ނޮވެމްބަރު 11 ތޯ 17 ތޯ؟

ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރެވޭ މީހަކު އެ މަޤާމުގެ ހުވާކުރާ ތާރީޚަކީ ނޮވެމްބަރު މަހުގެ 11 ވަހަ ދުވަހެވެ. އެއީ ޒަމާނުއްސުރެ އެކަން އޮތްގޮތެވެ. އެކަމަކީ، އިރު އަރަނީ އިރުމަތިފަރާތުންކަމަށް ޚިލާފެއްނެތި އެއްބަސްވާ ބީދައިން ހުރިހާ ދިވެހިން އިއްތިފާޤު މައްސަލައެކެވެ. ޒަމާނުއްސުރެ މިގޮތަށް ހިނގަމުން ދަނިކޮށް، 2013 ވަނަ އަހަރު ދިމާވި ޙާލަތެއްގެ ސަބަބުން – ނުވަތަ ބައެއްގެ މަންފާއަށް އުފެއްދި ޙާލަތެއްގެ ސަބަބުން – ރައީސުލްޖުމްހޫރިއްޔާ ހުވާކުރާ ތާރީޚާމެދު އޮތް ސާބިތު އަޤީދާގައި ކުރަލައި، ޚިލާފުތަކަށް ދޮރު ހުޅުވިއްޖެއެވެ.
މި ލިޔުމުގައި މި ބަލާލަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭނޭ ތާރީޚާމެދު އުފެދިފައިވާ ޚިލާފުތަކާއި، އެ ބޭފުޅުންގެ ޙުއްޖަތްތަކަށެވެ.

ފުރަތަމަ ރައުޔު – 11 ނޮވެމްބަރުގައި ހުވާކުރުން

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭނޭކަމަށް ވިދާޅުވާ ބޭފުޅުން އެ ބަހުގެ މައްވަށް ގެންނަވާ ޙުއްޖަތްތައް ގިނަގުނައެވެ. ފުރަތަމައީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންއިން ތާރީޚު އިޢުލާނުކުރީވެސް، 2008 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވާކަމަށް ބަލައިގެންކަމަށްވުމެވެ. 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު، ރިޔާސީ އިންތިޚާބުގެ ފަހުބުރު ބާއްވައި ނަތީޖާ އިޢުލާނުކުރެވުނު އިރު، އެ އިޢުލާނުގައިވެސް ބުނެފައި އޮންނަނީ “ވީމާ، މި އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން، 11 ނޮވެމްބަރު 2013 ގައި ފެށުނު ރިޔާސީ ދައުރަށް ………. ވަނީ އިންތިޚާބުވެފައެވެ.” މިފަދައިންނެވެ.

މީގެ އިތުރުން 19 ޖޫން 2014 ތާރީޚުގައި ޢާންމުކުރި ރިޔާސީ އިންތިޚާބުގެ ރަސްމީ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަނީ “މި ރިޕޯޓަކީ 2013 ނޮވެމްބަރ 11 ވީ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނާނެ މީހަކު އިންތިޚާބު ކުރުމަށްޓަކައި، …….. ނެގުމަށް ކޮށްފައިވާ މަސައްކަތާއި، 2013 ނޮވެމްބަރ 16 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކަންކަން ހިނގާދިޔަގޮތުގެ މައްޗަށް ބަލައި ތައްޔާރުކޮށްފައިވާ ތަފްޞީލު ރިޕޯޓެކެވެ.” މިހެންނެވެ. އެހެންކަމުން، މި ހިނގާ ރިޔާސީ ދައުރު ފެށިފައި މިއޮތީ 11 ނޮވެމްބަރު 2013 ގައި ކަމަށް އިލެކްޝަންސް ކޮމިޝަންއިންވެސް އެ ވަނީ ނިންމާފައިކަމަށް ފުރަތަމަ ރައުޔަށް ތަބާވާ ބޭފުޅުން ދެކެއެވެ.

ތިންވަނައީ، 2013 ވަނަ އަހަރު އިންތިޚާބު ކުރެވުނު ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުން 17 ނޮވެމްބަރާ ހަމައަށް ލަސްވެގެން ދިޔައީ ޙާލަތުއްޟަރޫރާގެ ދަށުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/47 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/47 ޤަޟިއްޔާއަކީ “ޤާނޫނުއަސާސީގެ ދަށުން ވަކި މުއްދަތެއްގައި ކުރަންޖެހޭކަމެެއް، މެދުވެރިވާ ޙާލަތެއްގެ ސަބަބުން އެ މުއްދަތުގައި ފުރިހަމަ ނުކުރެވުމުގެ ސަބަބުން މުއްދަތެއް އިތުރުވުމަކީ ދަޢުލަތް ޤާނޫނީ ގޮތުން ހުސްކަމަކަށް ދާންޖެހޭނޭ ސަބަބެއް ނޫންކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެކެވެ.

އެ މައްސަލާގައި ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބު ނުބޭއްވި ލަސްވެގެން ދިއުމުގެ ސަބަބުން، 11 ނޮވެމްބަރު 2013 ގެ ނިޔަލަށް އޭރު ހުރި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހަމަވި ނަމަވެސް، އާ ރައީސަކު އިންތިޚާބު ކުރެވި ހުވާ ކުރަންދެން، ޙާލަތުއްޟަރޫރާގެ ދަށުން އޭރު ހުރި ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގައި ދެމިހުންނަވާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/47 ޤަޟިއްޔާގައި ކުރި ޙުކުމް އަންނަންޖެހުނު ސަބަބަކީވެސް ރިޔާސީ ދައުރު 11 ނޮވެމްބަރު 2013 އަށް ހަމަވުމެވެ. ރިޔާސީ ދައުރު ހަމަވިއިރު، އާ ރައީސަކު އިންތިޚާބު ކުރެވިފައި ނުވަނީ ދިމާވި ޚާއްސަ ޙާލަތެއްގެ ސަބަބުންކަމަށް އެ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ. ޑޮކްޓްރައިން އޮފް ނެސެސިޓީ ނުވަތަ ޙާލަތުއްޟަރޫރާގެ މަބްދަޢުގެ ދަށުން އެކަށައަޅާ އުސޫލުތަކަކީ އެ ޙާލަތު ފިލައި ދިއުމުން ޢާންމު ޙާލަތަށް ރުޖޫޢަވާންޖެހޭ އުސޫލުތަކެކެވެ. މިއީ ޙާލަތުއްޟަރޫރާގެ ޤާއިދާގެ އަސާސީ އުސޫލެކެވެ.

ޤާނޫނުއަސާސީގެ 125 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، އެ މާއްދާގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމު ހުސްވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބެލުމުގެ ދަށުން އިންތިޚާބު ބާއްވައި، އިންތިޚާބުކުރެވޭ ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ދެމިހުރެވޭނީ އެ ރިޔާސީ ދައުރުގެ ބާކީ އޮންނަ މުއްދަތަށް ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުކުރެވޭ ކޮންމެ މީހަކަށް އެމީހަކު ހުވާ ކުރާ ތާރީޚުން ފެށިގެން 5 އަހަރުގެ ދައުރެއް ލިބުން ލާޒިމުނޫންކަން އެ މާއްދާއަށް ބެލުމުން އެނގެއެވެ. ރިޔާސީ ދައުރަކީ 5 އަހަރުކަމަށްވެފައި، ދިމާވި ޙާލަތެއްގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ވެއަތުކުރާ މުއްދަތު ކުރުވާ ނުވަތަ ދިގުވާ ޙާލަތެއް އަތުވެދާނެއެވެ. އެހެންނަމަވެސް އެ އަންނަ ބަދަލު މަޙްދޫދުވާނީ ހަމައެކަނި އެ ޙާލަތަށެވެ. ޙާލަތު ފިލައިދިއުމުން ރުޖޫޢަވާންޖެހޭނީ ޢާންމުކޮށް ޢަމަލުކުރަމުންއައި ގޮތަށެވެ.

އާޚިރު ސަބަބަކީ، ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވާ ބޭފުޅުން ހުވާ ކުރައްވާ ތާރީޚަކީ 11 ނޮވެމްބަރު ކަމަށް ހަމަޖެހިފައި އޮތުމަކީ ޒަމާނުއްސުރެ ޢަމަލުކުރަމުން އަންނަ އުސޫލުކަމާއި، އެއީ ރާއްޖޭގެ ރިޔާސީ ތާރީޚާ ގުޅިފައިވާ މުހިންމު ދުވަހެއްކަމަށްވުމެވެ. ކަނޑައެޅިގެން ވަކި ގޮތެއް ޤާނޫނުގައި ބުނެފައި ނެތް ޙާލަތްތަކުގައި ޢާންމުކޮށް އެކަމެއް ހިނގަމުންދާ ގޮތަށް ބެލުމަކީ ޤާނޫނީ ކަންކަމުގެ ގޮތްކަނޑައެޅުމުގައި ހިފާ މަގެކެވެ. އެ ބީދައިން ބަލާއިރުވެސް ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭނޭ ތާރީޚަކީ 11 ނޮވެމްބަރު ކަމަށް ބަލަންޖެހެއެވެ.

ދެވަނަ ރައުޔު – 17 ނޮވެމްބަރުގއި ހުވާކުރުން

ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭނޭ ތާރީޚަކީ 17 ނޮވެމްބަރު ކަމުގައި ވިދާޅުވާ ބޭފުޅުން އެކަމުގެ މައްޗަށް ޤާއިމުކުރާ ޙުއްޖަތުތަކެއް އެބަހުއްޓެވެ.
ފުރަތަމަ ޙުއްޖަތަކީ، ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގެ ޢިބާރާތެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ “ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.” މިހެންނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރު ފެށޭނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރާ ވަގުތުން ފެށިގެންނެވެ. މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވީ 17 ނޮވެމްބަރުގައި ކަމަށްވާތީ 17 ނޮވެމްބަރުން ފެށިގެން 5 އަހަރު ދުވަހުގެ ދައުރެއް ހަމަވާނީ 17 ނޮވެމްބަރު 2018 އަށެވެ. އެހެންކަމުން 11 ނޮވެމްބަރުގައި އިންތިޚާބީ ރައީސްއަށް ހުވާކުރެވޭނަމަ މިހާރު ހުރި ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ ދަށުން ލިބޭ 5 އަހަރުގެ ރިޔާސީ ދައުރެއް ނުލިބެއެވެ.

މި ޙުއްޖަތު ވަރުގަދަ ކުރުމަށް މި ރައުޔަށް ބުރަވާ ބޭފުޅުން ދެން ގެންނަވަނީ މިސާލުތަކަކާ ވިދިގެން އުފައްދާ ސުވާލުތަކެކެވެ.
ދިމާވާ ޙާލަތުތަކެއްގެ ސަބަބުން 11 ނޮވެމްބަރަށް ރިޔާސީ އިންތިޚާބު ނުބޭއްވުނީއެވެ. އެ ޙާލަތުގައި ހިނގަމުންދާ ރައީސުލްޖުމްހޫރިއްޔާ މަޤާމުގައި ހުންނާނޭކަމަށް މިހާރު ސުޕްރީމް ކޯޓުން އެއޮތީ ނިންމާފައެވެ. އެ ރިޔާސީ އިންތިޚާބު ލަސްވަމުން ގޮސް، ވިދިގެން އަންނަ އަހަރުގެ ޖެނުއަރީގައި ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރެވި ހުވާކުރުމުން، އަލަށް އިންތިޚާބުވި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު ފެށޭނީ 11 ނޮވެމްބަރުގައިތޯ ނުވަތަ ހުވާކުރާ ތާރީޚުން ފެށިގެންތޯ އެބަ ސުވާލުއުފެދެއެވެ. އަލަށް އިންތިޚާބުކުރެވުނު ރައީސް މަޤާމާ ޙަވާލުވަނީ ވިދިގެން އަންނަ އަހަރުގެ ޖެނުއަރީގައި ކަމަށްވާނަމަ، 5 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 އަށް ރިޔާސީ ދައުރު ހަމަވެގެން 5 އަހަރެއް ނުލިބޭނެއެވެ. މިއީ ވިސްނާލަންޖެހޭ ނުކުތާއެކެވެ.

ނިންމުން

މަތީގައި ބުނެވުނު ދެ ރައުޔަށް ބަލާއިރު، އަޅުގަނޑަށް ފެންނަނީ އިންތިޚާބީ ރައީސް ހުވާކުރައްވަންޖެހޭނީ 11 ނޮވެމްބަރުގައި ކަމަށެވެ. އަޅުގަނޑުގެ ރައުޔު ބިނާ މިކުރީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/47 ޤަޟިއްޔާގެ ނިންމުމާއި، ޤާނޫނުއަސާސީގެ 125 ވަނަ މާއްދާގެ (ނ) އާއި، އަދި ޢާންމު އުރުފަށްބަލައެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގައި ބަހުޘްކުރަން ތާވަލުކުރެވިފައިވާ މައްސަލައަކަށްވާތީ، އެ މަޖިލީހުގައި މިކަމާމެދު ބަހުޘްކޮށް، ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުން ރަނގަޅުވާނޭކަމަށް ފެނެއެވެ. މިއީ ޙައްސާސް މައްސަލައަކަށްވެދާނޭތީ ހުރިހާ އިދާރާތަކެއްގެ ރައުޔާއެކު ގޮތެއް ނިންމުން ބުއްދިވެރިވާނެއެވެ. އަނެއްކޮޅުން، ޤައުމުގައި މިވަރުގެ ކަމެއް ނިންމާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަހެއް، ބައިވެރިވުމެއްނެތި ނިންމުން އަމުދުން ހެޔޮނުވާނެއެވެ.

މި އާޓިކަލް ބައްލަވާ

ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ހަދިޔާ

ރައީސް ޔާމީން ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް އެހީތެރިވެދޭ ހެޔޮ ރަނގަޅު ރަޙުމަތްތެރިން ތިބި …