ވޯޓު ދޭންވީ ކޮން ކެންޑިޑޭޓަކަށް؟

މޫސުން ފެށިއްޖެއެވެ. ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްކުރާ ހިތުން ނުކުމެ ތިބި އެތައް ބަޔެކެވެ. އަތުން ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ވިޔަސް، ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ވިޔަސް ރައްޔިތުންނަށް ޚިދުމަތްކުރަން އަތުކުރި އޮޅާލައިގެން ތިބި ‘އިޚްލާސްތެރިންގެ’ ބިޔަ ޖަމާޢަތެކެވެ.

އެއްވެސް މީހަކަށް އޮޅިފައި ނޯންނާނޭ ފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އެދޭ އެންމެންނަކީ އެ ވިދާޅުވާ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތެއް ކޮށްދޭން މަސައްކަތްކުރާ ބައެއް ނޫނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ފެންވަރު ފާއިތުވެދިޔަ 5 އަހަރު އޮތީ ފެނިފައެވެ.

ސިޔާސީ މަޤާމަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ވޯޓު ދޭނޭ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ތިރީގައި މި ބަޔާންކުރާ ތަރުތީބުން ވިސްނައިގެން ގޮތެއް ކަނޑައެޅިދާނެއެވެ.

1- ކުރިމަތިލާފައިވާ މަޤާމަށް ހޮވޭ މީހާގެ ފަރާތުން ތިމާ އުއްމީދުކުރަނީ ކޮން ކަމެއްކަން ކަނޑައެެޅުން.

މިއީ އެންމެ ފުރަތަމަ ނިންމަންޖެހޭ ނިންމުމެވެ. އަދި އެންމެ އަސާސީ ނިންމުމެވެ. އަހަރެން ވޯޓު މި ދެނީ ކޮންކަމަކަށްތޯ އަމިއްލައަށް ނިންމާށެވެ. މަޤާމަށް ޤާބިލު، ރަނގަޅު މަސައްކަތްތަކެއް ކުރެވޭނޭ، އަދި ޤައުމަށް އިޚްލާސްތެރިވާނޭ މީހަކު މަޤާމަށް ހޮވުމުގެ ނިޔަތުގައި ދޭ ވޯޓެއް ނަމަ އިތުރަށް ބަލަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

އެހެންނަމަވެސް، އަހަރެން ވޯޓު ދެނީ ތިމާގެ ކަމުގެ ސަބަބުން، ލިބޭ ވަޒީފާއެއްގެ ސަބަބުން، ނުވަތަ އަހަރެންނަށް އޮތް މަންފާއެއްގެ ސަބަބުން، ނުވަތަ އެހެން މީހަކު ބުނީތީ އެމީހަކު ރުއްސަން ކަމަށްވާނަމަ ދެން އިތުރަށް ބަލަންޖެހޭ އެހެންކަމެއް ނެތެވެ. ވޯޓު ދޭނޭ ކެންޑިޑޭޓް ތިޔަ އޮތީ ނިންމިފައެވެ. އެހެންނަމަވެސް އެ ނިންމުން ވެގެންދާނީ އަމިއްލަ އެދުމަށްޓަކައި ނިންމޭ ޤައުމިއްޔަތާ ބީރައްޓެހި ނިންމުމަކަށެވެ.

އަމިއްލަ އެދުމެއްނެތި، ޤައުމީ މަސްލަޙަތުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓު ދޭން ނިންމާނަމަ އިތުރަށް ވިދާޅުވާށެވެ.

2. ކެންޑިޑޭޓުންނާ ގުޅޭ މަޢުލޫމާތު ހޯދުން.

ރަނގަޅު މަސައްކަތްތަކެއް ކުރާނޭ، ޤާބިލު ކެންޑިޑޭޓަކަށް ވޯޓު ދޭން ނިންމާނަމަ، ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންގެ ފުރިހަމަ މަޢުލޫމާތު ހޯދާށެވެ. ކެންޑިޑޭޓުގެ އާއިލާއާއި، ވިޔަފާރީގެ މަސްލަޙަތުތަކާއި، ސިޔާސީ ގުޅުންތަކާއި، ލިބިފައިވާ ޢިލްމާއި، އަމަލީ ތަޖުރިބާފަދަ އެންމެހައި މައުލޫމާތުތައް އަހައި އޮޅުން ފިލުވާށެވެ. ސިޔާސީ މަޤާމަކަށް ކުރިމަތިލާ މީހާގެ އެ މަޢުލޫމާތުތަކަކީ އޭނާގެ ޒާތީ މައުލޫމާތެއް ނޫނެވެ. ވޯޓުދޭ މީހާގެ ނިންމުން ބިނާކުރާނީ އެފަދަ މަޢުލޫމާތުތަކުގެ މައްޗަށެވެ.

3- ކެންޑިޑޭޓުން ކަންކަމާމެދު ދެކޭ ގޮތް އޮޅުން ފިލުވުން.

ރައްޔިތުންނާ ގުޅުންހުރި އެކިއެކި ކަންކަމާމެދު ކެންޑިޑޭޓުން ދެކޭ ގޮތް ސާފު ކުރާށެވެ. ކޮންމެ ކަމެއްގައިވެސް ކޮންމެ މީހެއްގެވެސް ވިސްނުމެއް އޮންނާނެއެވެ. ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، އިންތިޚާބުވާން އެދޭ މަޤާމުގެ ޙައިސިއްޔަތުން އެ މައްސަލަތަކަށް ކެންޑިޑޭޓު ހޯދައިދޭން ހުށަހަޅާ ހައްލަކީ ކޮބައިތޯ ސުވާލުކުރާށެވެ. އެ ޙައްލާ ހަމައަށް ވާސިލުވާނޭ ގޮތަކީ ކޮބައިތޯވެސް ސުވާލުކުރާށެވެ. އަދި އެ ކަންކަމަކީ ޙަޤީޤަތުގައިވެސް ވެދާނޭ ކަމެއްތޯ އަމިއްލައަށް ވިސްނައި ވަޒަންކުރާށެވެ.

ކެންޑިޑޭޓުންގެ ޕޯސްޓަރުތަކުގައި ލައްކަ ޒާތްޒާތުގެ ޝިޔާރުތަކާއި ޝުޢޫރުތައް ލިޔެފައި ހުރެއެވެ. ‘އިޖުތިމާއީ ހަމަޖެހުން ޤާއިމުކުރުމަށް’، ‘އަދުލު އިންސާފު ކަށަވަރު ކުރުމަށް’ ‘ދާއިރާގެ ރައްޔިތުންގެ މާލީ ފުދުންތެރިކަމަށް’ ފަދަ ކިތަންމެ ޝިޔާރަކާއި ޝުޢޫރެކެވެ. މިކަންކަން ކުރާނީ ކިހިނެއްތޯ ސުވާލު ކުރެވުމުން ޖަވާބުދޭން އެނގެނީ މަދު ކެންޑިޑޭޓަކަށެވެ. އެހެން އެވަނީ އެއީ ކެންޑިޑޭޓުގެ އަމިއްލަ ޝުޢޫރަށް ނުވާތީއެވެ. ޕޯސްޓަރުގައި އެއޮތީ ޑިޒައިންކުރި ކުއްޖާއަށް އެންމެ ކަމުދިޔަ އިބާރާތެވެ. ކެންޑިޑޭޓަަށް އެ އެއްޗެއް ފެނުނީވެސް ތެރަސްލައި މަގުފާރުތަކުގައި ހަރުކޮށްފައި ހުއްޓައެވެ.

އެފަދަ ހުރިހާ މައްސަލަތަކެއްގައި ކެންޑިޑޭޓާ ސުވާލުކޮށް ޖަވާބު ލިބޭތޯ ބަލާށެވެ. ދޭ ޖަވާބުން ސުވާލު އުފައްދައިގެންވެސް ކުރާށެވެ. ޕޯސްޓަރުން ދައްކާ މީހާއާއި، ‘އަސްލު މީހާ’ ގެ ތަފާތު ފެންނާނެއެވެ.

4- ކެންޑިޑޭޓުގެ އިޚްލާސްތެރިކަމާ ލީޑަރޝިޕް ކޮލިޓީ ވަޒަންކުރުން.

މިއީ އުނދަގޫ ކަމެކެވެ. އެއްވެސް މީހަކީ ރަނގަޅު، އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށްފާނޭ މީހެއްތޯ ނިންމާ ނިންމުން ސައްތައިން ސައްތަ ދިމާނުވެދާނެއެވެ. އެހެންނަމަވެސް އެގޮތަށް ނިންމުމުގައި ބެލިދާނޭ ބައެއްކަންކަން އެބަހުއްޓެވެ.

  1. ކެންޑިޑޭޓު ކުރިން ފުރާފައިހުރި މަޤާމުތަކަށް ބެލުން. ކުރިމަތިލާ މަޤާމަށް ތައްޔާރުވެފައިވާ މިންވަރު އެކަމުން އަންދާޒާ ކުރެވޭނެއެވެ.
  2. ކުރިން އަދާކުރި މަޤާމުތަކުގައި މަސައްކަތްކުރި ގޮތް ބެލުން. މާޒީއަކީ މުސްތަޤުބަލު މަންޒަރު ކިޔައިދޭ ލޯގަނޑެވެ. ކުރިން އަދާކުރި މަޤާމަކީ، މިހާރު ކުރިމަތިލައިގެން އުޅޭފަދަ މަޤާމެއް ނަމަ، އެ ކެންޑިޑޭޓަކު އެ މަޤާމަށް ޤާބިލުތޯ ވަޒަންކޮށްލުން ފަސޭހަ ވާނެއެވެ. ކުރިން އަދާކުރި މަޤާމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު ރައްޔިތުންނަށް ފައިދާހުރި ކިހާ މަސައްކަތެއް ކުރިތޯ ބަލާށެވެ. ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކޮށްފައި ހުރި މަސައްކަތްތައްވެސް ބަލާށެވެ.
  3. ކެންޑިޑޭޓުގެ ކެމްޕެއިން ހިންގަމުން ގެންދާ ގޮތަށް ބެލުން. ކެންޑިޑޭޓުގެ ކެމްޕެއިން ހުރިހާ ގިންތިއަކަށްވެސް އަމާޒު ކުރޭތޯ ބަލާށެވެ. އޭނާގެ ވާހަކައާ އެއްބަސްނުވާނޭ މީހުންނާ މުޢާމަލާތްކުރާ ގޮތަށް ބަލާށެވެ. އަދި ވާދަވެރި ކެންޑިޑޭޓުންނާ، އެ ކެންޑިޑޭޓުންގެ ސަޕޯޓަރުންނާމެދު ޢަމަލުކުރާ ގޮތް ބަލާށެވެ. ލީޑަރޝީޕް ކޮލިޓީހުރި، އަދި އިޚްލާސްތެރި ނިޔަތެއް ހުރި ކެންޑިޑޭޓެއްނަމަ އެކަންކަމުގައި ފެންނާނީ ރަނގަޅު އާދަތަކެކެވެ. އެއީ ފޮރުވޭނޭ ކަމެއް ނޫނެވެ.

އެހެން މީހުން ކެންޑިޑޭޓާމެދު ދެކޭ ގޮތް އޮޅުން ފިލުވުން. 5-

އަހަރެން ވޯޓުދޭން ނިންމާ މީހާއަކީ ވަގެއްކަމަށް ޤައުމުގެ ގިނަ ބަޔަކު ބުނާ އަޑު އިވޭނަމަ، އެކަން އަދި ސާބިތުވެފައި ނެތަސް އޭގައި ޙަޤީޤަތެއް އެކުލެވިފައި އޮވެދާނޭކަމަށް ބަލަންޖެހެއެވެ. ގިނަ ބަޔަކު ނުރުހުން ވާނީ ސަބަބުތަކެއް ހުރީމައެވެ. އެ ސަބަބުތައް ކެތްތެރިކަމާއެކު އޮޅުން ފިލުވާށެވެ.

މުޖުތަމަޢުގައި ހިމެނޭ ޤަދަރުވެރިން، ޢިލްމީ ޤާބިލު މީހުން، ކަންކަމުގެ ހެޔޮ ނުބައި އެނގޭނޭކަމަށް ފެންނަ މީހުން ވަކި މީހަކަށް ތާއީދުކުރާ، ނުވަތަ ނުކުރާ ސަބަބަށް ބަލާށެވެ. އެފަދަ މީހުންގެ ނިންމުންތައް ބިނާކޮށްފައި ހުރީ ތަޢައްސުބެއް އޮވެގެންތޯ ނުވަތަ ޙަޤީޤީ ސަބަބުތަކެއްގެ މައްޗަށްތޯ ބަލާށެވެ. އެ ސަބަބުތައް ވަޒަންކުރާއިރު، އެއީ ޙަޤީޤަތެއް އެކުލެވިދާނޭފަދަ ކަމެއްކަމަށް ފެންނަނަމަ އެ ކެންޑިޑޭޓަކަށް ވޯޓު ދޭން ނިންމާފައިވާ ނިންމުން އަވަހަށް ބަދަލުކުރާށެވެ.

މި މައިގަނޑު އުސްލޫބުން ވިސްނައިގެން، މި ލިޔުމުގައިވާ އެކްސަސައިޒް ފުރިހަމަކުރެވޭއިރު، ޚާދިމުންކަމަށް ކިޔައިގެން ނިކުމެތިބި އެންމެންގެ ޙަޤީޤަތުން ބައެއް ކުރިމަތީގައި ހާމަވާނެއެވެ. މޫނުމަތީގައި ޖަހާފައިހުރި މޫނު ނެގި، ކާކަކީ ކާކުކަން އެނގެން ފަށާނެއެވެ. އަދި ވޯޓު ދޭންވީ ކެންޑިޑޭޓުގެ ސިފަވެސް މިހާރު ކުރިމަތިން ސޫރަވާނެއެވެ. އެއީ ރަނގަޅު މީހާއެވެ.

މި އާޓިކަލް ބައްލަވާ

ވެރިކަމުގެ ނިޒާމާމެދު ސިޔާސީންގެ ވިސްނުމަށް އައި ބަދަލު

ވެރިކަމުގެ ނިޒާމެއް އެކަށައެޅުމުގެ ބަހުސް ފެށި، އެއީ ޢާންމު ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއްކަމުގައި ކަނޑައެޅުނީ 7 މެއި 2006 …