“އުއްތަމަ ފަނޑިޔާރު ދެއްކެވި “ބޮޑު މަންޒަރު

photo_2017-09-21_22-48-41

ސިޔާސީ ކަންކަމުގައި ގޮތް ނިންމާ އެންމެ މުހިންމު އުންސުރަކީ ރައްޔިތުންގެ ތާއީދެވެ. ގިނަ މީހުން ތާއީދުކުރާ ކޮޅަކަށް ތާއީދުކުރާ މީހުން އަނެއްކާވެސް އިތުރުވެއެވެ. ސިޔާސީ ޕާޓީތަކުން އެދައްކަނީ އެމަންޒަރެވެ. ޖަލްސާތަކާއި ސިޔާސީ މުޒާހަރާތަކަށް އެއްވާ މީހުންގެ ޢަދަދުގެ ވާހަކައިން ތާއީދު ވަޒަންކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް ކަން އޮތްގޮތެވެ. ފައިސާ ދީގެންނާއި، ވަޒީފާގެ ބިރު ދައްކައިގެން ސިޔާސީ އެއްވުންތަކަށް ބޯގިނަ ކުރުމަކީ ސިޔާސީ މީހުން ކުޅޭ ކުޅިއެކޭ ކިޔާތީ އިވެއެވެ.

Shainee

އިދިކޮޅު ސިޔާސީ ހަރަކާތްތައް ވައިގަ ހިފުމުން މިނިސްޓަރު ޝައިނީ ކުރެއްވި ކަމަކީ މާލޭގެ އެކި ޖަމްޢިއްޔާތަކަށް ނިސްބަތްވާ ކުދިންކޮޅެއް އެއްކޮށްގެން ފޮޓޯއެއް ނެންގެވީއެވެ. އަދި “ހިމޭނުން މިތިބީ ޒުވާނުންގެ ގަޓު” ނެތިގެން ކަމަށް ހީނުކުރުމަށް އިންޒާރު ކުރެއްވިއެވެ. އެ ފޮޓޯ ފެނުމުން އެއްބަޔަކު ކަންބޮޑުވެ ބިރުން އުޅުނުއިރު، އެ ފޮޓޯ ބަލާފައި ހިނިގަނޑު ފަޅައިގެން ދިޔަ މީހުންވެސް މަދެއް ނޫނެވެ. މިނިސްޓަރު ޝައިނީ އެކަހަލަ ލާނެތް ކަންތައްތައް ކުރެއްވުން އަޅުގަނޑަކަށް މައްސަލައަކަށް ނުވެއެވެ. އެއީ ސިޔާސީ ބޭފުޅެކެވެ. އެކަހަލަ ކިތަންމެ ކުޅިއެއް ކުޅުއްވޭތޯ އުޅުއްވާނެއެވެ.

ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް 56 ވަކީލަކު ޕެޓިޝަނެއްގައި ސޮއިކޮށް އެ ޕެޓިޝަން ހުށަހަޅަން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީއެވެ. ރޯމާ ދުވާލުއެވެ. އުއްތަމަ ފަނޑިޔާރަކީ ކޮން ބޭފުޅެއްކަމާއި، ޤައުމުގެ ވެރިކަމުގައި ހުރީ ކާކުކަންވެސް އެނގިތިބި ހާލުއެވެ. ސުޕްރީމް ކޯޓުން ޕެޓިޝަން ބަލައި ނުގަތުމުން ނުކުމެ އެސެމްބްލީ ލައިނެއްހެން ސުޕްރީމް ކޯޓު ކުރިމަތީގައި އެތުރި ފޮޓޯވެސް ނެގީއެވެ. “ތަޢައްސުބުން އެއްކިބާވެތި އިންސާފު ޤާއިމުކޮށްދެއްވުން” އެދި ޝުޢޫރުވެސް ފާޅުކުރީއެވެ.

photo_2017-09-22_00-49-53

މި މަންޒަރުބަލަން އުއްތަމަ ފަނޑިޔާރަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. އެމަނިކުފާނު ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް ކުރައްވަމުން ގެންދިޔަ ކަންކަމުގެ ވާހަކަ އަޑުވީއްލައި ބުނަން ކެރުނު 56 ވަކީލުން ސަސްޕެންޑްކުރީއެވެ. ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުމުގެ އިތުރުން ފުލުސް އޮފީހާއި، ކަރެކްޝަނަލް ސަރވިސްއާއި ޓްރައިބިއުނަލްތަކަށްވެސް އެ ވަކީލުން ހާޟިރުވުން މަނާކުރުމަށް އެ މުއްސަސާތަކަށް އެންގެވީއެވެ.

މިވަރުން ފުއްދާލީކީއެއް ނޫނެވެ. 56 ވަކީލުންނަކީ މަދު ޢަދަދެއްކަން ސާބިތުކޮށްދިނުމުގެ ގޮތުން “ބޮޑު މަންޒަރު” ދައްކާލަން ވެސް ބޭނުފުޅުވީއެވެ. ދައުލަތުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރައްވާ ވަކީލުންނާއި، ފަނޑިޔާރުންނާއި، ކޯޓުތަކުގެ ލީގަލް މުވައްޒަފުންނަށް ދައުވަތު ދެއްވައިގެން ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ފެންވަރު ރަނގަޅު ފަރިއްކޮޅެއް އެ ބޭފުޅުންނަށް އަރުވައި ބޮޑު ފޮޓޯ ނެންގެވީއެވެ. އާދޭހެވެ. އެ ފޮޓޯފުޅާއެކު އެމަނިކުފާނު މޮޅުވީއެވެ. ޤާނޫނުއަސާސީއާ ޚިލާފަށް ކުރައްވާ ކަންތައްތައްވެސް ފޮރުވުނީއެވެ. 56 ވަކީލުން ކޮންމެ އެއްޗެކޭ ކިޔަސް ޤާނޫނީ ވަކީލުން މިތިބީ ތިމަން މަނިކުފާނާއެކުގައޭ ހަރުއަޑުން ވިދާޅުނުވީ އެ ބައްދަލުވުމުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިފައި ނެތީމާ ތޯއްޗެކެވެ. މަނިކުފާނެވެ. އެ ފޮޓޯފުޅުގެ ކުލަ ޕްރިންޓެއް ނަންގަވައި، ފުރޭމް ކުރައްވައި އެނދު ބޯލާކޮޅުގައި ބަހައްޓަވާށެވެ. އެކަމުން އެމަނިކުފާނަށް ހިތްހަމަޖެހުމެއް ލިބޭނަމަ އަޅުގަނޑުގެ އޮންނަންވީ ކޮން މައްސަލައެއްތޯއެވެ.

އުއްތަމަ ފަނޑިޔާރު ސިޔާސީ މީހުންގެ އުކުޅުތައް ބޭނުންކުރެއްވުން އަޅުގަނޑަށްވީ ހެއްވާ ކަމަކަށެވެ. އެމަނިކުފާނުގެ ފަހަތްޕުޅުގައި އެތުރިގެން ތިއްބެވި ވަކީލުން އެހެން އެތިއްބެވީ ޤާނޫނުއަސާސީއާ ޚިލާފަށް ކުރައްވާ ކަންތައްތަކަށް ރުހިގެން ނޫންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނޭނަމަ ހާދަހާ ރަނގަޅެވެ. މިނިސްޓަރު ޝައިނީ ނެންގެވި ސިޔާސީ ފޮޓޯގެ މަޤްސަދާއި، އުއްތަމަ ފަނޑިޔާރު ދައުލަތުގެ ވަކީލުންނާ ފަނޑިޔާރުން އެއްކުރައްވައިގެން ނެންގެވި ފޮޓޯފުޅުގެ މަޤްސަދުވެސް ބަލަންތިބި އެންމެނަށް ސާފެވެ. ސާފު ނުވަނީ އުއްތަމަ ފަނޑިޔާރަށް އެ މޮޅު ޚިޔާލު އެރުވި ސިޔާސީ ސިކުނޑިއެކެވެ. އެ ބޭފުޅަކަށް އަޅުގަނޑުގެ ވެދުމެވެ.

އަޅުގަނޑުމެންގެ މަސައްކަތް ހުއްޓައެއް ނުލާނަމެވެ. އުއްތަމަ ފަނޑިޔާރު ޖެހިވަޑައިގެންފައިވާ ސިޔާސީ ދަންތުރައިން މިންޖުކުރުމަށްފަހު މެނުވީ އަޅުގަނޑު ހަމަނޭވައެއް ނުލާނަމެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu