ޕެޓިޝަން

540700978366658

ޕެޓިޝަންއޭ ކިޔަނީ ކަނޑައެޅޭ ވަކި ޚާއްސަ މަޤުސަދެއް ހާސިލުކުރުމަށް، ގިނަ ބަޔަކު ސޮއިކޮށް ރަސްމީ ފަރާތަކަށް ހުށަހަޅާ އިލްތިމާސަށެވެ. ފައިސާ ހޯދުމަށް ކުރާ ދަޢުވާ ފިޔަވައި، ވަކި ކަމަށް އަމުރުކޮށްދިނުން އެދި، ނުވަތަ ވަކިކަމެއް ހުއްޓުވުމަށް ނުވަތަ މަޑު ޖައްސާލަ ދިނުމުގެ އަމުރަކަށްއެދި މަދަނީ މައްސަލައެއްގައި ކޯޓަަށް ހުށަހަޅާ ހުށަހެޅުމަށްވެސް އިނގިރޭސި ޤާނޫނީ ބަހުރުވައިގައި ޕެޓިޝަންއޭ ކިޔައެވެ. މި ލިޔުމުގައި މި ބަލާލަނީ ޕެޓިޝަންގެ ޢާންމު ތައުރީފާއި، އޭގެ ތާރީޚާއި، އަސަރަށެވެ.

ތާރީޚުގެ ތެރެއިން

ޕެޓިޝަން ހުށަހެޅުމަކީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫނެވެ. މީގެ ތާރީޚް 17 ވަނަ ޤަރުނުގެ ކުރިއަށްވެސް ދެމިގެން ގޮސްފައިވެއެވެ. އަޅުގަނޑު ބެލި ބެލުމުން ފެނުނު އެންމެ ދުވަސްވީ އެއް ޕެޓިޝަންއެއް ކަމަށް ފެނުނީ މީލާދީން 1600 ގެ އަހަރުތަކުގައި، ފުރަތަމަ ފަހަރަށް ލަންޑަނުގައި ކޮފީ ތަޢާރަފްކުރުމާ ގުޅިގެން ޕާލަމެންޓަށް ހުށަހެޅި ޕެޓިޝަނެކެވެ. މި ޕެޓިޝަން ތައްޔާރުކޮށް ހުށަހެޅުމުގައި އިސް ނެގީ ކައިވެނިކޮށްގެން އުޅޭ އަންހެނުންނެވެ.

news232

އެ ޕެޓިޝަންގައި އެދިފައި އޮތުމަކީ ކޮފީއަކީ ޞިއްޙަތަށް ގެއްލުންހުރި ބުއިމަކަށްވެފައި، ކޮފީގެ ސަބަބުން ތަޢާރަފްވި ގުޅުންތަކުގެ ސަބަބުން ގެއިން ބޭރުގައި ފިރިން ގިނަ ވަގުތު ހޭދަކުރަމުން ގެންދިއުމާއި، ކޮފީގައި އެކުލެވޭކަމަށް ބެލެވިފައިހުރި ބައެއް މާއްދާތަކުގެެ ސަބަބުން ދެމަފިރިކަމުގެ ގުޅުމަށް ހުރަސްއެޅެމުން ގެންދިއުމާއި، ކޮފީ ބުއިމަކީ އިނގިރޭސި ސަޤާފަތާ ބީރައްޓެހި ކަމަކަށްވާތީ، ކޮފީ ބުއިމަކީ ޤާނޫނުން އަދަބު ދެވޭނޭ ކުށެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. މި ޕެޓިޝަން ހުށަހެޅުނީ މީލާދީން 1674 ވަނަ އަހަރުއެވެ. (މި ޕެޓިޝަންގެ ޢިބާރާތް ވިދާޅުވުމަށް)

ޕެޓިޝަން ހުށަހަޅަނީ ކީއްކުރަން

އިންސާނުންގެ ޢާންމު ތަބީޢަތަކީ ހުއްޓުވާނޭ، ނުވަތަ އިޢުތިރާޟްކުރާނޭ މީހަކު ނެތްނަމަ އެމީހަކު ހިތުހުރި ގޮތަކަށް އުޅުމެވެ. ޢާންމު އިންސާނީ ނިޒާމުގެ ތެރޭގައި މީހާގެ އުޅުމާ ގުޅުން ބަހައްޓަން މަޖުބޫރުކުރުވާ ސަބަބަކީ ބައެއް މީހުންނަށް (ޤަބޫލުކުރާ މީހުންނަށް) އާޚިރަތުގެ ބިރެވެ. އަނެއްބައި މީހުންނަށް ދުނިޔޭގެ ލަދެވެ. އަދި ލިބޭނޭ އަދަބެވެ. ޤާނޫނަކީ އަމުރަކަށް ވާންޖެހޭކަމުގެ ނަޟަރިއްޔާ ނެރެވިފައިވަނީ މި ފަލްސަފާގެ ތެރެއިންނެވެ. ވަކި ކަމެއް ކުރުމުން ނުވަތަ ނުކުރުމުން ލިބޭނޭ އަދަބެއް ކަނޑައެޅި ފެންނާން ނެތްނަމަ އެފަދަ އަމުރަކަށް ތަބާވާނޭ މީހަކު ނުހުންނާނެވެ.

ޕެޓިޝަނެއް ހުށަހަޅާ ބަޔަކު ކުރާ ކަމަކީ ތިޔަ ކުރައްވާ ކަމަކީ ރަނގަޅު ކަމެއްކަމަށް ޤަބޫލުނުކުރާކަމަށް އެންމެން އެއް އަޑަކުން ބުނުމެވެ. އޭގައި އެމީހުން ޤަބޫލުކުރާ ސަބަބުތައް ހިމަނައި ތަފްޞީލުކޮށް، ޢާންމުކުރުމުން އެކަމެއް ކުރަމުން ގެންދިޔަ ބަޔަކު ދުނިޔެއަށް ފަޟީޙަތް ވެއްޖެކަމުގެ އިޙްސާސް އެބަޔަކަށް ކުރެވޭނެއެވެ. އަދި އެބަޔަކު ޒިންމާދާރުކުރުވަން ތިބި އިދާރާތަކުންވެސް ޒިންމާ އަދާނުކުރާކަން ޢާންމު ރައްޔިތުންނަށްވެސް މޭރުންވީއެވެ. އެއާއެކު، ރައްޔިތުން ވިސްނަންޖެހޭ މުހިންމު ކަމެއް ސަމާލުކަމަށްވެސް ގެނެވުނީއެވެ. ރައްޔިތުންގެ ކަމަކާ ޙަވާލުވެހުރި ކޮންމެ މީހަކުވެސް ރައްޔިތުންދެކެ ބިރު ގަންނާނެއެވެ. ކަންކަން ސިއްރުކުރުމާއި، ދޮގު ހަދާ އޮޅުވާލުމާއި، ބަސް ބުނާ މީހުންނަށް ބިރުދެއްކުން ބިނާ ވަނީ ޙަޤީޤަތުގައި ރައްޔިތުން ދެކެ ގަންނަ ބިރުގެ މައްޗަށެވެ. އެ ބިރުގެ މައްޗަށް ވެރިވެގަންނަ ދިފާޢުއަކީ އަނިޔާވެރިވުމާއި ދޮގު ހެދުމާއި އޮޅުވާލުމެވެ.

ޕެޓިޝަނަކުން ވާނީ ކޮންކަމެއް؟

ވިގް ޕާޓީ (Whig Party) އަކީ 19 ވަނަ ޤަރުގައި އެމެރިކާގައި ވަރަށް ހަރަކާތްތެރި ޕާޓީއެކެވެ. އެ ޕާޓީގެ ފަރާތުން އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް 4 ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބުކޮށްފައިވެެއެވެ. (“Whigs From The Past”. Modern Whig Party. Retrieved December 7, 2014.) މި ޕާޓީ އުފެދިގެން ދިޔައީ މީލާދީން 1834 ގައި ބޭންކް އޮފް ޔުނައިޓެޑް ސްޓޭޓްސް ބަންދުކުރުމަށް ރައީސް އެންޑްރޫ ޖެކްސަން ( Andrew Jackson) ނިންމެވި ނިންމެވުމާ ދެކޮޅު ހެދުމުގެ ގޮތުން ބޭންކުގެ ކަސްޓަމަރުން ތައްޔާރުކުރި ޕެޓިޝަންއެއްގެ ތެރެއިންނެވެ. ބޭންކް ބަންދުކުރުން ހުއްޓާލުމަށް ގޮވާލާ ތައްޔާރުކުރަން ފެށި ޕެޓިޝަންއަކީ ފަހުން އެންޓި-ޖެކްސަން މޫވްމަންޓަކަށް ބަދަލުވުމުގެ ނަތީޖާއަކީ ވިގްޕާޓީ އުފެދުމެވެ. ޕާޓީގެ އުފެދުން ބިނާވީ ޕެޓިޝަނެއްގެ މައްޗަށެވެ.

ޕެޓިޝަންތަކަށް އެތައް ޤައުމެއްގައި ވަނީ ޤާނޫނީ ބާރު ދީފައެވެ. ވަކި ޢަދަދެއްގެ ބަޔަކު ސޮއިކޮށް ފޮނުވާ ޕެޓިޝަންއަކަށް ޖަވާބުދިނުން ސަރުކާރުގެ އިދާރާތަކަށް ލާޒިމުވެއެވެ. ޕެޓިޝަންއެއްގެ ބާރުގަދަކަން ކަނޑައަޅަނީ އެ ޕެޓިޝަންގައި ސޮއިކުރާ ޢަދަދުގެ މައްޗަށާއި، ސޮއިކުރާ މީހުންގެ ތެރޭގައި ހިމެނޭ ބައެއްގެ ނުފޫޒުގަދަ ކަމުގެ މައްޗަށެވެ. ޤާނޫނު ހަދާ މަޖިލިސްތަކުގައި ރައްޔިތުން ހުށަހަޅާ ޕެޓިޝަންތަކާމެދު ބަހުޘްކުރަންޖެހޭނޭކަމަށް ބައެއް ޤައުމުތަކުގައި ޤާނޫނު ފާސްކޮށް އެގޮތަށް ޢަމަލުކުރެވެމުން ދެއެވެ.

ވަކީލުންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަން

ދިވެހިރާއްޖެއަކީ ތަފާތު ތަނެކެވެ. ދޮންވެލި ތުނޑިތަކާއި، ނޫ އުޑާއި، މެދުމިނުގެ މޫސުމީ އަރާމަކީ އަޅުގަނޑުމެން އިޝްތިހާރުކުރާ ތަފާތެވެ. ފޮރުވާ ތަފާތަކީ، އަޅުގަނޑުމެންގެ ކިބުރުވެރިކަމާއި، ޙަސީލަތުގެ ނުބައިކަމާއި، އަނިޔާވެރިކަމާއި، ހިޔަޅު ބުއްދިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކާ ޚިލާފަށް ކަންތައްތަކެއް މެދުކެނޑުމެއްނެތި ހިނގާތާ އެތައް ދުވަހެއްވެ، އެކަމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ލިބުނުފަހުން، ޤާނޫނީ ވަކީލުންގެ ތެރެއިން 56 ވަކީލަކު ސޮއިކޮށް އެކަމާގުޅޭ ޕެޓިޝަންއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތްކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުން ޤާނޫނުއަސާސީއާ ޤާނޫނާ ކަނޑައެޅިގެން ޚިލާފްވަމުންދާ ވާހަކަ ޢާންމުންނާ ހަމައަށް ތިލަކުރުމަކީ އެ ބޭފުޅުންނަށް ހަޖަމުކުރެެވޭ ވަރުގެ ކަމަކަށް ނުވިއެވެ. 56 ވަކީލުންގެ ވަކާލާތުކުރުމުގެ ޙުއްދަ ބާޠިލުވީއެވެ.

ޕެޓިޝަންއެއްގެ އަސަރު ފެނިއްޖެ ނޫންތޯއެވެ. 56 ސޮޔާ ދިމާލަށް ބަލާކަށްވެސް ކެތެއް ނުކުރެވުނެވެ. ފުރަތަމަ އެ ނިކުތީ އަމިއްލަ ދިފާއުގައި އިޚްތިޔާރެއްނެތި ނުކުތް ރުޅިވެރިކަމާ އަނިޔާވެރިކަމެވެ. ސުޕްރީމް ކޯޓުން ފަނޑިޔާރުން ހަމަޖެހިލަން ވަގުތުކޮޅެއް ދޭށެވެ. ޤާނޫނުއަސާސީއާ ޚިލާފް ކަންތައްތަކުގެ ވާހަކަ ދެއްކުން ނުހުއްޓޭނޭކަން ޔަޤީންވާ ހިސާބުން އެހެން ހައްލެއް ހޯދުމަށް އެބޭފުޅުންވެސް މަސައްކަތްކުރައްވާނެއެވެ. ޤާނޫނުއަސާސީގެ އިމުގެ ތެރެއަށް މަޑުމޮޅިކަމާ ކިޔަމަންތެރިކަމާއެކު ވަދެވަޑައިގަންނަވާނެއެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu