ބޮޑުމޮހޮރާ މައްސަލާގައި ކަންހިނގާފައިވާ ގޮތާއި، ސުޕްރީމް ކޯޓުގެ ކޯފާ

medium_27288

ރުޅިއައިމާ ރުޅިއަންނަ މީހާއަށް “ހޭއަރުވާލުމަކީ” ތަހުޒީބާ ދުރު ގޮތެކެވެ. “ޑަޑަންޑަން” ކިޔާފައި ނިންމުންތައް ނިންމުމަކީ އަމުދުން ޢަދުލުއިންސާފާ ނުބައްދަލު ވައްޓަފާޅިއެކެވެ. މިއީ އަޅުގަނޑުމެންގެ އެކަކުވެސް ދެބަސްވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފުލުފުލުގައި ނެރުނު ދެ އަމުރުން އަޅުގަނޑަށް އިޙްސާސްވީ ކޮންމެވެސް އަޑިނޭނގޭ ކަންތައްތަކެއް މެދުވެރިވެގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިންތިހާއަށް ކޯފާވެއްޖެކަމެވެ. ކޯފާގެ ޝިކާރަޔަކަށް މިފަހަރުވީ އެބޭފުޅުންގެ ނުހަނު ބޮޑު ތާޢީދާއެކު ފަނޑިޔާރުކަމަށް ޢައްޔަނުކުރެވުނުކަމަށް ބުނާ ފަނޑިޔާރެވެ.

ބޮޑުމޮހޮރާ މައްސަލައިގެ ޚުލާސާ

ސީއެސްއާރު މަޝްރޫއެއް ހިންގުމަށް ޝަރުޠުކޮށް މެރިން ޓެކްނޮލޮޖީޒް ކިޔާ ކުންފުންޏަކަށް ބޮޑުމޮހޮރާ ދީފައި އޮއްވައި، ސަރުކާރު ބަދަލުވެ، ދެންއައި ސަރުކާރުން ނިންމީ ސީއެސްއާރު މަޝްރޫޢު ހިންގާ ގޮތަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތަކަށް ޢަމަލުނުކުރުމަށެވެ. އެނިންމުމާ ދެކޮޅަށް މެރިން ޓެކްނޮލޮޖީޒްއިން ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 1456/Cv-C/2012  މައްސަލައިގައި އެ ކޯޓުން ސަރުކާރުގެ މައްޗަށް ހުކުމް ކުރީ އެ ރަށުގެ އެއްބަސްވުމަށް ޢަމަލު ކުރުމަށެވެ. އެ ނިންމުން ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރިއެވެ. އެ މައްސަލަ ބެލީ ހައި ކޯޓުގެ ނަންބަރު 2013/HC-A/276 ޤަޟިއްޔާއިންނެވެ. ހައިކޯޓުން މައްސަލަ ބަލަމުން ގެންދަނިކޮށް، 6 ޖެނުއަރީ 2014 ތާރީޚުގައި ސަރުކާރުން ވަނީ އެމައްސަލަ އަނބުރާ ގެންގޮސްފައެވެ.

އޭގެ ފަހުން މެރިން ޓެކްނޮލޮޖީޒްއިން ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 1456/Cv-C/2012 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމަށް ސިވިލްކޯޓަށް ހުށަހެޅިއެވެ. ޙުކުމް ތަންފީޛްކުރުމުގެ މައްސަލައިގެ ޤަޟިއްޔާގެ ނަންބަރަކީ 538/Cv-C/2015 އެވެ. މި ޤަޟިއްޔާގައި ޙުކުމްކުރީ ވ. ބޮޑުމޮހޮރާގައި ރިސޯޓް ތަރައްގީކުރުމަށް މެރިން ޓެކްނޮލަޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ޖޮއިންޓް ވެންޗާ އެގްރީމެންޓްގައި 45 ދުވަސްތެރޭ ސޮއި ކުރުމަށެވެ. އެ ނިންމުންވެސް ސަރުކާރުން ހައިކޯޓުގައި އިސްތިއުނާފްކުރިއެވެ. އެމައްސަލަ ހިންގި ޤަޟިއްޔާ ނަންބަރަކީ 2015/HC-A/289 އެވެ. އެ ޤަޟިއްޔާވެސް ހިންގަމުން ގެންދަނިކޮށް ސަރުކާރުން ވަނީ 6 ޖެނުއަރީ 2016 ތާރީޚުގައި އެ މައްސަލަވެސް އަނބުރާ ގެންގޮސްފައެވެ.

އެހާ ހިސާބުން، ޢަމަލުކުރަންޖެހޭ އަދި ފައިސަލާކުރަނިވި ޙުކުމަކަށް އޮތީ، ސިވިލްކޯޓުގެ ނަންބަރު 1456/Cv-C/2012 ޤަޟިއްޔާގެ ޙުކުމާއި، އެ ޙުކުމް ތަންފީޛްކުރުމަށް އެކޯޓުގެ ނަންބަރު 538/Cv-C/2015 ޤަޟިއްޔާއިން ކުރި ޙުކުމެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލަ

ބޮޑުމޮހޮރާގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުރި ޙުކުމާ ގުޅިގެން ދައުލަތަށް ލިބުނު އިސްތިއުނާފްގެ ޙައްޤު މުޠުލަޤުގޮތުގައި ދޫކޮށްލުމަށްފަހުވެސް، ދައުލަތުން އަލުން ވަނީ 1 މާޗް 2016 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. ދުސްތޫރީ މައްސަލައަކީ ކޮބައިކަން ކޯޓުތަކުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ރ) ގައި ވަނީ މާނަކޮށްދީފައެވެ. އެ މާއްދާގައި އޮންނަނީ ” [ދުސްތޫރީ މައްސަލަތައް] ކަމަށް ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރަންޖެހިއްޖެނަމަ، އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްފަޒަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.” މިހެންނެވެ. މި ޤާނޫނު، ބަންޑަރަނައިބުގެ އޮފީހުން ބަލަހައްޓަވާ، ޤާނޫނުތަކުގެ ވެބްސައިޓުގައިވެސް އޮންނާތީ މި ޤާނޫނުގައި މިހެން އޮންނަކަން ބަންޑަރަނައިބަށް އެނގިވަޑައިގަންނަވާނޭކަން ކަށަވަރެވެ. އިސްތިއުނާފްކުރުމުގެ ފުރުޞަތެއްނެތް މައްސަލަތައް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހެޅުމަކީ ކޮށްއުޅޭކަމެއް ނޫނެވެ. ކުރެވެން އޮންނަކަމެއްވެސް ނޫނެވެ.

ސުޕްރީމް ކޯޓުގެ ނިންމުން

ދުސްތޫރީ މައްސަލައަކަށް ހަދާފައި، މަދަނީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮޅުވާލެވިދާނޭކަމަށް ބަންޑާރަނައިބަށް ހީފުޅުވިޔަސް އެކަން އެހެންނުވާނެކަން ކަށަވަރުތާއެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ 2 ފެބުރުއަރީ 2017 ތާރީޚުގައި އެންގެވީ މިއީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަނެ ހުއްދަ ދެވެން ނެތް މައްސަލައެއް ކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ. މިގޮތަށް އެންގެވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L-J/01 “އިސްތިއުނާފްކުރުމަށް ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތް” އިންނެވެ. މި ނިންމެވުން މިހެން ނިންމެވިނަމަވެސް، ފަނޑިޔާރުންވަނީ އެމައްސަލައާމެދު ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް އެ ނިންމެވުމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް އެންގުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނާއި، ޢާންމު އުޞޫލުތަކާވެސް ޚިލާފްވާނޭކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި އެހެންކަމުން އެ ކޮންޓްރެކްޓްގައި ސޮއިކުރުމަކީ ސަރުކާރަށް އޭގެ ފުރިހަމަ އިޚްތިޔާރު އޮތް ކަމެއްކަމުގައިވެސް އެ ނިންމުމުގައި ފާހަގަކުރައްވާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ ޙުކުމެއްތަ؟

ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ބަޔާންކޮށްފައިވަނީ ދައުލަތުން ހުށަހެޅި މައްސަލައަކީ ސުޕްރީމްކޯޓަށް ބަލައިގަނެވެން ނެތް މައްސަލައެއްކަމުގައެވެ. އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ޝަރީޢަތެއްވެސް ނުހިންގައެވެ. އިބްތިދާޢީ ބައްދަލުވުމަކީ ޝަރީޢަތެއް ނޫނެވެ. ޚުލާސާކޮށް ދަންނަވާނަމަ، އެމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމެއް ނުކުރައްވައެވެ. ނިންމަވާފައިވަނީ ރަޖިސްޓްރަރގެ ނިންމުމެކެވެ. އެ ނިންމެވުމުގައި ފަނޑިޔާރުން ފާހަގަކުރެއްވިކަމަށް ބަޔާންކޮށް ރަޖިސްޓްރަރ ފާހަގަކުރައްވާފައިވާ ވާހަކަތަކަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބުނާފަދަ ދަށު ކޯޓުތަކުން ތަބާވުން ލާޒިމު ނިންމުމެެއް ނޫނެވެ. ނިޔާވެރިއެއްގެ ސޮއިނެތި، ފަނޑިޔާރުންނާ ޙަވާލާދީ ރަޖިސްޓްރަރ އަންގާ އެންގުމަކީ ޙުކުމެއްކަމުގައި ބެލޭނޭ ހަމައެއް ނެތެވެ.

ސިވިލްކޯޓުގެ ފަހުގެ ޙުކުމް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމުމުން، ސިވިލްކޯޓުގެ ނަންބަރު 1456/Cv-C/2012 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމަށް މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ. މިމައްސަލަވެސް ޢާންމު އުޞޫލުގެ މަތީން ނިންމާފައިވަނީ އެ ޙުކުމް ތަންފީޛްކުރުމަށް އަމުރުކުރައްވައެވެ. އެ ނިންމުމުގެ ޤަޟިއްޔާ ނަންބަރަކީ 707/Cv-C/2017 އެވެ.

ސުޕްރީމް ކޯޓުގެ ކޯފާ

ސިވިލްކޯޓުގެ ނަންބަރު 1456/Cv-C/2012 ޤަޟިއްޔާގެ ޙުކުމް ތަންފީޛްކުރުމަށް އެކޯޓުގެ ނަންބަރު 707/Cv-C/2017 ޤަޟިއްޔާއިން ކުރި ޙުކުމް ސުޕްރީމް ކޯޓަށް ބަލައެއް ނުގަނެވުނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-L-J/01 “އިސްތިއުނާފްކުރުމަށް ހުއްދައަށް އެދޭ މައްސަލަ ނިންމި ގޮތް” އިން އަންގަވާފައިވާ އެންގެވުމަކާ ޚިލާފްވާތީކަމަށް ފާހަގަކުރައްވައި، ސިވިލްކޯޓުގެ ނަންބަރު 707/Cv-C/2017 ޙުކުމް ބާޠިލުކަމަށް ކަނޑައެޅުއްވިއެވެ. އެމައްސަލައިގެ ނިންމުމުން އަސަރުކުރާނޭ ފަރާތްތަކަށް ބަސްބުނުމުގެ ފުރުޞަތުވެސް ނުދެއްވައެވެ.

އެ ނިންމުން އެހެން ނިންމެވުމަށްފަހު އެ ޙުކުމް ކުރެއްވި ފަނޑިޔާރަކީ ކޮބައިތޯ ބައްލަވައި، އެ ފަނޑިޔާރުގެ ފަނޑިޔާރުކަން ކުރުމުގެ އަޙްލިއްޔަތާއި ޝަރުޢިއްޔަތު ގެއްލިފައިވާކަމަށްވެސް ނިންމެވިއެވެ.

އަޙްލިއްޔަތާއި ޝަރުޢިއްޔަތު ގެއްލުން

މިއީ ކުރިން ވީކަމެއް ނޫނެވެ. މިހެން ވީމާ ދެންވަނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ފަނޑިޔާރަކު މައްސަލައެއް ނިންމި ނަމަވެސް ކަންވާ ގޮތަކީ އެ ޙުކުމެއް ބާޠިލުވުމެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރަކަސް، ސިވިލްކޯޓުގެ ޤާޟީއަކަސް، އަދި ތަކަންދޫ ކޯޓުގެ މެޖިސްޓްރޭޓަކަސް އެކަން އޮތްގޮތެވެ. މަތީ މަރުޙަލާގެ ކޯޓުން އަސަރު ފޯރުވޭނީ ޙުކުމަށެވެ. ޙުކުމްކުރި ފަނޑިޔާރުގެ ފަނޑިޔާރުކަމާ ކުޅެހެދުމުގެ އެއްވެސް ޙައިސިއްޔަތެއް ސުޕްރީމް ކޯޓަށް ޤާނޫނުއަސާސީއިންނާއި، ޤާނޫނުން ދީފައެއް ނޯވެއެވެ. އެނޫން ގޮތަކަށް ބާރު ލިބިފައި އޮތްނަމަ އަަޅުގަނޑަށް އެއީ ޚަބަރެކެވެ.

މުޅި މައްސަލައާ ގުޅިގެން އުފެދޭ ބައެއް ސުވާލުތައް

ބޮޑުމޮހޮރާ އެއްބަސްވުމުގައި ސޮއިކުރުމަށް އަމުރުކުރުމުން އިސްތިއުނާފްކުރުމަށްފަހު މައްސަލަ އަނބުރާ ގެނައީ ކީއްވެ؟

ޙުކުމް ތަންފީޛްކުރުމަށް ފުރަތަމަކުރި މައްސަލައިގެ ޙުކުމް އިސްތިއުނާފްކުރުމަށްފަހު އެމައްސަލަވެސް އަނބުރާ ގެނައުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް؟

ބަންޑާރަނައިބުގެ ފަރާތުން މަދަނީ މައްސަލައެއް އިސްތިއުނާފްކުރުމަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހުނީ ކީއްވެ؟

ސުޕްރީމް ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމުމަށްފަހު، މައްސަލައިގެ ނިންމުމަކީ ޙުކުމެއްކަމަށް ފަހުން ތަރުޖަމާކުރީ ކީއްވެ؟

ސިވިލްކޯޓުގެ ޙުކުމް ތަންފީޛްކުރާ ސެކްޝަންގައި މަސައްކަތްކުރާ ޤާޟީއަކު އެކަހެރިކޮށްލަން ޖެހުނު އަސްލު ސަބަބަކީ ކޮބާ؟

މި ލިޔުން ވިދާޅުވާ ބޭފުޅުންގެ ތެރޭގައި މި ސުވާލުތަކުގެ ޖަވާބު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނެއެވެ. ބައެއް ސުވާލުތަކުގެ ޖަވާބު އަޅުގަނޑަށްވެސް އެނގެއެވެ. މިހާރު އޮތް މާޙައުލުގައި ޖަވާބު ދިނުމަށްވުރެ ރަނގަޅުވާނީ ސުވާލެއް އުފައްދާފައި ދޫކޮށްލުމެވެ. މިލިޔުން ކިތަންމެ ދިގުނަމަވެސް ޔަޤީންކުރައްވާށެވެ. އަޅުގަނޑަށް އަދި މިލިޔެވުނީ ހަމައެކަނި މުޤައްދިމާއެވެ. ފޮޅުވަތްތައް ފުރުން އަދި ކުރިއަށް އޮތީއެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu