ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން

ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު ޖުމުލައިގެ މިހާރުގެ އަގަކީ 270,000,000.00ރ. (ދުއިސައްތަ ހަތްދިހަ މިލިއަން) ރުފިޔާއެވެ. ހިނގަމުން މިދާ މިސްރާބުން ހިސާބު ޖަހާނަމަ، އެ ގެންނަވަން އުޅުއްވާ އިސްލާހާއެކު އެ ވިދާޅުވި ޖުމުލައިގެ އަގު ބިލިއަނުން މަތިވާނެއެވެ. މި ދެންނެވި 270,000,000.00ރ. (ދުއިސައްތަ ހަތްދިހަ މިލިއަން) ރުފިޔާއިން އަޅުގަނޑުމެން ހިންގާ ޖަލުގެ ޙާލަތުން ބައެއް އަޑުއައްސަވާށެވެ. ޤާނޫނުގައި ކަންއޮތްގޮތާއި، އެ ޤާނޫނު ތަންފީޛުކުރަން ޚަރަދުކުރެވޭ ދުއިސައްތަ ހަތްދިހަ މިލިއަން ރުފިޔާގެ މަސައްކަތުގެ ނަތީޖާ ދެކިވަޑައިގަންނަވާށެވެ.

ކޮންމެ ޖަލެއްގައިވެސް މީހުން ބަންދުކުރެވޭނީ އެމީހެއްގެ ސަލާމަތީ ގިންތި ދަރަޖަކުރުމަށްފަހުގައި ކަމަށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ނ) ގައި ލިޔެފައި އޮވެއެވެ. އެހެންނަމަވެސް އެ ޤާނޫނުގައި އެ މާއްދާ ލިޔުނު ފަހުން މިހާތަނަށް އެންމެ ފަހަރަކުވެސް އެ މާއްދާއަށް ޢަމަލުކޮށްފައެއް ނުވެއެވެ. ނަތީޖާއަކީ ބަންދުކުރެވޭ މީހުންގެ ސަލާމަތީ ގިންތިއަށް ބެލުމެއްނެތި މަސްހުނިކޮށް ބަންދުކުރެވުމުގެ ސަބަބުން ޖަލުގައި ހަމަނުޖެހުންތަކަށް މަގު ހުޅުވުމެވެ. ލޯޝަންފުޅި ވަގަށް ނެގި މީހާ ވެގެންދަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހާގެ ދަރިވަރަކަށެވެ. 6 މަސްދުވަހުގެ ހުކުމަށްފަހު ޖަލުން ނުކުންނަނީ އެހެން ކުށަކަށް އަރައިގަތުމަށް ތައްޔާރުވެފައިހުރި ވާންއުޅޭ ކުށްވެރިއެކެވެ.

ޖަލުތަކާ ޕެރޯލްގެ ޤާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ ރިމާންޑް ޖަލެއްކަމަށް ހޯމް މިނިސްޓްރީއިން ކަނޑައަޅާފައި އޮންނަނީ މާލޭގައި ހުންނަ ޢާންމު ޖަލު ގެ ޔުނިޓް 2 އާއި، މާފުށީގައި ހުންނަ ޢާންމު ޖަލުގެ ޔުނިޓް 4 އަދި ޔުނިޓް 13 އެވެ. ޢާންމު ޖަލޭ މިކިޔަނީ ޙުކުމް ތަންފީޛުކުރާ މީހުން ތިބޭ ޖަލަށެވެ. އެޖަލުތަކުގެ އެތެރޭގައި ރިމާންޑް ޖަލެއް ނުހުންނާނެއެވެ. ދައުލަތުގެ އެތެރޭގައި ދައުލަތެއް ނޯންނާނޭ ފަދައިންނެވެ. ޢާންމު ޖަލު ތެރޭގައި ހުންނަ ޔުނިޓެއް އެއީ ރިމާންޑް ޖަލެއްކަމަށް ހޯމް މިނިސްޓަރު ވިދާޅުވެ އެކަން އެގޮތަށް ތަންފީޛުކުރުމަކީ ޖަލުތަކާ ޕެރޯލްގެ ޤާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފް ޢަމަލެކެވެ.

ޖަލުތައް މިހާރު ހިންގަމުން ގެންދަނީ ޖަލު އަމުރުންނެވެ. ޖަލު ހިންގަވާ ބޭފުޅުންނަށް ދަތި އުނދަގުލެއްވާ ކޮންމެ ފަހަރަކު، އެ ތަކުލީފުތައް ދުރުކޮށްދިނުމަށް އުފަންކުރުވަނީ ޖަލު އަމުރެކެވެ. އެކަމުގައި މައްސަލައެއް ނެތެވެ. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، ޖަލު އަމުރަކަށް ޢަމަލުކުރެވޭނީ އެ އަމުރެއް ޢާންމުކޮށް ޝާއިޢުކުރުމަށްފަހުގައެވެ. މައްސަލައަކަށް ވަނީ އެ މާއްދާއަށް އަދި އައްވަލަށްވެސް ޢަމަލުކުރެވިފައެއް ނުވުމެވެ.

ޖަލުގައި ބަންދުކުރެވޭ ކޮންމެ ޤައިދީއަކު، ކަސްރަތުކުރުމަށްޓަކައި، މަދުވެގެން ކޮންމެ ދުވަހަކު 1 ގަޑިއިރަށް އޭނާ ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނޭކަމަށް ޖަލުތަކާ ޕެރޯލްގެ ޤާނޫނުގެ 65 މާއްދާގައި ކަނޑައަޅާފައި އޮތީ ހަމައެކަނި ފޮޅުވަތްތައް ފުރާލަންކަމަށް ޖަލުތައް ބަލަހައްޓާ ވުޒާރާއަށް އޮންނަނީ ހީވެފައެވެ. ދޫނިދޫގައި ނަމަ ކަސްރަތަށް ނެރެނީ ބިޑި އަޅުވައިގެންނެވެ. މާލޭގައި ހުންނަ ޖަލުގައި އެއްގޮތަކަށް ވެސް އެކަން ނުކުރަނީއެވެ. ގޮޅީގައި ބަންދުކުރުމަށްފަހު ނެރޭނަމަ ނެރޭނީ ޤައިދީގެ ފުރާނަނެތް މަސްގަނޑުކަމަށް ހުވާކޮށްގެން ތިބެނީއޭ ހީވެއެވެ. ގޮޅި ތެރޭގައި ކުރާނޭ ވަރަކަށް ކަސްރަތު ކުރަންވީއެވެ.

މާލޭ ޖަލުގައި ހުންނަ 2 މީހުންގެ ގޮޅިތަކުގައި 4 މީހުން ބަންދުކޮށްފައި ތިބެއެވެ. 4 މީހުން ބޭނުންކުރާނީ ހުޅުވާލެވިފައި ހުންނަ 1 ފާހާނާއެވެ. އޭގެ ތެރެއިން އެކަކު ފާހާނާ ކުރާއިރު އެ އިވޭ އަޑަކީ މިއުޒިކެއްކަމަށް ހިތަށް ވިސްނައިދޭނީއެވެ. ދުވާ ވަހަކީ މިދުނިޔޭގެ ކަމެއް ނޫނޭ ހިތާނީއެވެ. ގައިދީއަކު އެހެން ގައިދީންގެ ކުރިމަތީގައި ލަދު ގަންނާނޭފަދަ ޙާލަތަކަށް ގެންދިއުމަކީ ޓޯޗަރގެ ޢަމަލެއްކަމަށް އެންޓި ޓޯޗަރ ޤާނޫނުގައި ބުނެފައި އޮވެއެވެ. އެކަމަކު ޤާނޫނަކާ ޤާނޫނެކެވެ. ޢަމަލުކުރަނީ އެހިނދަކަށް ފަސޭހަ ގޮތަކަށެވެ.

ޢާންމު ޤައިދީއެއްނަމަ ނިދަންޖެހޭނީ ކޮންކްރީޓު އަށީގައި ކުނާ އަޅައިގެންނެވެ. ގޮދަޑިއެއް ޙައްޤުވަނީ ސިޔާސީ ބުރަކަށިތަކަށް އެކަންޏެވެ. ދޮޅު އަހަރުގެ ޖަލު ޙުކުމެއް ތަންފީޛުކޮށް ނިމިގެން ނުކުންނަ މީހާ އުމުރުގެ ބާކީ ބައި މައިބަދައަށް ބޭސްކުރަން ހޭދަކޮށްލަން ޖެހުމަކީ ޖަލުތައް ބަލަހައްޓާ ވަޒީރުގެ މައްސަލައެއް ނޫނެވެ. ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ މިނޫންވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނޭ ހާލަތްތަކާއި ޝަރުތުތައް މުޠާލިޢާކުރުމާއި މުރާޖަޢާކުރަމުން ގެންދިއުމާއި، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ބ) އިން ލާޒިމުކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެވެސް މައްސަލައެއް ނޫނެވެ.

ޖަލު ގޮޅީގައި 24 ގަޑިއިރު ބަންދުކޮށްފައި އޮންނަ، އަދި ހުރިހައި ލަދުވެތި ޙާލަތަކަށް ހުށަހެޅިފައި އޮންނަ މީހާގެ ނިކަމެތިކަމާއި، ސިކުނޑީގައި ހިނގާނޭ ހައިޖާނުގެ އޮއިވަރު ބަންޑުންވެގެންދާނީ ކުރިމަތިން ފެންނަން ހުންނަ އޮފިސަރަށެވެ. އެފަކީރު ގިނަފަހަރަށް ވާނީ ޤާނޫނުގައި ކަން އޮތްގޮތަކާއި، ވީ ގޮތަކާއި، ވާންއުޅޭ ގޮތެއްވެސް ނުއެނގިހުރި، ޒިންމާދާރު ބޭކަލަކަށެވެ. މިފަދަ ބޭކަލަކަށް ރައްދުކުރާ އިހާނެތި ބަހެއްގެ ނަތީޖާއަކަށް ވާންޖެހޭކަމަށް ގަވާއިދުތަކުގައި ކަނޑައަޅާފައި އޮތީ އިސްލާހީ ފިޔަވަޅެވެ. ޢާއިލާއާ ބައްދަލުކުރުން ހުއްޓުވާލެވޭނެއެވެ. އެހެނިހެން ބައެއް އިނާޔަތްތައްވެސް ހިފެހެއްޓެވެ.

އޮރިޔާންކޮށްގެން ބަލާފާސްކުރުން ވެފައި އޮންނަނީ ޖަލު ހިންގާ ބަޔަކަށް މަޖާ ކުޅިވަރަކަށެވެ. މާލެ ގެންދަންޖެހިއްޖެނަމަ އޮރިޔާންކޮށްލަންވީއެވެ. އެކަހެރި ބައްދަލުވުމަށް ނުކުންނަންވެއްޖެނަމަ އޮރިޔާންކޮށްލަންވީއެވެ. ޔުނިޓުން ބޭރަށް ނެރެން އޮރިޔާންކޮށްލަންވީއެވެ. އަލުން ޔުނިޓަށް ވައްދަންވެސް އޮރިޔާންކޮށްލަންވީއެވެ. ޖަލު ގޮޅިއެއްގައި މަނާ އެއްޗެއް ގެންގުޅޭކަމަށް ބެލެވުނަސް އޮރިޔާންކޮށްލަންވީއެވެ. މިއީ މިފަދަ ފުރުސަތަކަށް ބަލަބަލައި ތިބޭ ބަޔަކު ނޫނީ އުޅޭނޭ ގޮތެއް ނޫނެވެ.

ދިވެހިރާއްޖޭގެ ޖަލުތަކަށް މިހާރު މަހެއްގެ މައްޗަށް ކުރާ ޚަރަދަކީ 22,500,000.00ރ. އެވެ. އެއީ ޖަލުގައި ބަންދުކުރެވިފައިވާ ކޮންމެ ގައިދީއެއްގެ ބޮލަށް ކޮންމެ މަހަކަށް 15,000.00ރ. (ފަނަރަހާސް ރުފިޔާ) އެވެ. ކޮންމެ މަހަކަށް ޖުމުލަ 22,500,000.00ރ. (ބާވީސް މިލިއަން ފަސްސަތޭކަ ހާސް ރުފިޔާ) އެވެ. އަހަރެއްގެ މައްޗަށް 270,000,000.00ރ. (ދުއިސައްތަ ހަތްދިހަ މިލިއަން) ރުފިޔާއެވެ. މިއީ ދައުލަތުން ޚަރަދުކުރާ މިންވަރެވެ. ކޮންމެ ގައިދީއަކު ޖަލުގައި ހުޅުވާ އެކައުންޓަށް ޖަމާކުރާ 2000 (ދެހާސް) ރުފިޔާއަކީ އަދި އިތުރަށް ކުރާ ހޭދައެކެވެ. ދައުލަތުން މި ކުރެވޭ ހޭދައާ އަޅާބަލާއިރު ޖަލުތަކުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރުގެ ދަށްކަމާއި، އިންތިޒާމުތަކުގެ ދޯދިޔާކަން ހެކިދެނީ ޖަލާމެދު އިންތިހާއަށް ފަރުވާކުޑަކޮށްފި ކަމުގެ މައްޗަށެވެ.

ހިންގާންތިބި މީހުންގެ ޤާބިލުކަމާމެދު ސުވާލު އުފައްދާ މީހާއަށް އަޅުގަނޑެއް ނުވާނަމެވެ. ޖަލުގައި މީހުން ބަންދުކޮށްގެން، ކުރެވޭ ހޭދައާ ނުބައްދަލު މިންވަރަށް، ފެންވަރުދަށް އިންތިޒާމު ހަމަޖައްސާފައި ހުންނަނީ ވިޔަފާރީގެ ބޭނުމަށްކަމަށް ބަޔަކު ތުހުމަތުކުރިޔަސް އަޅުގަނޑު އެހެނެއް ނުދެކެމެވެ. ޖަލުތަކާ ޕެރޯލްގެ ޤާނޫނުގައި ބުނެފައި އޮންނަނީ ޖަލުގައި މީހުން ބަންދުކުރުމުގެ އަސާސަކަށް ވާންޖެހޭނީ ހަމައެކަނި މުޖުތަމައުއިން އެކަހެރި ކުރެވުމާއި، އެނޫން އެއްވެސް އަނިޔާއެއް ލިބިނުދިނުން ކަމަށެވެ. ޤާނޫނުގައި މިހެން ލިޔުމުން އެކަނި ހާސިލުކުރެވޭނޭ ނަތީޖާއެއް ނޯންނާނޭކަން އަޅުގަނޑުމެން އެންމެނަށް އެނގެއެވެ. ޤާނޫނު ތަންފީޛުކުރާ މީހުންގެ ހެޔޮ ނިތަކާއި، މުރާލިކަން ނުފެނި ޤާނޫނަށް ދެއްކޭނޭ ނަތީޖާއެއް އަމުދުން ނޯންނާނެއެވެ.

މި އާޓިކަލް ބައްލަވާ

ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ …