ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ރަނގަޅު؟

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢަބްދުﷲ ދީދީ ގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލައެއް އެ ސަރވިސްއިން ތަޙުޤީޤު ކުރަމުން ގެންދާތީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ އެ ފަނޑިޔާރު މަޤާމުގެ މަސައްކަތަށް ނުނުކުތުމަށް އަންގަވާފައެވެ. މި ނިންމުމާ ގުޅިގެން އެ ފަނޑިޔާރު ވަނީ އެ ފަނޑިޔާރު މަސައްކަތްކުރައްވާ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

‘ފިޔަވަޅު އެޅުން’ މި ޢިބާރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޚާއްސަ ގޮތެއްގައި މާނަކޮށްފައިވާ ވަކި އިޖުރާއަތެކެވެ. ފަނޑިޔާރަކާމެދު ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ހުށަހެޅޭ މައްސަލަތައް ބެހެނީ ދެ ބަޔަކަށެވެ. އެއީ ޝަކުވާއާއި ތުހުމަތެވެ. މިކަން ޤާނޫނުގެ 22 ވަނަ މާއްދާގެ ޢިބާރާތަށް ބެލުމުން ސާފުވެއެވެ. ފަނޑިޔާރުގެ މައްޗަށް ‘ފިޔަވަޅު’ އަޅާނީ އެ ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅުނު މައްސަލަ ކޮމިޝަނުން ބެލުމަށްފަހުގައެވެ. އެ މައްސަލަ ބެލުމުގައި ޢަމަލުކުރާނޭ އިޖުރާއަތު ބަޔާންކޮށްފައި އޮންނަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައެވެ. އެކަން ކުރާނީ އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިގެން، މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބަހެއް ހޯދައިގެން، ޝަކުވާ ހުށަހަޅާ ފަރާތުންނާއި، މައްސަލަ ރައްދުވާ ފަނޑިޔާރު ހުށަހަޅާ ހެކިތަކަށް ބަލައިގެން ކޮމިޓީއިން ތައްޔާރުކުރާ ރިޕޯޓު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ފޮނުވުމުން އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ. ކޮމިޓީއިން ތައްޔާރުކުރާ ރިޕޯޓު ފަނޑިޔާރަށް ފޮނުވައި އެ ރިޕޯޓާމެދު ބުނަން އޮތް އެއްޗެއް ބުނުމަށް 30 ދުވަހުގެ ފުރުސަތު ދިނުން ޤާނޫނު ލާޒިމުކުރެއެވެ. އަދި އޭގެ ފަހަށް އެ ފަނޑިޔާރުގެ މައްޗަށް ‘ފިޔަވަޅު’ އެޅުމަށް ނިންމާނަމަ، އެ ފިޔަވަޅު އެޅުމުގެ ކުރިން ފަނޑިޔާރަށް އެކަން އަންގަންވެސް ޖެހެއެވެ.

މިހާރު އުފެދޭނޭ ސުވާލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އެ އިޖުރާއަތު ހިންގާފައި ނުވަނީ ކީއްވެގެންތޯއެވެ. ޖަވާބު ކުރުވެފައި ސާދާއެވެ. އެއީ ފަނޑިޔާރު ޢަބްދުﷲ ދީދީ ގެ މައްޗަށް ‘ފިޔަވަޅު’ އެޅުމަށް އަދި މިހާތަނަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން އެއްވެސް ނިންމުމެއް ނިންމާފައި ނުވާތީއެވެ. އެހެންވީމާ މިހާރު ކޮށްގެން އެއުޅޭ ކަމަށް ކިޔާނީ ކޮން ނަމެއްތޯ ނިކަން ކޯފާވެފައި އައްސަވާށެވެ. ‘ފިޔަވަޅު އެޅުން’ އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޚާއްސަ ގޮތެއްގައި މާނަކޮށްފައިވާ ވަކި އިޖުރާއަތެއް ކަމަށް ކުރިންވެސް ދެންނެވިއްޖެއެވެ. ފަނޑިޔާރުންގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން، ‘ފިޔަވަޅު އެޅުން’ ކަމަށް ބެލެވޭނީ، ޤާނޫނީ އިޖުރާއަތު ހިންގުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ އަންނަނިވި ނިންމުންތަކުގެ ތެރޭގައި ހިމެނޭ ނިންމުންތަކަށެވެ. އެއީ (1) ނަސޭޙަތްދިނުން (2) އިންޒާރުކުރުން، (3) ހުރި މަޤާމަށްވުރެ ދަރަޖަ ދަށްކުރުން، (4) ފަނޑިޔާރު މަސައްކަތްކުރާ ކޯޓާ އެއް ދަރަޖައިގެ އެހެން ކޯޓަކަށް ބަދަލުކުރުން، އަދި (5) ވަޒީފާއިން ވަކިކުރުމަށް ހުށަހެޅުމެވެ. ވަޒީފާއަށް ނުކުތުން މަނާކުރުން، ނުވަތަ އަޅުގަނޑުމެން މިކިޔާ ސަސްޕެންޑް ކުރުމަކީ ‘ފިޔަވަޅެއް’ ގެ ގޮތުގައި ޤާނޫނު ދަންނަ ކަމެއް ނޫނެވެ.

އިތުރަށް ކުރިއަށް ދިއުމުގެ ކުރިން، ވަރަށް ގިނަ ބޭފުޅުންނަށް އޮޅިފައި އޮތްކަމަށް ފެންނަ މައުލޫމާތެއްވެސް ސާފުކޮށްދޭނަމެވެ. ފަނޑިޔާރު ޢަބްދުﷲ ދީދީ ގެ މަޤާމުގެ މަސައްކަތަށް ނުކުތުން މަނާކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެނެއް ނޫނެވެ. އެ ސަސްޕެންޝަންއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރައްވަމުން ގެންދާ ޖިނާއީ މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގަވާއިދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. އެ މައްސަލަ މިހާރު އެ ބަލަން ފެށީއެވެ.

ފަނޑިޔާރަކު ސަސްޕެންޑްކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ބާރު ލިބެނީ ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގަވާއިދުގެ 42 ވަނަ މާއްދާގައި އޮންނަނީ “ކުށެއްގެ ތުޙުމަތުގައި، ފަނޑިޔާރެއްގެ މައްޗަށް ހުށަހެޅި މައްސަލައެއް ރަސްމީ އިދާއިރާއަކުން ތަޙްގީޤުކުރަން ފަށައިފިނަމަ ނުވަތަ އެފަދަ މައްސަލައެއް ޝަރީޢަތަށް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ކުރިކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ އެފަނޑިޔާރަކާމެދު ޢަމަލުކުރާނެގޮތެއް 48 ގަޑިއިރުތެރޭގައި ކޮމިޝަނުން ނިންމަންވާނެ” ކަމަށެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާގައި އޮންނަނީ “ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ވަޒީފާއަށް ނުކުތުން މަނާކުރެވިއްޖެނަމަ، އެކަމާ ބެހޭ ގޮތުން 15 ދުވަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު އެ ފަނޑިޔާރަކަށް ލިބިގެންވާކަމަށެވެ.” މި މާއްދާގައި މި ބަޔާންކުރަނީ ދެ ވާހަކައެކެވެ. ފުރަތަމަ ވާހަކައަކީ ފަނޑިޔާރެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ އެ ފަނޑިޔާރަކު ވަޒީފާއަށް ނުކުތުން މަނާކުރުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ލިބިގެންވާކަމެވެ. ދެވަނަ ވާހަކައަކީ އެ މާއްދާގައިވާ ފަދައިން ވަޒީފާއަށް ނުކުތުން މަނާކުރެވިއްޖެ ޙާލަތުގައި އެ ފަނޑިޔާރަށް އޮތް މަގަކީ އެ ނިންމުން މުރާޖައާކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ހުށަހެޅުންކަމެވެ. އެހެންކަމުން، އެ ނިންމުން ހިފައިގެން ދެ މަރުހަލާ ދޫކޮށް އެންމެ މަތީ މަރުހަލާގެ ކޯޓަށް ހުށަހެޅި މައްސަލައިގެ ސައްޙަކަމާ ގުޅޭގޮތުން ސުވާލު އުފެދެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުމެއް ކޯޓަކަށް ބެލިދާނޭތޯ އެއީ ކުރެވޭ ބޮޑު ސުވާލެކެވެ. އެއީ ސުވާލެއްގެ ގޮތުގައި ބޭއްވި ނަމަވެސް، ޤާނޫނުގައި ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ލާޒިމުކޮށްފައި އޮއްވާ، އެ މަގު އިޚްތިޔާރު ނުކޮށް ކޯޓަށް މައްސަލަ ހުށަނޭޅޭނޭކަމީ ޤާނޫނުގައި އިތުރު ބަހުސެއްނެތް ކަމެކެވެ. doctrine of exhaustion of remedies  ގެ އުސޫލަކީ އެއާމެދު ޚިލާފެއްނެތް، އަދި ރާއްޖޭގެ ކޯޓުތަކުންވެސް ބަލައިގެންފައިވާ ސާބިތު މަބްދައުއެކެވެ.

މަތީގައި ބަޔާންކުރާ މާއްދާތަކަށް ބަލާއިރު، ފަނޑިޔާރުންނާ ގުޅޭ ގޮތުން 2 ހާލަތެއްގައި ހިންގޭނޭ 2 އިޖުރާއަތެއް ޤާނޫނުގައި ބަޔާންކޮށްފައި އޮންނަކަން އެނގެއެވެ. ފުރަތަމަ އިޖުރާއަތަކީ ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ހުށަހަޅައިގެން އެ ކޮމިޝަންއިން މައްސަލަ ބަލައި ފިޔަވަޅު އެޅުމެވެ. އެ ގޮތުން އެޅޭނޭ ފިޔަވަޅުތައް ޤާނޫނުގެ 36 ވަނަ މާއްދާގައި އެ އޮންނަނީ ބުނެފައެވެ. ދެވަނަ ޙާލަތަކީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ޙާލަތެވެ. އެ ޙާލަތުގައި ޢަމަލުކުރަންޖެހޭނޭ ގޮތަކީ އެ މައްސަލައެއް ތަޙުޤީޤުކުރާ އިދާރާއަކުން ދޭ މަޢުލޫމާތުގެ މައްޗަށް ބަލައި އެ ފަނޑިޔާރު މަޤާމުގެ މަސައްކަތަށް ނުކުތުން މަނާކުރުމާމެދު ގޮތެއް ނިންމުމެވެ. އެ ޙާލަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ހަމައެކަނި ބޭނުންވާނީ އެ މައްސަލައެއް ބަލާ އިދާރާއަކުން އެ މައްސަލައެއް ބަލަމުން އެބަ ދާކަމުގެ ކަށަވަރުކަމެވެ. އެކަމާމެދު ފަނޑިޔާރު ދެކޭ ގޮތެއް އަހައި އޭނާގެ ބަހެއް ހޯދުމުގެ އިޖުރާއަތު ހިންގުން އެ ޙާލަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ލާޒިމެއް ނޫނެވެ.

ހިނގައިގެން މިއުޅެނީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ފަނޑިޔާރު ޢަބްދުﷲ ދީދީ މަސައްކަތަށް ނުކުތުން މަނާކުރުމެވެ. އެކަމުގައި އުފައްދާ ސުވާލަކީ އޭނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ އޮތް އޮތުމެވެ. އަޅުގަނޑު ހިތުން އެ ސުވާލަށް މިހާރު އޮންނާނީ ޖަވާބު ލިބިފައެވެ. ތިޔަ ސުވާލު އުފައްދާ އިޖުރާއަތު ހިންގަންޖެހެނީ ‘ފިޔަވަޅު’ އަޅާ މަރުޙަލާގައެވެ. ފަނޑިޔާރެއްގެ މައްޗަށް ކުށެއްގެ ތުހުމަތުކުރެވި، ވަގުތީ ގޮތުން ވަޒީފާއަށް ނުކުތުން މަނާކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ހިންގޭ އިޖުރާއަތެކެވެ. އެއީ ތިޔަ ހީފުޅުވާ ގޮތަށް ތައުދީބީ ފިޔަވަޅެއް ނޫނެވެ.

ދެވަނަ ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނިންމުން ކަމުނުދާކަމަށް ނިންމައި ދިނުމަށް އެދި ފަނޑިޔާރު ޢަބްދުﷲ ދީދީ މަސައްކަތްކުރާ ކޯޓުގައި އޭނާ މައްސަލަ ޖެއްސި ޖެއްސުމެވެ. ހިނގައިގެން އުޅޭ ދެ ކަންތަކުގެ ތެރެއިން ހިނގައިގެން ނުވާނޭކަމަށް އަޅުގަނޑަށް ފެނުނުކަމަކީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމެވެ. އެންމެ ފުރަތަމަ ކަމަކަށް އެ މައްސަލައަކީ ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުން ސުޕްރީމް ކޯޓަށް އިޚްތިޞާޞް ލިބޭ މައްސަލައެއް ނޫނެވެ. އަދި އެ މައްސަލަ ހުށަހެޅިފައި އޮތީ ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ހިންގުމަކާ ނުލައެވެ.

އެހެންކަމުން، ބަޔާން މިކުރެވުނު ހުރިހައި އުސޫލުތަކަށް ބެލުމަށްފަހު، އަޅުގަނޑަށް ޤަބޫލުކުރެވެނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރު ޢަބްދުﷲ ދީދީ ވަޒީފާއަށް ނުކުތުން ވަގުތީ ގޮތުން މަނާކުރި ކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން އަޅާފައިވާ ‘ފިޔަވަޅެއް’ ނޫންކަމާއި، އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގަވާއިދުގެ 42 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް ހިންގުން ލާޒިމު އިޖުރާއަތެއް ކަމުގައެވެ. އަދި އެ ނިންމުން ހިފައިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދިޔަ ދިއުމާއި، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތުމަކީވެސް ފަނޑިޔާރުންގެ ޤާނޫނުގެ 45 ވަނަ މާއްދާއާއި، ކޯޓުތަކުގެ ޤާނޫނާ ޚިލާފަށް ހިންގާފައިވާ ބާތިލު އިޖުރާއަތެއް ކަމަށެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …