އިޖުރާއަތު ގޯސްވުމުގެ ނަތީޖާއަކީ ކޮބާ؟

ޖިނާއީ އިޖުރާއަތަކީ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން އެ މައްސަލައެއްގެ ޙުކުމް ތަންފީޛްކޮށް ނިމުމާ ދެމެދު ހިނގާ އެންމެހައި ކަންކަން ހިންގަންޖެހޭނޭކަމަށް ޤާނޫނުގައި ބަޔާންކުރާ އުސޫލެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ މުއްތަހަމުގެ މަސްލަޙަތު ނެގެހެއްޓުމަށްޓަކައި އެކަށައެޅިފައިވާ އުސޫލުތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ކަންކަން އިންތިޒާމުކުރެވިފައި އޮންނަންވާނޭ ގޮތުގެ އިރުޝާދުތަކެވެ. މިއިން އިޖުރާއަތަކާ ޚިލާފްވުމުގެ ނަތީޖާއަކީ މުޅި މައްސަލައަށް އެކަމުގެ ސަބަބުން އަސަރުކުރުންތޯ ނުވަތަ މައްސަލައިގެ މައުޟޫޢުއަށް އަސަރުކުރާނީ ޚިލާފްވި އިޖުރާއަތެއްގެ ބާވަތުންތޯ މިއީ ޤާނޫނީ ޢިލްމުގައި ފުޅާކޮށް ބަހުސްކުރެވޭ މައުޟޫޢުއެކެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި ބުނެފައި އޮންނަނީ، ޖިނާއީ ކުށެއްގެ ދަޢުވާކޮށް ކޯޓަށް މައްސަލައެއް ހުށަހެޅޭތާ ލަސްވެގެން 5 ދުވަހުގެ ތެރޭގައި މައްސަލައާ ގުޅޭ އެންމެހައި ލިޔުންތަކުގެ ކޮޕީ ދަޢުވާލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނޭކަމަށެވެ. ދަޢުވާލިބޭފަރާތަށް ލިޔުންތައް ފޮނުވީ މައްސަލަ ހުށަހެޅިތާ 6 ވަނަ ދުވަހު ކަމަށްވާނަމަ އެއޮތީ އެ މާއްދާއާ ޚިލާފްވެފައެވެ. އަދި ޖިނާއީ މައްސަލައެއް ތަޙުޤީޤުކުރުމަށް އެދި ތަޙުޤީޤީ އިދާރާއަށް މައްސަލައެއް ހުށަހަޅާ މީހަކަށް އެ މައްސަލައެއް ރަޖިސްޓްރީ ކުރެވުނުކަމުގެ ލިޔުމެއް ދޫކުރުމަށް  ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 25 ވަނަ މާއްދާ ލާޒިމުކުރެއެވެ. އެ މާއްދާގެ ދަށުން މައްސަލަ ހުށަހެޅިފަރާތަށް ދޫކުރަންޖެހޭ ލިޔުން ދޫކޮށްފައި ނެތްކަން ފަހުން ހާމަވެއްޖެނަމަ އެއީވެސް އިޖުރާއީ ގޯހެކެވެ. ޙުކުމް ކުރެވޭއިރު ދަޢުވާލިބޭ މީހާއާއި، ދަޢުވާލިބޭމީހާގެ ވަކީލު ހުންނަންޖެހެނީ ކޮޅަށެވެ. އެވަގުތު އިށީނދެގެން ތިބިނަމަ އެއީވެސް ގޯހެކެވެ. މިއިން އިޖުރާއަތަކާ ޚިލާފްވެއްޖެނަމަ އެކަމުގެ ޤާނޫނީ އަސަރެއް އަދި އެ ޚިލާފްގެ މައްޗަށް އަންނަ ނަތީޖާތަކެއްވެސް ހުންނާނެއެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައި އޮންނަ އެއް ޙައްޤަކީ އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤެވެ. އިޖުރާއީ އިންސާފުވެރިކަން ހިމެނެނީ އެ ޙައްޤު ލިބިދިނުމުގެ ތެރޭގައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ އިޖުރާއީ އިންސާފުވެރިކަން ޤާއިމުވާކަން ކަށަވަރުކޮށްދޭ ‘މަގުޗާޓެވެ.’ މި ވާހަކަތައް މި ދެއްކީ މައްސަލައިގެ މައުޟޫޢުއަށް ވަނުމުގެ ކުރިން އެނގެންޖެހޭނޭކަމަށް ފެންނަ ބައެއް ނުކުތާތައް ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

ޤާނޫނީ ވަކީލުންނާއި، ކޯޓުތަކުންވެސް އަޑަށް ބާރުލާފައި ބުނާ ވާހަކައެއް އޮވެއެވެ. އެއީ ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމެއް ބާތިލުވާނޭކަމެވެ. އެ ވާހަކައަކީ އޭގެ ޒާތުގައި ރަނގަޅު ވާހަކައެކެވެ. އެހެންނަމަވެސް ކަމެއް ބާތިލުވާނީ އެ ޤާއިދާގައި އެ ބުނާ ފަދައިން އެކަމެއް ތަރުތީބުވެގެންއައީ ‘ބާތިލު’ އިޖުރާއަތެއްގެ މައްޗަށް ކަމުގައިވާނަމައެވެ. އިޖުރާއަތަށް ޢަމަލުކުރުމުގައި ބާތިލުވުމާއި، ފާސިދުވުން އެއީ ދެ ކަމެކެވެ. ބާތިލު އިޖުރާއަތެއްގެ ލިސާނަކީ އެ އިޖުރާއަތު ރަނގަޅުކުރެވޭނޭ މަގެއް ނެތުން ނުވަތަ އެ އިޖުރާއަތުގެ ސަބަބުން ޤާނޫނުން ކަށަވަރުކޮށްދީފައި އޮތް ޙައްޤެއް ގެއްލިގެން ދިއުމެވެ. އެ ތައާރުފަށް ނުފެތޭ އިޖުރާއަތުގެ ގޯހެއްނަމަ އެއީ ފާސިދު އިޖުރާއަތެކެވެ. އެކަން ރަނގަޅުކުރެވޭނެއެވެ. އަދި އެ ފާސިދު އިޖުރާއަތު ހިންގި ބަޔަކާމެދު އަޅަންޖެހޭ އިދާރީ ނުވަތަ އެނޫންވެސް ފިޔަވަޅުތައް އަޅާނީއެވެ. ފާސިދު އިޖުރާއަތެއްގެ ސަބަބުން މައްސަލައިގެ މައުޟޫޢުއަށް އަސަރެއް ނުކުރާނެއެވެ. މިތަފާތަކީ އަޅުގަނޑުމެން މިކިޔާ illegality އާއި irregularity ގެ ތަފާތެވެ.

އިޖުރާއަތު ޤާނޫނުގައި ބަޔާންކޮށްފައި އޮންނަ ކޮންމެ އިޖުރާއަތެއް އޭގެ އަކުރުން އަކުރަށް ތަންފީޛުކުރެވިފައި ނުވާ ކޮންމެ ޙާލަތަކީ މައްސަލައިގެ މައުޟޫޢުއަށް އަސަރުކުރާނޭ ޙާލަތެއް ނޫންކަމަށް އެ ޤާނޫނު ޤަބޫލުކުރެއެވެ. އެކަން އެނގޭ ބައެއް ނުކުތާތައް ޤާނޫނުގައި ލިޔެވިފައިވެއެވެ. މީހެއްގެ މައްޗަށް ކުރާ ދަޢުވާއެއް އޮންނަންވާނޭ ގޮތް ޤާނޫނުގެ 82 ވަނަ މާއްދާގައި އޮންނަނީ ބަޔާންކޮށްފައެވެ. އެއާއެކު ޤާނޫނުގެ 85 ވަނަ މާއްދާގައި އޮންނަނީ ދަޢުވާ ފޯމުގައި ކުށް ބަޔާންކުރުމުގައި، ނުވަތަ އެނޫންވެސް ތަފްސީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ އެނޫންވެސް ތަފްސީލެއް ބަޔާންކުރުމުގައި ކުށެއް އޮތުމަކީ، ނުވަތަ ދަޢުވާގައި ހިމަނަންޖެހޭ އެއްޗެއް ނުހިމަނާ އޮތުމަކީ، ކުރެވިފައިވާ ދަޢުވާ، ދަޢުވާލިބޭފަރާތަށް އޮޅިދާނޭ ޙާލަތެއްގައި މެނުވީ، އެ ދަޢުވާއަށް އަސަރުކުރާނޭ ކަމެއް ކަމުގައި ނުބެލެވޭނޭ ކަމަށެވެ. ކުރެވިފައިވާ ދަޢުވާ ބާތިލުވެދާނޭ ޙާލަތުކަމަށް މި މާއްދާއިން ކޮށްފައި އޮންނަ އިސްތިސްނާއަކީ ދަޢުވާ ފޯމުގައި އޮތް ކުށެއްގެ ސަބަބުން ކުރެވިފައިވާ ދަޢުވާގައި އޮޅުންތަކެއް ހުރުމެވެ. އަދި އެ މާއްދާއިން އެކަށަވަރުކޮށްދެނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ޙައްޤެވެ. އެއީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ކޮބައިކަން އެމީހަކަށް ރަނގަޅަށް ދޭހަވާނޭ ބަހަކުން ސާފުކޮށް އެނގިގަތުމުގެ ޙައްޤެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 85 ވަނަ މާއްދާގެ ޚުލާސާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން ލިބިދޭ ޙައްޤުތައް އެމީހަކަށް ލިބިގެންވާކަން ކަށަވަރުވާ ޙާލަތުގައި، ދަޢުވާ ފޯމުގައި ހުންނަ އެހެނިހެން ކުށްތަކަކީ އެކަމުގެ ސަބަބުން އެ ދަޢުވާގެ ސައްޙަކަމަށް އަސަރެއްކުރާނޭ ކަމެއް ނޫންކަމެވެ. އަދި ދަޢުވާގައި ހުންނަ ލިޔުމުގެ ކުށްތައް ފަދަ ކަންކަމަކީ ރަނގަޅުކުރެވޭނޭ irregularity ކަމާއި، އެއީ އެކަމުގެ ސަބަބުން ދަޢުވާ ބާތިލުވެދާނޭފަދަ illegality އެއް ނޫންކަމެވެ.

އިންޑިއާ ސުޕްރީމް ކޯޓުގެ AIR 1962 Guj 231, (1962) 3 GLR 433 Mohanlal Nandlal Sharma And Anr. vs State,  މައްސަލައިގައި އެކޯޓުން ކަނޑައަޅާފައިވަނީ، ޖިނާއީ އިޖުރާއަތަށް ޢަމަލުކުރުމުގައި، ދޫކޮށްނުލެވޭނޭ ލާޒިމު އިޖުރާއަތުތަކެއް ހުންނަކަމަށާއި، ޚިލާފްވި އިޖުރާއަތުގެ ސަބަބުން މައްސަލައިގެ މައުޟޫޢުއަށް އަސަރުކުރާކަން ކަނޑައަޅާނީ، ޚިލާފްވި އިޖުރާއަތުގެ ބާވަތަށް ބަލައިގެން، އަދި އެ ޚިލާފްވި އިޖުރާއަތުގެ ސަބަބުން އަދުލު އިންސާފު ޤާއިމުނުވިކަމުގެ ޙަޤީޤަތުގެ މައްޗަށް ބަލައިގެންކަމަށެވެ.

ފަނޑިޔާރަކު ޙުކުމަށް ވާސިލުވާގޮތް ބަޔާންކުރުމަކީ ހުރިހާ ޤާނޫނީ ނިޒާމުތަކުގައިވެސް އެކަށައެޅިފައި އޮންނަ އިޖުރާއަތެކެވެ. އޭގެ ބޭނުމަކީ އެމީހަކަށް ޙުކުމް ކުރެވުނީ ކީއްވެގެންކަން އެނގިގަތުމާއި، މަތީ މަރުހަލާގެ ކޯޓެއްގައި ކުރާ އިސްތިއުނާފް، އެ ސަބަބުތަކުގެ މައްޗަށް ބިނާކުރުމެވެ. Ratia Mohan vs The State Of Gujarat on 6 March, 1968, AIR 1969 Guj 320, 1969 CriLJ 1401, (1969) GLR 985 މައްސަލައިގައި ދަށު ކޯޓުގެ ފަނޑިޔާރު ޙުކުމް އިއްވިއިރު އެ ޙުކުމް ބިނާކުރި ސަބަބުތައް ލިޔުއްވާފައެއް ނުވެއެވެ. އަދި އެއީ ‘އަތް ދަށުން ގޮސްފައި އޮތްކަމެއްކަމަށް’ ބުނެ ޙުކުމް ކުރެވުނު ސަބަބުތައް ހިމެނޭ ލިޔުން ރާތިއާ މޯހަންއަށް ދޫކޮށްފައިވަނީ ޙުކުމް ކުރި ފަހުންނެވެ. އިންޑިއާގެ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ކަނޑައެޅީ، ޙުކުމަށް ވާސިލުވި ސަބަބުތައް، އެ ޙުކުމް ކުރުމުގެ ކުރިން ލިޔުމަކީ އިންޑިއަން ކްރިމިނަލް ޕްރޮސީޖަރ ކޯޑްގެ 264 ވަނަ މާއްދާގެ ދަށުން ޢަމަލުކުރުން ލާޒިމު އިޖުރާއަތެއްކަމަށާއި، އެ އިޖުރާއަތާ ޚިލާފްވުމުގެ ނަތީޖާއަކަށް ވާންޖެހޭނީ އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް ބާތިލުވުން ކަމަށެވެ. އެއީ ޙުކުމުގެ ކުރިއަށް ލިޔެވިފައި އޮންނަންޖެހޭ ސަބަބުތައް، ޙުކުމް ކުރުމުގެ ފަހުން ލިޔާނަމަ، އެލިޔުން ފުރިހަމަކުރުމާއި، ހަމަޖެއްސުމުގެ ފުރުސަތު ފަނޑިޔާރަށް އޮންނާނޭތީއާއި، އޭނާގެ މައްޗަށް ޙުކުމް ކުރެވުނު ސަބަބުތައް އެނގިގަތުމުގެ ޙައްޤުން އޭނާ މަހުރޫމްކުރެވުނުކަމުގެ ޙަޤީޤަތުގެ މައްޗަށް ބައްލަވައެވެ.

ނިންމުން

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި އެހުރީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ނިންމުމެއް ނިންމުމުގައި ކަންކަން ހިންގަންޖެހޭނޭ ތަރުތީބުތަކެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ އެއާ ޚިލާފްވުމުގެ ސަބަބުން، ތުހުމަތުކުރެވޭ މީހާގެ އަސާސީ ޙައްޤެއް ގެއްލިގެން ހިނގައިދާނޭ ކަންކަމެވެ. އަދި ބައެއް ކަންކަމަކީ، ތުހުމަތު ކުރެވޭ މީހާއަށް ލިބެންޖެހޭ އަސާސީ ޙައްޤަކާ ގުޅުމެއް ނެތް، އަދި ރަނގަޅު ކުރެވުމުގެ ފުރުސަތު އޮންނަ، އިދާރީ އިންތިޒާމުތަކެކެވެ. އެފަދަ ކަންކަމުގެ ސަބަބުން މައްސަލައެއްގެ މައުޟޫޢުއަށް ކުރާނޭ އަސަރެއް ނެތެވެ. އިޖުރާއަތު ތަންފީޛުކުރާ ފަރާތަކުން ހަދާ ގޯހެއްގެ ސަބަބުން، ޤާނޫނުއަސާސީގެ ދަށުން ލިބެންޖެހޭ އަސާސީ ޙައްޤެއް ގެއްލިގެން ނުދާނަމަ، އަދި، އެ ޚިލާފްވި އިޖުރާއަތަކީ ރަނގަޅުކުރެވުމުގެ ފުރުސަތު އޮތް irregularity އެއްނަމަ، އެކަމެއް ރަނގަޅުކުރުމާއެކު، އެ މައްސަލައެއްގެ މައުޟޫޢުއެއް ކުރިއަށް ގެންދަންވީއެވެ. އެއާއެކު، ފާސިދު އިޖުރާއަތެއް ހިންގައިފި، ނުވަތަ އެފަދަ އިޖުރާއަތެއް ހިނގުމުގެ ސަބަބަކަށްވެއްޖެ ތަންފީޛީ އިދާރާއެއްގެ މީހަކާމެދު އެ ކުޅަ ޢަމަލެއްގެ ޒާތަށް ބަލައި ފިޔަވަޅު އެޅުމަކީ ވެސް ލާޒިމުކަމެކެވެ. ކޮންމެ އިޖުރާއީ ގޯހެއްގެ ނަތީޖާއަކީ މައްސަލަ ބާތިލުވުންކަމުގައި ބެލުމަކީ ޖިނާއީ ޤާނޫނުގެ އެންމެ މައިގަނޑު އަސާސްކަމުގައިވާ މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަން ދިނުމާ ނުބައްދަލު ތަރުޖަމާއަކަށް މެނުވީ ނުވާނެއެވެ.

މި އާޓިކަލް ބައްލަވާ

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ރަނގަޅު؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަބްދުﷲ ދީދީ ގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައެއް އެ ސަރވިސްއިން …