ޝައްކު އުފެދޭ މަރުގެ މައްސަލަތައް ތަހުޤީޤުކުރުން

މިއީ މި ވާހަކަ އަޑުއައްސަވާ ބޭފުޅަކަށް އަލަށް އަޑުއިވޭ ވާހަކައަކަށް ނުވާނެއެވެ. ގޮތް ނޭނގޭ މަރުތައް ގިނަވެ، އެ މައްސަލަތައް ތަޙުޤީޤު ނުކުރެވޭ ވާހަކައަކީ އާންމު، އަދި ވަރަށްވެސް އާދައިގެ މައުޟޫޢުއަކަށް މިހާރު ވެއްޖެއެވެ. އެ މަރުތަކާމެދު ފުންކޮށް ވިސްނާ މީހަކަށް އެކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން ރޭކާލާނެއެވެ. އެކަމާމެދު ވިސްނި ވަރަކަށް ޝައްކުތަކާއި ބިރުވެރިކަން ވަނީ އިތުރެވެ.

ގޮތް ނޭނގޭ މަރުތަކުގެ ސިލްސިލާ ފެށުނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ، އަޅުގަނޑުގެ އުސްތާޛް، ޑރ.އަފްރާޝީމް ޢަލީ ރަޙުމު ކުޑަ ޤަތުލާ ހިސާބުންނެވެ. އެ މަރުގެ ފަހަތުގައިވާ ކަންކަން ސިއްރުކުރުމަށް ތަޙުޤީޤީ އިދާރާތަކުން މަސައްކަތްކުރި މަންޒަރު އެއޮތީ ހާމަކަން ބޮޑުކޮށް ފެންނާށެވެ. އިއްޔެ މެންދުރު ވިހެއި ކުޑަކުއްޖަކު އެ ޤަތުލަށް ޖާމިނުކުރުވައި، އެ ޤަތުލުގެ ސިއްރު އޮތީ އަދިއަދަށްވެސް ފޮރުވާފައެވެ. އިޢުތިރާފުން ސާބިތުވި މައްސަލައިގެ، ޝަރީޢަތުގެ މަރުޙަލާގައި އޭނާގެ ބަޔާން ބަދަލުވަމުން ގެންދިޔައީ އެނބުރޭ ވަހުތާނެއްހެނެވެ. ހުރިހާ މަރުޙަލާއަކުން މައްސަލަ ސާބިތުކޮށް، އާޢިލާއިން އިޢުތިރާޟްކޮށްފައިވަނިކޮށްވެސް، ސުޕްރީމް ކޯޓުން އެވަނީ މަރުގެ ޙުކުމް ދަމަހައްޓާފައެވެ. އެ މައްސަލައިގެ ދަޢުވާ ލިބޭ މީހާގެ މައްޗަށް، ރައީސް ޔާމީން އެ ވިދާޅުވާ މަރުގެ ޙުކުމް ތަންފީޛްކުރެވުނު ދުވަހަކުން، އޭނާގެ މަރާއެކު އެ ޤަތުލުގެ ސިއްރުވެސް ވަޅުލެވުނީއެވެ.

ދެން ރިޟްވާންއެވެ. ރިޟްވާންއަކީ ޑރ.އަފްރަޝީމްގެ މަރާއި، އެފަދަ އަނިޔާވެރި ޢަމަލުތައް ތަޙުޤީޤުކުރުމަށް ގޮވާލައި، އެފަދަ މައްސަލަތަކުގައި ތަޙުޤީޤީ ނޫސްވެރިކަމެއް ކުރަމުން ގެންދިޔަ ޒުވާން ނޫސްވެރިއެކެވެ. މީހަކާ ހަސަދަވެރިކަމެއް ރުޅިވެރިކަމެއް ނެތް، މީހުންނާ ގުޅޭ އެކުވެރިންގެ އެކުވެރިއެކެވެ. ގަދަކަމުން ރަހީނުކޮށްގެން ގެންގޮސް ރިޟްވާން ގެއްލުވާލީ ކޮންބަޔަކު، ކޮން މަޤުސަދެއްގައިތޯ އެއީ ބޮޑު ސިއްރެކެވެ.

އިންޑިޔާގައި ކިޔަވަންހުރި ދިވެހި ފުލުހަކު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުމަކީ ހައިރާންވާ ވަރުގެ ހާދިސާއެކެވެ. އެމައްސަލަ ރިޟްވާން ގެއްލުމުގެ ހާދިސާގެ ތަޙުޤީޤުގާ ގުޅުވާ މީހުންގެ ބުނާގޮތުން، ރިޟްވާންގެ މަރުގެ މައްސަލައާ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައިވެސް އޭނާ ހަރަކާތްތެރިވެފައިވެއެވެ. އަދި އެ ތަޙުޤީޤުތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން ހިތްހަމަނުޖެހިގެން ބައެއް ފަރާތްތަކާ ވާހަކަ ދައްކާފައިވާކަމަށްވެސް ވާހަކަ ދެކެވުނެވެ. އެ މަރުގެ ޙަޤީޤަތް އޮތީ އަދިވެސް ސިއްރެއްގެ ގޮތުގައެވެ. އޭނާ މަރުވީ އަމިއްލައަށް ކަމުގައިވާނަމަ އެކަމުގައި ސަބަބުތަކެއް ހުންނާނެއެވެ. އަމިއްލައަށް މަރުވުމަކީ ގިނަ ހާދިސާތަކަށް ބަލާއިރު އެ ހިނދުން އެހިނދަށް ނިންމާ ކުއްލި ނިންމުމެއް ނޫނެވެ. އަމިއްލައަށް މަރުވާ މީހާގެ ކިބައިން އެފަދަ ކަމެއް ކޮށްފާނޭކަމުގެ ނިޝާންތައް ގިނަ ފަހަރު ފެނެއެވެ. އެހެންނަމަވެސް އެ މަރުގައި އެފަދަ އެއްވެސް ނިޝާނެއް ނެތެވެ. ރިޟްވާން އަދި ޑރ.އަފްރާޝީމްގެ މަރާ، އެ ހާދިސާއާ ގުޅުމެއް ހުރިކަމަށް ވާހަކަދެކެވޭއިރު، ދިވެހިރައްޔިތުންގެ ހިތްތަކުން ބިރުވެރިކަން ފިލުވޭނީ ފުލުހުންގެ ތަޙުޤީޤުން ސާފު ޖަވާބެއް ލިބިގެންނެވެ. އެހެންނަމަވެސް މަރުވި މީހާގެ ހަށިގަނޑާއެކު، އެ މަރުގެ ސިއްރުވެސް ވަޅުލީއެވެ.

އަނިބިމީހާއާއެކު ކެއުމަކަށް ގޮސް، މަޖާކޮށް، އެކުވެރިކޮށް އުޅެފައި ގެއަށްދިޔަ ފަހުން،  ލޯންޗް ކެޕްޓަނެއްގެ ވަޒީފާ އަދާކުރި މީހަކާއި، އޭނާގެ އަނބިމީހާ މިދުނިޔެ ދޫކުރަން މެދުވެރިވީ ކޮންފަދަ ހާދިސާއެއްތޯ ވިސްނަންޖެހެއެވެ. ދެމަފިރިން މަރުވެފައި ތިއްބާ ފެނުނީ ޚަބަރެއް ނުވެގެން ބެލުމުންނެވެ. ފެނުނިއިރު ދެމަފިރިންގެ އަނގައިން ފޮނު ނުކުމެފައި ހުރިކަމާއި، ދެމަފިރިންގެ ހަށިގަނޑުން ސާމްޕަލް ނަގައި ތަޙުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުނުކަމަށް ބުނީ ފުލުހުންނެވެ. ފޮނުވުނު ސާމްޕަލް ތަކުގެ ތަޙުލީލު ރިޕޯޓު އަދިވެސް ލިބުނުކަމެއް ނޭނގެއެވެ. އެ ދެމަފިރިންގެ މަރަކީ ރީތި ލޯބީގެ ވާހަކައަކަށް ހަދައި، ދެމަފިރިން އެއް ވަޅެއްގައި ވަޅުލައި، އެ މަރުގެ ސިއްރަށްވެސް ފަސްއަޅައި ފޮރުވީއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، ޏ.ފުވައްމުލަކުން ޒުވާނަކު ގެއްލުނެވެ. ހަމަ އެއްރެޔަކު ކުއްލި ގޮތަކަށް ބޭރަށް ދަނީކަމަށްބުނެ އެ ދިޔަ ގޮތަށް އޭނާއަށް ވީގޮތެއް އަދި މިހާތަނަށްވެސް އެނގިފައެއް ނުވެއެވެ. ހައިރާންކަން އިތުރުކުރުވީ، އެ ޒުވާނާއަކީ ކުރިން ބުނެވުނު ލޯންޗު ކެޕްޓަންއާއެކު އެ ލޯންޗުގައި ފަޅުވެރިއެއް ގޮތަށް މަސައްކަތްކުރަމުން ގެންދިޔަ މީހެއްކަން އެނގުމުންނެވެ. ލޯންޗް ކެޕްޓަންގެ ކުއްލި މަރާއި، ހަމަ އެލޯންޗުގެ ފަޅުވެރިޔަކު ގެއްލުން ގުޅިފައި ވަނީ އެ ލޯންޗު ހިމެނޭ ހާދިސާއަކާ ކަމާމެދު ވަރަށް ފާޅުގައި ވާހަކަ ދެކެވެއެވެ. މި މައްސަލައިގައިވެސް ފުލުހުންގެ ބަހެއް ނެތެވެ.

މިއީ ޑރ.އަފްރާޝީމްގެ މަރަށްފަހު ހިނގި ބައެއް ހާދިސާތަކެވެ. ހުރިހާ ހާދިސާއަކަށް ބަލާނަމަ، އެފަދަ ކޮންމެ މަރެއްގެ ފަހަތުގައި އޮތީ ޝައްކުން އުފައްދާ ބިރުވެރިކަމުގެ ޖަވާބު ނެތް ސުވާލުތަކެވެ.

ޝައްކު އުފެދޭ މަރުތަކާމެދު ވާހަކަ ނުދައްކައި ތިބުމަކީ އެކަމަށް އޮތް ހައްލެއް ނޫނެވެ. ފުލުހުން މައްސަލައެއް ތަޙުޤީޤުކުރަނީ އާންމު ރައްޔިތުން އެކަމުގައި ކަންބޮޑުވެ، ފުލުހުންނަށް ބާރުއެޅި މިންވަރަކަށެވެ. ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި، ޝައްކުތަކުގެ އަލިފާނަށް ދަރު އަޅަނީ ފުލުހުންގެ ހަނުތިބުމެވެ.

މިފަދަ މައްސަލަތައް ތަޙުޤީޤުކުރެވި، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބެންޖެހެއެވެ. މި މުޖުތަމަޢުގެ ރައްކާތެރިކަމާމެދު ކަށަވަރުކަމެއް އެބަ އުފެދެންޖެހެއެވެ. އެކަން ކުރެވޭނީ މައްސަލަތައް ތަޙުޤީޤުކުރެވޭނޭ މާޙައުލެއް އުފެއްދުމަށް ރައްޔިތުން މަސައްކަތްކޮށްގެންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް މުއައްސަސާތަކުން ފުރަގަސްދީފިކަން ސާބިތުވެއްޖެއެވެ. ދެން އޮތީ މިމައްސަލަތައް ތަޙުޤީޤުކުރާނޭ ބަޔަކަށް ޒިންމާ އުފުލޭނޭ މާޙައުލެއް ފަހިކޮށްދިނުމަށް ރައްޔިތުން ބަސްބުނުމެވެ. އެކަން ކުރަންޖެހެނޭ އަޅުގަނޑާއި، ތިބޭފުޅުންގެވެސް ސަލާމަތާއި، ރައްކާތެރިކަމަށްޓަކައެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …