ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޙަޤީޤަތް ސާފުވާންޖެހެއެވެ.

Screen-Shot-2016-01-19-at-14.17.58-630x370

ސިޔާސީ އިދިކޮޅު ހަރަކާތް ފުޅާވެ، ސަރުކާރު ތެރެއިން ބޮޑު ފަޅި ވަކިވެ، އިދިކޮޅަށް އެރުމުން ސިޔާސީ ތަރާދަށް ވީގޮތް ބަލަންތިބި މީހުންނަށް ސާފުކޮށް ފެނުނެވެ. އެ ބަދަލާއެކު ސިޔާސީ އިސްލާޙް ގެނައުމުގެ ފުރަތަމަ މަސައްކަތެއްެ ގޮތުން ފެށުނީ ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ މަސައްކަތެވެ. މުޑުދާރު ގޮތަކަށް ފެއިލްކޮށްލި އެ ވޯޓަށް ފަހު، ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ ޙައްޤުގައި ރައްޔިތުންގެ މަޖިލީހުން ނިންމީ އަދި މާ މުޑުދާރު ނިންމުމެކެވެ. 42 މެންބަރުންގެ ތާއީދާއެކު މެނުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަވެސް ނޭޅޭނެ ކަމަށެވެ. ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފް ނިންމުމެއް ނަމަވެސް ކަންކުރީ އެވެރިންނަށް ފެނުނު ގޮތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުން މަޤާމަށް ހޮވުމާއި، އިތުބާރު ނެތްކަމަށް ފާސްކުރުމަކީ ރައްޔިތުންނަށް އޮންނަ ބާރެކެވެ. ރައްޔިތުންގެ ފަރާތުން އެބާރު ތަންފީޛްކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ޑިމޮކްރެސީ ނުވަތަ ރައްޔިތުން ކުރާ ވެރިކަމެއްގެ އަސާސް ހަމަޖެހިފައި އޮންނަނީ ވެސް މިމަގުންނެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން ފެށުނު މަސައްކަތާއެކު ދެން އިވުނީ މާ އެހެން ކަހަލަ އަޑުތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިލިޔަނުން “ހަދިޔާ” ދޭން ފެށި ވާހަކައެވެ. އިދިކޮޅު ހަރަކާތަށް ތާއީދުކޮށްގެން ތިބި، އަތުގައި ލާރިކޮޅެއް ގެންގުޅޭ ކޮންމެ މީހެއގެ މައްޗަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަދިޔާ ދިނުމުގެ ތުހުމަތު ކޮށްފައެވެ. އެވާހަކަ އަޑުއިވިފައި، “އަހަރެންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީނަމައޭ” ހިތަށް އެރި މީހުންގެ ނިސްބަތް އުޅެނީ އުހުގައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފް ނިންމުމެއްކަން ޤާނޫނު ދަންނަ މީހުންގެ އިތުރުން ހަމަބުއްދި ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަދި މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ވީއިރު، ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފް އެ ނިންމުމުގެ ފަހަތުގައި އޮތީ ކޮން މަޤްސަދެއްބާއޭ ސުވާލުއުފެދެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިލިޔަނުން ހަދިޔާ ލިބޭ ވާހަކަ އާންމުވެފައި އޮއްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ރުހުން ނެތި އެއްވެސް މަޤާމެއްގެ އިތުބާރު ނެތްކަމަށް ފާސްނުވާނޭކަމަށް އެބޭފުޅުން އަމިއްލަފުޅަށް ނިންމެވުމުން، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭކަމަށް ބުނާ ހަދިޔާގެ ޙައްޤުވެރިކަމަށް ދަޢުވާކުރުންކަމަށް ވުމަކީ ދުރުކަމެއްބާއޭ ހިތަށް އަރައެވެ.

ޙަޤީޤަތް ސާފުވާންޖެހެއެވެ. ނިޔާ ކަނޑައަޅަންތިބޭ ފަނޑިޔާރުންނަށް ޤާނޫނުގެ ތެރެއިން ކަނޑައެޅިފައި އޮންނަ ޢިނާޔަތްތަކާއި މުސާރަ ފިޔަވައި އެހެން ހަދިޔާތަކުގައި ހިފުން ޤާނޫނު ކަނޑައެޅިގެން މަނާކުރެއެވެ. ސިޔާސީ ހަލަބޮލި ކަމެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ހަދިޔާއެއް ލިބޭކަމަށް އަޑުއިވުނުކަމުގައި ވީނަމަވެސް ދިވެހިރާއްޖޭގެ އެންމެންގެ އިތުބާރު ލިބެންޖެހޭ މަޤާމުތަކުގައި ތިިބި ބަޔަކު އެ ފަދަ ހަދިޔާއަކަށް ދަހިވެތިވެގެން ނުވާނެެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަދިޔާދޭކަމަށް ތުހުމަތުކުރި މައްސަލަތައްވެސް ދޮގެއްކަން ސާބިތުވެ ފަހަރަކު އެއްޗެއް އެދަނީ ނިމެމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިލިޔަނުން ހަދިޔާ ލިބޭ ވާހަކަ އެއީ ޙަޤީޤަތެއް ނޫންކަން އެދަނީ ސާބިތުވަމުންނެވެ. ޒިންމާދާރު މަޤާމުތަކުގައި ތިބި މީހުންނަށް މިކަންކަން ސާފުވެފައި އޮތުމަކީ ޤައުމުގެ ދުސްތޫރު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން މުހިންމުކަމެކެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu