުގައެވެ. މިނިވަން މުއައްސަސާތަކާއި، ފަނޑިޔާރުންނާއި ފުލުހުންނަކީ، ޤާނޫނުގެ ބަދަލުގައި ސިޔާސީ މީހުންނަށް ބޯލަނބާ ބަޔަކަށްވުމަކީ ކޮންމެ ރައްޔިތަކަށްވެސް އޮތް ނުރައްކަލެކެވެ. އަޅުގަނޑުމެންގެ ޙައްޤުތަކާމެދު ގޮތް ނިންމަން ތިބި މީހުންނަކީ އިންސާފުވެރި ބައެއްކަން އަޅުގަނޑުމެން އަމިއްލައަށް ކަށަވަރުކުރަންޖެހެއެވެ. ރައްޔިތުން ކިޔަމަންތެރިކަމާއެކު ސަރުކާރާއި، މުއައްސަސާތަކުގެ އެންގުންތަކަށް ބޯލެނބުމުގެ ނާޖާއިޒް ފައިދާ ބަޔަކު މީހުން ނަގަމުންދާއިރު އެކަމާމެދު ހިމޭނުންތިބުމަކީ މިއަދު ރައްޔިތުންނަށް އޮތް އިޚްތިޔާރެއް ނޫނެވެ.

މިނިވަން އިންތިޚާބަކީ ހަމަހަމަ ފުރުޞަތު ކަށަވަރުވާ ނިޒާމެއްގެ ތެރެއިން، ރައްޔިތުން މިނިވަންކަމާއެކު ބަސް ބުނަން ދެވޭ ފުރުސަތަށް ކިޔާ ނަމެކެވެ. އެއީ ސަމާސައެއް ނޫނެވެ. ރައްޔިތުންގެ މުސްތަޤުބަލާމެދު ރައްޔިތުން ނިންމަންޖެހޭ، މި މުހިންމު ނިންމުން ވަގަށް ނެގުމުގެ ފުރުސަތު ބަޔަކު މީހުންނަށް އޮވެގެން ނުވާނެއެވެ. އެކަން މަނާކޮށް، އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރަން ތިބީވެސް ހަމަ ރައްޔިތުންނެވެ. އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ.

ބިރު ނުގަންނާށެވެ. ސުޕްރީމް ކޯޓަށާއި، މުއްސަސާތަކަށް ގެނައި ބަދަލުތަކަކީ ކޮން ކަމެއް ޙާސިލުކުރަން ގެނައި ބަދަލުތަކެއްކަން ދެނެގަތުމަކީ ޙިއްސު ސަލާމަތުންހުރި މީހަކަށް އުނދަނގޫކަމެއް ނޫނެވެ. ޙަޤީޤަތް ސާފުވެއްޖެއެވެ. ދެން އޮތީ ބަސްބުނުމެވެ. އިންސާފުވެރި އިންތިޚާބެއް ކަށަވަރުކުރުމަށް، ކަންކަމާ ޙަވާލުވެ ތިބި މީހުންނަށް އަޑުއިވޭވަރަށް ބާރަށް ބަސް ބުނާށެވެ. ޢަދުލުއިންސާފަކީ ފަނޑިޔާރަށް ފެނިވަޑައިގެންނެވީމާ ފެނިވަޑައިގެންނެވި މީހަކަށް ދޭން އޮތް އެއްޗެއް ނޫންކަމަށް ބުނަންވީ ޢާންމު ރައްޔިތުންނެވެ. ވޯޓަށް އަމާނާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަންވީވެސް ރައްޔިތުންނެވެ. އަދި ފުލުހުންގެ މަސައްކަތުގައި އިންސާފުވެރިވުމަށްވެސް، ފުލުހުންގެ މައްޗަށް އަމުރުކޮށް އަންގަންވީ ރައްޔިތުންނެވެ. މުއްސަސާތައް މިފަހަރު މަސައްކަތްކުރާނީ ރައްޔިތުން މަސައްކަތްކުރި މިންވަރަކުންނެވެ. އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ.

އިންތިޚާބު އިންސާފުވެރި ކުރުމަށް ވަކާލާތު ކުރުމުގައި ރާގު ހަރުކަށިކުރާށެވެ. ރައްޔިތުން އެކަށައަޅާފައިވާ ޤާނޫނީ އިންތިޒާމުތަކުގެ އިމުން ބޭރަށް ފިޔަވަޅެއްވެސް އެޅުމަކީ އެއްވެސް މުއްސަސާއަކަށް ކުރެވޭނޭކަމެއް ނޫންކަން ހަނދާންކޮށްދޭށެވެ. ހެއްދެވިހާ ގޮތަކަށް ރުހިގެން ތިބުމަކީ އަމިއްލަ ނަފްސަށް ޤަދަރުކުރާ ރައްޔިތަކު ޢަމަލު ކުރާނޭ ގޮތެއް ނޫނެވެ. ލިބޭންޖެހޭ ޙައްޤުތައް ލިބިދިނުމަށް ގަދައަޑުން އަމުރުކުރާށެވެ. ޢާންމު މަސްލަޙަތާއި، ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމު ކުރުމާއި، އެ ޙައްޤުތައް ނެގެހެއްޓުމަކީ ދައުލަތުގެ ކަންކަމާ ޙަވާލުވެތިބި މީހުންގެ މައިގަނޑު ވާޖިބުކަން އެ ބޭފުޅުންނަށް ހަނދާންކޮށްދޭށެވެ. މަގުތަކަށް ނުކުންނަވާށެވެ. ސުލްޙަވެރިކަމާއެކު ސިޔާސީ ހަރަކާތް ކުރިއަށް ގެންދަވާށެވެ. އިލެކްޝަންސް ކޮމިޝަންއާއި، ފަނޑިޔާރުންނާއި، ފުލުހުންނާއި، އެމީހުންގެ މަސައްކަތަށް ފާރަވެރިވާންތިބި މީހުންގެ ކަންފަތަށް އަޑުއިވޭވަރަށް މި އަޑު ގުގުމާލިޔަދޭށެވެ. އިންސާފުވެރި އިންތިޚާބެއް ކަށަވރުކޮށްދިނުމުގެ ޒިންމާ އަދާކުރުމުގައި އިޙުމާލުވެއްޖެނަމަ، ރައްޔިތުން އެމަންޒަރު ބަލަންތިބިކަން އަބަދުމެ ހަނދާންކޮށްދޭށެވެ. ރައްޔިތުންގެ ނިންމުން އިންސާފުވެރިކަމާއެކު ނިންމި، އިންސާފުވެރި ނަތީޖާއެއް އިޢުލާނުކުރެވޭކަން ކަށަވަރުކުރަންޖެހެއެވެ. މިވާހަކަ މިތަނުގައި ދެންނެވިޔަސް، އަޅުގަނޑުގެ އަޑު ފޯރާނީ ކިހާ ބަޔަކަށް ކަމެއް ނޭނގެއެވެ. އަދި އަޅުގަނޑު މިވާހަކަ ބުނީމާ ޤަބޫލުކުރާނީ ކިހާ ބައެއް ކަމެއްވެސް ނޭނގެއެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …