/widgets.js";var sz=d.getElementsByTagName(s)[0];sz.parentNode.insertBefore(z,sz)}(document,"script","zb-embed-code"));

ރާއްޖެޓީވީ ސަސްޕެންޑުކުރުން

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުޅާ އިމުގައި ދިނުމަށް ޤާނޫނުއަސާސީއިން އޮތީ ލާޒިމުކޮށްފައެވެ. ދައުލަތުގެ ހުރިހާ ބާރުތަކުންވެސް އެކަމަށް އެއްބަހެވެ. ހުރިހާ ބާރަކުންވެސް، އެ ޙައްޤު ދިނުމަށް އަމުރުކޮށް ވަކާލާތު ކުރެއެވެ. އެހެންނަމަވެސް، ދައުލަތުގެ ހުރިހާ ބާރަކުންވެސް އަބަދުވެސް އެ ޙައްޤުދެނީ، އަދި ދޭން އެއްބަސްވަނީވެސް އެ ފާޅުކުރާ ޚިޔާލަކީ ތައުރީފުކޮށް ފާޅުކުރާ ޚިޔާލަކަށް ވާނަމައެވެ. ރަނގަޅެވެ. އޭރުންވެސް އެ ފާޅުކުރެވެނީ ޚިޔާލެއް ނޫންތޯއެވެ. ޚިޔާލު ފާޅުކުރުމަކީ ކޮންމެހެން މީހުން ކުރާ ހަމަނުޖެހޭ ކަންކަމުގެ ވާހަކަ ދައްކައި އެކަމަށް ފާޑު ކިޔުން ކަމުގައި ވެގެން ނުވާނެއެވެ. ސުޕްރީމް ކޯޓުންވެސް ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ފަލްސަފާ މާނަކުރަނީ އެ އުސޫލުންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ އަޅުގަނޑު އެންމެ ގަޔާވާ ސަބަބަކީވެސް ޚިޔާލުފާޅުކުރުމުގެ ޙައްޤު ލިބިދިނުމުގައި މި ބުނެވުނު ފަލްސަފާ އިސްކުރެއްވުމެވެ.

ރާއްޖެޓީވީ އިން ގެނެސްދޭ ‘ފަށާއިރު’ ޕްރޮގްރާމް އަޅުގަނޑު ގަވާއިދުން ބަލަމެވެ. ދުވަސް ފަށާއިރު ނުބެލޭނަމަ ނިންމާއިރުވިޔަސް ބަލަމެވެ. އެ ޕްރޮގްރާމް ހުށަހަޅާ ބޭފުޅުން ކޯޓުތަކަށް މަލާމާތް ކުރައްވާތަނެއް އަޅުގަނޑެއް ނުދެކެމެވެ. އެއްވެސް ބޭފުޅަކަށް މަލާމާތެއް ނުކުރެއެވެ. އެ ބޭފުޅުން ކުރައްވަނީ ތައުރީފެވެ. ކިޔަނީ ހިފެހެއްޓުމެއް ނެތް ސަނާއެވެ.

އަޅުގަނޑު ދަޢުވާކުރާ ނުވަތަ އަޅުގަނޑަށް ދަޢުވާލިބޭ މައްސަލައެއްގައި ނޫނީ، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ހިނގާ އެއްވެސް މައްސަލައެއް އަޑުއަހަންވެސް ނުވަދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަޅުގަނޑު ސަސްޕެންޑުކުރުމުން، އެކަމަށްވެސް ރާއްޖެޓީވީގެ ‘ފަށާއިރު’ ޕްރޮގްރާމްގައި ފަނޑިޔާރުންނަށް ތައުރީފް ކުރި ހަނދާން އަޅުގަނޑު އެބަހުއްޓެވެ. އެކަމާ ގުޅިގެން އެއްކަލަ އާމިރު ވިދާޅުވީ ‘އުއްތަމަ ފަނޑިޔާރު އެ ހެއްދެވީ ހަމަ ރަނގަޅަށެވެ. އަޅުގަނޑުނަމަ މަޙުފޫޒަށް ދަޢުވާލިބޭ މައްސަލައެއްގައިވެސް އޭނާ ކޯޓަކަށް ނުވައްދާނަމެވެ.’

ރާއްޖެޓީވީއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެޅި ފިޔަވަޅަށްވެސް ރާއްޖެޓީވީގެ ‘ފަށާއިރު’ ހުށަހަޅުއްވާ ބޭފުޅުން ކުރައްވާނީ ތައުރީފުކަން އަޅުގަނޑަށް ކަށަވަރެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރު ކަމަށްވާތީ، ބްރޯޑްކާސްޓިންގ ކޮމިޝަނެއްގެ ދައުރު އެކޯޓަށް އަދާ ނުކުރެވެންވީ ސަބަބެއް ނެތޭ އެ ބޭފުޅުން ވިދާޅުވާނެއެވެ. މީހަކާމެދު އަޅާ ކޮންމެ ފިޔަވަޅަކީ ކޮންމެހެން ގަވާއިދުގައި ލިޔެގެން އަޅަންޖެހޭ ފިޔަވަޅަކަށް ވާންޖެހޭތޯ އެ ބޭފުޅުން ސުވާލު އުފައްދަވާނެއެވެ. ކޯޓުގެ ހުރުމަތްކަނޑާ މީހާއަށް ދޭނޭ އަދަބަކީ ކޮބައިކަން ނިންމަންވާނީ ކޯޓުގެ ފަނޑިޔާރުން ނޫންތޯއެވެ. އެއީ 100 ފަހަރު ސިޓްއަޕްސް ހަދަން ޖެއްސުވުންތޯ ނުވަތަ ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރި ފޮޅާސާފުކުރުވުންތޯ ނިންމާނީ ސުޕްރީމް ކޯޓުން ނޫންތޯއެވެ. ނާ! ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ބާރަކީ ސުޕްރީމް ކޯޓު ވިއްޔާއެވެ. މި ޤާއިމުކުރެވެނީ އިންސާފުކަން އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނޫންތޯއެވެ.

އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ހެއްދެވީ ހަމަ ރަނގަޅަށެވެ. ކޯޓުގެ އަޑުއެހުންތަކަށް ރާއްޖެޓީވީ ނުވެއްދުމުގެ ސަބަބުން ގެއްލޭނޭ ޙައްޤެއް ނެތެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބުނަނީ ހާމަކަމާއެކު، ހުޅުވާލެވިގެންވާ މަޖިލީހެއްގައި ޝަރީޢަތްކުރުމަށެވެ. ޝަރީޢަތް އަޑުއަހަން މީޑިއާ ވައްދަންޖެހޭ ވާހަކައެއް އެ މާއްދާއަކު ނުބުނެއެވެ. ވަކި މީޑިއާއެއްގެ ވާހަކަ އަމުދުން ބުނެފައެއް ނެތެވެ. ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ލިޔެވިފައި އޮތް ގޮތެއްގެ މަތީން މެނުވީ އެއްވެސް މީހަކާމެދު ފިޔަވަޅެއް ނޭޅުމަކީ ހުޅަނގުގެ ތަހުޒީބުކަމަށް ކިޔާ މުޖުތަމަޢުތަކުގައި ގެންގުޅޭ އުސޫލެކެވެ. ބަޔަކު އަދި ކުރާހާ ކަމެއް އަޅުގަނޑުމެން ކުރާކަށްވެސް ނުޖެހެއެވެ. ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ނޫންތޯއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކަށް، އަމުދުން ސުޕްރީމް ކޯޓަށް ފާޑުކިޔައި، މަލާމާތްކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އިޢުތިރާޟުކުރާ ކަމެކެވެ. ކޯޓުތަކުން ކަންކުރަނީ އިންސާފުން ނޫންކަމަށް ބުނުމަކީވެސް އަޅުގަނޑު ޤަބޫލުކަމެއް ނޫނެވެ. އިރުންދޭ އަލިކަމުގެ ވާހަކަ އަކީ އެކަމަށް ވަގުތު ހުސްކޮށްގެން ދައްކަންޖެހޭވަރުގެ ވާހަކައެއްތޯއެވެ. ދެ މޫސުން ބެދޭ، ވައި އެނބުރޭ ދުވަސްވަރު ކަންހިނގާނީ އެކަން އަބަދުވެސް ހިނގާ ގޮތަށެވެ. އެއީ ދައްކަންޖެހޭ، އަދި ހަމަޖެހޭ މީހުން ދައްކައިއުޅޭ ކަހަލަ ވާހަކަތަކެއްވެސް ނޫނެވެ.

ތަކުރާރުކޮށް ދަންނަވަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ބާރެވެ. އެ ކޯޓުން ޤާއިމުކުރާނީ އެންމެ މަތީ އިންސާފެވެ. މީހަކާމެދު އަޅާ ފިޔަވަޅެއް އަޅާނީ އިންސާފަށްޓަކައެވެ. މުޖުތަމައުގެ މަސްލަޙަތަށްޓަކައެވެ. މީހަކަށް އަނިޔާއެއް، ދެރައެއް ދޭން އެ ކޯޓުން އެއްވެސް ކަމެއް ނުކުރާނެއެވެ. ކޮށްފައެއް ނުވެސް ނެތެވެ. އިންސާފު ގާއިމުވެގެން އަންނައިރު އެ ފެންނަ މަންޒަރު ބަލަން އިސްޖެހި ލަދުގަނެފައި ތިބޭ ބަޔަކު އެތިބެނީ ޝަރުއީ އުސޫލުތަކަށް ނުފަރިތަވީމައެވެ. އެ ނިންމުންތައް ކިޔައި، މޭބޮޑުވެ ހޮޑުލަވާ ގޮތް ވުމަކީ އެ ނިންމުންތަކުގެ އިންސާފުވެރިކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފައްދަން ޖާގަލިބޭނޭ ކަމެއް ނޫނެވެ. އަޅުގަނޑަށް ސުޕްރީމް ކޯޓު ހަމަ ރަނގަޅެވެ. އެ ކޯޓަކީ ރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ބާރެވެ.

ރާއްޖެޓީވީއިން އަދިވެސް ކޯޓުތަކަށާއި، ފަނޑިޔާރުންނަށް ތައުރީފުކުރަންވީއެވެ. މާއްދާ ހަތާވީސް ކިރަންވާނީ ސުޕްރީމް ކޯޓުގެ މީޒާނުންނެވެ. ކޯޓުގެ މުސްތަޤިއްލުކަމާއި، ފަނޑިޔާރުންގެ ނަޒާޙަތްތެރިކަމާއި، ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ގެންގުޅުއްވާ ޤަބޫލުކުރުމާއި، އަޤީދާ އަދިވެސް ހަރުދަނާ ކުރައްވާށެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ރުއްސެވުން އިސާހިތަކު ލިބިގެންދާނެއެވެ.

މި އާޓިކަލް ބައްލަވާ

ވެރިކަމުގެ ނިޒާމާމެދު ސިޔާސީންގެ ވިސްނުމަށް އައި ބަދަލު

ވެރިކަމުގެ ނިޒާމެއް އެކަށައެޅުމުގެ ބަހުސް ފެށި، އެއީ ޢާންމު ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއްކަމުގައި ކަނޑައެޅުނީ 7 މެއި 2006 …