ސިޔާސީ ޤައިދީންނަކީ ކޮބާ؟

justice-building

ފަންނީ ގޮތުން ބަލާއިރު، ސިޔާސީ ކުށްވެރިއެއް ނުވަތަ ޤައިދީ (Political Prisoner) އެއް ކަމަށް ބުނެވެނީ ސަރުކާރަށް ތާއީދުނުކުރުމުގެ ސަބަބުން، ނުވަތަ ސިޔާސީ ތަފާތު ވިސްނުމަކަށް ތާއީދުކުރުމުގެ ސަބަބުން، ނުވަތަ ސަރުކާރާ ދެކޮޅު ސިޔާސީ ވިސްނުމުގެ ޖަމާޢަތެއްގެ ބައިވެރިޔަކަށް ވުމުގެ ސަބަބުން ކުށްވެރިވެ، ޖަލަށް ލެވޭ މީހުންނަށެވެ. މިއީ އިނގިރޭސި ކެމްބްރިޖް ޑިކްޝަނަރީގައި އޮތް ސިޔާސީ ކުށްވެރިންގެ ތައާރަފެވެ. އަދި ޤާނޫނީ ރަދީފްގެ ޢާންމު ތަޢުރީފަކީ މިއެވެ. މި ތަޢާރަފަށް ބަލާނަމަ ރާއްޖޭގައި ސިޔާސީ ކުށްވެރިން ނެތްކަމަށް ސަރުކާރުން ބުނާ ބުނުން ވަރަށް ރަނގަޅެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއް ކަމަށް ކަނޑައަޅައި ޖަލަށްލެވިފައި ހުރި އެއްވެސް މީހަކު ނެތެވެ.

ސިޔާސީ ކުށްވެރިޔަކީ ކޮބައިކަން ކުރިން ބަޔާންކުރެވިފައި އެއޮތީ އޭރުގެ ޙާލަތަށް ބަލައިގެންނެވެ. ސިޔާސީ ވަކި ފިކުރެއް ގެންގުޅުމަކީ ކުށެއްކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް ޒަމާނުގައި ކަންވެފައި އޮތްގޮތެވެ. އެހެންނަމަވެސް، މިއަދު ތަޙްޒީބް، އަދި އިންތިހާއަށް މުނާފިޤު މުޖުތަމަޢުތަކުގައިވެސް ސިޔާސީ ކުށްވެރިން ކަނޑައެޅެނީ އެ ތަޢާރަފަށް ބަލައިގެން ކަމުގައިވާނަމަ، ޤާނޫނަށް މަކަރު ހަދައި އޮޅުވާލުމުގެ ފުރުޞަތު ސަރުކާރުތަކަށް އޮންނާނެވެ.

ސަރުކާރާމެދު ފިތުނަ އުފެއްދިކަމުގެ ތުޙުމަތުގައި 1961 ވަނަ އަހަރު ޕޯޗުގަލްގައި ޖަލަށް ލެވުނު ދެ ދަރިވަރެއްގެ ދިފާޢުގައި އެމްނެސްޓީ އިންޓަނޭޝަނަލް ކިޔާ ޖަމާޢަތެއް އުފައްދާފައިވެއެވެ. އެ ދެ ދަރިވަރުންގެ މައްޗަށް ތުޙުމަތުކުރެވުނު ކުށް ބިނާކުރެވުނު ޢަމަލަކީ މިނިވަންކަމަށް ވަކާލާތުކުރުމެވެ. އެ ދެ ދަރިވަރުންގެ ދިފާޢުގައި ތެދުވީ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށްވާ ޕީޓަރ ޖޭމްސްއެވެ. ޕީޓަރ ޖޭމްސް އެ ދެ ދަރިވަރުން ތަޢާރަފްކޮށްދިނުމަށް ބޭނުންކުރެއްވި ބަހަކީ “ޟަމީރުގެ ޤައިދީ” ނުވަތަ Prisoner of conscience އެވެ. އެއީ ‘ބޭއިންސާފަކީ ޒާތީކަމެއްކަމުގައި ދެކޭ 7 މިލިއަން މީހުން’ ގެ މައްޗަށް އެކުލެވޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ ފެށުމެވެ. ސަރުކާރާމެދު ފިތުނަ އުފެއްދުން ނުވަތަ sedition އަކީ މިހާރުވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުށެއްކަމަށް ކަނޑައަޅާފައި އޮވެއެވެ. އެ ކުށުގެ ތުޙުމަތު ކުރެވޭ މީހާއަކީ ސިޔާސީ ޤައިދީއެއް ކަމަށް ކަނޑައަޅަނީ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިޢާޔަތްކުރެވުމަށްފަހުގައެވެ.

ދިވެހިރާއްޖޭގެ މިއަދުގެ ޙާލަތަށް ބަލާއިރު، ސިޔާސީ އިދިކޮޅު ހުރިހާ ފަރާތްތަކެއް ތިބީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ތާށިވެފައެވެ. ބައެއް ބޭފުޅުންނަށް ޙުކުމް ކުރެވި ތަންފީޛްކުރަމުންދާއިރު، ބައެއް ބޭފުޅުން ޙުކުމުގެ އިންތިޒާރުގައެވެ. އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ކުރާ ތުޙުމަތަކީ ސިޔާސީ ވަކި ފިކުރެއް ގެންގުޅުމެއް ނޫނެވެ. ޓެރަރިޒަމްއާއި، ރިޝްވަތު ދިނުމާއި، ޤާނޫނު ތަންފީޛްކުރުމަށް ހުރަސް އެޅުމެވެ. އެހެންވީމާ އެއީ ސިޔާސީ ޤައިދީން ހެއްޔެވެ؟ ސަރުކާރުން އެ ބުނަނީ އެވާހަކައެވެ. ފަންނީ މާނަކުރުމަށް ބަލާއިރު އެއީ ސިޔާސީ ކުށްވެރިންކަމުގައި ނުބެލެވޭނޭ ވާހަކައެވެ.

ފިލިޕިންސްގައި އިންސާނީ ޙައްޤުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޖަމާޢަތެއްކަމަށްވާ KARAPATAN އިން ވަނީ މިއަށް ޖަވާބުދީފައެވެ. އެ ޖަމާޢަތުން ފިލިޕިންސްގެ ޙާލަތު ދިރާސާކޮށް ނެރެފައިވާ ފެކްޓް ޝީޓްގެ މައްޗަށް ބިނާކޮށް ސިޔާސީ ކުށްވެރިންގެ ތަޢާރަފެއްކަމުގައި ކަނޑައަޅާފައިވަނީ ސިޔާސީ ކުށްވެރިންނަކީ އެ ޤައުމެއްގައި ޢަމަލުކުރާ ޤާނޫނުތަކުގެ ދަށުން ޢާންމު ޖިނާއީ ކުށެއްގެ ތުޙުމަތު ބޮލުގައި އެޅުވިފައިވާ ވިކްޓިމުންނެވެ. އެމީހުންގެ މައްޗަށް ދަޢުވާކުރެވުނު ޙާލަތާއި، ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެ ދަޢުވާއަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދަޢުވާއެއްކަމަށް ފެންނަނަމަ އެފަދަ މީހަކީ ސިޔާސީ ކުށްވެރިއެއްކަމުގައި ބެލެވޭނޭކަމަށް އެ ޖަމާޢަތުން ދެކެއެވެ.

ދިވެހި ސަރުކާރުން އިނގިސޭރި ޑިކްޝަނަރީގެ ތަފްޞީލަށް ބަލައިގެން ތިއްބާ މުޅި ދުނިޔެ ރާގު ބަދަލުކޮށްފިއެވެ. ސަރުކާރު ފަޟީޙަތް ވެއްޖެއެވެ. ބަދަލުވި އާ ރާގަށް ބަލާއިރު، ދިވެހިރާއްޖޭގައި ޖަލަށްލެވި، ނުވަތަ ޙުކުމްކުރެވިފައިތިބި ހުރިހާ ސިޔާސީ ފަރާތްތަކަކީ ސިޔާސީ ކުށްވެރިންނެވެ. ދިވެހިރާއްޖެއަކީ ސިޔާސީ ސަބަބުތަކަށްޓަކައި މީހުން ޖަލަށްލުމުގައި ހައްދުފަހަނައަޅާފައި އޮތް ޤައުމެކެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu