ޑޮކްޓްރައިން އޮފް “ލާހިކައެއް ނޫން”!

justice-building

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން 56 ޤާނޫނީ ވަކީލުން ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ އިދާރީ ފިޔަވަޅު އެޅުމުގެ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެކެވެ. އެ ނިންމުމަށް ޗެލެންޗްކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ އެއީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނިންމުމަކަށް ޗެލެންޗްކުރުން ކަމުގައި ބައްލަވައި އެމައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަތުމަށް ނިންމަވާފައެވެ. އަދި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅިޔަސް އެ ނިންމުންވެސް ބަލައި ނުގަނެވޭނޭކަމަށް އެ ނިންމުމުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެއީ “ކުރިޔަ ނުދިނުމުގެ ޖަޒާގެ މަބްދަޢު” ގެ ދަށުން ކަމަށް ސިވިލް ކޯޓުގެ އިސް ޤާޟީގެ ޤަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.

ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ޙަވާލާދޭ ނުވަތަ ރިޢާޔަތްކުރާ ޤާނޫނީ ޤާއިދާތައް ދިވެހިބަހަށް ތަރުޖަމާކުރުމަކީ ފަނޑިޔާރުން ކޮށްއުޅޭ ކަމެކެވެ. އޭގެ ބައެއް މިސާލުތަކަށް ބަލާއިރު، Res Judicata އަށް “ކަނޑައެޅި ނިޔާގެ ބާރު” Retrospective Application of Law އަށް “މާޟީއަށް ޤާނޫނު ތަޠްބީޤުކުރުން” ފަދަ ތަރުޖަމާތައް ކޮށްފައި ހުއްޓައި ފެނެއެވެ. މިއީ އުޞޫލެއްގެ ގޮތުން ވަރަށްވެސް ބޭނުންތެރި ކަމެކެވެ. ބަސްކޮށާރު މުއްސަނދި ވުމަކީ ޝަރުޢީ ދާއިރާއަށް ލިބޭނޭ ކުރިއެރުމެކެވެ. ކޯޓުތަކުގެ ނިންމުންތަކާއި ޙުކުމް ތަކުން ފެންނަ މިދެންނެވި ކަހަލަ އުޞޫލުތަކަކީ އަޅުގަނޑުމެންނަށް ޤާނޫނުގެ ފޮތުން ފެންނަ އުޞޫލުތަކެވެ. ޝަރުޢީ އުޞޫލެއްނަމަވެސް ޤަވާއިދުލް ފިޤްޙިއްޔާ ފޮތުން ހިރަފުސް ފޮޅާލާ ހާވާލުމުން ފެންނާނެއެވެ.

ނަމަވެސް “ކުރިޔަ ނުދިނުމުގެ ޖަޒާގެ މަބްދަޢު” އަކީ ކޯއްޗެއްކަން، އެއާ ބެހޭ މަޢުލޫމާތެއް ލިބޭނީ ކޮންފޮތަކުންކަން ބުނެދޭން އެނގުނު އެއްވެސް ވަކީލަކު ނެތެވެ. އަޅުގަނޑު އަމިއްލައަށްވެސް ލައްކަ ވިސްނުންތަކެއް ވިސްނައިފީމެވެ. ހަމަ ހިލާ ރޭކާލާ ގޮތެއް ނުވިއެވެ. ޢިބާރާތްތަކުގެ މާނައަށް ވަކިވަކިން ބައްލަވާށެވެ. “ކުރިޔަ ނުދިނުން” އެއީ އެހެން ވަޞީލަތެއް ނުވަތަ ބާރެއް ބޭނުންކޮށްގެން ކަމެއް މަނާކުރުމެވެ. “ޖަޒާ” އަކީ އަދަބެވެ. “މަބްދަޢު” އަކީ އުޞޫލެވެ. ޖުމުލަ މާނައިން ދޭހަވަނީ އަދަބެއް ދިނުމުގެ ގޮތުން ވަކި ކަމެއް މަނާކުރުމުގެ އުޞޫލެއް ކަމުގައެވެ. އެހެންނަމަވެސް މިއީ އޮންނަ އުޞޫލެއްތޯއެވެ. އޮންނަނަމަ މިއީ މިޙާލަތަށް އެކަށޭނެ އުޞޫލެއްތޯއެވެ. މި ޤަރާރު ނެރުއްވި ފަނޑިޔާރުގެ ޢިލްމަށް އަޅުގަނޑު އިޙްތިރާމް ކުރަމެވެ. އަޅުގަނޑު މި ސުވާލުކުރި ޤާނޫނީ ވަކީލުން ޖަވާބު ދިނީ ތިކަހަލަ މަބްދަޢުއެއް ނޯންނާނޭ ކަމުގައެވެ. އަޅުގަނޑު ނިންމީ އެބޭފުޅުންނަށް ހަމަ އެނގިވަޑައި ނުގަންނަވަނީކަމުގައެވެ.

މި އުޞޫލު އޮތީ ސިވިލް ކޯޓުގެ އިސް ޤާޟީ ނެރުއްވި ޤަރާރެއްގައެވެ. ޤަރާރުގައި އެ އުޞޫލު ހިމަނުއްވާނީ އެއީ އޮންނަ އުޞޫލަކަށް ވީމައެވެ. އަޅުގަނޑުމެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުން އަލުން ބެލުމަށް ހުށަހަޅައިފިނަމަވެސް “ކުރިޔަ ނުދިނުމުގެ ޖަޒާގެ މަބްދަޢު” ގެ ބަލައި ނުގަނެވޭނޭކަމަށް އެއޮތީ ކަނޑައަޅުއްވާފައެވެ. “ކުރިޔަ ނުދިނުމުގެ ޖަޒާގެ މަބްދަޢު” ގެ ދަށުން ފަނޑިޔާރު އަންގަވަނީ ތިމައްސަލަ މިކޯޓަށް ހުށަހަޅާކަށް ލާހިކައެއް ނޫނޭއެވެ. އަލުން ހުށަހެޅިޔަސް އެ މަބްދަޢުގެ ދަށުން ބަލައިނުގަންނާނޭ ވާހަކަ ފަނޑިޔާރު އެ ވިދާޅުވަނީ ގޮންޖަހާފައެވެ.

އަޅުގަނޑު އެ މަބްދަޢުއަށް ކިޔަން ޤަސްތުކުރަނީ “ޑޮކްޓްރައިން އޮފް ލާހިކައެއް ނޫން” މިހެންނެވެ. ކިޔާލަން ދުލަށް ފަސޭހައެވެ. އަދި މާނަވެސް މާބޮޑަށްވެސް ސާފެވެ. ފަނޑިޔާރު ވިދާޅުވާން އެ އުޅުއްވަނީ ތިޔަ މައްސަލަ މިކޯޓަށް ހުށަހަޅާކަށް ހަމަ ލާހިކައެއް ނޫން ކަމުގައެވެ. އެހެންވާ ގޮތަށް ބުނެވޭނީ މި ނަން ބޭނުންކުރުމުންނެވެ.

ސިވިލް ކޯޓުގެ އިސް ޤާޟީގެ ޤަރާރުގެ ސަބަބުން މި ދަސްވީ އައު އެއްޗެކެވެ. މައްސަލަ ބަލައިނުގަތުމަށް ނިންމެވީ އަގުހުރި ދަރުސަކާ އެކުގައެވެ. އިޙްތިރާމާއެކު ޝުކުރު ދަންނަވަމެވެ. އަޅުގަނޑު ސިވިލް ކޯޓަށް ހުށަހަޅަން ތައްޔާރުކުރާ މައްސަލަތަކުގައި އެ މަބްދަޢު ބޭނުންކުރާނޭ ޙާލަތު ފެނިއްޖެނަމަ އިސް ޤާޟީގެ ޤަރާރާ ޙަވާލާދީ، އަޅުގަނޑަށް ކަމުދާ ނަމުން ބޭނުން ކުރަމުން ގެންދާނަމެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu