ސިޔާސީ ހައިސިއްޔަތު ޚާއްސަކުރުން

ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމުގެ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ވިދާޅުވެފައެވެ. މިއީ ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއް ކަމުގައި ދެކެމެވެ. އަންހެނުންނަށް ގޮނޑި ޚާއްސަކުރެވެންޖެހޭނީ ހަމައެކަނި ކައުންސިލްތަކުން އެކަނިކަމަކަށް ނުފެނެއެވެ. އަޅުގަނޑުގެ ވިސްނުމުގައި ރައްޔިތުންގެ މަޖިލީހަށް އެ ބަދަލު މާ މުހިންމެވެ.

ޕާލަމެންޓުން މިންތިއާ ގިންތިއަށް ގޮނޑި ޚާއްސަކުރުމަކީ އައު ކަމެއް ނޫނެވެ. ރާއްޖެ ހިމެނެނީ މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ޤައުމުތަކުގެ ތެރެއިން އެ ނިޒާމު ނެތް މަދު ޤައުމުތަކުގެ ތެރޭގައެވެ. ބައެއް ޤައުމުތަކުގައި އެއީ ޤާނޫނުއަސާސީއިން ލާޒިމުކުރާ ކަމެކެވެ. ޕާލަމެންޓުން އަންހެނުންނަށް ގޮނޑި ޚާއްސަކުރުމުގައި އެކި ގައުމުތަކުގައި ގެންގުޅޭ އުސޫލު ތަފާތެވެ. ފާހަގަކުރެވެނީ މައިގަނޑު ތިން އުސޫލެކެވެ. އެއީ ލެޖިސްލޭޓެޑް ކޯޓާ، ޕާޓީ ކޯޓާ، އަދި ރިޒަރވްޑް ސީޓްސްގެ އުސޫލެވެ. ލެޖިސްލޭޓެޑް ކޯޓާއަކީ، ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ވަކި ޢަދަދަކަށް އަންހެން ކެންޑިޑޭޓުން ނެރުން ޤާނޫނުން ލާޒިމުކުރުމެވެ. މިއީ ޢާންމު ގޮތެއްގައި އިންތިޚާބުތަކާ ޤާނޫނުތަކުން، ނުވަތަ ސީދާ ޤާނޫނުއަސާސީއިން ލާޒިމުކުރާ ކަމެކެވެ. ޕާޓީ ކޯޓާއަކީ ކޮންމެ ޕާޓީއެއްގައިވެސް އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން އެ ޕާޓީއިން ނޮމިނޭޓްކުރާނޭ އަންހެން ކެންޑިޑޭޓުންގެ ޢަދަދެއް ކަނޑައެޅިފައި އޮތުމެވެ. މިއީ ލެޖިސްލޭޓިވް ކޯޓާގެ ބޭރުން ޕާޓީތަކުން ކަނޑައަޅާ ޢަދަދެކެވެ. ޕާޓީގައި އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތެއް އެކަށައެޅިފައި އޮތްނަމަ، އެ ސިޔާސަތުގެ ދަށުން ޕާލިމަންޓަށް ނޮމިނޭޓްކުރާނޭ އަންހެން ކެންޑިޑޭޓުންގެ ޢަދަދު އިންތިޚާބުތަކާބެހޭ ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. މިއީ ލާޒިމު ކޯޓާއެއް ނޫނެވެ. އެހެންނަމަވެސް އެފަދަ ކޯޓާއެއް ނެތުމުގެ މާނައަކީ އެޕާޓީއިން އަންހެނުންގެ ކުރިއެރުމަށް މަސައްކަތްނުކުރުން ކަމަށްވާނޭތީ، މި ކޯޓާގެ ދަށުން ކެންޑިޑޭޓުން ނޮމިނޭޓު ނުކުރާނީ މަދު ޕާޓީއަކުންނެވެ.

މިހާތަނަށް މި ތަފްސީލުކޮށްދެވުނު ދެ ބާވަތުގައި ލާޒިމުވަނީ ކެންޑިޑޭޓުންގެ ގޮތުގައި އަންހެނުން ނޮމިނޭޓުކުރުމެވެ. އެ ކެންޑިޑޭޓުން ކުރިމަތިލާ ދާއިރާތަކަށް ފިރިހެން ކެންޑިޑޭޓުންނަށްވެސް ކުރިމަތިލެވިދާނެއެވެ. މިހެންވުމުން ވަރަށް ގިނަފަހަރު ސިޔާސީ ކުޅިބައި ގެންދަނީ ފިރިހެން ކެންޑިޑޭޓެވެ. ނަތީޖާއަކަށް ވެގެންދަނީ ކިތަންމެ ގިނަ ޢަދަދެއްގެ އަންހެން ކެންޑިޑޭޓުން އިންތިޚާބަށް ނޮމިނޭޓުކުރެވުނު ނަމަވެސް އޭގެ ތެރެއިން ޕާލަމެންޓަށް އިންތިޚާބުކުރެވޭ ނިސްބަތް ދަށްވުމެވެ.

ދެން އޮތީ ތިންވަނަ ވައްތަރެވެ. މިއީ ރާއްޖޭގެ ޙާލަތަށް ބަލާއިރު އެންމެ އެކަށޭނަ ގޮތްކަމަށް ފެނެއެވެ. އެއީ ރިޒަރވްޑް ސީޓްސް ކަނޑައެޅުމެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއްގެ ގޮނޑިއަށް އިންތިޚާބުކުރެވޭނީ އަންހެނުން ކަމުގައި ހަމަޖެހުމެވެ. މިއީ ބޮޑު ބަދަލެކެވެ. މިކަމަށްޓަކައި ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތްކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެންނަންޖެހެއެވެ. އިދާރީ ދާއިރާތަކަކަށްބެހި، ކޮންމެ ދާއިރާއެއް ތަމްސީލުކުރަން އިންތިޚާބުކުރެވޭ މެންބަރުންގެ އިތުރުން، އަންހެނުންގެ ތެރެއިން މަޖިލީހަށް އިންތިޚާބުކުރެވޭނޭ ޚާއްސަ ޢަދަދެއް ހަމަޖެއްސިދާނެއެވެ. ރިޒާރވްޑް ކޯޓާއިން ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ޙައްޤު ދޭނީ ކޮން ބަޔަކަށްތޯ ކަނޑައަޅަންޖެހެއެވެ. އެއީ އަންހެނުންނަށް ޚާއްސަކުރެވޭ ގޮނޑިއަށްވާތީ ހަމައެކަނި އަންހެނުން ވޯޓު ދީގެން ހޮވާގޮތަށް ހަމަޖައްސާނީތޯ ކަނޑައަޅަންޖެހެއެވެ.

އިންޑިއާގައި  9 March 2010 ގައި ފާސްކުރެވުނު The Women’s Reservation Bill ގެ ދަށުން ވިލެޖް ކައުންސިލްތަކަށް ވަކި ޢަދަދަކަށް އަންހެން ކެންޑިޑޭޓުން އިންތިޚާބުކުރުން ލާޒިމުކުރެއެވެ. އިންޑިޔާގެ ޕާލަމެންޓްގެ ތިރިގެއިން މި ބިލު ފާސްކުރީ، މިބިލުގެ އިސްލާޙެއްގެ ދަށުން ޕާލަމަންޓަށްވެސް އަންހެނުންގެ ދައުރު ފުޅާކުރާނޭކަމުގެ ޕްލޭނަކާއެކުގައެވެ. އެހެންނަމަވެސް އިންޑިއާ ޕާލަމަންޓްގެ މަތިގެއިން މި ބިލު ޤާނޫނަކަށް ހަދާފައެއް ނުވެއެވެ. މިހާރު އިންޑިއާގައި އެކަން އޮތީ އަނެއްކާވެސް ޕްލޭނެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ބައެއް ޤައުމުތަކުގައި ކާމިޔާބުކަމާއެކު އެ ނިޒާމު ޤާއިމުކޮށް ޢަމަލުކުރަމުން ގެންދެއެވެ. އާޖެންޓީނާގެ ކޮންގްރެސްގެ 30 އިންސައްތަ އަންހެނުންނަށް ޚާއްސަކުރުމަށް އެ ޤައުމުގެ ޤާނޫނުއަސާސީ ލާޒިމުކުރެއެވެ. ބަންގްލަދޭޝްގައި އަންހެނުންނަށް ޚާއްސަކުރެވެނީ ޕާލަމެންޓްގެ 350 ސީޓްގެ ތެރެއިން 50 ސީޓެވެ. ޓެންޒޭނިޔާގައި މުޅި ޕާލަމެންޓްގެ 15 އިންސައްތައެވެ. އަންހެނުން ބާރުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަ ކޮންމެ ޤައުމަކަށް ބެލި ނަމަވެސް ކޮންމެވެސް އެއް ސިފައެއްގައި ސިޔާސީ ޙައިސިއްޔަތެއް އަންހެނުންނަށް ޚާއްސަކުރުން ޤާނޫނު ލާޒިމުކުރެއެވެ. އަޅުގަނޑުމެން ރާއްޖޭގެ ނިސްބަތުންނަމަ އެއީ މިހާރުން މިހާރަށް ކުރަންވެފައި އޮތް ކަމެކެވެ. މިހާރު ހުރި ދާއިރާތަކުގެ އިތުރުން، ހަމައެކަނި އަންހެނުން އިންތިޚާބުކުރެވޭ ގޮނޑިތަކެއް މަޖިލީހުގައި ޚާއްސަކުރުމަކީ، ފިރިހެނުންނަށް އޮތް ސިޔާސީ ފުރުސަތު ހަނިވާނޭކަމެއް ނޫނެވެ. އޭގެ ހަމައެކަނި ނަތީޖާއަކަށްވާނީ ޤައުމުގެ ސިޔާސަތު އެކަށައެޅުމުގެ އަންހެނުންގެ ބަހާއި ދައުރު ފުޅާވުމެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …