އިންތިޚާބުކުރަންވީ ކުރަން މިއުޅެނީ ކީއްކަން އެނގޭ ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ހަތަރުސަތޭކައެއްހައި ކެންޑިޑޭޓުން އެތިބީ ރައްޔިތުންގެ ވަކީލުންނަށްވުމަށް ތައްޔާރުވެގެންނެވެ. އެކަމަށް ހުރި ޝައުޤާއި ކުރާ މިންނެތް މަސައްކަތް ދެކިވަޑައިގަންނަވާށެވެ. ލޮލުފިޔައެއް ޖެހުމެއްނެތި، އަތުގައި ހުރިނަމަ ހުރި ފައިސާއެއް ހޭދަކޮށް، އިތުރަށް ދަރަނިވެރިވެގެންވެސް ކުރަން އެއުޅެނީ އެންމެ މަސައްކަތެކެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމެވެ.

ހޮވެންޖެހޭނީ މަހުޖަނުންކަމަށް ބޭފުޅަކު ވިދާޅުވާއިރު، އެހެން ބޭފުޅަކު ވިދާޅުވަނީ މަހުޖަނުން ހޮވިއްޖެނަމަ، އެންމެ މަދުވެގެން ލިބެންޖެހޭ މުސާރަ ކަނޑައެޅުންފަދަ ކަންކަމަށް ހުރަސްއެޅޭނޭކަމަށެވެ. ހޮވެންޖެހޭނީ ދާއިރާއަށް އުފަން ދާއިރާގެ މީހާ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެހެން ބޭފުޅުން ވިދާޅުވަނީ މިއުޅެނީ މިތާއޮތް ރަށުއޮޑިއެއް އެހެލަން ކަމަށް ނުވާތީ ރަށު މީހާ މުހިންމު ނުވާކަމަށެވެ. މިނޫނަސް ގޮތްގޮތަށް އެބަ ގިންތިކުރެވެއެވެ.

މި ވާހަކަ ވިދާޅުވާ އަދި އަޑުއައްސަވާ ބޭފުޅަކަށް ފަހުމު ނުވާނޭ ވަރުގެ އެއްޗެއް އަޅުގަނޑެއް ނުބުނާނަމެވެ. ބުނާކަށް ނުވެސް އެނގޭނެއެވެ. ބުނަން އޮތީ ސާފު ސާދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމުގައި، ރަށުމީހެއް ރަށުން ބޭރުމީހެއް، ތަޖުރިބާހުރި ހަރުމީހެއް ނުވަތަ ޖޯޝުހުރި ޒުވާނެއް، އަތްމަތި ތަނަވަސް މަހުޖަނެއް ނުވަތަ މެދުފަންތީގެ މަސައްކަތްތެރިއެއް، ޤާނޫނީ ވަކީލެއް ނުވަތަ އެނޫން ފަންނެއްގެ ހަރުދަނާ މީހަކަށްވުން އަޅުގަނޑަކަށް މައްސަލައަކަށްނުވެއެވެ. 6 އޭޕްރިލް ދުވަހު ބޭއްވޭ އިންތިޚާބުގައި އަޅުގަނޑު ވޯޓު ދޭނީ، މި ވާންއުޅޭގޮތާއި، ކުރަން މިއުޅެނީ ކީއްކަން އެނގޭ ކެންޑިޑޭޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަށްޓަކައި ތައުލީމީ ޝަރުތެއް ކަނޑައެޅިފައި ނޯންނައިރު، އަޅުގަނޑު ކުރިމަތިކުރުވާ ޝަރުތަކީ އެއީއެވެ. ކުރަން މިއުޅެނީ ކީއްކަން ކުރިމަތިލާ ކެންޑިޑޭޓަށް އެނގެންވާނެއެވެ.

ވީގޮތާއި ވާންއުޅޭ ގޮތް އެނގޭތޯ ނިންމޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ވާ ވައުދުތަކުންނެވެ. ކުރިމަތިލީ ގިނަ ކެންޑިޑޭޓުން ވައުދުވަނީ ކޮންމެ އަހަރަކު އެއްފަހަރު ދާއިރާގައި ފުޓުބޯޅަ މުބާރާތެއް ބާއްވައި ދިނުމަށެވެ. މުސާރައިގެ ދެބައިކުޅައެއްބައި ޕްރީސުކޫލަށް ޚަރަދުކުރުމާއި، ކޮންމެ އަހަރަކު އެއްފަހަރު ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 2 މީހަކު ހައްޖުގެ އަޅުކަމަށް ފޮނުވުމާއި، ރަށުގެ މަގުތަކުގައި ތާރު އެޅުމާއި، ރަށްވެހިގޭ ފުރާޅުން ބައުވެފައިހުރި ޓިނުތައް ބަދަލުކުރުންފަދަ ވައުދުތަކެވެ. މިއީ ވީގޮތާއި ވާންއުޅޭ ގޮތް ނޭނގޭ ކެންޑިޑޭޓުންނެވެ.

ވީގޮތާއި، ވާންއުޅޭ ގޮތް ނޭނގޭ ކެންޑިޑޭޓުގެ ނަޒަރުގައި މަސްވެރިންނާއި ރިސޯޓު މުވައްޒަފުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުފޫ ހަމަވާ ބައެއް ނޫނެވެ. އޭނާގެ ނަޒަރުގައި އެއީ ނުކިޔަވާތިބި ބައެކެވެ. ތިމާ ކިޔެވި މަކުތަބެއް ލޮލަށް ފެންނާން ނެތަސް ހެވެވެ. ތިމާގެ މައްޗަށް ކުރެވިފައިހުރި ތުހުމަތުތައް ހާހުން ގުނުނަސް ހެވެވެ. ފައިސާވެރިކަމާ ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި ދެއިރު އިރަކު އެއްފަހަރު ތިމާގެ ޟަމީރު ވިއްކުންވެސް ހެވެވެ.

5 ތަރީގެ ރިސޯޓެއްގެ ގޮތުގައި މުޅި ދާއިރާއެއް ތަރައްޤީކުރާ ވާހަކަ ދައްކާ ކެންޑިޑޭޓަށް މި ވީގޮތަކާއި ވާން އުޅޭގޮތެއް ނޭނގެއެވެ. ކުރިމަތިލައިގެން މިއުޅޭ އިންތިޚާބަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެއީ ސަރުކާރު ހިންގާ ފަރާތެއް ނޫނެވެ. ދާއިރާއެއްގެ އުމްރާނީ ތަރައްޤީގެ ހުވަފެނެއް ދައްކައި، މަޑު ކުލަތަކުން ފަވަމުން ނަލަކުރަމުން ދާއިރު މި އުޅެނީ ސަރުކާރު ހިންގަން ނޫންކަން ނޭނގުމަކީ ކުރަން މިއުޅެނީ ކީއްކަން ނޭނގުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އުމުރު ހުސްކޮށްލިއިރު، ތިމާ އިން މަޖިލީހުން ހެދި ޤާނޫނުތަކުގައި އޮތީ ކީކޭކަން ނޭނގޭ ކެންޑިޑޭޓުން އެބަތިއްބެވެ. ވަޒީރަކު މަސައްކަތުން ދުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވީމާ އެއީ ކުރަން މިއުޅެނީ ކީއްކަން ނޭނގޭ ކެންޑިޑޭޓެއްކަން ސާފުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަށް އެދި ނަން ހުށަހެޅި ހުށަހެޅުމަކީ ޙަޤީޤަތުގައި ރައްޔިތުންގެ ކުރިމަތީގައި ވެވުނު އިޤުރާރެކެވެ. އެ ވިދާޅުވެވުނީ، ކުރަން މިއުޅެނީ ކީއްކަން ތިމަންނާއަށް އެނގޭކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރަންޖެހޭ މަސައްކަތަކީ ކޮބައިކަން ކެންޑިޑޭޓަށް އެނގޭނެއެވެ. އޭނާ ރައްޔިތުންނަށްވާ ވައުދުތައް ބިނާކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށެވެ. އޭނާ ދައްކާނީ، އިންތިޚާބުވީ ދާއިރާއަށް ބެލުމެއްނެތި، މުޅި ޤައުމުގެ މަސްލަޙަތު އިސްކޮށްގެންހުރެ އަދާކުރާނޭ ޒިންމާގެ ވާހަކައެވެ. އެކިއެކި ކަންކަމުގައި ކަނޑައަޅާނޭ ސިޔާސަތުތަކާއި، ސަރުކާރު ޒިންމާދާރުކުރުވާނޭ ގޮތުގެ ތަސައްވުރާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތައް ހަރުދަނާކުރާނޭ ގޮތުގެ ތަސައްވުރެވެ. ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތުގެ ވާހަކައެވެ. ރައްޔިތުން ވޯޓު ދޭންވާނީ ފާއިތުވެދިޔަތަނުގެ ތަޖުރިބާއަށާއި، ކެންޑިޑޭޓުގެ ތަސައްވުރަށް ބަލައިގެންނެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …