ސުޕްރީމް ކޯޓުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ފޭރިގަތުން

url

ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ނަމަވެސް ބާޠިލުކުރުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށެވެ. ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) އިން އެބާރު ލިބިދީފައިވާއިރު، އެމާއްދާގެ ޢިބާރާތުގައި ބުނަނީ ‘ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފްވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށެވެ.” މިހެންނެވެ. މިމާއްދާގެ ޢިބާރާތަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ނަމަވެސް ބާޠިލުކުރުމުގެ އިޚްތިޔާރު ސުޕްރީމްކޯޓަށް ނުވަތަ ހައިކޯޓަށް ލިބެނީ، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފްވާ ޙާލަތުގައި އެކަނިކަން އެނގެއެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި އޮތީ އެންމެ ރަނގަޅު ނުވަތަ އެންމެ މޮޅުގޮތް ކަމަށް ސުޕްރީމް ކޯޓާއި ހައިކޯޓަށް ޤަބޫލުނުކުރެވުމަކީ އެސަބަބަށްޓަކައި ޤާނޫނެއް ބާޠިލުކުރެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން، ޤާނޫނުއަސާސީއާ ޚިލާފްނޫން ޤާނޫނެއް ކޮންމެ ގޮތަކަށް އޮތްކަމުގައިވީނަމަވެސް، އަދި ކިތަންމެ ހިތްހަމަ ނުޖެހުނުނަމަވެސް އެޤާނޫނެއް ބާޠިލުކުރުމަކީ ކޯޓުގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަރީގެ އިދާރީ ހިންގުން ސުޕްރީމް ކޯޓާ ވަކިން ބޭއްވުމަށް ޤާނޫނު ހަދާ މަޖިލީހުން މަސައްކަތްތަކެއް ކޮށްފިއެވެ. އެންމެ ފުރަތަމަ ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން، ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްޢޫލިއްޔަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ހަމަޖެއްސެވިއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ ރޫލިންގއަކުން 2 ޑިސެމްބަރު 2008 ތާރީޚުގައި އެ މާއްދާ ބާޠިލުކުރީ، އެ މާއްދާ އެހެން އޮތުމުން ޢަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާގެ މުސްތަޤިއްލުކަމަށް އެކަމުން އަސަރުކޮށްފާނޭކަމަށް ޙުއްޖަތް ދައްކަމުންނެވެ. ސުޕްރީމް ކޯޓުން އެމާއްދާ އުވާލުމަށްފަހު ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެ ކޯޓުގެ ބާރުގެ ދަށަށް ގެނައީއެވެ.

ރައްޔިތުންގެ މަޖިލިސް އޮތީ ސުޕްރީމް ކޯޓުން މިހެދި ގޮތާމެދު ހިތްހަމަނުޖެހިފައެވެ. ޤާނޫނުން އެކަށައެޅި އިންތިޒާމުން ސުޕްރީމް ކޯޓު އަމިއްލައަށް ބޭރުވެގަތުމުން، ޤާނޫނުގެ އިމަށް އަލުން ކަންކަން ތަންޛީމްކުރުމަށް ނިންމައިގެންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ފާސްކުރިއިރު، އެ ޤާނޫނުގެ 91 ވަނަ މާއްދާގެ ދަށުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި މުއައްސަސާއެއް އުފައްދައި، އެ އިދާރާ ހިންގާނީ އުއްތަމަ ފަނޑިޔާރުގެ ބެއްލެވުމުގެ ދަށުން ޢައްޔަނުކުރެވޭ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރއެއް ކަމަށް ޤާނޫނުގައި ލިޔުނެވެ. ކުރިން ކަންވެފައިވާ ގޮތަށް ބަލައި، އުއްތަމަ ފަނޑިޔާރުގެ ހިތް ހަލާލުވެސް ހޯދުމަށް ޤާނޫނު ހަދާ މަޖިލީހުން ވަނީ މަސައްކަތް ކޮށްފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ވުޖޫދަށްއައިއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުން އަނެއްކާވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސުޕްރީމް ކޯޓުގެ ފުރިހަމަ ކޮންޓްރޯލްއިން ވަކިކުރުމަށް ޤާނޫނުގައި ލިޔުމުން، ޤާނޫނު ހަދާ މަޖިލީހުގެ ނިޔަތަކީ ޖުޑީޝަރީގެ އިދާރީ ހިންގުން ވަކިން ބޭއްވުންކަން ސާބިތުވެއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެ ބާރު ބޭނުންވެެއެވެ. ނަތީޖާއަކަށްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގއެވެ. ކޯޓުތަކުގެ ޤާނޫނުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ގުޅުންހުރި ހުރިހާ މާއްދާއެއް އަނެއްކާވެސް އުވާލައި ޖުޑީޝަރީގެ އިދާރީ ހިންގުން ސުޕްރީމް ކޯޓުގެ ބާރުގެ ދަށަށް ގެނައީއެވެ. ނަތީޖާއެއްގެ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އެއިރެއްގައި ތިބޭ ބަޔަކަށް އެހެން ފަނޑިޔާރުންގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމުގެ ފުރުޞަތު ފަހިވެގެން ދިޔައީއެވެ.

ރައްޔިތުންގެ ނަމުގައި ޤާނޫނު ހަދާ މަޖިލީހުގެ ބާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑުވާލީއެވެ. ޤާނޫނު ހަދާ މަޖިލީހުން އެކަން ރަނގަޅުކުރުމަށް ކުރި މަސައްކަތަށްވެސް ނުފޫޒު ފޯރުވައި، ޖުޑީޝަރީގެ އިދާރީ ހިންގުން ގަދަކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުގައި ބޭއްވީއެވެ.

ޝައްކެއްވެސް ނެތެވެ. ދިވެހިރާއްޖޭގައި ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމްކޯޓެވެ. ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި މި ޢިބާރާތް އޮތުމުން މިކަމާ ދެބަސްވުމުގެ ޖާގައެއް ނެތެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީގައި ޢަދުލުއިންސާފު ޤާއިމުކުރުމާ ކޯޓުތަކާ ގުޅޭ ގޮތުން އޮތީ އެމާއްދާ އެކަންޏެއް ނޫނެވެ. ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރަކަސް، ވެރިކަން ހިންގުމުގެ ބާރަކަސް އަދި ޤާނޫނު ހެދުމުގެ ބާރަކަސް، ޤާނޫނުއަސާސީގެ އިންތައް ފަހަނައަޅައި ދެވިދާނޭފަދަ ޤާނޫނީ އުޞޫލެއް ޤާނޫނުއަސާސީއިން ދައްކާފައެއް ނުވެއެވެ.

ޢަދުލުއިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އެބާރުތައް ލިބިދެނީ ޤައިދުތަކަކާއެކުކަން އެމާއްދާތަކަށް ބެލުމުން އެނގެއެވެ. އެބާރު ބޭނުންކުރާނޭގޮތް ދެނެގަތުމަށްޓަކައި، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ކަމަށް އެމާއްދާގައި އެ އިޝާރާތް ކުރަނީ ކޮން ކަންތައްތަކަކަށްކަން އެބަ ބަލަންޖެހެއެވެ. އެހެނީ ޢާންމު މާނައިގައި ވިސްނާނަމަ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ތެރޭގައި ނުހިމެނޭނޭ ހަމަ އެއްކަމެއްވެސް ނޯންނާނެއެވެ. އެފަދަ ހުރިހާކަމެއްގައި ގޮތް ކިޔުމުގެ ބާރު ސުޕްރީމްކޯޓަށް ލިބިދީފައި އޮންނާނޭކަމަށް ބެލުމަކީ ޖުޑީޝަލް ޑިކްޓޭޓަރޝިޕަކަށް ވާގިވެރިވާނޭފަދަ ތަރުޖަމާއަކަށް މެނުވީ ނުވާނެއެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu