އެ އުސޫލުގެ ބޭނުމަކީ ކޮބާ؟

ދައުލަތުން އެކި ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކުގެ ސަބަބާމެދު ސުވާލުކޮށްލަންވެސް ނުކެރުނު ދުވަސްތަކެއް ވެއަތުވެއްޖެއެވެ. ދިއުޅި އެއްނުވާ ލައްކަ އުސޫލުތަކެއް ދައުލަތުގެ އެތެރޭގައި އަށަގެންފައި އެބަހުއްޓެވެ. އޭރު ޢަމަލުކުރަމުންދިޔަ ބައެއް އުސޫލުތައް މި ސަރުކާރަށްވެސް ވަނީ ވާރުތަވެފައެވެ. ހަމަ ފެނިވަޑައިގަތީމާ ޢަމަލުކުރާ އުސޫލުތަކެކެވެ. އެކަން އެހެން އޮންނަ، ނުވަތަ އޮންނަންޖެހޭ ސަބަބެއް ބުނެދެވޭ އެކަކުވެސް އެއިން އިދާރާއަކު ނުހުރެއެވެ. އެންމެ ތިލަކޮށްވެސް ލިބޭ ޖަވާބަކީ ‘އެއީ އަޅުގަނޑުމެންނަށް އަންގާފައި އޮންނަ ގޮތް’ ކަމެވެ. އެކަހަލަ އުސޫލުތަކުގެ ސަބަބުން އުނދަގުލާ ތުރާ ތަހައްމަލުކުރާ އާންމުންގެ ހިތްހަމަނުޖެހުމާ ކުރިމަތިލާން ކުރިއަށް ނެރެފައި ހުންނަނީ ތަނުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެކެވެ. އެ ފަކީރަށް އެފަދަ ޝަކުވާތަކާ ގުޅިގެން ކޮށްދެވޭނޭ ކަމެއް އަމުދުން ނުވެސް އޮވެއެވެ. އެ ސިކުނޑިތަކަށް ވިސްނިފައި އޮންނަނީވެސް އެކަހަލަ ކަންކަން ހުންނަންޖެހޭނީ އެގޮތަށް ކަމުގައެވެ. އެގޮތަށް ތަމްރީނު ދެމުންގޮސް ވިސްނުން ހަނިވެ، ކުޑަކޮށްފައި އޮންނަނީ ބައި ތޯލާ ފުޅިއަކަށް ލެވޭވަރަށެވެ.

ކުރިމިނަލް ކޯޓުން ހެނދުނު 10:30 އަށް އަޑުއެހުމެއް ތާވަލުކޮށްފިނަމަ، ނާދިރު ޙާލަތެއްގައި މެނުވީ އެދުވަހުގެ 13:00 ގެ ކުރިން އެ އަޑުއެހުން ނުފެށޭނެއެވެ. އެހެނަސް 11:30 އަށްވެސް އެހެން އަޑުއެހުމެއް ތާވަލުކޮށްފައި އޮންނާނެއެވެ. އެ އަޑުއެހުން ފެށޭނީ އަސުރުން ތިރިވާ ފަހުން ކަމަށް ބެލީމައި ހުންނާނީ ރަނގަޅަށެވެ. މައްސަލައިގައި ކޯޓަށް ހާޟިރުވާ ވަކީލުން މަޑުކުރާ ކޮޓަރީގައި މަދުވެގެން 2 ގަޑިއިރު ހޭދަކުރަންޖެހެއެވެ. އެ ހޭދަވާ ވަގުތުކޮޅުގައި މަސައްކަތެއް ކުރުމަށް އެ ކޮޓަރިއަށް ލެޕްޓޮޕް ވެއްދުމަކީ ބޮޑު ހަރާމުން ހަރާން ކުރެވިފައިވާ ކަމެކެވެ. އެ އުސޫލުގެ ބޭނުމަކީ ކޮބާތޯ ސުވާލުކުރާނެ ކަމެއް ނެތެވެ. އެއީ ހަމަ އަންގަވާފައި އޮންނަ ގޮތެވެ. ވަކީލުން މަޑުކޮށްގެން ކަމެއް ނެތިފައި ތިބެންޖެހޭ 3 ގަޑިއިރު އެހެން މަސައްކަތެއް ކުރެވޭނޭ އިންތިޒާމު ހަމަޖެހިފައި ހުރެގެން ޝަރުޢީ ދާއިރާގެ ހައިބަތަށް އަންނާނޭ އުނިކަމެއް އަޅުގަނޑަކަށް ނުވިސްނެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މީހަކު ހައްޔަރުކޮށްފިނަމަ އޭނާއަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބޭނީ ޢާއިލާއިން ވަކީލަކު ޢައްޔަނުކޮށް ސިޓީއެއް ދިނުމުންނެވެ. ހައްޔަރުވާ ކޮންމެ މީހެއްގެ ޢާއިލާއިން އެ މީހަކަށް ވަކީލަކު ހޯދައިދޭކަށް ނުވެސް އުޅޭނެއެވެ. އެ އިންތިޒާމު ހަމަޖެއްސީ މުޒާހަރާތަކުން ހައްޔަރުކުރާ މީހުންނަށް ޤާނޫނީ އެހީތެރިކަން ދިނުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އެކަން އަދިވެސް އޮތީ އެހެންނެވެ. ހައްޔަރުވަނީ ހުކުރު ދުވަހަކު ނަމަ އެ ދުވަހަކު ވަކީލާ ބައްދަލުކުރާކަށް ފުރުސަތެއް ނުލިބެއެވެ. ވަކީލު ބައްދަލުވުމެއް ހަމަޖައްސާލެވޭ ވަރަށް އެ ދުވަހުވެސް ފުލުހުން މަސައްކަތަށް ނުކުމެ އުޅެއެވެ.

ދޫނިދޫއަށް މަދިރި ލޯޝަނެއް ނުފޮނުވެއެވެ. ފެން ހުސްކުރި ކުޑަ ފުޅިއަކަށް މަދިރި ލޯޝަން އަޅައި، ބޭރުގައި ‘ލޯޝަން’ އޭ ޖެހުމުން ކައުންޓަރުން ބަލައިގަނެއެވެ. އެހެނަސް މަދިރި ލޯޝަން ކަން އެނގިއްޖެނަމަ ހިފަހައްޓައެވެ. މި ޙިކުމަތްތެރި ޢަމަލުގެ ސަބަބެއް މިއަދާ ހަމައަށްވެސް އެއްވެސް އިންސާނަކަށް ހޯދިފައެއް ނެތެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ވަކީލާ ބައްދަލުކުރެވެނީ އޭނާ ބަންދުކޮށްފައި ހުރި މައްސަލައެއްގެ އަޑުއެހުން ކޯޓުގައި ތާވަލުކޮށްފިނަމައެވެ. އަޑުއެހުމެއް ތާވަލުނުކޮށް ދެމަސް ތިންމަސް ހޭދަވެގެން ދާއިރު އެއްކަލަ މީހާ ހުންނާނީ ވަކީލަކާ ބައްދަލުކުރެވޭނޭ ގޮތެއް ނެތިފައެވެ. މި އުސޫލު ހިންގަނީވެސް އެފަހަރަކު ފެނިވަޑައިގެންނެވި މީހެއްގެ މައްޗަށެވެ. އެއީ އެދުވަހެވެ. މިހާރު ކަމިޝަނަރ އޮފް ޕްރިޒަންސް ބަދަލުވެއްޖެއެވެ. ހޯމް މިނިސްޓަރު ބަދަލުވެއްޖެއެވެ. އުސޫލު އަދިވެސް އޮތީއެވެ. އެ އުސޫލުތަކަށް ޢަމަލުކުރަނީ ކީއްވެގެންކަން އެދުވަހުވެސް، އަދި މިއަދުވެސް ސާފުވާ ގޮތެއް ނުވެއެވެ.

މީހަކު ބުނެފާނެއެވެ. ތިޔައީ ދެން ހާދަހާ ކުދިކުދި ކަންކަމެވެ. ދަންނަވަންތޯއެވެ. މިކަހަލަ ކުދިކުދި ކަންކަމުގެ ވާހަކަ މި ދަންނަވަނީ ބޮޑެތި މައްސަލަތައް ނެތިގެނެއް ނޫނެވެ. މިއަށްވުރެ ބޮޑުކަމެއްގެ ވާހަކަ ދަންނަވަން ކެރޭނީވެސް މިވަރުގެ ކަންތައްތައް ޙައްލުކޮށްދެވޭނަމައެވެ. މިކަންކަން ރަނގަޅުކޮށްލީމާ އިތުރު މަސައްކަތް ދައްކާނަމެވެ.

މި އާޓިކަލް ބައްލަވާ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ރަނގަޅު؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަބްދުﷲ ދީދީ ގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައެއް އެ ސަރވިސްއިން …