ޚިޔާނާތުގެ ބައިވެރިޔަކަށް ވަނީ ކިހިނެއް؟

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މީހަކު ޚިޔާނާތްތެރިވެއްޖެކަމަށް ކަނޑައެޅެނީ އެ ޤާނޫނުގެ 215 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުމުންނެވެ. އެ މާއްދާގައި ބުނެދީފައި އޮންނަ ގޮތުން ޚިޔާނާތަކީ، އެއްބަސްވުމެއްގެ ދަށުން، ނުވަތަ ޤާނޫނީ އިލްތިޒާމެއްގެ ދަށުން ނުވަތަ ޒިންމާ އުފުލަންޖެހޭ މަސްލަޙަތެއް އޮންނަ ޙާލަތުގައި، އަނެކާގެ މުދަލެއް މީހަކު ލިބިގަންނަނީ ވަކި އަގެއް އަދާކުރުމަށް ނުވަތަ އެ މުދަލުން ވަކި ތަސައްރުފެއް ކުރުމަށް ކަމަށްވެފައި، އޭނާގެ އަމިއްލަ މުދަލެއްގެ ގޮތުގައި އެ މުދަލުން މުޢާމަލާތްކޮށް، އެ މުދަލުން އަދާކުރަންޖެހޭ އަގު އަދާނުކުރުން ނުވަތަ އެ މުދަލުން ކުރަންޖެހޭ ތަސައްރުފެއް ނުކުރުމަށެވެ. ޚިޔާނާތްތެރިވެއްޖެކަމަށް ބުނެ އުފުލޭ ދަޢުވާއެއްގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭނޭ 4 އުންސުރެއް މި މާއްދާގައި ބަޔާންކޮށްފައި އެބައޮތެވެ. އެއީ (1) ދަޢުވާ އުފުލިފައިވާ މީހާ، ޤާނޫނީ ގޮތުން ނުވަތަ އެއްބަސްވުމެއްގެ ދަށުން އަދާކުރަންޖެހޭ ޒިންމާއެއް ކަނޑައެޅިފައި އޮތްކަމާއި، (2) ޚިޔާނާތްތެރިވިކަމަށްބުނާ މުދަލާ ޙަވާލުވީ ކަނޑައެޅިފައިވާ ވަކި މަޤްސަދަކަށްޓަކައި ކަމާއި (3) ކަނޑައެޅިފައި އޮތް ޤާނޫނީ ޒިންމާއާ ނުވަތަ އެއްބަސްވުމާ ޚިލާފަށް އެ މުދާ ބޭނުންކޮށްފިކަމާއި، (4) ކަނޑައެޅިފައި އޮތް ޤާނޫނީ ޒިންމާއާ ނުވަތަ އެއްބަސްވުމާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ޒިންމާ ފުރިހަމަ ނުކުރިކަމެވެ. ދެން އެ މާއްދާގައި އިތުރަށް ކަނޑައަޅާފައި އޮންނަނީ މީހަކު، އެހެން މީހެއްގެ މުދާ އަމިއްލަ މުދަލުގެ ގޮތުގައި ބޭނުންކޮށްފިކަމަށް ޤާނޫނު ޤަބޫލުކުރާނޭ ޙާލަތްތަކަކާއި، ދަޢުވާ އުފުލިފައިވާ މީހާގެ ޤާނޫނީ ޒިންމާއެއް އޮތްކަމަށް ޤާނޫނު ޤަބޫލުކުރާނޭ ޙާލަތްތަކެކެވެ. ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުކުރެވެނީ މިހުރިހާކަމެއް އެކުވެ ހުރިހާ އުންސުރެއް ސާބިތުވުމުންނެވެ.

ދެން އޮތީ ޚިޔާނާތުގައި ބައިވެރިވުމެވެ. ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާކުރެވެނީ ޤާނޫނުލްޢުޤޫބާތުގެ 30 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް، ކުށް ކަނޑައަޅާ މާއްދާގެ ދަށުންނެވެ. 30 ވަނަ ބާބުގައި ބަޔާންކުރަނީ ކުށެއް ކުރުމަށް އެހީތެރިވުމާއި، ބައިވެރިވުމާއި، ބައިވެރިވާން އުޅުން ކުށަކަށް ވާނޭ ޙާލަތްތަކެވެ. ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެއް އުފުލޭނީ އެ ބާބުގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ފެތޭނަމައެވެ.

ޚިޔާނާތަކުން ހޯދާ ފައިސާއެއް ލިބޭ ކޮންމެ މީހަކީ ޚިޔާނާތުގައި ބައިވެރިވި މީހެއްގެ ގޮތުގައި ބެލުމަށް ޤާނޫނުލްޢުޤޫބާތުގެ ބުނެވިދިޔަ ބާބު ތަނެއް ނުދެއެވެ. ޚިޔާނާތްތެރިވެގެން ފައިސާ ހޯދި މީހާ، އޭނާގެ އަމިއްލަ ގެ ޢިމާރާތްކުރުމަށްޓަކައި ޙަވާލުކުރާ ކޮންޓްރެކްޓަރަށް ފައިސާދީ، ކޮންޓްރެކްޓަރު އެ ފައިސާގައި ހިފުމަކީ އޭނާ އެ ޚިޔާނާތުގައި ބައިވެރިޔަކަށްވާނޭ ކަމެއް ނޫނެވެ. ކޮންޓްރެކްޓަރަށް ލިބުނު ފައިސާއަކީ އޭނާ ކުރާ އެހެން މަސައްކަތެއްގެ މުޤާބިލުގައި ލިބޭ ފައިސާއެކެވެ. އެ ފައިސާ ދޭ މީހާ އެ ފައިސާ ހޯދި ގޮތެއް ފައިސާ ލިބޭ ކޮންޓްރެކްޓަރު ބަލާކަށް ނުޖެހެއެވެ. ހަމަ އެގޮތަށް، ޚިޔާނާތުގެ ފައިސާ ލިބޭ މީހާ، އެ ފައިސާ އެހެން މީހަކަށް ރިޝްވަތު ދިނުމަށް ބޭނުންކޮށްފިނަމަ އެ ފައިސާގައި ހިފި މީހާއަކީ ފައިސާ ދޭ މީހާ އެ ފައިސާ ހޯދުމަށްޓަކައި ވެފައިވާ ޚިޔާނާތުގެ ބައިވެރިޔަކަށްނުވާނެއެވެ. ފައިސާގައި ހިފި މީހާ އެ ކުރި ކުށަކީ ރިޝްވަތު ހިފުމެވެ. އެ ޙާލަތުގައިވެސް އޭނާއަކީ ޚިޔާނާތުގެ ބައިވެރިޔަކަށް ނުވާނެއެވެ.

މީހަކު ޚިޔާނާތެއްގައި ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ރަސްމީ އިދާރާއަކުން ބުނެފިނަމަ އޭގެ މާނައަކީ އެ ޚިޔާނާތުގެ ޢަމަލު ހިންގާނޭ ގޮތް ރޭވުމުގައި، ނުވަތަ ހިންގުމުގައި، ނުވަތަ އިންތިޒާމުކުރުމުގައި ނުވަތަ އެ ޢަމަލު ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުމަށްޓަކައި، އެނގިހުރެ އެހެން މީހަކަށް އެހީތެރިވެފައިވާކަމަށް ތުހުމަތުކުރެވޭކަމަށެވެ. ޚިޔާނާތުގެ ފައިސާއިން މަންފާ ލިބިފައި އޮތުމަކީ އެ ޚިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭނޭ ސަބަބެއް ނޫނެވެ. ޚިޔާނާތުން ހޯދާފައިވާ ފައިސާއިން ވަކި މީހަކަށް ފައިސާއެއް ލިބިފައި އޮތްކަމަށް ބެލެވުމަކީ އެކަމުގެ މައްޗަށް އެކަނި ބަލައި، މީހެއްގެ މައްޗަށް ޚިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތު ކުރެވޭނޭ ކަމެއްވެސް ނޫނެވެ. ވަކި މީހަކު ނުވަތަ ބަޔަކު ޚިޔާނާތެއްގައި ބައިވެރިވެފައިވާކަމަށް ރަސްމީ އިދާރާއަކުން ތުހުމަތުކުރާނީ އެ ޚިޔާނާތުގެ ޢަމަލު ހިންގާނޭ ގޮތް ރޭވުމުގައި، ނުވަތަ ހިންގުމުގައި، ނުވަތަ އިންތިޒާމުކުރުމުގައި ނުވަތަ އެ ޢަމަލު ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުމަށްޓަކައި، އެނގިހުރެ އެހެން މީހަކަށް އެހީތެރިވެފައިވާކަމަށް ހެކި ހުރީމައެވެ.

ދެން އޮތީ ޚިޔާނާތަކުން ހޯދާފައިވާ ފައިސާއިން އެއްވެސް މިންވަރެއް ލިބުނު މީހާ އުފުލަންޖެހޭ ޤާނޫނީ ޒިންމާއެވެ. އޭނާއަށް ލިބިފައިވާ ފައިސާ ލިބުނީ އޭނާކުރި ޙަލާލު މަސައްކަތެއްގެ އަގުގެ ގޮތުގައިކަމަށްވެފައި، އެ ޚިޔާނާތް ހިންގުމުގައި ނުވަތަ ރޭވުމުގައި އޭނާގެ ބައިވެރިވުމެއް އޮތްކަން ސާބިތުނުވާނަމަ، އޭނާއަކީ “ޚިޔާނާތުގެ ފައިސާއިން މަންފާ ލިބުނު މީހެއް” ކަމަށް ކަނޑައެޅޭނޭ ޖާގައެއް ނޯންނާނެއެވެ. އަދި އެކަމާ ގުޅިގެން އޭނާ އުފުލަންޖެހޭނޭ ޤާނޫނީ ޒިންމާއެއްވެސް ނޯންނާނެއެވެ.

‘ޚިޔާނާތް’ މި ބަހަކީ ޢާންމު ދިވެހިންގެ ދުލަށް ފަރިތަ ބަހެކެވެ. ޢާންމު އެތައް މަޙައްލެއްގައި ބޭނުންކުރާ ބަހެކެވެ. ވަކި ކަމަކަށް ދޭ ފައިސާ އެ ނޫން ބޭނުމަކަށް ބޭނުންކުރުމަކީ ޚިޔާނާތެވެ. ދޮގު ހެދުމަކީ ޚިޔާނާތެވެ. ސިޔާސީ ވައުދު ނުފުއްދުމަކީވެސް ޚިޔާނާތެވެ. އެހެންނަމަވެސް ކުށެއްގެ ތުހުމަތުކުރުމުގެ ބޭނުންމަށް ޤާނޫނީ ނަޒަރުން ބަލާނަމަ، ޚިޔާނާތްތެރިވުމާއި، ޚިޔާނާތްތެރިވުމުގައި ބައިވެރިވުމަކީ، އެކަމުގައި ޤާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ހުރި، ޤާނޫނުގައި ތަފްސީރުކޮށްދެވިފައި އޮތް ވަކި ކުށްތަކެކެވެ. ޚިޔާނާތެއް ހިންގި މީހެއްގެ ފަރާތުން މަންފާއެއް ލިބުނު ކޮންމެ މީހަކީ އެ ޚިޔާނާތުގައި ބައިވެރިވެފައިވާ މީހެއްކަމަށް ބެލުމަކީ ދައުލަތެއްގެ ރަސްމީ އިދާރާއަކުން ކޮށްފާނޭކަމެއް ނޫނެވެ. އެހެނީ އެކަމުގައި ޤާނޫނު ނިޔާކުރާ ގޮތަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީވެސް ރަސްމީ އިދާރާތަކުގައި އެ މަސައްކަތް ހިންގަވާން ތިއްބެވި ބޭފުޅުންނަށެވެ.

މި އާޓިކަލް ބައްލަވާ

ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހެދުން

ޖަލުގައި ގިނަ ދުވަސްތަކެއް ވެއަތުކުރެއްވި، މިހާރުގެ ހޯމް މިނިސްޓަރު ވިދާޅުވަނީ ޖަލަކީ ބަލައިގަނެވޭނޭ ތަނަކަށް ހައްދަވާނެކަމަށެވެ. އެ ވިދާޅުވި ކުރުކުރު …