އިންސާނީ ޙައްޤުތައް ލިބިދިނުމުގައި ދަރަނީގެ ރެކޯޑަށް ބެލުމުގެ ފަލްސަލާ

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އިޤްތިޞާދީ ޢިލްމުގެ މާހިރެއްކަމަށް ބުނެ އެމަނިކުފާނުގެ ވަށައިގެން އެނބުރޭ މީހުން އަބަދުވެސް ތައުރީފު އޮއްސައެވެ. އެހެންކަމުން އެމަނިކުފާނަކީ މޮޅު އިކޮނޮމިސްޓެއްކަމަށް އޮންނަނީ ސިއްކަޖެހި، ފެށުނީއްސުރެ ޤަބޫލުކުރެވިފައެވެ. އެހެންނަމަވެސް އެ މަނިކުފާނަކީ އިންސާނީ ޙައްޤުތަކާ ގުޅޭ ޢިލްމުތަކުގެ ވެސް އަރާ ހުންނެވި މާހިރެއްކަން މި އެނގުނީ ދާދި ފަހުން، ޚުދު އެމަނިކުފާނުގެ ބަސްފުޅުންނެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރުމާއި، އެ ޢިލްމު ދިރާސާކުރުމުގައި ޢުމުރު ހުސްކޮށްފައިވާ ޤާނޫނީ މާހިރުންވެސް ހުށަހަޅާފައިނުވާ، މުޅިން އައު ފަލްސަފާއެއް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯއްދަވައި ޢާންމު ކުރައްވާފައެވެ.

އަސާސީ އިންސާނީ ޙައްޤުތައް ލިބިދިނުމުގައި އެމީހެއްގެ ދަރަނީގެ ރެކޯޑުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ވަނީ  ކޮޅުމަޑުލު ގުރައިދޫގައި ބޭއްވުނު ޖަލްސާއެއްގައި ހާމަކުރައްވާފައެވެ. ދައުލަތަށް ފައިސާ ދައްކަންޖެހޭ މީހުންގެ އިންސާނީ ޙައްޤެއް ނޯންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިއީ ހަމަ ޔަޤީނުންވެސް ޢިލްމީ މައިދާނުގައި ދިވެހިރާއްޖެއަށް ލިބުނު ކުރިއެރުމެކެވެ. މި ވިސްނުންފުޅަކީ އިންސާނީ ޙައްޤުތައް ކުރިއަރުވައި، އެ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްޢަޤުވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުންވެސް މިހާތަނަށް ކުރިއަށް ނެރެފައިވާ ފަލްސަފާއެއް ނޫނެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރި ސިކުނޑިފުޅުން ނެރުއްވި މި އަގުހުތި ނަޟަރިއްޔާ އިތުރަށް ތަރައްޤީކުރުމަށް އެކަމާމެދު ފުންކޮށް ވިސްނައި ބެލުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޤައުމީ ވާޖިބެކެވެ.

އެކަމާ ފިކުރުކޮށްލާއިރު، އެ ފަލްސަފާ ހިންގައި ތަންފީޛުކުރުމަށް އަޅުގަނޑަށް ފެންނަ ގޮތް މި ދަންނަވަނީއެވެ.

އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ކުދިކުދި ބައެއް ބަދަލުތައް ގެންނަންޖެހެއެވެ. އެންމެ ފުރަތަމަ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ރ) އުވާލަންޖެހެއެވެ. އެ މާއްދާގައި އޮންނަނީ މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެން ނުވާނޭ ކަމުގައެވެ. އަދި ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި އެ އޮންނަ، ޤާނޫނުއަސާސީއާ ޚިލާފަށް ހައްޔަރުކޮށްގެން ގެންގުޅުން މަނާކުރާ މާއްދާވެސް އުވާލަންޖެހެއެވެ. އެ މައްދާއަށް ޢަމަލުކުރާނަމަ ބަންދުގައި އޮންނަ މީހަކަށް ރާއްޖެއިން ނުލިބޭ ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހެއެވެ. އެކަމުގައި އިތުރު އެއްވެސް ޝަރުތެއްވެސް ނުކުރެވެއެވެ. އެހެން ނޫންނަމަ އެކަން ވެގެންދާނީ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގައި ބަޔާންކުރާފަދަ ލާއިންސާނީ އަދަބަކަށެވެ. މި މާއްދާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އިންސާނީ ޙައްޤުތަކުގެ ނަޟަރިއްޔާ ތަންފީޛްކުރުމަށްޓަކައި ހަމަ ކޮންމެހެންވެސް އުވާލަންޖެހޭނޭ މާއްދާތަކެކެވެ. މިއީ އުނދަގޫކަމެއް ނޫނެވެ. ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއެކު ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައި އެ އޮތީ މިކަހަލަ ބޭނުންތެރި ވަގުތުތަކުގައި ހިންގުމަށްޓަކައި ނޫންތޯއެވެ. މިކަހަލަ ކުދިކުދި ބަދަލުތައް ޤާނޫނުއަސާސީއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށްވެސް ބޭނުންވާނީ ދޮޅުގަޑިއިރެއްހައި ވަގުތެވެ. މިއީ އެ ބޭފުޅުން ފަރިތަފުޅު މަސައްކަތެވެ.

މިހާރު އެއޮތީ އިންސާނީ ޙައްޤުތައް ލިބިދިނުމުގައި ދަރަނީގެ ރެކޯޑު ބެލުމުގެ ނަޟަރިއްޔާގެ އަސާސީ ސިފަތައް ފުރިހަމަވެފައެވެ. ދެން އޮތީ ލޮޖިސްޓިކެވެ. އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެއް މޭޒު އެކަމަށް ޚާއްސަކުރުމުން ހަމަޖެއްސިދާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން “އިންސާނީ ޙައްޤުތައް ލިބިގަތުމަށް އެދޭ ފޯމު” ޑައުންލޯޑު ކުރުމަށްފަހު ކޯޓުތަކުންނާއި، މާލީ އިދާރާތަކުން ދަރަނީގެ ރެކޯޑު ސާފުކުރާ ގޮތަށް ހަމަޖައްސަންޖެހެއެވެ. ފޯމު ޑައުންލޯޑު ކުރާ ގޮތަށް ހަމަޖައްސަންޖެހެނީ ފޯމު ހޯދުމަށްޓަކައި ރައްޔިތުން ކިއުގައި ޖެހެން ޖެހުމަކީ މި ސަރުކާރުން އެދޭނޭ ކަމަކަށް ނުވާތީއެވެ.

“އިންސާނީ ޙައްޤުތައް ލިބިގަތުމަށް އެދޭ ފޯމު” ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނެތް ބޭފުޅުންނަށް “އިންސާނީ ޙައްޤުތަކަށް ޝަރުތުހަމަވާ ކަމުގެ ކާޑު” މެޖެންޓާ ކުލައިން ޖަރީކޮށްފައި ދޫކުރާނީއެވެ. އެ ކާޑަކީ ކޮންމެ 3 މަހުން 3 މަހުން އާ ކުރަންޖެހޭ ކާޑަކަށް ވާންޖެހެއެވެ. ކޯޓެއްގައި ސާބިތުވެފައި ނެތްނަމަވެސް، ދައުލަތަށް ފައިސާ ދައްކަންޖެހޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ މީހުންގެ ވަކި ލިސްޓެއް ސަރުކާރު ގެޒެޓުގައި ޝާއިޢުކޮށް ޢާންމު ކުރަންޖެހެއެވެ.

ދެން އޮތީ ކޯޓުތަކާއި، މާލީ އިދާރާތަކުގައި ދަރަނީގެ ރެކޯޑު އޮތްނަމަވެސް އިންސާނީ ޙައްޤުތައް ލިބޭނޭ މީހުންގެ އިސްތިސްނާ ލިސްޓެވެ. އެއަށް “މިނިސްޓަރސް ލިސްޓް” ކިއިދާނެއެވެ. ނުވަތަ “ޕްރެސިޑެންޝަލް ލިސްޓް” ކިޔުން ރަނގަޅުވާނެއެވެ. އެ ލިސްޓުގައި ހިމެނޭ މީހުންގެ ސިޔާސީ ފިކުރަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ކޮންމެ މަހަކު އެއްފަހަރު ލިސްޓޫ މުރާޖަޢާކުރަމުން ގެންދާނެއެވެ.

މި ދެންނެވި ގޮތަށް ތަރުތީބު މަގުން ހުރިހާ ކަމެއް އަތުރާ ނިންމާލީމާ މިހާރު އެހެރަ ފެންނަނީ ފައްކާވެފައި އޮތް އިންސާނީ ޙައްޤުތަކުގެ ފުރިހަމަ ނިޒާމެކެވެ. އަސާސީ އިންސާނީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ދިރިހުރުމުގެ ޙައްޤުވެސް ކަށަވަރުވާނީ މި ނިޒާމުގެ ތެރެއަށް ވަދެގެންކަމަށްވާތީ، ދައުލަތަށް ދައްކަންޖެހޭ ލޯ ލާރިއެއްވެސް ނުދައްކައި އުޅޭކަށް ހަމަ އެކަކަށްވެސް ލާހިކައެއް ނޫނެވެ.

ދެންއޮތީ ބައިނަލްޢަޤުވާމީ މުޖުތަމަޢުއިން މިކަމާ ބުނާނޭ އެއްޗެކެވެ. އޭގެ ތެރޭގައި ތިބި ހެޔޮ ވިސްނޭ ޖަމާޢަތްތަކާއި ފަރުދުން މި ނިޒާމަށް އައްސަރިބަހާއި ސާބަސް ދޭނެއެވެ. ނުވިސްނޭ މަދުބަޔަކު ކުސް ތަޅަތަޅަ ތިބޭނެއެވެ. މިހާރުވެސް އެތިބީ ނޫންތޯއެވެ. އަޅުގަނޑުމެން ދާނީ ކުރިއަށެވެ. ތަސައްވަރު ކުރައްވާށެވެ. ސާބިތު ދަރަނީގެ މިންގަނޑުން އިންސާނީ ޙައްޤުތައް ވަޒަންކުރާ ފުރަތަމަ ޤައުމުގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި މި ކުޑަކުޑަ ޤައުމުގެ ނަން ފެވިގެންދާނީ ރަން އަކުރުންނެވެ. ދިވެއްސަކަށްވީތީ ޙަޤީޤަތުގައި ފަޚުރުވެރިވާނީ އެދުވަހަކުންނެވެ.

ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ފަލްސަފާ އަވަހަށް ތަންފީޛުކުރައްވާށެވެ. އަޅުގަނޑުމެން ކަރުތާ ފެނަށްއެރި އަތްޖަހަން ތިބޭނަމެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …