ވަގު ހިފަން ދަންތުރަޖެހުން

މީހުންގެ ގޮވަތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަނެކެވެ. އަދި އެއީ އޭގެ ވެރިންނަށް އެންމެ ރައްކާތެރިކަން އިހްސާސްކުރެވެންޖެހޭވެސް ތަނެވެ. ކުށުގެ ޢަމަލުތަކާއި ކުށްވެރިންގެ އުނދަގޫ ބޮޑު މިޒަމާނުގައި ގޭގޭގައި ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކެމެރާ ހަރުކޮށްގެން ނުވަތަ ސެކިއުރިޓީ ގާޑަކު ބަހައްޓައިގެން ގޭގެ ސެކިއުރިޓީއަށް ކުރާ ޚަރަދަކީ ޙަޤީޤަތުގައި އެހެން ހުރިހާ ކަމެއް ސަލާމަތްކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. އެއީ ޟަރޫރީ ޚަރަދެކެވެ.

ދަންވަރު ވަގަށް ގޭގެއަށް ވަދެއުޅޭ މީހުން ހިފުމަށް ގުއިރޯނު ދެމުމަކީ ރާއްޖޭގެ ރަށްތަކުގައި ކޮށްއުޅުނު ކަމެކެވެ. އަދިވެސް ބައެއް ގޭގެ އިންފާރު މަތީގައި ފުޅިތޮށި ހަރުކޮށްފައި ހުންނާތީ ފެނެއެވެ. އެއީ ފާރުމަތިން މީހަކު ފުންމާލައިގެން އެތެރެވިޔަ ނުދިނުމަށްޓަކައި ކޮށްފަ ހުންނަ ކަންކަމެވެ. އެހެންނަމަވެސް އެފަދަ ކަންތައްތަކުން ގޭގެ ސަލާމަތްތެރިކަން ކަށަވަރުވުމަށްވުރެ، ދިމާވާ ހާދިސާތަކުގެ ގެއްލުން މާބޮޑެވެ. މިހާރު އެފަދަ ކަމެއް އެއްވެސް ރަށެއްގެ ބަޔަކު ކުރާކަމަކަށް އެނގިފައެއް ނެތެވެ. ކުރާނޭކަމަކަށް ނުވެސް ފެނެއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ކަމުގައިވީނަމަވެސް، މީހުންގެ ފުރާނައަށް ގެއްލުންވެދާނޭފަދަ ވަސީލަތްތަކާއި، އެފަދަ ނިޒާމުތައް ޤާއިމުކުރުމަކީ ރާއްޖޭގެ ޤާނޫނުތަކުން ހުއްދަކުރާ ކަމެއް ނޫނެވެ. ޤާނޫނު ލާޒިމުކުރަނީ ހުރިހާ ވަގުތެއްގައިވެސް މީހާގެ ޢަމަލުތައް އަނެކާއަށް ގެއްލުމެއް ނުލިބޭގޮތަށް ބެހެއްޓުމަށެވެ. ސެކިއުރިޓީގެ ނަމުގައި ކަރަންޓު ދަންތުރަޖެހުމާއި، ދޮރު ހުޅުވުމުން ނުވަތަ އަތްލުމުން ޝޮކްޖެހޭ ގޮތަށް ހެދުމާއި، ގޯތި ތެރޭގައި އަނދަވަޅުކޮނެފައި ބެހެއްޓުން ފަދަ ކަންކަމަކީ އަނެކާއާމެދު ބަހައްޓަންޖެހޭ އަޅާލުމުގެ ޒިންމާއާ ޚިލާފް، އަދި ފަރުވާކުޑަ ޢަމަލެކެވެ.

މިފަދަ ދަންތުރައެއްގައިޖެހި މީހަކު މަރުވެއްޖެނަމަ އެ ޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 110 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، މީހެއްގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ ޙާލަތެއްގައި ކުރާ ފަރުވާކުޑަ ޢަމަލެއްގެ ސަބަބުން މީހަކު މެރުމެވެ. މިއީ ޖިނާޔާތުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. ޢަމަލު ކުޅަ މީހާގެ ޤަސްތަކީ މީހަކަށް ބޮޑު އަނިޔާއެއް ލިބޭނޭ ފަދަ ޙާލަތެއް ކުރިމަތިކުރުވުން އެކަނި ކަމަށްވިޔަސް، އެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މަޤުސަދުގެ ރުކުން ފުރިހަމަވީއެވެ. އެއީ އެފަދަ ދަންތުރައެއްގައިޖެހޭ މީހާ މަރުވުމަކީ ކުރިމަތިވެދާނޭ ޙާލަތެއްކަން އެކަން ކުރާ މީހަކަށް އެނގޭނޭތީއެވެ.

އަމިއްލަ ގޮވަތި ގެދޮރާއި، މުދަލުގެ ރައްކާތެރިކަމާމެދު ކޮންމެ މީހަކުވެސް ކަންބޮޑުވާނެއެވެ. ޚާއްސަ ސަމާލުކަމެއްވެސް އެކަމުގައި ބަހައްޓަންޖެހޭނެއެވެ. އެހެންނަމަވެސް އެ ރައްކާތެރިކަން ކަށަވަރުކުރުމުގައި، އެހެން މީހެއްގެ ފުރާނައަށް ގެއްލުންވާފަދަ ކަމެއް ކޮށްގެންނުވާނެއެވެ. ސެކިއުރިޓީއަށް ބޭނުންވާ އެކިއެކި އާލާތްތަކާއި، ސެކިއުރިޓީދޭ ކުންފުނިތަކުގެ ޚިދުމަތްތައް ފުޅާވެ ކުރިއަރާފައިވާ މި ޒަމާނުގައި އެފަދަ ކަމެއް އަމުދުން ކޮށްގެންނުވާނެއެވެ.

އަމިއްލަ މުދަލާއި، ގޮވަތިގެދޮރުގެ ރައްކާތެރިކަމަށް ފާރަވެރިވުމަށް ކުރެވޭ ކެމްޕެއިންތަކުގައި މި މައުޟޫޢުއަށް ވާހަކަ ދެކެވެން ޖެހެއެވެ. މުދަލާއި ގޮވަތިގެދޮރު ރައްކާތެރިކުރާނީ އެހެން މީހުންގެ ފުރާނައަށް ނުރައްކަލެއް މެދުވެރިވެދާނޭ ޙާލަތެއް އުފައްދައިގެން ނޫންކަމާއި، އެކަމަކީ ޤާނޫނު މަނާކުރާކަމެއްކަން ބުނެދެވެންޖެހެއެވެ. މުދަލުގެ ވެރިޔާގެ ޒިންމާއަކީ މުދާ ރައްކާތެރިކުރުމަށް އެކަށީގެންވާ ފަރުވާތެރިކަން ބެހެއްޓުމެވެ. ވަގުން ހިފައި ހައްޔަރުކޮށް އަދަބުދިނުން ޤާނޫނީ ނިޒާމަށް ދޫކޮށްލާށެވެ.

މި އާޓިކަލް ބައްލަވާ

ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން

ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު …