ދެންފަހެ!! ޤާނޫނީ ބަސްމަގު!

constitution-of-the-republic-of-maldives1

“މައްސަލައިގެ ބާވަތަށް ބަލާއިރު މީނާ ބަންދުގައި ބަހައްޓަންޖެހޭ ބޭނުމެއް އޮތް ކަމަކަށް ނުފެނެއެވެ.” ކިހާ ސާފު ޖުމްލައެއްތޯއެވެ. އެހެންނަމަވެސް ކޯޓުގެ ނިންމުމަކުން ހަމަ މިޖުމްލަ ވިދާޅުވާށެވެ. ލިޔެފައި އޮންނާނީ، “މައްސަލައިގެ ޠަބީޢަތަށް ނަޟަރުކުރާއިރު، މީނާ ބަންދުކޮށްފައި ބެހެއްޓުމުގެ ޟަރޫރަތެއް އޮތްކަމަކަށް ނުފެނެއެވެ” މިހެންނެވެ. ހަމަ އެގޮތަށް “މިއީ މިކޯޓަށް ބެލޭނޭ މައްސަލައެއް ނޫން” ކަމަށް ބުނުމުގެ ބަދަލުގައި “މިމައްސަލައިގައި ފައިސަލާ ކުރުމުގެ އިޚްތިޞާޞް މިކޯޓަށް ލިބިގެންނުވޭ” ކަމަށް ލިޔެފައި އޮންނަތަން ފެންނަނީވެސް މަދެއްކޮށެއް ނޫނެވެ. ޤާޟީއެއްގެ ވިލާޔަތާއި، ޝަރުޢިއްޔަތާއި، އަޙުލިއްޔަތު ގެއްލިއްޖެކަމަށް ބުނުމުން އެ ޤާޟީގެ ތިން އަންހެން ދަރިން ގެއްލިގެން އުޅެނީކަމަށް ހީވި މީހުންވެސް މަދެއް ނޫނެވެ.

“ބައި ގަރީނާ” އާއި، “ވާނުވާ” އާއި، “ގަޅިޖެހުން” ފަދަ ބަސްތަކަށް ދޫ ފަރިތަވެފައިތިބި ޢާންމުންނަށް މަތީގައި ބުނެވުނު ޢިބާރާތްތައް އަޑުއަހާކަށް ފަސޭހައެއް ނޫނެވެ. އޭގެ މާނައަށް ވިސްނުން ފޯރަނީ މަދުބައެއްގެއެވެ. މިއީ ކީއްވެގެން ވާ ކަމެއްތޯއާއި، ޤާނޫނީ ބަސްމަގު މިގޮތަށް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ ވަރަށް ގިނަފަރާތްތަކުން ސުވާލުކުރެއެވެ. ކުރު ޖަވާބެއް ދަންނަވާނަމަ ދަންނަވަން ޖެހެނީ މިއީ ޤާނޫނީ ބަހުރުވަކަމުގައެވެ.

މިއީ ހަމައެކަނި ދިވެހިރާއްޖޭގައި މިކަން އޮތް ގޮތެއް ނޫނެވެ. އިނގިރޭސި ބަހުގައިވެސް ލީގަލް އިންގްލިޝްއަކީ ޢާންމު އިނގިރޭސިއާ ބީރައްޓެހި ބަހުރުވައެކެވެ. އިނގިރޭސި ބަހުގެ ޤާނޫނީ ބަސްމަގުގެ ބައެއް ޚާއްސިއްޔަތުތައް ފާހަގަކުރެވި އެމައްޗަށް ދިރާސާތައް ކުރެވިފައި އެބަހުއްޓެވެ. ފަންނީ ބަސްތައް ބޭނުންކުރުމާއި، އެއް މާނައެއްގެ ދެބަސް ނުވަތަ ތިންބަސް ގުޅުވާލައިގެން ބޭނުންކުރުމާއި، (fit and proper/Null and Void/Due care and attention ފަދަ ބަސްތައް) ދެބަހުގެ މައްޗަށް އެކުލެވޭ ބަހެއް އެއް ބަހުގެ ގޮތުގައި ބޭނުންކުރުމާއި، (މިސާލަކަށް write off/enter into) ޕްރޮނޮމިނަލް އެޑްވަރބްސް (މިސާލަކަށް hereof/thereof ނުވަތަ  the parties to this contract ގެ ބަދަލުގައި the parties hereto ފަދަ ބަސްތައް) ބޭނުންކުރުމަކީ އިނގިރޭސި ޤާނޫނީ ބަހުރުވައިގައި ހިމެނޭ ބައެއް ޚާއްސަ ކަންތައްތަކެވެ. އިނގިރޭސި ޤާނޫނީ ބަހުރުވަ ނެގިފައިވަނީ ބޮޑަށް ލެޓިން އަދި ފްރެންޗް ބަހުންނެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ބައެއް ވަކީލުން ގެންގުޅޭ ބަސްމަގަށް ބަލާއިރު، އަރަބި ކަލާމުން ބަސްމަގު ގެންގުޅުމުން އެބަސް ޤާނޫނީ ވީ ކަމަށް ދެކެވޭކަމަށް ފާހަގަކުރެވެއެވެ. އެގޮތަށް ބޭނުންކުރާ ބައެއް ބަސްތަކަށް ބަލާއިރު، ނަޟަރަކުރުން، ތަޠްބީޤުކުރުން، ވިލާޔަތާއި، އަޙުލިއްޔަތާއި، ޝަރުޢިއްޔަތު ގެއްލުންފަދަ ކިތަންމެ ބަހެއް ފާހަގަކޮށްލެވެ. ޤާނޫނަށް ބެލުމަށްވުރެ، ޤާނޫނަށް ނަޟަރުކުރުމުން ފެންނަ ކަންކަން ގިނައެވެ. އަދި އެ ޤާނޫނު ހާދިސާގެ މައްޗަށް އެޕްލައިކުރުމަށްވުރެ ތަޠްބީޤުކުރުން ހެޔޮކަން ބޮޑެވެ. ތަޠްބީޤްކުރުމުގައި އެމައްޗަށް ރިޢާޔަތްކުރެވުން މޮޅު އިތުރުވެގެންވެއެވެ. ހަމައެކަނި ޤާނޫނީ ލިޔުންތަކުގައެއް ނޫނެވެ. ޤާނޫނީ ވަކީލުން، ޤާނޫނީ ކަންކަމާމެދު ވާހަކަ ދެއްކުމުގައިވެސް ބަސްމަގު މިގޮތަށް ބައްޓަންކުރުމަށް އިސްކަން ދެއެވެ.

ޢާންމު ފަރުދުންނަށް ބީރައްޓެހި ބަހުރުވަކުން ޤާނޫނީ ވަކީލުން ވާހަކަ ދައްކައި، ޤާނޫނީ ބަސްމަގު ގެންގުޅުމުގެ ބޭނުމުގެ މައްޗަށް ދިރާސާތައް ވަނީ ކުރެވިފައެވެ. Startup law talk އަކީ އެމެރިކާގެ ހަތަރު ޤާނޫނީ ވަކީލަކު ހިންގާ ޤާނޫނީ ޚިދުމަތެކެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ޤާނޫނީ ވަކީލުން ޢާންމުންނާ ބީރައްޓެހި ބަހުރުވައެއް ގެންގުޅުމުގެ ފަހަތުގައި ޚާއްސަ ސަބަބުތަކެއް ވެެއެވެ. އޭގެ ތެރެއިން އެއް ސަބަބުކަމަށް ފާހަގަކޮށްފައިވަނީ Trade Guild Affectation އެވެ. އެއީ ޤާނޫނީ ވަކީލުންގެ ބޭނުން ޖެހޭނޭ ގޮތަށް ޤާނޫނީ ލިޔުންތައް ފަރުމާކޮށް، ވިޔަފާރި ހިފެހެއްޓުމުގެ އުކުޅެއް ކަމުހައި ބުނާ ނަޟަރިއްޔާ (Theory) އެވެ. އެހެންނަމަވެސް މީގެ އިތުރުންވެސް ވަރަށް ގިނަ ސަބަބުތައް އެކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި، ޤާނޫނީ ވަކީލުން ދާއިރާއަށް ފަރިތަވުމަށް ފުރަތަމަ ކިޔާ ލިޔުންތައް ހުންނަނީ ޤާނޫނީ ޚާއްސަ ބަހުރުވައިން ކަމަށްވާތީ އެ ބަހުރުވަޔަށް އާދަވުމާއި، އެ ކޮމިއުނިޓީގައި މަސައްކަތްކުރާ ފުންނާބު އުސް ޤާނޫނީ ވަކީލުން ބަސްމަގު ގެންގުޅޭ ގޮތުން ފޯރާ ނުފޫޒާއި، ޤާނޫނީ ބަހުރުވައިން ނޫން ގޮތަކަށް ލިޔުންތައް ލިޔާނަމަ އެހެން ވަކީލުންގެ މަލާމާތް ރައްދުވެދާނޭކަމަށް ދެކުންވެސް ހިމެނެެއެވެ.

ދިވެހިރާއްޖޭގެ ޙާލަތަށް ބަލާއިރު، އަރަބި ކަލާމަކީ ޤާނޫނީ ބަހުރުވަ ކަމަށްވެފައިވަނީ ޤާނޫނީ ދާއިރާ ތަރައްޤީވެގެން އައި ދައުރުގައި އުފެދުނު ގިނަ ބޭފުޅުން ތަޢުލީމު ހާސިލުކުރެއްވީ އަރަބި ބަހުންކަމަށްވުމުން ނުވަތަ އަރަބި ބަހުން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅުންގެ ފަރާތްޕުޅުން ކަމަށްވުމަކީ އެކަށީގެންވާކަމެކެވެ. އަދި 1990 ގެ އަހަރުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު އިޢުލާނެއްގައި، އެކަށީގެންވާ ދިވެހިބަސް ބޭނުންކުރެވެން ނެތް ޙާލަތްތަކުގައި އެއާ ގުޅޭ އަރަބިބަސް ބޭނުންކުރުމަށް އަންގަވާފައިވުމަކީވެސް ޤާނޫނީ ބަހުރުވައިގައި އަރަބިބަހުގެ ނުފޫޒު ނަގަވުމުގެ ސަބަބަކަށް ވެދާނެއެވެ.

ދެންފަހެ، ދިވެހި ޤާނޫނީ ބަހުރުވައިގެ ޚާއްސިއްޔަތުތަކުގެ މައްޗަށް ނަޟަރުކޮށް، އެބަހުރުވައިގެ ހިމެނޭ އަސާސްތަކުގެ މައްޗަށް ފެންނާންހުރި ހުއްޖިއްޔާތުތަކާއި، އެކަން އެމަގުން ތަރައްތުބުވެގެންއައި ގޮތުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލެވިއްޖެކަމަށް ޢުއްމީދުކުރަމުން މި ލިޔުން މިހިނދަށް ކުރުކޮށްލަމެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu