އިންތިޚާބު ފަސްކުރުން

2016 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބަށް އިޢުލާނުކުރެވުމާއެކު ރައީސް ޔާމީން އޭނާގެ އައުވާނުންނާއެކު މިސްރާބުޖެހީ ޖަސްޓިސް ބިލްޑިންގގެ 2 ވަނަ ފަންގިފިލާގައި ހުންނަ ސިވިލް ކޯޓާ ދިމާލަށެވެ. އެ ކޯޓުގައި ނުހަނު އަސަރާއެކު ވިދާޅުވީ އޭނާ ގެންގުޅުއްވާ ޕާޓީގެ ރައީސް އޭނާއަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔައިރު، އެ ތާއީދާއެކު ޕާޓީގެ މެންބަރުންގެ ނަން ލިސްޓުކުރެވުނު ޑޮކިއުމަންޓް އޮތް ހާޑްޑްރައިވް ވެސް ގެންދަވައިފިކަމުގައެވެ. އެ ހާޑްޑްރައިވްއާ ނުލައި ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވުމަކީ މުސްތަޙީލުކަމެއް ކަމަށާއި، އެއީ ޕާޓީއަށް ކުރިމަތިވެފައި އޮތް އިމަޖެންސީ ޙާލަތެއް ކަމުގައެވެ. އެހެންވީމާ، އަލުން އެކަހަލަ ލިސްޓެއް ހަދަން 2 މަސް ދުވަސް ވެއަތުވާނޭތީ އެ މުއްދަތަށް އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓުގައި އެދުނެވެ.

ކޯޓުން އެންގީ ތިބާއީ ރަނގަޅު ވާހަކައެއް ކަމުގައެވެ. ޕާޓީ އޮފީހުގައި ހުންނަ ކޮމްޕިއުޓަރެއްގެ ހާޑްޑްރައިވް ނެތި އިންތިޚާބަކަށް ކުރިމަތިލާނީ ކޮންދަފައަކުންތޯ އެދުވަހު ސިވިލް ކޯޓުން ސުވާލު އުފެއްދިއެވެ. ތަހުޒީބު އަދި ދިމިޤްރާޠީ ޤައުމުތަކުގައިވެސް އެކަން އޮންނަނީ އެހެންކަމަށްވެސް އެމުނިއެވެ. ޤާނޫނުއަސާސީއާ ޤާނޫނުތަކާ ކޯޓުތަކުގެ ނިންމުންތަކާ ޙަވާލާދެމުންގޮސް އެންމެ ފަހުން އިއްވީ، އިއްވާނޭކަން މާކުރިންވެސް އެނގިފައި އޮތް ޙުކުމެވެ. އިންތިޚާބު ބޭއްވުނީ ރައީސް ޔާމީން ބޭނުންފުޅުވި ތާރީޚުގައެވެ. ބޮޑު ބައްޔަކުން ރައީސް ޔާމީންއާ އޭނާގެ ޕާޓީ ބަލިވެ، ބޮޑު ލަދަކާ ކުރިމަތިވިއިރު އެ އިންތިޚާބުގެ ކަމަކަށްފަހު ކަމެއް ރޭވި ތަރުތީބުވަމުން ދިޔައީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށެވެ. ބޭނުންފުޅު ނޫން ގޮތަކަށް ކަމެއް ކުރިމަތިވެދާނޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެއީ ޙާލަތުއްޟަރޫރާއެވެ. ދައުލަތުގެ ހުރިހާ ބާރުތަކެއް އެއްވެ ރައީސް ޔާމީންގެ ކިބައިން އެ ތަކުލީފު ދުރުކޮށްދިނުމަށް ހިފާނެއެވެ.

ސިވިލްކޯޓުން ނިންމި އެކޯޓުގެ 2016 ވަނަ އަހަރުގެ 2515 ނަންބަރު ޤަޟިއްޔާއަކީ ޙަޤީޤަތުގައި ޖުޑީޝަރީގައި ޖެހުނު ލައްގަނޑެކެވެ. ވަކި ތާރީޚުތަކެއް ކަނޑައެޅި، ޤާނޫނުގައި މުއްދަތު ބަޔާންކޮށްފައި އޮތްކަމެއް އެ ނޫން ގޮތަކަށް ބަދަލުވީ ރައީސް ޔާމީންގެ ހާޑްޑްރައިވްއެއް ގެއްލިއްޖެކަމަށް ބުނި ބުނުމުގެ މައްޗަށެވެ.

ކިރިޔާ އުނދަގުލެއް ކުރިމަތިވާއިރަށް ނުފޫޒު ބޭނުންކުރުމުގެ އެ ނުރަނގަޅު އާދަ ރައީސް ޔާމީންގެ ކަށީގައި އަދިވެސް ހުރީ ހިފާފައެވެ. 2019 ވަނަ އަހަރު ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާން ބަލާއިރު އަނެއްކާވެސް ޙާލަތުއްޟަރޫރާ ކުރިމަތިވެއްޖެކަމަށް ރައީސް ޔާމީންގެ ޕާޓީތަކުން އެބަބުނެއެވެ. ރައީސް ޔާމީންގެ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްއާއި، ހަމަ އެމަނިކުފާނުގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ގުޅިގެން، އެކެއްގެ ޖީބުން ކުލި ދައްކައިގެން ހިންގާ، ދެ ޕާޓީގެ އޮފީހުގައި ތިއްބަވައިގެން، އެއް ޕާޓީގެ ނާއިބުރައީސް އަދި އަނެއް ޕާޓީގެ މުއައްސިސްގެ އެއް އަނގައިން ވިދާޅުވީ ޙާލަތުއްޟަރޫރާ ކުރިމަތިވެއްޖެކަމަށެވެ. ހަދީސް ބަސްފުޅެއްގައި އޮވެއެވެ. ތިބާ ލަދުނުގަންނަނަމަ ބޭނުންކަމެއް ކުރާށެވެ. ދެ ޕާޓީގެ ވެރިޔާގެ ތާބިއީންނަށް ބުނާނޭ މިނޫން އިބާރާތެއް ނުވިސްނެއެވެ.

ޢާންމު އިންތިޚާބާ ކުރިމަތިވިއިރު ދެޕާޓީގެ ވެރިޔާ ޖަލުގައި އޮންނަން މެދުވެރިވުމަކީ އިންތިޚާބު ފަސްކުރަންޖެހޭފަދަ ޟަރޫރަތެއް އެކަމުގައި އޮތްކަމެއް ނޫނެވެ. ރިޔާސީ އިންތިޚާބު ބޯމަތިވިއިރު މިހާރު ވެރިކަންކުރާ ކޯލިޝަންގެ ހަތަރު ޕާޓީގެ ލީޑަރުން ތިއްބެވީ ޖަލުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބެވީ ޖަލުގައެވެ. ރިޔާސީ ކެންޑިޑޭޓު ގޮވައިގެން ރަށްތަކަށް ދަތުރުކޮށް ދެންވެސް ޖެހުނުކަމެއް ކުރަން އުޅުނީ އަޅުގަނޑުމެން ކަހަލަ ކުދިވެރިންނެވެ. އެ ހާލުގައި އުޅުނުއިރުވެސް އެއްވެސް ޕާޓީއަކުން އިންތިޚާބު ފަސްކޮށްދޭކަށެއް ނޭދެއެވެ. އިންތިޚާބު ބޭއްވުމަކީ ޤާނޫނުގައި ލާޒިމުކުރާ ވަކި މުއްދަތުތަކެއް އެކަމަށް ކަނޑައެޅިފައި އޮތް ވަކި ތާރީޚުތަކެއްގައި ބާއްވަންޖެހޭ އެއްޗެއްކަން ދެޕާޓީގެ ވެރިޔާއާއި އޭނާގެ އައުވާނުން ނޫން އެންމެން ދަނެއެވެ.

ސިވިލް ކޯޓުގެ 2016 ވަނަ އަހަރުގެ 2515 ނަންބަރު ޤަޟިއްޔާގެ ޙުކުމަކީ ޙާލަތުއްޟަރޫރާއެއްގެ ނަތީޖާއެވެ. އެއީ ފަހަރެއްގައިވެސް ހާޑްޑްރައިވް އެއް ގެއްލިގެން ރައީސް ޔާމީންގެ ޕާޓީއަށް މެދުވެރިވި ޙާލަތުގެ ވާހަކައެއް ނޫނެވެ. އެ ޙާލަތަކީ ރައީސް ޔާމީންގެ ނުފޫޒުން ކޯޓުތަކަށް ކުރިމަތިކުރުވާފައި އޮތް ޙާލަތެކެވެ. އެ ޙާލަތުން މިދަނީ އަރައިގަނެވެމުންނެވެ. ސިވިލް ކޯޓުން ބެލުމުގެ އިޚްތިޞާޞްވެސް ނެތް ދުސްތޫރީ މައްސަލައެއް ބަލައި އެކޯޓުން އޭރު ނިންމައިދިން ޙާލަތު މިހާރު ވުޖޫދަކު ނެތެވެ. ރައީސް ޔާމީންގެ ނުފޫޒާއި އަނިޔާވެރިކަމުގެ ޙާލަތު މިއަދު އޮތީ ބަދަލުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަހެއް ނުކުރެވޭނެއެވެ. އެކަން އެގޮތަށް ކުރާކަށް ރާއްޖޭގެ ޤާނޫނުތަކެއް ހުއްދައެއް ނުދެއެވެ. އަދި އެފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް ދެ ޕާޓީގެ ވެރިން ވިދާޅުވާ ވާހަކައިގައިވެސް ޤާނޫނީ ބުރަދަނެއް، ބުއްދީގެ ހަމައެއް ވިޔަސް ނެތެވެ.

މި އާޓިކަލް ބައްލަވާ

ދައުލަތުން ބަދަލު ހޯދުން!

ދައުލަތަކީ…….އާދެ، ތިޔަ ހީފުޅު ކުރެއްވި އިންތިޒާމަށް އަޅުގަނޑުމެން އެންމެންވެސް ކިޔާ ނަމެކެވެ. އަޅުގަނޑުމެން އެންމެން އެކުގައި އުޅޭން މެދުވެރިވި ނަސީބަށް …