ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ސުވާލާއި، އަލްއުސްތާޛް ޙުސްނުއްސުޢޫދުގެ ޖަވާބު

photo_2017-09-30_22-58-11

ދުސްތޫރީ ފަސާނާގެ ނަމުގައި ޤާނޫނީ ވަކީލުން ބޭއްވި ފޯރަމް ވަރަށް ކާމިޔާބެވެ. ޓީވީއިން ބެއްލެވި ވަރަށް ގިނަ ބޭފުޅުން އެ ފަސާނާގެ ވާހަކަ ދައްކަވައި މަރުޙަބާ ވިދާޅުވިއެވެ. ފަސާނާގައި ހިނގި އެކިއެކި ކަންކަމުގެ ތެރެއިން އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވީ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ސުވާލާއި، އެ ސުވާލަށް އަލްއުސްތާޛް ޙުސްނުއްސުޢޫދު ދެއްވި ޖަވާބެވެ.

ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ކުރެއްވި ފުރަތަމަ ސުވާލަކީ “ރައްޔިތުންގެ މަޖިލިސް ކުރާ ގޭގެ ތެރެއަށް ސިފައިން ވަދެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭރަށް ނެރެވިދާނޭކަމަށް ދެކެވަޑައިގަންނަވަންތޯ” ކުރެއްވި ސުވާލެވެ. މި ސުވާލުގެ އެންމެ ޚާއްސަ ސިފައަކީ މިއީ ޕެނަލް ޑިސްކަޝަންގެ މައުޟޫއާ ގުޅޭ ސުވާލެއް ނޫންކަމެވެ. އެހެންނަމަވެސް ޙުސްނުއްސުޢޫދު ވަނީ މިސުވާލަށް ޖަވާބު އަރުވާފައެވެ.

ސުޢޫދު ޖަވާބު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ގެ ކަމަށާއި، އެ ގެޔަށް ރައްޔިތުންގެ މަންބަދޫބުން ވަނުން މަނާކުރެވޭނޭ ޙާލަތެއް ނާންނާނޭކަމަށެވެ. އަދި އެ ޢަމަލަކީ “އަޅުގަނޑުގެ ގެއަށް އަޅުގަނޑު ވަންނަން ދިއުމުން އަޅުގަނޑުގެ ގެޔަށް އަޅުގަނޑު ވަނުމަށް އެހެން ބަޔަކު ހުރަސް އެޅުން” ފަދަ ޢަމަލެއްކަމަށް ސުޢޫދު ސިފަ ކުރެއްވިއެވެ. އެހެންކަމުން އެ ކަމަކީ އެއްގޮތަކަށް ހިންގައިގެންވާނޭ ޢަމަލެއް ނޫންކަމަށް ދެކެވަޑައިގަންނަވާކަމަށް ސުޢޫދު ވިދާޅުވިއެވެ.

ސުވާލުކުރާ ބޭފުޅުންނަށް ޚާއްސަކޮށްފައި އޮތް މައިކު ދަޢުރުވަމުން ދަނިކޮށް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ މައިކްގެ ކޮންޓްރޯލް ހޯއްދަވައި ދެވަނަ ސުވާލަކަށް ޖާގަ ހޯއްދެވިއެވެ. މިފަހަރުގެ ސުވާލަކަށްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޤާނޫނުއަސާސީގެ ބެލެނެވެރިޔާކަމަށް ސުޕްރީމް ކޯޓުން ވަރަށް ގިނަ ފަހަރު ވިދާޅުވާކަމަށާއި، އެކަމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ކުރެއްވި ސުވާލެވެ.

އެ ސުވާލުގެ ޖަވާބު ސުޢޫދު ދެއްވީ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އެ ސުވާލު ކުރެއްވީމާ ދެއްވަންޖެހޭނޭ އެންމެ ރަނގަޅަށް ކަމަށް އަޅުގަނޑަށް ފެނެއެވެ.

ސުޢޫދު ވިދާޅުވީ ޤާނޫނުއަސާސީގެ ނިޒާމުގެ ކޮންސެޕްޓަށް ބަލާއިރު، ޤާނޫނުއަސާސީއަކީ ދިވެހިރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު އުފައްދަވައި، އެ ބާރުތައް ތަމްސީލުކުރާނޭ މުއައްސަސާތައްވެސް އުފެއްދި ފަރާތް ނުވަތަ ޚާލިޤު ކަމުގައެވެ. އެ ތަރަހައިގެ ތެރޭގައި ބަލާއިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ޤާނޫނުއަސާސީއިން އުފެއްދި މަޚުލޫޤެއް ކަމަށާއި، އޭނާ އުފެއްދި ފަރާތުގެ ބެލެނެވެރިޔާއަކީ ތިމަންނާއޭ މަޚްލޫޤަކު ބުނުމަކީ އެއްވެސް ޙާލަކުން ހަމަޖެހޭ ކަމެއް ނޫންކަމަށް ސުޢޫދު ވިދާޅުވިއެވެ. އެ ޖަވާބާމެދު ވަރަށް ބޮޑަށް ރުހި، އެއްބަސްވެވަޑައިގެންނެވިކަން ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މޫނު މައްޗަށް ވެރިވި ހިނިތުންވުން ހެކިދިނެވެ.

ޤާނޫނުއަސާސީގެ ލޯބީގައި ފެށި މި ހަރަކާތުގެ ފުރަތަމަ އިވެންޓްގެ ކާމިޔާބީއާއެކު، ދުސްތޫރީ ފަސާނެ ދެވަނަ އިވެންޓް 9 އޮކްޓޯބަރު 2017 ގައި ބޭއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ތަނާއި ވަގުތު މީޑިއާ މެދުވެރިކޮށް އިޢުލާނުކުރެވޭނެއެވެ.

This Post Has 0 Comments

Leave A Reply


Logo Header Menu