ސިޔާސީ ޕާޓީއެއް އުފެއްދުން

‘ކަރުނަޔާ ނުލައި ކެއްކުން’ ‘ތަފާތު ކާނާ’ ފަދަ ކެއްކުމާ ގުޅޭ ފޮތްތައް އަޅުގަނޑުމެންގެ ތެރޭގައި ޢާންމެވެ. މި ލިޔުން ވައްތަރުވާން އުޅޭނީ އެފޮތްތަކުގައި ބަޔާންކޮށްފައިހުރި ފަދަ ރެސިޕީއަކާއެވެ. ‘ޤާނޫނަށް މަގެއް’ އަދި ‘މުޢާމަލާތަށް މަގެއް’ ފަދަ ޖައުހަރުތަކާ އެއްހަމަ ނުވިޔަސް، ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ކުރާންވީ ކަންކަމާއި ކޮށްގެންނުވާނޭ ކަންކަން އެއް ލިޔުމަކުން ފެންނަން އޮތުމަކީ ފަސޭހައެއްކަމަށް ފެންނާތީ ލިޔެލަނީއެވެ.

ޕާޓީއެއް އުފެއްދުމަކީ އުނދަގޫކަމެއް ނޫނެވެ. ޤާނޫނު ފަރުމާކޮށްފައި އޮތީ ޕާޓީއެއް އުފެއްދުން ފަސޭހަކުރުމާއި އެކަމަށް ހިތްވަރު ދިނުމުގެ މައްޗަށެވެ. އަންނަނިވި ތަރުތީބުން ކަންކުރުމުން އޮންނާނީ ސިޔާސީ ޕާޓީއެއް އުފެއްދިފައެވެ.

ފުރަތަމައީ ޕާޓީއަށް ކިޔާނޭ ނަމެއް ނިންމުމެވެ. ޕާޓީއަށް ކިޔާން ގަސްތުކުޅަ ނަމަކީ މުޅި ދިވެހި އުއްމަތް ތަމްސީލުވާ ނަމަކަށް ވުން ލާޒިމެވެ. ޔައުނީ ރާއްޖޭގެ ވަކި ސަރަޙައްދަކަށް ޚާއްސަ، ނުވަތަ ވަކި ގިންތިއަކަށް ޚާއްސަކޮށް ޕާޓީއެއް ނުއުފެއްދޭނެއެވެ. އެކަން އެހެން ހަމަޖެހިފައި އޮތުމުގެ މަޤާސިދަކީ ބައިބައިވުމަށް ފުރުސަތު ނުދިނުމާއި، އެއީ ހުރިހައި ރައްޔިތުންނަށް ޝާމިލުވެވޭނޭ ފިކުރެއްކަން ކަށަވަރުކުރުމެވެ. އެއަށްފަހު ޕާޓީއަށް ކިޔާން ގަސްތުކުޅަ ނަމަކީ އިލެކްޝަންސް ކޮމިޝަންއިން ޤަބޫލުކުރާ ނަމެއްތޯ ބަލާށެވެ. ޕާޓީ އުފެއްދުމަށް އެދޭ ފޯމު ހުށަހަޅުއްވަން ވާނީ ޕާޓީގެ ނަމާއެކުގައެވެ.

ޕާޓީއެއް އުފެއްދުން ނިޔަތްގަނެ އެކަމަށް އެދޭ މީހާގެ ޝަރުތު ނުވައެކެވެ. އެއީ (1) ދިވެހި ރައްޔިތަކަށްވުމާއި، (2) ބުއްދި ސަލާމަތުން ހުރުމާއި، (3) އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި (4) އެމީހެއްގެ މައްޗަށް ޝަރުޢީ ޙުކުމެއް ތަންފީޛުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، (5) އެހެން ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، (6) ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއްކަމުގައި ނުވުމާއި، (7) ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކުނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފުކުރެވުނުތާ 3 އަހަރުދުވަސް ވެފައވުމާއި (8) މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ކުޑަކުދިންނާ ބަދުއަޚުލާޤީ ޢަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމާއި، (9) ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން ޤާނޫނުން މަނާކޮށްފައިވާ ހައިސިއްޔަތެއްގައި ހުރި މީހެއްކަމަށް ނުވުމެވެ.

މަތީގައި ބަޔާންކުރެވުނު ޝަރުތު ފުރިހަމަވާ މީހާ އެކަމަށް އެދެމުން އިލެކްޝަންސް ކޮމިޝަންއިން ދޭ ކުށުގެ ރެކޯޑު ފޯމު އިދާރާތަކުން ފުރުމަށްފަހު ޕާޓީ އުފައްދަން އެދޭ ފޯމާއެކު ކޮމިޝަންގެ އިދާރާއަށް ހުށަހަޅުއްވާށެވެ. އިދާރާތަކުން ދޫކުރާ ތިބާގެ ފާއިތުވެދިޔަ ތަނުގެ ޢަމަލުގެ ފަތް ސާފުނަމަ، ހުށަހެޅުއްވި ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދޭނެއެވެ. އެ ހުއްދަ ލިބުމުން ދެން އެއޮތީ ޕާޓީއަށް މެންބަރުން ހޯދުމުގެ މަސައްކަތެވެ.

ޕާޓީއެއް އުފެއްދުމަށް ހަމަވާންޖެހެނީ 3000 މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާ ގޮތުން އެހެން ޕާޓީއަކަށް ސޮއިކޮށްފައިހުރި މެންބަރަކު އަލަށް އުފައްދާ ޕާޓީގެ މެންބަރަކަށްވުމަށް އެދި ފޯމު ފުރައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިއްޖެނަމަ އޭނާ ކުރިން ހުރި ޕާޓީގެ މެންބަރުކަމުން ވަކިވީއެވެ. މިއީ ޕާޓީއަކުން ވަކިވުމަށް ވެސް އޮތް އެންމެ ފަސޭހަ އިޖުރާއަތެވެ. އަލަށް އުފައްދާ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ކޮށްލާ ސޮޔާއެކު ކުރިން ހުރި ޕާޓީއިން ވަކިވެވޭނެއެވެ.

ޕާޓީއަށް މެންބަރުން ވެއްދުމުގައި ސަމާލުވާންޖެހޭ، އަދި ގިރާކޮށްގެން ނުވާނޭ އިންތަކެއް ވެއެވެ. އެއީ ޕާޓީގެ މެންބަރަކަށްވުމަށް މަޖުބޫރުކުރުމާއި، އޮޅުވާލުމާއި، މިނޫނަސް އެމުނިއެކުލެވޭ ގޮތަށް މި ލިސްޓަށް އިތުރުކުރެވިދާނޭފަދަ މިބާވަތުގެ އެހެނިހެންކަންކަމެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި އެ ވާހަކަ އޮންނާނެއެވެ.

3000 މެންބަރުންގެ ސޮއި ހަމަކުރާއިރު އެއީ ދިރިތިބި، ހަޤީޤީ އިންސާނުންކަމާއި، އެމީހުން ޕާޓީއަށް ސޮއިކުރިކަން ކަށަވަރުކުރުމަށް އިލެކްޝަން ކޮމިޝަނަށް ފަސޭހަވާނޭ ހުރިހާ މަޢުލޫމާތެއް ހުށަހެޅުން ލާޒިމެވެ. ސޮއިކުރި މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ގުޅޭނޭ ނަންބަރު އޭގެ ތެރޭގައި ހިމަނަންވާނެއެވެ. ހުރިހާ ފޯމުތަކަށް ނުގުޅި ނަމަވެސް، ތަރުތީބެއްނެތި ހޮވާލެވޭ ނަސީބުވެރިންނަށް އިލެކްޝަންސް ކޮމިޝަންއިން ގުޅާނެއެވެ. އެހެން ގުޅޭ މީހަކު، ޕާޓީއަށް ވަނުމަށް ފުރާފައިވާ ފޯމާމެދު ނުކިއްސަރު ޖަވާބެއް ދީފިނަމަ އެ ފޯމެއް އެހިނދުން ބާތިލުވެދެއެވެ. އެއަށްފަހު ދެން އޮތީ ނުރައްކާ ނަތީޖާއެކެވެ. އަލަށް ލިޔެވުނު ގަވާއިދު ބުނާ ގޮތުން ޕާޓީއަށް މެންބަރުން ވެއްދުމުގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ޢަމަލެއްކޮށްފައިވާކަމަށް ފެނިއްޖެނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލުކުރުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ. އެހެންވެއްޖެނަމަ ޕާޓީ އުފެއްދުމަށް ކުޅަހައި ޢަމަލުތައް ބާތިލުވެގެން ދިޔައީއެވެ. އެއާއެކު ޕާޓީ އުފައްދަން ހުއްދަ ދެވުނު ފަރާތުގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގުމަށް އެކަމާބެހޭ ބޭކަލުންނަށް ފޮނުވުމަށްވެސް ކޮމިޝަނަށް ނިންމިދާނެއެވެ.

ހުށަހެޅުނު ފޯމުތަކުގެ ތެރެއިން ބައެއް ފޯމުތައް ބާތިލުވީނަމަވެސް، ސިޔާސީ ޕާޓީ އުފެއްދުމަށް ސައްޙަ މަގުން ހުށަހެޅުނު ސޮއިތަކުގެ ޢަދަދު 3000 ނުވަތަ އެއަށްވުރެ އިތުރުނަމަ އުފާ ކުރައްވާށެވެ. ދެން އޮތީ ޕާޓީ އުފެއްދުމުގެ ތާރީޚީ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމެވެ. އެ ޖަލްސާއަކީ ޕާޓީގެ އަސާސީ ގަވާއިދު ފާސްކޮށް، ޕާޓީ ވަގުތީ ގޮތުން ހިނގާނޭ ގުނަވަން ހަރަކާތްތެރިވާނޭ ގޮތް މެދުވެރިކުރުމަށް ބޭއްވުން ލާޒިމު ޙަފްލާއެވެ. ޖަލްސާ ބާއްވަންވާނީ އެކަމުގެ ހުއްދަ ކޮމިޝަނުން ލިޔުމުން ދިނުމުންނެވެ. އަދި އެ ޖަލްސާއަށް ކޮމިޝަނުން ބެއިކަލަކު ފޮނުއްވައި ދިނުމަށް ކޮމިޝަންގައި އެދިވަޑައިގަންނަވަން ވާނެއެވެ.

ޖަލްސާ ބޭއްވޭ މާލަމުގައި، ޖަލްސާގެ ބައިވެރިންގެ ގޮތުގައި ޕާޓީގެ 3000 މެންބަރުންގެ ތެރެއިން މަދުވެގެން 300 މެންބަރުން ތިބުން ލާޒިމެވެ. ކޮމިޝަނުން ފޮނުވާ ބޭކަލުން ގެންދަވާނީ ހާޟިރީންގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ބަލައި އެ ހާޟިރީންނަކީ ޕާޓީގެ މެންބަރުންތޯ ކަށަވަރުކޮށް އެކަން އެ ބޭކަލުންގެ ފަތުގައި ލިޔުއްވަމުންނެވެ. ޕާޓީގެ މެންބަރުން ނޫން މީސްތަކުންނަށްވެސް ޖަލްސާގައި ބައިވެރިވެވިދާނެއެވެ. ލާޒިމުވެފައި އޮންނަނީ ޕާޓީގެ ސައްޙަ މެންބަރުންގެ ޢަދަދު 300 ހަމަވުމެވެ.

މިހާރު މި އުޅެވެނީ ކުންނަށް ވާސިލުވުމުގައެވެ. މި ވަގުތަކީ “ދިރުނބާކޮޅަށް ރަނގަޅު ކުއްޖަކު އަރަންވީ” ވަގުތެވެ. ޕާޓީގެ ޖަލްސާއަށްފަހު، ޖަލްސާގެ ނިންމުންތައް ލިޔުމަށް ތިރިކުރެވި، އެ ފަތްތައް ކޮމިޝަނަށް ހުށަހެޅުމަށް އަވަސްވެވަޑައިގަންނަވާށެވެ. ކޮމިޝަނުން އެފަތްތައް ބަލައި ދިރާސާކުރާނެއެވެ. އަސާސީ ގަވާއިދުގައި ފުރިހަމަވާންޖެހޭކަމަށް ޤާނޫނާ ގަވާއިދުގައި ބުނެފައިވާ ކަންކަން ފުރިހަމަވޭތޯއާއި، އެމަގުން ބަލަންޖެހޭ އެންމެހައި ކަންކަމަށް ތަހުލީލީ ނަޟަރަކުން ރިޢާޔަތްކުރެވި އެނުކުތާއެއްގެ ފުރިހަމަ އަޖުރު ލިބެމުންދާނެއެވެ.

ހުރިހައިކަމެއް ފުރިހަމަނަމަ، ކޮމިޝަނުގެ ޚަރަދުގައި އިންތިޒާމުކުރާ ރަސްމިއްޔާތެއްގައި ޕާޓީގެ ރަޖިސްޓްރީގެ ފަތް އަތަށް ލިބޭނެއެވެ. މިހާރު ތިޔައީ ވަކި ޤާނޫނީ ޝަޚްސެއްގެ ހައިސިއްޔަތު ލިބިގެންވާ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ބަސްބުނެވޭނޭ ޖަމާއަތެކެވެ. އެ ހައިސިއްޔަތާއެކު ތިބާއީ މުކައްލަފަކަށްވެއެވެ. ޤާނޫނީ ގޮތުން އުފުލަންޖެހޭ ތަކުލީފުތަކަކާއި، އުޅުމާއި ގުޅުން ބެހެއްޓުން ލާޒިމު އުސްލޫބުތަކެއް ޤާނޫނުގައި ކަނޑައަޅައި ބުނެދީފައިވެއެވެ. މި ބާބުގެ މައުޟޫޢުކަމަށް ނުވާތީ މިހިނދަށް ކުރުކޮށްލީއެވެ. ސިޔާސީ ގޮތުން ހައިސިއްޔަތު ލިބި މުކައްލަފަކަށްވުމަށްފަހު އަދާކުރަންޖެހޭ ޤާނޫނީ ވާޖިބުތަކާމެދު އަންނަ ބާބެއްގައި ވާހަކަ ދައްކާނަމެވެ.

މި އާޓިކަލް ބައްލަވާ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ރަނގަޅު؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަބްދުﷲ ދީދީ ގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައެއް އެ ސަރވިސްއިން …